ކުޅިވަރު / އެފްއޭ ކަޕް

އާދަޔާ ހިލާފު ސީޒަނުގައި ވެލެންސިއާ އިތުރު ތައްޓަކާ ދިމާލަށް

މި އަހަރުގެ ޕްރޒިޑެންޓްސް ކަޕުގެ ތަށި ވެލެންސިއާއިން އުފުލާލަނީ: އެފްއޭ ކަޕު ފައިނަލުގައި މިރޭ މާޒިޔާ އާ ދެކޮޅަށް ވެލެންސިއާ ނުކުންނާނެ --. ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް އަނިޔާ އާއި ތަފާތު އެކި މައްސަލަތަކާ ހުރެ ސީޒަން ހުޅުވި މެޗު ފިޔަވައި އެހެން މެޗެއްގައި ނުކުޅެވުނެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ބޮޑު އަނިޔާއެއް ކުރިމަތިވި އެވެ. އަދި އެއަށް ވުރެ ވަކިން ބޮޑު ޝޮކެއް ލިބުނީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް ދަންޖެހި މަރުވެފައި ހުއްޓާ ފެނުމުންނެވެ.

ގެންޖެހުމަކަށް ފަހު ގޮންޖެހުމެކެވެ. އަޑިގަނޑަކަށް ފަހު އަޑިގަނޑަކަށް މި ސީޒަންގައި ކްލަބް ވެލެންސިއާ ދިޔައީ ވެއްޓެމުންނެވެ. ލިސްޓް އަދި ވެސް ދިގެވެ. މި ހުރިހާ ގޮންޖެހުންތައް އެއްކޮލައިގެން ވެލެންސިއާގެ ސީޒަން، ސިފަ ކުރަން އެ ޓީމުގެ ސްޕޯޓްސް ޑައިރެކްޓަރު އިސްމާއީލް އާސިފް (ކުޑަހީނާ) ބޭނުން ކުރީ މި އިބާރާތްތަކެވެ.

"މިއީ މުޅި ވެލެންސިއާގެ ތާރީހުގައި ވެސް މި ކްލަބުން ކުރިމަތިލި އެންމެ އާދަޔާ ހިލާފު ސީޒަން،" އެ ކްލަބަށް މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން ތަފާތު ބޮޑުކޮށް ބަލި ވިޔަސް ޕްރެޒިޑެންޓްސް ކަޕުގައި ލީގު އުސޫލުން ކުޅުނު ގުރޫޕް ސްޓޭޖުގެ ބުރުގައި އެއްވަނަ ހޯދައިގެން ވެލެންސިއާ ފައިނަލަށް ދަތުރު ކުރި އެވެ. އެ މުބާރާތުގެ ފައިނަލުގައި ރ. އަލިފުށީގައި ކުޅުނު މެޗުގައި ސެންޓޭ އަށް އަނިޔާވެ، މެޗުގެ ބާކީ ބައި ފުރިހަމަ ނުކުރެވުނެވެ. އެކަމަކު އެކްސްޓްރާ ޓައިމްގައި މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން 14 އަހަރަށް ފަހު ވެލެންސިއާ އިން ހޯދި އެވެ.

އަޑުބަރޭ ޖަލަށް، ދެން އައީ ޑަކްސަންގެ ކުއްލި މަރުގެ ޚަބަރު

ދިވެހި ލީގަށް ޓީމު ކުޅެން ތައްޔާރުވިއިރު އަނިޔާ އާ ހެދި ޓީމުން ބާކީ ވާން ޖެހުނީ ސެންޓޭ އަށް އެކަންޏެއް ނޫނެވެ. ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މޮޅަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އާއި އިސްމާއީލް އީސާ އަށް އަނިޔާވެގެން ދިވެހި ލީގުގެ ކުރީ ކޮޅު ނުކުޅެވުނެވެ. ޓީމުގެ ޕްރެކްޓިހުގައި މިދުހަތުގެ އަތް ބިންދައިގެން ދިޔައީ އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ޑަކްސަން (ކ) އަސްހަދު އަލީ އަޑުބަރޭ: ޑަކްސަން މަރުގެ ހަބަރުން ވެލެންސިއާ އަށް ލިބުނީ ޝޮކެއް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު ދެން ޓީމުން ބާކީވި ކުޅުންތެރިޔާ ބާކީ ވީ އަނިޔާ އަކުން ނޫނެވެ. މިޑްފީލްޑަ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ޖިންސީ ފުރައްސާއިގެ ތުހުމަތާ ގުޅިގެން ކޯޓުން ބަންދު ކުރި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރުވާލުމުގައި ޖާމިނުވީ އަސްހަދެވެ. ކޯޓުން ދިން ވަގުތަށް އަލީ ރާއްޖެ ނުގެނެވުމުން ކޯޓު ހުރުމަތް ކަނޑަލިކަން އަސްހަދުގެ މައްޗަށް ސާބިތުވި އެވެ. އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި އެވެ. ރާއްޖެއިން ބޭރުގައި އުޅެފައި މާލެ އައި ގޮތަށް އޭނާ ޖެހުނީ ޖަލަށް ދާށެވެ. މި ކުޅުންތެރިން ނުލައި ވެލެންސިއާ އަށް ލީގުގެ ފެށުމުގައި ކުރިމަތިވީ ނާކާމިޔާބެވެ. ފުރަތަމަ ދެ މެޗުން އެ ޓީމު ވީ ބައްޔެވެ.

