ލޯންޗަކަށް ކުއްޖަކު އަރަނީ: ސްކޫލް ޗުއްޓީ މި ދިމާވީ މޫސުން ގޯސް ދުވަސްވަރާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 އޯގަސްޓް 2022 - 09:29
ސްކޫލުގެ އަހަރީ ޗުއްޓީ ނިމި ޓީޗަރުންނާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުން މިއަދުން ފެށިގެން ވަނީ ސްކޫލަށް ނުކުންނަން ފަށައިފަ އެވެ. އަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރު ފަށާނެ އެވެ.
"މުދައްރިސުންގެ އަހަރީ ޗުއްޓީވެސް ނިމުނީ! ޗުއްޓީ އަހަރު މެދުތެރެއަށް ހެއްދެވުމަށް ސާވޭގައި ޚިޔާލު ދެއްވި އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ވިއްސާރައިގެ ސަބަބުން ރަށުބަންދުގައި ތިބެން ޖެހުނު އާއިލާތަކަށް ތަޢުޒިޔާ ދަންނަވަން،" ޓީޗަރަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެ އެވެ.
މިދިޔަ ޖޫން 30 ގައި ސްކޫލްތައް ބަންދުވެ، ބޮޑު ޗުއްޓީ ފަށައި ގާތްގަނޑަކަށް އެއް މަސް ދުވަސް ފާއިތުވެގެން މި ދިޔައީ ވިއްސާރައިގަ އެވެ.
ހދ. އަތޮޅުގެ ސްކޫލެއްގެ ޓީޗަރަކު، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓީޗަރުންގެ އަހަރީ ޗުއްޓީގެ އެންމެ ފަހު ދުވަސް ވެސް މި ދިޔައީ ވިއްސާރަ އާއި ވައިގަދަވެ، ކަނޑު ގަދަވުމުގެ އެލާޓްގައި ކަމަށެވެ.
"ޗުއްޓީއަށް ބަދަލެއް ބޭނުންވޭ،" މުހައްމަދު ލަތީފް ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުންޏެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި މާލެ ކައިރި ރަށެއްގެ އެހެން ޓީޗަރަކު ބުނީ، ޗުއްޓީ މި ނިމުނީ ރަށުން 20 މިނެޓުން ދަތުރުކުރެވޭ މާލެއަށް ވެސް ޑޮކްޓަރަށް ދައްކާލަން ނުދެވި ކަމަށެވެ.
މި ވޭތުވެދިޔަ މަހެއްހާ ދުވަސް ހޭދަވެގެން މި ދިޔައީ ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަކޮށް އޮވެ ދަތުރު ނުކުރެވި އެވެ. ވައިގެ މަގުން ރަށަކަށް ދާން ބަލާއިރު، ޓިކެޓްގެ އަގުތައް ހުންނަނީ އަތްފޯރާ ހިސާބެއްގައެއް ނޫނެވެ. އަނެއްކޮޅުން ވިއްސާރަ މޫސުމަށް ވާތީ، ޕިކްނިކް ދިއުމާއި މަސްދަތުރު ދިއުމާއި މޫދަށް ދިއުން ވެސް އެއްކޮށްހެން އޮތީ ހުއްޓިފަ އެވެ.
ފުރަން ގޮސްތިބި ބަޔަކު އެމްއެމްއޭ ސަރަހައްދުން ހިނގާފައި ދަނީ --ފޮޓ:ނިޝާން އަލީ/މިހާރު
"މުޅި ޗުއްޓީ ދިޔައީ ފެނަށް. ހަމަ ބޭކާރު ޗުއްޓީއެއް،" މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.
ބޮޑު ޗުއްޓީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެތައް ކަންބޮޑުވުންތަކެއް ފާޅުކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލައިގައި މި ވަގުތަށް އެއްވެސް ކޮމެންޓެއް ނެތް ކަމަށެވެ.
ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ސްކޫލް ބޮޑު ޗުއްޓީ ފެށޭ ދުވަސްވަރު ބަދަލުކުރަން މީގެ ކުރިން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، ތައުލީމް ދާއިރާ އަށް އެ ބޮޑު ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންމެ ރަނގަޅު ފުރުސަތަކަށް ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރި 2020 ވަނަ އެވެ.
ސްކޫލު ޗުއްޓީ ޖޫން/ ޖުލައި އަށް ބަދަލު ކުރުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދެއްކި އެއް ހުއްޖަތަކީ ޑިސެމްބަރު މަހަކީ ޓޫރިޒަމް ސީޒަނަށް ވާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދަރިން ކައިރި އަށް ނުދެވުމެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ގޮތުން ސީޒަނެއް، އޮފް ސީޒަނެއް މިހާރަކު ނޯވެ އެވެ. އަދި، ކަނޑުގަދަ ދުވަސްވަރެއްގައި، ރިސޯޓްތަކުގައި އުޅޭ މީހުން ރަށަށް ގޮސް ދަރިންނާ އެކު ވަގުތު ހޭދަކުރާނީ ވަކި ކިހިނެއްތޯ އާންމުން ސުވާލުކުރެ އެވެ.
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ: ސްކޫލް ޗުއްޓީ މި ދިމާވީ މޫސުން ގޯސް ދުވަސްވަރާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ކުރިން ވިދާޅުވެފައި ވަނީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކުރި ކަމަށެވެ. މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޖޫން/ޖުލައި ވިއްސާރަ އަކީ އަބަދު ވެސް މި ދުވަސްވަރު ލައިގަންނަ މޫސުމެކެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް އެ މޫސުމުގެ ގަދަ ވަޔާ އެކު ކަނޑުތައް ގަދަވެ. އެލާޓްތައް ވެސް ނެރެފައި އެބަހުއްޓެވެ.
