20 އޯގަސްޓް 2022 - 13:39
ރަން ރީންދޫ ކުލައިން ދިއްލައި އަލިކޮށްފައި އޮތް ސޯޝަލް ސެންޓަރުގައި ރޭ ފެށި އެމްޑީޕީގެ "ކޮންގްރެސް 2023" އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައި ކޮންގްރެސްމަނުން ތިބީ ވަރަށް ޖޯޝާއި ފޯރީގަ އެވެ. ވަރަށް ކާމިޔާބު ކޮންގްރެސް އަށް ކުރިޔަށް ގެންދިއުމުގެ އަޒުމާއި އުންމީދުގަ އެވެ.
އެކަމަކު، އެ ޕާޓީގެ އެންމެ މަގުބޫލް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮންގްރެސް ފެށުމުގެ ޖަލްސާ އިން ފެށިގެން މިއަދާ ހަމައަށް ވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. އެ މަނިކުފާނުގެ އިހުސާސްތަކާއި އުންމީދުތައް ހުރީ އެހާ މަތީގައެއް ނޫނެވެ. މޫނުފުޅުމަތިން ފެންނަނީ ނާ އުންމީދެވެ. ވާހަކަފުޅު ވެސް ހަމަ އެ ގޮތެވެ.
ކޮންގްރެސްގެ މަސައްކަތްތައް މިއަދު ހެނދުނު ރަސްމީކޮށް ފެށި އިރު ވެސް އެ މަނިކުފާނުގެ މޫނުފުޅު މަތިން ފެނިގެން ދިޔައީ މާޔޫސް ކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެވެ. ވާހަކަފުޅު ދެއްކެވީ ވަރަށް ޖަޒުބާތާއެކީ އާދޭސް ކުރައްވާ ރާގެއްގަ އެވެ.
ކޮންގްރެސްމަނުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންމެ ފުރަތަމަ ވެސް ހުރިހާ މެމްބަރުންގެ އަރިހުން ނަޝީދު މާފަށް އެދިވަދައިގަތެވެ. އަދި ވިދާޅުވި އެވެ؛
"މިއަދާއި މާދަމާއަކީ އެމްޑީޕީ އަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ."
ރޭގެ ޖަލްސާ އާއި މިއަދުގެ ވެސް ނަޝީދުގެ ވާހަކަފުޅު ފައްޓަވަނީ އެ މަނިކުފާނު މި ވަގުތަށް އެންމެ ބޭނުންފުޅުވާ މަސައްކަތާ ހިސާބުންނެވެ. ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެމްޑީޕީ އަށް އެ ނޫން ގޮތެއް ނެތް ކަން ސާބިތުކޮށްދީ، މެމްބަރުންނަށް އެކަން ވިސްނައިދޭން ފެއްޓެވި އެވެ.
ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ހީފުޅު ކުރައްވައިގެން ހުންނެވީ އެމްޑީޕީގެ ގިނަ މެމްބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާނެ ކަމަށެވެ. އުކުޅަހު ކޮންގްރެސްގައި ފާސްކުރި މެނިފެސްޓޯގައި ވެސް އެ ވާހަކަ އޮތެވެ. ނަމަވެސް އެ ބޭފުޅުން މިހާރު އެގޮތް ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާ ކޮށްފައި އޮތީ މާދަމާ މެންދުރަށެވެ. މި ކޮންގްރެސްގައި ނަގާ އެ ވޯޓުގެ ނަތީޖާ ނިމޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.
އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމަ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް -- ނަޝީދު
"އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމާ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް. އަޅުގަނޑު އެއްގޮތަކަށް ވެސް ނޭދެން އެހެން ޕާޓީތައް ބައިވެގެން ދިޔަ އިރު ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު މި ޕާޓީން ނުފެންނާނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި އަހުމަދު ތަސްމީން އަލީ ހުންނެވި ދުވަސްވަރު އުމަރު ނަސީރާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޖަލްސާއެއްގައި މޭޒުގެ ބިއްލޫރި ތަޅައިލި މައްސަލަ އަށެވެ.
އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ކުރަން ބޭނުންވި ނަމަވެސް އެކަން ކާމިޔާބު ވާނެ ކަމަށް ދުށުމަކީ ކުރެވޭ ކުށްހީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަނެއްކާވެސް ހިސާބުތަކެއް ޖެއްސެވުމަށް ފަހު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ބައިބައިވެއްޖެ ނަމަ 2023 ކާމިޔާބެއް ނުވާނެ އެވެ. އަދި މުޅި ޕާޓީ އެކީ ނޫން ގޮތަކަށް އެ މަނިކުފާނަށް ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުނިކުމެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވެ އެ މަނިކުފާނު ވިދާޅުވާ ގޮތް އަޑު އަހައި އެ ގޮތަށް ވޯޓު ދެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެންމެނަށް އެކީގައި ތިބެވެން އެބައޮތް -- ނަޝީދު
"އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސް ކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެންމެނަށް އެކީގައި ތިބެވެން އެބައޮތް. އަޅުގަނޑުމެން އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައިގެން ބަސްވެސް ގަބޫލު ކޮށްގެން ބުއްދިވެރިކަމާއެކު ކުރިޔަށް ގޮސްފި ނަމަ ކުރިޔަށް އޮތް އެތައް ޖީލަކަށް ވެސް ރާއްޖޭގެ ކަންކަން ނިންމަމުން ގެންދާނީ އެމްޑީޕީން،" ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު އާދޭސް ކުރައްވަމުން ގެންދެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަހުމަދު އަސްލަމް އެ މަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭނެ ކަމަށް ރޭ ވިދާޅުވުމާއެކު މުޅި ހޯލް ގުގުމާލީ އެ މެމްބަރުންގެ ތެދުވެ އަތް ޖަހައި، ފޯރި ނަގައި އެކަމަށް ސަޕޯޓު ކުރި އަޑަށެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީގެ 1،352 ކޮންގްރެސްމަނުން އެ ބައްދަލުވުންތަކުގައި ބައިވެރިވާ އިރު ނިޒާމީ ބަހުސް އާއި އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އޮތީ މާދަމާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 August 2022
އެންމެ ބޭނުންނޫން ބައެއްކަންކަން ނަޝީދުގެ ފަރާތުން ފެނިފައިވިޔަސް މިހާރު އޮތް ވެރިކަމާއި ބަލާފަ ނަޝީދުގެ ވެރިކަން ފެނިގެން ދިޔައީ "ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި" ކަމަށް ބުނެވިދާނެ. # ރަށުބަންދުން ވީއްލުމާއި، ޙައްޤު މިންވަރު ހޯދަދީ ހަމައިސްކޮޅަށް ރައްޔިތުމީހާ ތެދުވުމަށް ފުރުސަތުދޭން ލާމަރުކަޒުކޮށް "ދައުލަތުގެ ބަޖޭޓް ނުވަތަ ވެލްތް އިންސާފްވެރިކަމާއިއެކު ޑިސްޓްރިބިއުޓް ކުރަން" ނަޝީދު ފެއްޓުމުން އެބޭފުޅާގެ ވެރިކަން ބަޔަކު ނިކުމެ ވައްޓާލި.
އިބުރާ
21 August 2022
މުޅިންވެސް ނުވާނެއޭ ނުކުރާނެއޭ މިހާރު ވިދާޅުވަނީ. އިންތިޚާބު ކާމިޔާބު ނުވާނެއޭ. ކޯލިޝަން ޕާރޓްނަރުން ނުލިބޭނެއޭ. ކިއެއް ވެފަތަ މިހާރު ރ. ނަޝީދު މިހުންނަވަނީ.
ކުޗީ
20 August 2022
ބަރުލަމާނީ އަށް ނޫނެކޭ ބުނެފަ ނަޝީދު ޕްރައިމެރީގައި ބައިވެރިވާނެ ކަމަށް ހީކުރުމަކީ ކުއްހީއެއް. ނަޝީދު ގެ ތާއީދުއާއި ނުލާ ދެން ސޯލިހު އަށް ވެރިކަން ލިބުން ވަރަށް ދުރު. ބަރުލަމާނީ ބޭނުމެއް ނޫން އެކަމަކު ނަޝީދު ތާއީދު ބޭނުން. ކެކެކެ ....
ގިރިގިރި
21 August 2022
ތިޔަ ނަޝީދެއްގެ ތައްޕާހުން އަންނަ އެކަކަށްވެސް ދެން މިގައުމުގެ ވެރިކަމަށް އާދެވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް. ފަހަރެއްގަ އަލަމްގިރި ރަށު ކުދިން ވޯޓުލާ ދުވަހަކުން ތިކަން ވެދާނެ ތޯއްޗެ. އިބޫވެސް އަންނިވެސް ޖެހޭނީ 2023 ހަނދާން ނައްތާލަން. ހުރިހާވެސް ހިތާމަޔަކީ އަނެއްކާވެސް އެއްކަލަ ޔާމީނު ވެރިކަމަށް ކައިރިވެދާނެތީ. އެނޫން ގޮތެއް ދެކެން ބޭނުން.
އަހައްމު
20 August 2022
ނަސީދު އާދޭސްއަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ގައުމާއި ޕާޓީއަށް އެންމެ ރަގަޅު ގޮތެވެ. ކޮންގްރެސްއިން ވަކިގޮތަކަށް ޕާޓީ ރިޔާސީ ކެޑިޑޭޓެއް ނުނިއްމާނެއެވެ. ވަކިގޮތަކަށް ނިންމާފިނަމަ އާއްމު މެމްބަރު ވޯޓު ލާނެކަމަށް ގަބޫލު ކުރުމަކީ ކުއްހީއެކެވެ. އާއްމު މެމްބަރުން އަތުން ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. ގެއްލޭނީ އެބޭފުޅުންގެ މަގާމެވެ. ހަމަޔަގީން އަޅުގަނޑުގެ ވޯޓު ގެއްލޭނެއެވެ. އަޅުގަނޑަށް ވެސް އަދި އެބޭފުޅަށް ވެސް ލެވޭނި 1 ވޯޓެވެ.