ހީނާ ބުނި ގޮތުގައި ތިންވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް މޮޅެއް ހޯދައި ހަމަޖެހުމުގެ ނޭވާ އެއް ލެވުނު ވަގުތު ދެން ލިބުނީ ގަބޫލު ކުރަން ދަތި ހަބަރެކެވެ. ޑަކްސަން ދިރިއުޅޭ އެޕާޓްމެންޓްގައި ހުންނަ އޭނާގެ ކޮޓަރީގައި ދަން ޖެހިފައި މަރުވެފައި ހުއްޓާ ފެނުނު ހަބަރުން ވެލެންސިއާގެ ކުޅުންތެރިންނަށް ލިބުނީ ޝޮކެއް ކަމަށް ހީނާ ބުންޏެވެ. ގްރާންޑޭ މެޗުގައި އޭނާ އަށް އަރާމު ކުރަން ފުރުސަތު ދިނީ އޭގެ ކުރިން ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ކުޑަ އަނިޔާ އަކުން ރިކަވާ ވުމަށެވެ.

އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން، އޭގެ ފަހުން ކުޅެން އޮތް ޓީސީގެ މެޗަށް އެންމެ އަވަހަށް ފިޓް ކުރެވޭނެ ކުޅުންތެރިޔަކަށް ހުރީ ވެސް ޑަކްސަން އެވެ.

"އަނިޔާއާ ގުޅިގެން ޑޮކްޓަރަށް ދެއްކީމަ އޭނަ ގާތު ބުނި ހަތަރު ދުވަސް ވަންދެން ރެސްޓް ކުރާށޭ. އޭނާ ވެސް ބުނި ކޯޗޭ ތިމަންނަ ވެސް ތިން ހަތަރު ދުވަސްތެރޭ ޕްރެކްޓިހަށް ނުކުންނާނަމޭ،" ކޯޗިން ޓީމާ އެންމެ ފަހުން ޑަކްސަން ކުރި މުއާމަލާތް ހީނާ ކިޔައިދިނެވެ.

"ވެލެންސިއާ ޓީމަށް ޝޮކެއް އަންނާނެ ވަރުގެ ކަމަކަށް އެކަންވީ. ރަނގަޅަށް ހެލްދީކޮށް ހުރި ކުޅުންތެރިޔަކު އެކަހަލަ ގޮތަކަށް ދިޔައީ ކުޅުންތެރިންނަށް ވެސް ގަބޫލެއް ނުކުރެވުނު."

ޕްރެޒިޑެންޓޤސް ކަޕުގެ ތައްތާ އެކު ސެންޓޭ އާއި ކުޑަ ހީނާ: ސެންޓޭ ނެތުން ވެލެންސިއާ އަށް ކުރިމަތިވި އުނދަގޫ މައްސަލަ އެއް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މާލީ ގޮންޖެހުން، އޭފްސީ މެޗަށް ޓީމު ނުފުރުން، ޑިފެންޑަރު ހޯޒޭ ފިލައިގެން ދިއުން

އެފްއޭއެމުން ކަލްބްތަކަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ނުދެވުމުން މާލީ ގޮތުން އެންމެ ބޮޑު މައްސަލަތަކެއް ކުރިމަތިލާން ޖެހުނު އެއް ޓީމަކަށް ވެލެންސިއާ ވާނެ އެވެ. މުސާރަ ނުދެވޭތީ ސީނިއާ ބައެއް ކުޅުންތެރިން ޕްރެކްޓިހަށް ނުކުތުން ހުއްޓާލި އެވެ. މުސާރަ ނުދޭތީ ފުޓްބޯޅަ ކުޅުން ހުއްޓާލަން އުޅޭ ވާހަކަ ވެސް ވެލެންސިއާގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް އިއުލާން ކުރި އެވެ.

