ޝީޝާ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ނެގި މައްސަލާގައި ކުށް ސާބިތުވި މީހާ: އޭނާ ފަސް އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި
18 އޯގަސްޓް 2022 - 14:28
ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ އެކައުންޓުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގިކަން ސާބިތުވި މީހާ ފަސް އަހަރާއި ހަތް މަހަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝީޝާގެ ތިން ބެއިންގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން 18 މިލިއަން ރުފިޔާ 2011 ވަނަ އަހަރު ބަޔަކު ނެގީ ފޯޖް ކޮށްފައިވާ ލިޔުމެއް ބޭނުންކޮށްގެންނެވެ. އެއީ ރާއްޖޭގައި ބޭންކަކަށް އޮޅުވާލައިގެން އެހާ ބޮޑު އަދަދެއް ނެގި ފުރަތަމަ މައްސަލަ އެވެ.
އެ މައްސަލައިގައި މަކަރާއި ހީލަތުގެ ކުށް ދަށު ކޯޓުގައި ސާބިތު ނުވެ ސަލާމަތްވެފައި ވަނިކޮށް 11 އަހަރު ފަހުން ހައި ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ކުށް ސާބިތުވެފައިވަނީ ބ. ތުޅާދޫ، މާފަރިވާގޭ، އިބްރާހިމް ޝާހިދުގެ މައްޗަށެވެ. އޮޅުވާލައިގެން ނެގި ފައިސާ ޖަމާވެފައި ވަނީ އޭނާ އާއި އެހެން މީހެއްގެ ނަމުގައި އޮތް އެކައުންޓަކަށެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ ކުށުގެ ސަބަބުން ގެއްލުން ވެފައިވާ މިންވަރަށް ބެލުމަށް ފަހު އަދަބުގެ ތިން ދަރަޖަ މަތިކޮށް، ޝާހިދުގެ އަދަބު ފަސް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކުރީ އެވެ.
ޝާހިދުގެ އަދަބުގެ ތެރޭގައި ޖޫރިމަނާގެ އަދަބެއް ނުވަތަ ގޭ ބަންދުގެ އަދަބެއް ހިމަނަން އޭނާގެ ފަރާތުން އެދިފައިވާތީ އެކަމާ ބެހޭގޮތުން ހުކުމުގައި ވަނީ އަމިއްލަ ފަރުދުންތަކެއްގެ 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައެއްގައި، އަދަބުގެ ތެރޭގައި ޖޫރިމަނާއެއް ހިމެނުމަކީ "ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ" ކަމަށެވެ.
ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް
މީގެ އިތުރުން މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ މަކަރާއި ހީލަތުން ހޯދުމަކީ މުޖްތަމައަށް ނުރައްކާތެރި ކުށްތަކަކަށް ވާތީ މިފަދަ މައްސަލަތަކުގައި ގޭ ބަންދުގެ އަދަބެއް ނުހިމެނޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލަ ލަސްވެފައިވާތީ އަދަބު ލުއިކޮށްދޭން އެދުނަސް، އަދަބު ލުއި ކުރެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އޭނާ ފަސް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވެ އެވެ.
އެކަމަކު 2012 ވަނަ އަހަރު އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ފަސް މަސް ދުވަސް ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުން އެ ބައި އުނިކުރަން ޖެހޭނެ އެވެ.
އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
ދައުލަތުން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި، އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ޝާހިދުގެ މައްޗަށް އަދަބު ކަނޑައަޅާ ނަމަ، އޭނާގެ އަދަބުގެ މުއްދަތު 25 އަހަރުގެ ޖަލު ހުކުމަކަށް އަންނާނެ އެވެ. އެއީ މަކަރާއި ހީލަތް ހެދި ފައިސާގެ އަދަދު 10،000ރ. އިން މަތިވާތީ އެވެ.
އެކަމަކު ގާނޫނު އަސާސީ ބުނާގޮތުން ފަހުން އަންނަ ގާނޫނުގެ ލުއި ދޭން ޖެހޭތީ ޝާހިދުގެ މައްޗަށް އަދަބު ކަނޑައެޅީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
އެ މައްސަލައަށްފަހު ޝާހިދު ރާއްޖެއިން ބޭރުގައި އުޅެނިކޮށް އޭނާ ހައްޔަރުކުރީ 2012 ވަނަ އަހަރު އިންޓަޕޯލް މެދުވެރިކޮށް ސްރީލަންކާއިންނެވެ. އެ މައްސަލާގައި އޭނާގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލްސަފާ
19 August 2022
މީގަދެރަކަމަކީ ހިސާބުއަކުރެއްވެސް ތާރީޚްވެސް ތަފާތުވެފާ ނުވާތީވެ ބޮޑެތިވަގުން ހިސާބު އަދަދުންނާއި ތާރީޚުންވެސް ވައްކަންކުރޭ
ކޮރަލް
19 August 2022
މިލިއަނުން ވައްކަން ކުރާ މީޙުންގެ އެކައުންޓްގަ ހުންނަ ފައިސާ ނެގޭ ގޮތް ހަދަން ވީ އެވެ. އަދި ގެ އެއް ހުރި ނަމަ ގެ ވިއްކާ ލާ ފަ ފައިސާ ދެއްކޭ ނެ ގޮތް ހަދަން ވީ އެވެ
އެމްސް
19 August 2022
ނެގި މީހުނަށް 18 މިލިޔަންވެސް ލިބިއްޖެ! އެބަޔެއްގެ އަތުން 18 މިލިޔަން ގެއްލުނު މީހުނަށް ލިބުނީ ކޯއްޗެއް ބާ؟
އަސްލުވެސް..