މިއީ ކުރިއަށް އޮތްތާނގައި އެޑިއުކޭޝަން މިނިސްޓްރީން ވިސްނަން ޖެހޭ މައްސަލައަކަށް ވާނެ އެވެ. ވަރަށް ގިނަ ޓީޗަރުންނާއި ދަރިވަރުންގެ ހިޔާލު ވެސް ހުރީ ބޮޑު ޗުއްޓީ މިގޮތަށް މި މޫސުމުގައި ދިނުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ކުރިން އޮތް ގޮތަށް، ޑިސެމްބަރުގައި ދިގު ޗުއްޓީއެއް އެކަނި އޮތުން ރަނގަޅު ކަމަށް އެންމެންހެން ވެސް ބުނަނީ އެހެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
04 August 2022
"މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ." ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އިސްތުއުފާ ދޭންވީއެއްނު. ތިޔައި ދިވެހި ދަރިއެއްތަ؟ ކޮން ގައުމެއްގައި އުޅެ ބޮޑުވީ؟
ލުތުފީ
04 August 2022
ހެޔޮ އެއްގޮތެއް ވެސް ނެތް.
ނީނި
03 August 2022
ކިޔެވުން ފެށޭއިރު އަދިވެސް ތިނަދޫ އަބޫބަކުރު ސްކޫލުގައި މިއަހަރު ގްރޭޑް 6 ނިމި ގްރޭޑް 7 އަށް ބަދަލުވި ދަރިވަރުންނަށް އަދިވެސް ފޮތްތައް ނުލިބޭ!!!
ނާނާ
03 August 2022
ޑިސެންބަރު ޗުއްޓީ ލިބޭނެ، ޤަޢުމު ވިސްނަންވީ ޓީޗަރުންނާ މެދު އެކަނިކަމަށް ޤަބޫލު ކުރާ ވިސްނުން ޓީޗަރުން ދޫކޮށްލާ. މުސާރަ ބޮޑު ކުރުމުގެ ވަޢުދު ވި އިރު ކޮވިޑް ބަލިމަޑުކަން އަންނާނެކަން އިނގޭބާ. ޤަޢުމުގެ އިޤްތިޞާދީ ހާލަތު ބަދަލުވުމުން ވެސް މުސާރަ ބޮޑު ނުކޮށެއްނުވި. މުސާރަ ބޮޑުވީމާ އެވެސް ކުޑަވެއްޖެ. ހިތް ނުފުރޭ ބައެއްތަ. މާބޮޑަށް ތިމާމެންނަށް ފެނިފަ. ހަޤީޤީ ޒިންމާ އަދާކުރާ %10 ޓީޗަރުން މި ތިބެނީ. ކުދިންނަން ބުލީކުރުންވެސް ފެށެނީ ޓީޗަރާއި ހިސާބުން
ނަޖްވާ
03 August 2022
ކޮބާ ވަކި ހެޔޮ ގޮތެއް ނެތެއްނު! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!
ކަތްދައްތަ
03 August 2022
މީވާ ރަގަޅު މުޖާހިދެއް. ނައިފަރު ދޮހޮއްކޮގެ ލަވެސް ހަމަ އަޑު ނުއިވެނީބާ؟. އެއީ ތިޔަ ރެކޯޑުތައް ބެލެހެއްޓުމުގެ މާކުރިން ކިޔާފަ އޮތް ލަވައެއް. "ޖުންޖުލައި ގަދަ ކުރިމަތިވަނީއޭ...ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނޭ..." ހޭޑިއެއް ފޭޑިއެއް ނޭގޭ މީސްމީހުން ނަގާ އަމުރުވެރިންނަށް ލީމާ ދެން ކުރިމަތި ނުވެ ނުދާނެ ކަންކަން ކުރިމަތިވާނެތާ.
އިބްރ
03 August 2022
ޖާހިލުން ކަންކަމަށް ބަސްކިޔަންވީމާ ވާނެހައެތި މިވަނީ.
ހށނ
03 August 2022
ބޮޑުޗުއްޓީ މާރޗް މަހަށް ބަދަލު ކުރަންތާ ތިޖެހުނީ.
ޢެމް ބީ އޭ
03 August 2022
އެމް ޑީ ޕީ ސަރުކާރެއް ގަ ދުވަހެއް ގަވެސް ނެތް ކަމެއް ރަނގަޅައް ކުރެވިފަ ، އިލްމީ ދާއިރާ ، ސިއްހީ ދާއިރާ އަދި ކުޅިވަރު ގެ ދާއިރާއިން ( ބާސްކެޓް ބޭނުން އެއްޗެއް ހަދަނީ)
އަހަނދު
03 August 2022
ޢެންމެން ޗުއްޓީގަ ވިއްސާރަވެގެން ކަންބޮޑުވާ ވާހަކައެކަނި މި ދައްކަނީ! ބަލަ މަށަށް ބޮޑު ވެގެން މިއުޅެނީ މަގޭ ދަރިންގެ ހަޔާތުން އަހަރެއްހާ ދުވަސް މިމީހުން ފަހަށްޖައްސާ ދިރުވާލާފައިވާތީ. ޤައުމުގެ މުސްތަޤުބަލުގެ ޖީލު އަހަރެެއްހާ ދުވަސް ފަހަތަށް ސޮއްސުވާލާފައިވާތީ. ކޮވިޑު އައީ މިރާއްޖެއަށް އެކަންޏެއް ނޫން. މިހެން ޅަދަރިންނަށް ހެދި އެހެން ގައުމެއް ނެތް!