ލީގުގެ ގިނަ މެޗުތަކުގައި ފައިސަލް ނުކުޅެ އެވެ. މުސާރާ ނުދޭތީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލައިގެން އޭނާ ހުރީ ރަށުގަ އެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ބެންޗުގައި ވެސް ނެތެވެ. އެ މެޗުން މޮޅުވެ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރުން ޖާގަ ހޯދި ނަމަވެސް ބަންގްލަދޭޝް އަށް ވެލެންސިއާގެ ޓީމު ދަތުރެއް ނުކުރި އެވެ.

ވެލެންސިއާގެ ބޯހަސް: ގައުމީ ޓީމަށް ސީޒަން މެދު ކަނޑާލި ފަހުން އޭނާ ވެސް ދިޔައީ ޗުއްޓި އަކަށް، އެނބުރި ރާއްޖެ އައިސްފައެއް ނުވޭ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ފަހު ވަގުތު ޓިކެޓް ހަމަޖެހުނު ނަމަވެސް ހޮޓަލްގެ ހަރަދުތަކަށް ހޭދަ ކުރާނެ ފައިސާއެއް އެ ކްލަބްގައި ނެތެވެ. ޔޫތު މިނިސްޓްރީން ފަހު ވަގުތު ނަގައިދިން ޓިކެޓްގައި ދަތުރު ނުކުރުމުން، އެ މިނިސްޓްރީން ވެލެންސިއާ އާދެކޮޅަށް އަޅަން ނިންމި ފިޔަވަޅަކީ، ދެން އެ ކްލަބަށް ފައިސާ ދޭއިރު ޓިކެޓަށް ކުރި ހަރަދު އުނި ކުރަން ނިންމުމެވެ. ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދައިގެން ލިބެން ޖެހޭ ފައިސާ ވެސް އެ މިނިސްޓްރީން ވެލެންސިއާ އަށް ނުދެ އެވެ. މީގެ ކުރިން މުބާރާތް ބޭއްވި އެހެން އަހަރުތަކުގައި ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ސަރުކާރުން ދީފައި ވެސް އެބަހުއްޓެވެ.

މުސާރަ ނުދޭތީ ކްލަބްގެ ޑިފެންޑަރު ސްޕެއިންގެ ހޯޒޭ އެންޓޯނިއޯ ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ޓީމުގެ މެނޭޖުމެންޓަށް އެއްވެސް އެއްޗެއް އެންގުމަކާ ނުލަ އެވެ. މުސާރައިގެ މައްސަލަ ފީފާ އަށް ހުށަހަޅާނެކަން ފަހުން ކްލަބަށް އޭނާ އެންގި ކަމަށް ކުޑަ ހީނާ ބުންޏެވެ.

ލަދުވެތި ރެކޯޑް ނަތީޖާތަކެއް

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން ވެލެންސިއާ ބަލިވީ 5-0 ންނެވެ. އެއީ 2009 ގައި ޗެރިޓީ ޝީލްޑްގެ ނަމުގައި ސީޒަން ހުޅުވަން ވަކި މެޗެއް ހާއްސަ ކުރި ފަހުން އެ މެޗުގެ ތާރީހުގައި މިހާތަނަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ވެލެންސިއާ އަށް ލަދުވެތި ރެކޯޑެކެވެ. މާޒިޔާ އަށް ފުރިހަމަ ރެކޯޑެކެވެ.

ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އަތުން 13-0 ން ވެލެންސިއާ ބަލިވި އެވެ. އެ މެޗުގެ ނަތީޖާ ވީ ރެކޯޑަކަށެވެ. ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެއްގެ ކޮޅަށް ނެރެނު އެންމެ ތަފާތު ބޮޑު ނަތީޖާ އަށް ވެލެންސިއާގެ މި ބަލި ވި އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ދިވެހި ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ވީބީ އައްޑޫ އެފްސީގެ މައްޗަށް 2013 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 10-1 ން މޮޅުވި މެޗުގަ އެވެ.