18 August 2022
ޢެހެންވެ ތިކަންކުރާމީހުން ގިނަވަނީ....
ގުދުގުދާބެއްޔާ
18 August 2022
މީހަކަށް ވަޒީފާއެއްދޭއިރު ނުވަތަ އެއްކޮއް ވިޔަފާރި އެއްކުރާނަމަ ޚާއްސަ ކޮށް ބ. އަތޮޅު މީހުންނަށް ވަރަށް ބަލަންވާނެ! ވަކިން ޚާއްސަ ކޮށް ބ. އޭދަފުށި! މިމީހުންނާއެކު ވިޔަފާރިއެއް ނުކުރެވޭނެ! މިއީ މުޖައްރިބު ކަމެއް! ކަޅުވެނެއް ހެން ކުޑަ ގޮހޮރަށް ދިރުވާލާނެ!
ފީބޯ
18 August 2022
އެހެންވީމަ ތިބުނަނީ އަތުން އެކައްޗެއްވެސް ޚަރަދުނުކޮށް ސަރުކާރު ޚަރަދުގައި 10 ވަރަކަށް އަހަރު އުޅެގެން މަހުޖަނަކަށްވާން 36 މިލިއަން ރުފިއާލިބިގެން ލިބެން އޮތްވާހަކަތަ؟
ރަންނަ
18 August 2022
18 މިލައަނަށް 5 އަހަރު ޖަލަށްދާން ވޯތް. 5 އަހަރަކީ 60 މަސްދުވަސް. 18 މިލިއަން 60 މަހަށްބެހީމަ ޖެހެނީ 300000 މަހަކަށް. މިނިމަމްވޭޖްގަ 5 އަހަރު މަސައްކަތް ކުރީމަވެސް އެސޮރަށް މަހަކަށް ޖެހޭވަރެއް ނުޖެހޭ
ކޯކޯ
18 August 2022
އަދި އެ 5 އަހަރު ރައްޔިތުންގެ ޓެކްސް ފައިސާއިން އޭނާ ބަލަހައްޓާނެ ސަރުކާރުން.
ލާމަސީލު
18 August 2022
ރިހާކުރު ފުޅި ވަގަށްނެގީމަ 6 އަހަރު ޖަލަށް. 18 މިލިއަން ވަގަށް ނެގީމާ 5 އަހަރު. އިންސާފުވެސް މިޖެހެނީ ގަންނަންތާ ދޯ. ސުނުހާނަﷲ.
އަހުމަދު.
18 August 2022
5އަހަރު ބަހައްޓާލީހަދާންވާނެ. މަކަރާހީލަތުން މީހުންގެ އަކައުންޓްތަކުން ފައިސާނެގުމަކީ ކިހާވަރެއްގެ ކަމެއްކަން. ތީވަރަށްކުޑަޙުކުމެއް، ގާތް ރަށްޓެއްސެގެ އެކައުންޓްގައިހުރި ދެތިންލައްކަރުފިޔާވެސް ފާޑެއްގެ ފޯނުކޯލެއްކޮށް އޮޅުވާލައިގެން ވަނީއޭނަގެ އެކައުންޓުން ދަމާގަނެފަ، އަބުރާލިބުނީ ވަރަށްކުޑައެއްޗެއް.އެފައިސާ ދިޔައެކައުންޓް ތަކުގެވެރިން ފައިސާ ބޭނުންކުރިއަސް ޒިންމާވާކަށްނުޖެހޭ. މީ އަރަތެއްކަހަލަ އިންސާފެއް. ޕޮލިހުން ނަކަށް ކުރެވޭ ކަމެއްނެއް.
ޖުލައި
18 August 2022
ހައިރާނެއް ނުވޭ. މި ގައުމުގަ ވަގުންނަކަށް ދުވަހަކުވެސް ޙައްޤު އަދަބެއް ނުދެވޭނެ. ބިލިޔަން ރުފިޔާ ގެ އެމްޕީއާރުސީ ދަވާލި މީހުންވެސް އެއްބަޔަކު ގޭގަ އަނެއްބަޔަކު ބޮޑަތި މަގާމުތަކުގަ
ޢަޙުމަދު.
18 August 2022
ތީ ހަމަ ތެދެއް. މަށަށް ކަންތަށް ބޮޑުވަނީ މީހުންގެ އެކައުންޓް ތަކުން އޮޅުވާލައިގެން އެހެންމީހުންގެ އެކައުންޓް ތަކަށް ޓްރާސްފަރ ކުރާފައިސާއަށް އެ އެކައުންޓެއްގެ ވެރިފަރާތް ޒިންމާވާން ނުޖެހޭނެ ގޮތެއް ނޯންނާނެ. މަގޭ އެކާއުންޓަކަށް ފައިސާތަކެއް ވަނީ ހަމަގޮތުގަވިއަސް ނަހަމަ ގޮތުގަ ވިއަސް އޭގެ ޒިންމާ ކުރުވަންވެސް ނަގަންވެސް ޖެހޭނެ.. ޕޮލިހުން އެވަރަށް ތަހުގީޤު ކުރަން ބޭނުން ނުވަނީ ކަމަށްވެދާނެ