އެމެރިކާގެ ފްލޮރިޑާގެ ކްލިނިކެއްގައި މީހަކު އެބޯޝަނެއް ހެދުމަށް ތައްޔާރުވަނީ. -- ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2022 - 08:10
އެމެރިކާގައި އުމުރުން 16 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ އެ ކުއްޖާ އެބޯޝަން ހަދަން ބޭނުންވުމުން އެކަމުގެ ހުއްދަ ނުދޭން ނިންމި ނިންމުމަށް ފްލޮރިޑާގެ އިސްތިއުނާފް ކޯޓަކުން ނިންމުމާ އެކު އެބޯޝަންގެ މައްސަަލާގައި އެމެރިކާގައި އުފެދިފައި އޮތް މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.
މި ހުކުމް އައިސްފައި މި ވަނީ އެބޯޝަން ހެދުމަކީ އެމެރިކާގެ ގާނޫނުއަސާސީން ލިިބިދޭ ހައްގެއްގެ ގޮތުގައި ބަލައި އެކަން މުޅި އެމެރިކާގައި ހުއްދަކޮށްފައި އޮތް އޮތުން ސުޕްރީމް ކޯޓުން ނިމުމަކަށް ގެނައިތާ ދެ މަސް ފަހުންނެވެ. އެބޯޝަން ހެދުން މަނާކުރުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެ ސުޕްރީމް ކޯޓު ހުކުމަށް ފާޑުކިޔަމުން ދަނިކޮށް މިފަހަރު އައި ހުކުމާ އެކު ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.
ކޯޓަށް މައްސަލަ ހުށަހެޅި ކުއްޖާ ބުނެފައިވަނީ ދަރިއަކު ހޯދަން އަދި ބޭނުން ނުވާ ކަމަށާއި އަދިވެސް އުޅެނީ ސްކޫލްގައި ކަމަށް ވާއިރު އާމްދަނީ ލިބޭނެ ވަޒީފާއެއް ވެސް ނެތް ކަމަށެވެ. އަދި ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަ ވެސް ކުއްޖާއަށް އަޅާނުލާނެ ކަމަށް ވަނީ ބުނެފަ އެވެ.
ފްލޮރިޑާގައި ގާނޫނުތައް އޮންނަ ގޮތުން، ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރު ކަމަށްވާ 18 އަހަރުން ދަށުގެ ކުއްޖަކު އެބޯޝަން ހަދާ ނަމަ ކުއްޖާގެ ކޮންމެވެސް އެއް ބެެލެނިވެރިއަކު އެކަމަށް ރުހުން ދޭން ޖެހޭނެ އެވެ. އެކަމަކު ކޯޓުގެ ލިޔުންތަކުގައި އޮތީ މި ކުއްޖާގެ "ބެލެނިވެރިއަކު ނެތް" ކަމަށެވެ. ކުއްޖާ އުޅެނީ ދައުލަތުން ހަމަޖައްސާފައި ބެލެނިވެރިއަކާ އެކުގަ އެވެ.
އެހެންވެ މި ކުއްޖާ ކޯޓަށް ހުށަހެޅީ އަސްލު ބެލެނިވެރިންގެ ރުހުން ނެތި އެބޯޝަން ނުހެދޭނެ ކަމަށް އޮންނަ އޮތުން ބާތިލްކުރުމަށެވެ. އެކަމަކު ދަށު ކޯޓުން ނިންމީ އުމުރުން 16 އަހަރުގައި މި ކުއްޖާ އަކީ އެބޯޝަނެއް ހެދުމުގައި ގޮތް ނިންމޭ ވަރަށް ތަސައްރަފް ފުދިފައިވާ ކުއްޖެއް ކަމަށް ނުބެލެވޭނެ ކަމަށާއި އެހެންވެ އެ ހުއްދަ ދެވެން ނެތް ކަމަށެވެ. މި ނިންމުން އިސްތިއުނާފަށް ހުށަހެޅުމުން އެ ނިންމުމަށް ތާއީދުކުރީ އެވެ.
ބަނޑަށް މިހާރު 10 ހަފްތާގެ ކުއްޖާގެ ކޯޓު ލިޔެކިޔުންތަކުގައި އެ ކުއްޖާ ބުނެފައިވަނީ މައިންބަފައިން ވެސް އެބޯޝަނަށް ރުހުން ދީފައިވާ ކަމަށާއި އެކަމަކު އެއީ އަނގަބަހުން ކަމަށެވެ.
މި ނިންމުމާ އެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ މީހުން ބުނަނީ އަންހެނަކު ބަލިވެ އިނދެ ވިހާނީތޯ ނޫންތޯ ކަނޑައަޅާނީ ކޯޓުން ނޫން ކަމަށެވެ.
"އުމުރުން 16 އަހަރަކީ އެބޯޝަނެއް ހަދަން ރުހުން ނުދެވޭ އެކަމަކު ދަރިއަކު ބަލައި ބޮޑުކުރުމަށް އެކަށީގެންވާ އުމުރެއް ކަމަށް ބަލަނީ ކޮންތާކު؟،" އޮހާޔާ ސްޓޭޓްގެ މެންބަރު ޖޯއިސް ބީޓީ ޓްވީޓްކުރައްވާފައިވެ އެވެ.
މި ޓްވީޓަށް ތާއީދުކޮށް އެތައް ބަޔަކު ވާހަކަ ދައްކާފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
19 August 2022
9 އަހަރުގަ އައިލެވެގެން ބޮޑު މީހަކައް ވެގެން މީހަކާ އިނދެވޭ އެކަމަކު އެކަނި ތާކައް ދަތުރެއް ނުކުރެވޭ
ބީރުބޮލު ވަޒީރު.