މާޒިޔާ އާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން: ލީގުގެ ދެވަނަ ބުރުގައި މާޒިޔާއިން ވަނީ ވެލެންސިއާގެ މައްޗަށް 13-0 ން މޮޅުވެފަ --- ފޮޓޯ: އެފްއޭއެމް

ލީގުގެ ދެ ވަނަ ބުރުގައި ރެލިގޭޝަން ޒޯނަށް ވެލެންސިއާ ވެއްޓިދާނެ ކަމުގެ ބިރު ވެސް ހީވި އެވެ. އެ ޓީމުން ނަތީޖާ ބަދަލު ކުރީ ތިން ވަނަ ބުރުގަ އެވެ. މާޒިޔާގެ ފޯވާޑް މުހައްމަދު އުމޭރު ވެލެންސިއާ އަށް ބަދަލު ވުމާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ގްރީން ސްޓްރީޓްސްއިން ގެނައި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ގެނެސް ވެލެންސިއާގެ ޓީމުގައި ފޫބައްދަން ޖެހޭ ބާގަނޑުތައް ބަންދު ކުރި އެވެ.

އެ ކުޅުންތެރިންގެ ޓްރާންސްފާ ވީ ސެންޓޭ އާއި ޑަކްސަން އަދި ހޯޒޭގެ މަގާމު ފޫބައްދަން ވެލެންސިއާ އަށް އެޅުނު ފިޔަވަޅަކަށެވެ. އެކަމަކު އޭގެ ފަހުން ބޯހަސް ކުރު ޗުއްޓީއެއްގައި ސްޕެއިން އަށް ދިޔަ ގޮތަށް ނާދެ އެވެ. ފަހު މެޗުތަކުގައި އޭނާ ނެތި ވެސް ލީގު އެ ޓީމުން ނިންމާލީ ތިން ވަނައިގައި އޮވެގެންނެވެ.

އެފްއޭ ކަޕު؛ ސީޒަންގެ ދެ ވަނަ ތައްޓާ ދިމާލަށް

ކުޑަހީނާ ބުނި ގޮތުގައި އެފްއޭ ކަޕު ފައިނަލުގައި މިރޭ މާޒިޔާ އާ ދެކޮޅަށް ކުޅެން ވެލެންސިއާ ކުރި ދަތުރަކީ އުނދަގޫ ދަތުރެކެވެ. ލީގު ނިމުނު ފަހުން ކީޕަރު ފައިސަލް އަނެއްކާ ވެސް ޓީމާ ދުރުވި އެވެ. އޭނާ އަލުން ޓީމަށް އައީ އެފްއޭކަޕްގެ ފުރަތަމަ މެޗު އޮތް ދުވަހު އެވެ. އޭނާގެ ބަދަލުގައި ހުރީ ތަޖުރިބާ މަދު ޒުވާން ކީޕަރު އާދަމް އިމްއާން (އިންމި) އެވެ.

ނޮކައުޓް މުބާރާތެއްގައި ޒުވާން ކީޕަރަކަށް އިތުބާރުކޮށް އެ ފުރުސަތު އިމްއާން އަށް ދިނީ ޓީމާ ލަހުން ގުޅުނު އެއް ވަނަ ކީޕަރު ފައިސަލް ބެންޗުގައި ބެހެއްޓުމަށް ފަހު އެވެ. ޓީސީގައި ސީޒަން ފެށި އިމްއާން ވެލެންސިއާ އަށް ބަދަލުވީ ޓީސީގައި ކުޅެން ފުރުސަތު ލިބެން ނެތުމުންނެވެ.

އެކަމަކު އެފްއޭ ކަޕުގައި މިހާތަނަށް އިމްއާން ދައްކަމުން ދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށް ކުޑަހީނާ ބުންޏެވެ. އޭނާ ބުނި ގޮތިުގައި އެފްއޭ ކަޕު ފައިނަލާ ހަމައަށް ކުރި ދަތުރުގައި ވެލެންސިއާގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ރާއްޖޭގެ ލެޖެންޑްރީ ކީޕަރު އިމްރާން މުހައްމަދުގެ ކޮއްކޮ، އިމްއާން އެވެ.

