އިސްކޯ، ރެއާލްގައި ކުޅުނު މެޗެއްގައި: ހިލޭ ޓްރާންސްފާގައި އޭނާ ވަނީ ސެވިއްޔާ އަށް ބަދަލުވެފަ
09 އޯގަސްޓް 2022 - 11:51
ސެވިއްޔާ (އޯގަސްޓް 9) - ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމުން ދޫކޮށްލި މިޑްފީލްޑާ އިސްކޯ އަލާކޯން ސެވިއްޔާ އަށް ބަދަލު ވެއްޖެ އެވެ.
ރެއާލުން ކޮންޓްރެކްޓް އާ ނުކޮށް ދޫކޮށްލި ތިން ކުޅުންތެރިންގެ ތެރޭގައި އިސްކޯ ހިމެނެ އެވެ. ދެން ހިމެނެނީ އެ ޓީމުގެ ކުރީގެ ކެޕްޓަން މާސެލޯ ވިއޭރާ އާއި ގެރެތު ބޭލް އެވެ. ބޭލް ބަދަލުވީ އެމެރިކާގެ ލޮސްއެންޖަލިސް ގެލެކްސީ އަށެވެ. މާސެލޯ އަށް އަދި ކްލަބެއް ނެތެވެ.
ސެވިއްޔާ އާއެކު އިސްކޯ، 30 ސޮއި ކުރީ ދެ އަހަރުގެ މުއްދަތަކަށެވެ. ސެވިއްޔާގެ މިހާރުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ސްޕެއިންގެ ގައުމީ ޓީމާއި އާއި ރެއާލްގައި އިސްކޯ އަށް އިރުޝާދު ދީފަ އެވެ. ލޮޕެޓެގީ ފާހަގަ ކުރެވިފައި ވަނީ އިސްކޯގެ އެންމެ މޮޅު ކުޅުން ނެރެ ދިން ކޯޗުގެ ގޮތުގަ އެވެ.
އަންނަ ސީޒަނަށް ސެވިއްޔާ އަށް ސޮއި ކުރި ތިންވަނަ ކުޅުންތެރިޔަކީ އިސްކޯ އެވެ. ސެވިއްޔާއިން ވަނީ ގަލަތަސަރާއީ އަށް ކުޅެމުން ދިޔަ ބްރެޒިލްގެ ޑިފެންޑަރު މާކައޯ އަދި މެންޗެސްޓާ ޔުނައިޓެޑުން ބްރެޒިލްގެ އެހެން ޑިފެންޑަރެއް ކަމަށްވާ އެލެކްސް ޓެލެސް ލޯން އެއްބަސްވުމުގެ ދަށުން ގެނެސްފަ އެވެ.
މިދިޔަ ސީޒަންގައި ރެއާލްގައި އިސްކޯ ކުޅުނީ 17 މެޗުގަ އެވެ. ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތީ ތިން މެޗުގަ އެވެ. ރެއާލް އަށް އޭނާ ބަދަލުވީ 2013 ގައި މަލާގާއިންނެވެ.
މިދިޔަ ސީޒަންގައި ލަލީގާގެ ހަތަރު ވަނަ ހޯދި ސެވިއްޔާގެ ޖޯޒީގައި ފުރަތަމަ މެޗަށް ނުކުތުމުގެ ފުރުސަތު އިސްކޯ އަށް ލިބޭނީ އަންނަ ހުކުރު ދުވަހު ލީގު ހުޅުވާ މެޗުގައި އޮސަސޫނާ އާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy