11 އޯގަސްޓް 2022 - 14:19
ރައިސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ވެރިކަމުގެ ނިޒާމް ބަރުލާމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ޕާޓީގެ ކޮންގްރަސް އަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
މި މަހު 19 އިން 21 އަށް މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރަސް އަށް އެ ހުށަހެޅުއްވުން ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާ އެކު އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް މުތުލަގު ބާރުތަކާ އެކީު ސަރުކާރު ހިންގުން ނާދިރު ކަމަށެވެ.
MDP ge Naib Raees @mdpshippe ge thaaeedh aai eku alhugandu MDP Congress ah hushalha qaraar miadhu hushahalhafin pic.twitter.com/woPmMVg8gm
— Mohamed Nasheed (@MohamedNasheed) August 11, 2022
ރިޔާސީ އިންތިހާބުގެ ތެރޭގައި އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ޖެހުމުގެ ސަބަބުން ސަރުކާރު ހިންގުން ގަޑުބަޑުވެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި ސަރުކާރާ މެދު ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރު ކުޑަވަމުން އަންނަ ކަމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް އެ ގަރާރުގައި ހުށަހަޅާފައިވާ ހައްލަކީ ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ އަދި މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރަކު ކަމަށް ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާނީ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އެގޮތަށް ބަދަލު ކުރުމަށެވެ.
- ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ އަދަދަށް ބަލައި ނޭޝަނަލް ލިސްޓެއް އެކުލަވައިލުން
- މަޖިލިސް މެމްބަރުންގެ ޖުމުލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ގޮތް ހެދުން
- މަޖިލިސް މެމްބަރުންގެ ތެރެއިން އެކުލެވޭ ވަޒީރުންގެ މަޖިލިސް އެކުލަވައިލުން
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުން
- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން
- ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުން
އެ ގަރާރުގައިވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި ބަރުލަމާނީ ނިޒާމް ގެންނަން ފާސްވެއްޖެ ނަމަ އެ ބަދަލުތައް ގާނޫނުއަސާސީ އަށް ގެނައުމަށް ވެސް ނަޝީދު ވަނީ ގަރާރުގައި ހުށަހަޅުއްވައިފަ އެވެ.
އެމްޑީޕީގެ ތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަނެއް އުފެދިފައިވާ އިރު މި ބަދަލުތަކަށް ތާއީދު ކުރަނީ ނަޝީދު ފެކްޝަންގެ މެމްބަރުން އެކަންޏެވެ. ރައީސަށް ތާއީދު ކުރާ އަދި އެމަނިކުފާނުގެ އަރިސް މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމް ގެނައުން ފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ނިޒާމުގެ ތެރެއިން އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދު ގޮވާލާފައި ވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.
ހާހަކަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވާ އެ ކޮންގްރެސް ބައްދަލުވުމުގައި މި މައްސަލަ އާ މެދު ބަހުސް ކުރުމަށް ފަހު އެމްޑީޕީން ކުރިޔަށް ދާނެ ގޮތެއް ފާސް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
12 August 2022
ވެރިކަމުގެނިޒާމް ޕަލަމެންޓްރީސިސްޓަމަށް ބަދަލުކުރަންބޭނުންފުޅުވަނީ ރައްޔިތުނަށްޓަކައި ކަމުގައިވާނަމަ ފުރަތަމަ އިސްލާޙްކުރަންވީ "ވެރިކަންކުރާރަށް" ކަޑައަޅާފައި އޮތް ޤއ ގެ މާއްދާ އާއި ލާމަރުކަޒީ ޤާނޫނު. # މިބަދަލާއިއެކު ރާއްޖެ 3 ރީޖަނަކަށްބަހާލަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ 2030 ފެށިގެން ރާއްޖޭގެ ވެރިރަށަކީ ލ. ގަންކަމުގައި ކަޑައަޅުއްވާ.
މާލެބަލި
14 August 2022
މާލެބަލި. މިއީ ދިވެހިރާއްޖޭގެ މަދުބަޔަކަށް ޖެހިފައިވާ ކަމަށް ބެލެވޭ އިންފީރިޔަރ ކޮމްޕްލެކްސިޓީ ޑިސްއޯޑަރ އެކެވެ. މިއީ ތިމާނޫން ވަކި ބަޔަކަށް ފައިދާތަކެއް ވާތަން ދެކެން ބޭނުންނުވާ ބަޔެކެވެ. މިސާލަކަށް މިކަހަަަލަ މީހުންގެ ނަޒަރުގައި ވެރިކަން ވަަކި ބަޔަކަށް ލިބިގެން ނުވާނެއެވެ. ދީނީ މީހުން މިކަހަލަ މީހުންނަށް ކިޔަނީ މިންވަރުފުޅަށް އީމާން ނުވެވޭ މީހުންނެވެ. އަނެއްބަޔަކު ކިޔަނީ އަމިއްލަ އެދުމާހުރެ ބުއްދި ފިލައި ގޮސް ތިބޭ މީހުންނެވެ. މިއީ ނުރައްކާތެރި
ގެދާނޯމޮސް
12 August 2022
އެންމެ ކޮންޕިއުޓަރެއް ހުއްޓަސް ވެރިކަން ހިންގަން އުޅުމުން ނުހިންގުނު މީހާ މިހާރު ރައްޔިތުންގެ ވައުދޭ ކިޔަން ލަދުކޮބައި ހެއްޔެވެ. ތިޔަބުނާ ދައުރުވާ " ބަރު ލަމާ " ބަހީގެ ނިޒާމުގެ ނަތީޖާ ފެނިއްޖެއެވެ.
ގައުމީދޫ001
12 August 2022
ޕާކިސްތާނާއި، މެލޭޝިއާގައި މިހާރުވެރިކަންކުރަނީ ރައްޔިތުން ވެރިކަމުން ބޭރުކުރި ޕާރޓީތަށް. ސްރީލަންކާގައި ވެރިކަން ކުރަނީ ރައްޔިތުން ވެރިކަމުން ގަބޫލުނުކުރާ ވެރިއެއް . ނިސްބަތްވާ ޕާރޓީގައި އެންމެ ގޮނޑިއެއް. ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނާއި ދެކޮޅަށް ވެރިކަންކުރަން އެންމެ ފަސޭހަ ނިޒާމު.
ދުމްމ
11 August 2022
ދެން ފަހެ ދަންނައެ! ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެބާރުތައް ނިމެނީ ވެރިންނާ ހަމައިންނެވެ. އަލިފް ހާ...
ޮޮށެލްން
11 August 2022
އަންނި އަށް ނުވާނެޔޭ މަށެއް ހަމަ ގައިމުވެސް ނުބުނާނަން. އިބޫ އަށް ވެރިކަމަށް އާދެވުނީވެސް އަންނިގެ ހިޔަނީގަ.
ސީޒަން ޖެކުހަން
11 August 2022
ވެރިކަމާ ވިސްނާވިސްނާ ނަޝީދުގެ ވިސްނުން އޮތީ ފަރަށްއަރާފާ. ދެން ނަޝީދަށް އެންމެރަގަނޅުވާނީ މެޒޯ މޮހޮންމަދާއެކު "ބޮލުގާރިއްސާ ރިއްސާ" ކިޔަންދިޔަށްޔާ.
އަސްލު
11 August 2022
ރައްޔިތުން ބޭނުމެއް ނުވޭ ބަރުލަމާނީ ނިޒާމެއް. ވެރިކަމާ ހެދި ބޫތުކައިފަ މިހިރީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުންވެސް ވެރިކަމަށް އާދެވޭތޯ ތެޅިފޮޅެނީ. ރައްޔިތުން އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ބޭނުމީ ވޯޓުން ނިންމާފައި. ޤާނޫނުބަދަލުކޮށްގެން ބޮޑުވަޒީރަކަށް ވާކަށް ރައްޔިތުން ބޭނުމެއް ނޫން.
ސޯލިބ
14 August 2022
އެއީ އޭރު. މިހާރު މިވަނީ އެތައްކަމެއް ބަދަލުވެފާ. މިހާރުގެގޮތް އެނގޭނީ މިހާރު ވޯޓެއްނެގީމާ. ފަހަރުގައި ކުރީގެ އެތި ކެންސަލްވެދާނެ.
އަބްދޫ
11 August 2022
އެމްޑީޕީ ގެ ގަރާރަކުން ނިޒާމްބަދަލު ނުކުރެވޭނެ. ނިޒާމުގަ ހަދަންޖެހޭ ގޮތް ގާނޫނުއަސާސިގަ އެބައޮތް.މެމްބަރުން އެމީހުންގެއެބަތިބި ގާނޫނުއަސާސީގަ އޮތްގޮތަށް ކުރަންވީ ނުންތަ؟ ނަސީދަކަށް ރިޔާސީކިޔަސް ބަރުލލަމާނީކިޔަސް ރަސްކަންދިނަކަށް ކަމެއްކުރާކަށް ނޭގޭނެ 3 އަހަރުވިއިރު ގައުމުގެއެތައ ހަރުމަދަވިއްކަފަ އެތައް އެކައުންޓެއްގާހުރި ފައިސާ ހަޖަމް ކޮށްފަ 28.5 ބިލިއަނަށް ދަރަނިއަރުވާފަ.ގައުމު ހަލާކުކޮށްލި ބަރުލަމާނީ ދިނީމަބުނާނެ މަށަށްވާނީ ރަސްކަންދިނީމައޭ
ލިޔްމް
11 August 2022
ބަލަ ވާނުވާ ނޭގިގެން ނޫޅެބަލަ. ތިވަރު މީހުންނަށް ގާނޫނު އަސާސީ ކިޔަން އިނގޭތީ މަ ހައިރާންވޭ.
މަލަންގިރި
11 August 2022
ދިވެހީންނޭވެ. ޙޭލާ ތިބޭ!! ލަންކާއަށް ވީހެން ވާނީ. ޜާޖަޕަކްސާ ކައިރިން ސަލާމަތް ނުވެފަ އެއޮތީ.
ޑިސްއޮނަރަބަލް ޑީޑީ
11 August 2022
އެންޑީޕީގެ ކޮންގުރެހަކީ ނަޝީދަށް ލިބާސްފަހާތަނަކަށްވެގެންނުވާނެ. ލިބާސްފަހަންޏާދޭ ކަންމަތީ ފަހާތަނަށް، އެހެން މީހުންނަށް ތުރާނުކޮށް. އެހެންނޫނަސް ނަޝީދަށް މިހާރު ކުރެވޭނެ މާބޮޑުކަމެއްވެސް ނޯންނާނެ. އެންމެނަށްވެސް މިހާރު އެނގޭ އެބޭޅާއަކީ އަމިއްލައެދުމުން ފޯވެފާވާ ބޮޑުސިންގާ ޑިކްޓޭޓަރެއްކަން.