ޕްރެޒިޑެންޓްސް ކަޕު ކާމިޔާބު ކޮށް ދިނުމަށް ފަހު ކުޑަ ހީނާ އުފާފާޅު ކުރަނީ: މިރޭ އެފްއޭ ކަޕު ފައިނަލުގައި ވެލެންސިއާ ގޮވައިގެން އޭނާ ނުކުންނާނީ މާޒިޔާ އާ ދެކޮޅަށް --- ފައިލް ފޮޓޯ: ނިޝާން އަލި | މިހާރު

މިރޭގެ މެޗުގައި މާޒިޔާ އާ ދެކޮޅަށް އުމޭރު ކުޅެވޭކަށް ނެތެވެ. މާޒިޔާއިން އޭނާ ވެލެންސިއާ އަށް ދޫކުރީ މާޒިޔާ އާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޭނާ ލައްވައި ނުކުޅުވަން ޝަރުތު ކުރުމަށް ފަހު އެވެ. އަދި ޕްރެޒިޑެންޓްސް ކަޕު ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ފޯވާޑް ބޯހަސް ވެސް ޓީމުގައި ނެތެވެ. ސެންޓޭގެ ކަކުލުގެ އޮޕަރޭޝަން ދާދި ފަހު ޓްރީ ޓޮޕްގައި ކުރި އެވެ. ކުޅުމާ ދުރުގައި އިތުރު މުއްދަތެއް އޭނާ ހޭދަކުރަން ޖެހޭނެ އެވެ.

އެކަމަކު ވެލެންސިއާއިން މެޗުގައި ކުޅެން އަރަންތިބި ކުޅުންތެރިންނަށް އިތުރބާރު އެބަ އޮތްކަމަށް ހީނާ ބުންޏެވެ.

އެފްއޭ ކަޕުގެ ފައިނަލަށް މިރޭ ނުކުންނައިރު ތިން މުބާރާތުގައި ވެސް ވެލެންސިއާ އޮތީ ރަނގަޅު މަގާމެއްގަ އެވެ. ޕްރެޒިޑެންޓްސް ކަޕުގެ ކާމިޔާބާއި ލީގުގެ ތިންވަނައިގައި ނިންމާލުމަކީ އެފްއޭ ކަޕު ފައިނަލާ ކުރިމަތިލާއިރު ބޮޑު ހިތްވަރެއް ކަމަށް ހީނާ ބުންޏެވެ. އޭނާގެ ތައުރީފު އޮތީ ވެލެންސިއާގެ ކުޅުންތެރިންނަށާއި ކޯޗިން ޓީމަށެވެ.

"މުޅި ސީޒަންގައި ވެސް މިވަރުގެ ގޮންޖެހުންތަކެއް ކަޑަތުކޮށް ތިން މުބާރާތުގައި ވެސް ރަނގަޅު މަގާމެއްގައި އޮވެވުނީމަ އެބަ އެނގޭ މި ކޯޗިން ޓީމާއި މީގަ މިތިބަ ކުޅުންތެރިން ކޮށްފައި އޮތް މަސައްކަތް. މިރޭގެ މެޗަށް ވެސް ވެލެންސިއާ ބުރަކޮށް މަސައްކަތް ކުރާނެ،" އުނދަގޫ ހާލަތެއްގައި ވަނިކޮށް 2016 ގެ އެފްއޭ ކަޕު ވެސް ވެލެންސިއާ އަށް ކާމިޔާބު ކޮށްދިން ހިނާ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

7 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުނޫ

21 August 2022

އަަހަރެން ހީކުރީ ވެލެންސިޔާއަކަށް ބަޔަކު މިހާރު ސަމާލުކަމެއް ނުދެއޭ. މިހާރު އެބަހީވޭ އޮއްގާއުކަނީ މޭވާއަޅާ ގަހެއްވީމައޭ. ހީނާއަކީ ކުލަބަށް އިޚްލާޞްތެރި ގާބިލު މީހެއް. ސާބަސް ހީނާ. މިއަދު ތަށި ނުލިބުނަސް ތިއީ ޗެމްޕިއަނެއް. އެއްތަށިނަމަވެސް މިފަހަރު ގެނެވިއްޖެ، އަދި ލީގުގެ ތިންވަނަ މިއީ ކުޅޭ ދެވަނަ ފައިނަލް. ކާމިޔާބު ސީޒަނެއް. އަދި ތަށި ލިބިއްޖެއްޔާ، ކޭކު މައްޗަށް އައިސިން އަޅާލެވުނީ.

The name is already taken The name is available. Register?