19 August 2022
ދޯ ސަލީމޫ. މިމީހުން އަބަދުވެސް އުޅެނީ 9 އަހަރުގެ ކުއްޖަކު އަތުނުވެގެން. ބޯ ހަލާކު.
ބީރުބޮލު ވަޒީރު.
18 August 2022
ކަލޯމެން ގެންގުޅޭ އިންޖީލުގައިވެސް ރަލާއި އޫރުމަހާއި ޒިނޭކުރުން މިހުރިހާ ކަމެއްވަނީ ހަރާމް ކުރައްވާފައި. އެއަށް ޢަމަލު ނުކޮށް އަނެއްކާ ފުރާނައެއް ދުއްވާލަން . ކޮންފަދަ ޑިމޮކްރަސީއެއް. މި ޑިމޮކްރަސީ ނުގެނެވިގެން މިރާއްޖޭގައިވެސް ބަޔަކު މޮޔަވަނީ.
އާދަމް ޒާހިރު
19 August 2022
ބައިބަލް ހެދިމީހުންނަށް އެއަށްވެސް އަމަލު ނުކުރެވޭ.
ރޫޓް
18 August 2022
ބަނޑަށް 10މަސް ވެއްޖެއްޔާ ދަރިފުޅު އޮންނާނީ ދުވަސްހަމަވެފައެއްނު؟ ދެން ކޮން އެބޯޝަންއެއް؟
އަކްމެޑް
18 August 2022
އެއީ ކޯޓު ހުކުމް އަންނަންދެން މަޑުކޮށްލީ.
އާދަމް ޒާހިރު
19 August 2022
އަލުން ކިޔައިލަމާ
އިދުރީސްކަތީބު
18 August 2022
ބަލަގަ ދީނުގަ އަނގަވާފަ އޮތް ގޮތަށް އުޅެބަލަ؛ އޭރުން ތި އެބޯސަނެއް ހަދާކަށް ނުޖެހޭނެ،
ބީރުބޮލު ވަޒީރު.
19 August 2022
މި ކޮމެންޓަށް ޑިސްލައިކް ލިބުނީމަ ރާއްޖޭގައި ދީނުގެ ޢަގީދާ އޮތް މިންވަރު ވަރަށް ސާފު.
ލޮލްސް
18 August 2022
ލިވާތުކުރުމުން ދަރިން ނުލިބޭނެ
ލުބުނާ
18 August 2022
ދިވެހިންނަށް އައިޑިޔާ ނުދީ. އެކްސްޕެރިމަންޓް ކޮށް އެކަމަށް ހިތް ޖެހިދާނެ. އޭރުން އަހަރުމެން އަންހެނުން އެކަހެރިވާނެ.
ޖުހާ.
18 August 2022
ތިއަ ދެވެނީ ހިތްވަރު.
ކޮންފިއުޒް
18 August 2022
10 މަހުން ދެންކޮން އެބޯޝަނެއް ހެދޭނީ؟!
ޢަލީ އަހްމަދު ދީދީ
18 August 2022
ޑިވެހީންގެ ކިއިމާއި ބެލުން ހުންނަނީ ކިހިނެއްތޯ، އޭގަ ރީތިކޮށް ލިޔެފަ އެއޮތީ 10 ހަފްތާ ގެ ވާހަކަ ރަނގަޅަށް ލޮލުން ބަލާފަ ކޮމެންޓް ކޮށްބަލަ.
އިބުރާ
18 August 2022
"އުމުރުން 16 އަހަރަކީ އެބޯޝަނެއް ހަދަން ރުހުން ނުދެވޭ އެކަމަކު ދަރިއަކު ބަލައި ބޮޑުކުރުމަށް އެކަށީގެންވާ އުމުރެއް ކަމަށް ބަލަނީ ކޮންތާކު؟،" އޮހާޔާ ސްޓޭޓްގެ މެންބަރު ޖޯއިސް ބީޓީ ޓްވީޓްކުރައްވާފައިވެ އެވެ. ސްކޫލުގައި ކިޔަވަން އުޅޭ 16 އަހަރުގެ ކުއްޖަކު ލޯބިވެރިއަކު ގެންގުޅެ ބަލިވެއިނދެފާނެ ގޮތްގޮތަށް އުޅުމަކީ އެކަށީގެންވާ ކަމެއްތޯ އޮހާޔާ ސްޓޭޓްގެ މެންބަރު ޖޯއިސް ބީޓީ ކުރެން އައްސަވާ!
ސަމާސް
18 August 2022
އަހައިފިން، ކަހާތަން ފިރުމާނުލިތާ ބަލާވެސްނުލި
ޖަމްޝީދާ
18 August 2022
ދިވެހިރާއްޖެ މާ މޮޅު! އަންހެން ކުދިން ބަލިވެއިނދެދާނެތީ ޒިނޭކުރުމުގެ ބަދަލުގައި ލިވާތުކުރަނީ. ބަލިވެ އިންނަން ނުޖެހޭނެޔޯ!
ސާބަސްހަމަ
18 August 2022
ބަނޑަށް މިހާރު 10 މަހުގެ ކުއްޖާގެ ކޯޓު ލިޔެކިޔުންތަކުގައި އެ ކުއްޖާ ބުނެފައިވަނީ މައިންބަފައިން ވެސް އެބޯޝަނަށް ރުހުން ދީފައިވާ ކަމަށާއި އެކަމަކު އެއީ އަނގަބަހުން ކަމަށެވެ. އެމެރިކާ އަންހެނުންތައް ވިހަނީ ކިތައްމަހުންތޯ... 16 އަހަރުގަ ދަރި ނުބެލޭނެ ކަން އެގިހުރެ ކައިވެނީގެ ބޭރުން ގުޅުންހިންގަން އޯކޭ...