ހަވޭލި
20 August 2022
މާޔޫސް ކަމެއް ނުފެނުނު. މަށަށް ސިފަވި ގޮތްތަ މިއީ؟ ހިނިތުންވުމާއެކު ހުންނެވީ. ނަމަވެސް އެ ކުރައްވާ ކެމްޕޭނެއް ކުރެއްވުމުގައި އެބަ އާދޭސް ކުރޭ. އެއްޗެއް ހޯދެން އޮތިއްޔާ ކިތަންމެ ހިތްތިރި ވެގެން ވެސް އޭނަ އެ ހޯދާނެ.
ޒާތު
20 August 2022
ޢުމަރު ނަސީރު މީ ގަދަ މީހެއް. މޭޒު ތަޅާލުމަކީ މިގައުމުގެ ސިޔާސީ މައިދާނުގައި ހިނގި އެންމެ ގަދަ ކަންތައް. ނަޝީދުވެސް ބުނަނީ އެވާހަކަ.
ސަންފާއޮން
20 August 2022
ވޯޓުލާންވީމަ ދަފުތަރު މީހުން ރައްޔިތުންގޮތުގަ ބަލާތަ؟
ދަފްތަރު
20 August 2022
ދަފްތަރުމީހާޔާ އަންހެނުންގެ ރަށުގަހުރި ދެގެ ގެސްޓްހައުސް ހަދަން ކުއްޔައްދީފަ މާލެއައީމަ ގޯތި ނޫނީ ފްލެޓް ދޭން ޖެހޭކަމައް ދެކޭނަމަ،، ގެ ކުއްޔައްދީފަ ތިރަށައް މާލޭމީހާދިޔައީމަ ގޯތިދޭން ނުޖެހެނީ ކީއްވެބާ؟.
ބޯނެތްއޮނު
20 August 2022
ކޮންއިރަކުތަ ދަފްތަރު މީހުން ވޯޓުލުން މަނާކޮށްފައޮތީ؟
އަލީބެ
21 August 2022
މާލޭމީހާވެސް ރާއްޖެތެރޭ 10 އަހަރު އުޅުނީމަ ރަށުދަފްތަރު ޖައްސަދޭނެ
ރަނާ
20 August 2022
އިބޫ ދެވަނަދައުރު ނިމޭހިސާބުގަ ބަރުލަމާނީއަށް ބަދަލު ކުރާނެ. ކެތްކޮށްލާ އޭރުންވެސް މަޖްލިސްގެ އަޣުލަބިއްޔަތު ލިބިފަ އޮތަސް މަޖްލިސުން ހޮވާ މީހަކުތާ ބޮޑުވަޒީރަކަށް ވާނީކަންތައް ތައް ފެންނަގޮތުން ހިޔެއް ނުވޭ ކެނެރީގޭ ބޮޑާހާކާ ނަޝީދުއަށް މަޖްލިސްގެ މެމްބަރުންގެ ސަޕޯރޓް ލިބޭނެ ހެނެއް. މިހާރު ކުރިއަށްވުރެ މާ އައްޗިކޮށް އުޅެނީ.
އެއީ
20 August 2022
މަށަށް ފެންނަނީ 2023ގައި ރައީސް ނަޝީދު އަދި ރިޔާސީ ނިޒާމުގައި އެއް ދައުރު ވެރިކަން ކޮށްފައި ބަރުލަމާނީއަށް ފުރޮޅާލަން. އިބޫ ވާނީ ބޮޑުވަޒީރަށް ފުރަތަމަ 2028 ގައި ދެން އޭގެފަހުން އަނެއް ރައީސަށް. ދެމީހުން ގުޅިގެން މިކަން ކޮށްފިޔާ ކާމިޔާބު ވީ.
ކަރާފަޅި
21 August 2022
އަބަދުވެސް އައްޗިކޮށް އުޅޭ ސޮރެއް އެއީ
ބަރަބޯ
20 August 2022
ޕާޓީއާއި ރައްޔިތުންގެ ގިނަބަޔަކު އެދޭގޮތް ދޫކޮށް ނަޝީދު ބޭނުންވާގޮތަށް އެންމެން އެނބުރެންވީ ކީއްވެ. ބޮޑު ފަޅިއަށް ނަޝީދު ޖެހުމުން ނިމުނީއެވެ. އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާށެވެ. ޕާޓީއަށާ ގައުމަށް ޚިދުމަތް ކުރަން ކޮންމެހެން ގައުމުގެ ވެރިކަމަށް އަންނާކަށް ނުޖެހޭ. އެ ފުރުޝަތު އެހެން މީހުންނަށްވެސް ދޭންޖެހޭ.
ހެޔޮ މާޔޫސް ވިޔަސް
20 August 2022
ދެން މަށަށް ކީއް!