ޕެނިކު ފަރީދާ

21 August 2022

އަތުގައި ލާރިއެއްނެތި ތީކުރާވަރު ކަމެއްތަ؟ މަހުމުސާރަދެނީނުން ދެން ޗުއްޓީއަށްދާ މީހާވެސް ނުފިލިއްޔާ ދެރައެއްނުން. އަަހަރުމެންގެ ފުޓްބޯޅަ ކުލަބުތައް އަދިވެސް މިއުޅެނީ ޒަމާނީ ހާލަތަށްނުފެތި ނުފޯރާފޮތިން ފޫގަޅަން. ތިހެން ނުއުޅެބަލަ. ކުރީޒަމާނުގޮތަށް ބަތްކޮޅެއް އެއްގެއިން ހޯދައިފަ އަނެއްގެއިން ގަރުދިޔަ ފޮދެއް ހޯން ދޫކޮށްފައި ލިބޭމިންވަރަކުން އުޅެން ދަސްކޮށްބަލަ. ތައްޓަކީ އޮރިޔާންވެގެން ހޯދާވަރު އެއްޗެއްނުން.

The name is already taken The name is available. Register?

ފީބޯ

21 August 2022

ހީނާއަށް ނޭގެނީތަ ކާމިޔާބީ ފޮނިވެފަ ސެޓިސްފައިންވާނީ ބޮޑެތި ގުރުބާނީތެރޭންކަމެއް. ހީނާއާއި ފެސްކޯ މިރޭ ބަލިވެގެން ބެންޗަށް ދެވޭގޮތްނުވެ މޮޅުވެއްޖެއްޔާ މާ ފައްކާ މޮޅަކަށްވާނެ.

The name is already taken The name is available. Register?

ވަކުންޖު

21 August 2022

ވެލެންސިއާ ފަހަކަށް އައިސް ބަލިވަނީ ފެސްކޯއައިފަހުން. ޓެކްޓިކަލީ ހީނާ ޓްރެއިންކުރާގޮތަކަށް އެސިސްޓަމަކަށްނުން ފެސްކޯ މެޗްރާވަނީ. ޓީމަށް ނަގާ ކުޅުންތެރިންވެސް ތަފާތު. ދޭއްޗެއްކީއާ ދެކޯޗުން އެއްބެންޗެއްގައި ތިބެގެން ބޯތައްޓެއްވެސް ނުލިބޭނެ.

The name is already taken The name is available. Register?

ނަގިއްޔާ

21 August 2022

ދަގަނޑޭތީ ސުމެއްގެ މީހެއް. ފޭސްބްކުން އެއްލައްކަ ފަލޯވާސް ލިބުނަސް ކެރިއަރުގެ ފަހުކޮޅުގައި ހަދަންވީ އެއްޗެއްނޭގި ރިޓަޔާކުރަންވީ ވަގުތެއްނޭގި އިންޖަރީއެކޭ ބުނެ ގެއްލުނުގޮތައް ބަހުބަރު. އެހާ ކަލާފުލް ކުޅުންތެރިއަކު ވިތް އަ ބޭންގް ރިޓަޔާ ކުރަންވީމަ މިވީގޮތުން ދެން ކިހިނެތް އޭނަގެ ޓެސްޓިމޯނިޔަލް ކުލަގަދަ ގޮތެއްގައި ބާއްވާނީވެސް...މޮޅަށް ކުޅުނެއްކަމަކު ބޭޑް ޑިސިޝަންތައް ގިނަވުމުގެ ސަބަބުން އޭނަވެސް ކުޅިވަރުން އަލްވަދާއު އެކީ އަޑެއްބަޑެއްނީވި ސުމަކުން.

The name is already taken The name is available. Register?

ބޭކާރުއްސާމު

21 August 2022

ފުޓްބޯޅަ އެބަކުޅޭތަ! ކޮބާ އެފްއޭއެމްގައި މާކެޓިންޓީމް! ނޯންނަނީތަ؟ ބޮޑުގޮޑިއަށްއަރާ ކޮފީބޯލަބޯލާ ފެގެއްޖަހައިގެން ތިބެނީދޯ. ބައްސާމު އޭ ކިއާ މީހަކު މިކަމުގެ ތެރެއަށްވަންފުން ދަނޑަށް ސަޕޯޓަރުންވައްދަން އެއްވެސްކަމެއްނުކުރޭ. މިޒަމާނުގައި ގައިމު ނުލާހިކު ގިނަކަންތައްތައް ކުރެވެން އެބައޮތް ދަނޑަށްދިއުން އެޓްރެކްޓިވްކުރަން. އެކަމަކު އެކަހަލަ އެއްވެސްކަމެއް ކުރާތަނެއް ނުފެނޭ!

The name is already taken The name is available. Register?

ރީނދޫ

21 August 2022

ނިއުރޭޑިއަންޓް ކެޓީމަ ދެރަވީތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454