މާފުށި ޖަލުގައި ހިންގި ޑްރަގް ރިހެބް ޕްރޮގްރާމްގައި ބައިވެރިވި ބައެއް ގައިދީން: އެ ޕްރޮގްރާމް ފުރިހަމަ ތިން މަރުހަލާ ފުރިހަމަކުރި ގައިދީން ވަނީ މުޖުތަމައު އަށް ނެރެފައި -- ފޮޓޯ: ކަރެކްޝަންސް
06 ސެޕްޓެމްބަރ 2022 - 08:04
ރާއްޖޭގައި މިހާތަނަށް ދީފައިވާ ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާތަކާ މެދު އަބަދުވެސް ސުވާލު އުފެދެ އެވެ. އެ ފަރުވާ ހޯދައިގެން މުޖުތަމައަށް ނުކުންނަ މީހުން އަނެއްކާވެސް އެ ވަބާގައި ޖެހި ކުރިއެކޭ އެއްގޮތަށް އުޅެން ފަށަ އެވެ. ހަމައެކަނި ރާއްޖެއެެއް ނޫނެވެ. ދުނިޔޭގެ މަޝްހޫރު ރިހެބްތަކުގައި ވެސް އެ މައްސަލަ ބޮޑެވެ. އެކަން އެހެން އޮއްވައި ރާއްޖޭގެ ޖަލުގައި ފުރަތަމަ ފަހަރަށް ހިންގި ޑްރަގް ރިހެބް ޕްރޮގްރާމުގައި ކުރު މުއްދަތެއްގެ ފަރުވާ އަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މީހުން މުޖުތައަށް ނެރެފަ އެވެ.
އެކަމަކު، މި ފަހަރު ކަމާބެހޭ ފަރާތްތަކުން ޔަގީންކަން ދެނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ކާމިޔާބުވާނެ ކަމަށެވެ. އެފަދަ ޕްރޮގްރާމެއް ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެ މީހުން މުޖުތަމައަށް ނެރުނީ ދުރާލައި ރޭވިފައިވާ ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަމަށް ސަރުކާރުން ބުނެ އެވެ. އެ މީހުން އުޅޭނޫޅޭ ގޮތް މޮނިޓާ ކުރުމަށް ރަނގަޅު އިންތިޒާމުތަކެއް މި ފަހަރު ހަމަޖެހިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ބައެއް ޖަމިއްޔާތައް ގުޅިގެން މާފުށީ ޖަލުގައި ހިންގި ހަ މަސް ދުވަހުގެ އެ ޕްރޮގްރާމްގައި 40 ގައިދީން ބައިވެރިވި އެވެ. އެއީ ހަމައެކަނި މަސްތުވާތަކެތި ބުއިމުގެ ރިކޯޑް އޮތް ގައިދީންނެވެ. އޭގެ ތެރެއިން އެ ޕްރޮގްރާމް ފުރިހަމަކުރީ 32 މީހެކެވެ.
ޕްރޮގްރާމްގެ މަގުސަދަކަށްވީ މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ ޕްރޮގްރާމްގައި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ޑިޓޮކްސިފައިކޮށް، އެ މީހުންނަށް މަސްތުވާތަކެތީގެ ފަރުވާ އާއި ދިރިއުޅުމުގެ ހުނަރުތަކާއި އަދި ވަޒީފާގެ ހުނަރުތައް ވެސް ދަސްކޮށްދިނެވެ.
ބައެއް މީހުންގެ ކަންބޮޑުވުމަކީ މަސްތުވާތަކެތި ބޭނުންކޮށް، އެ އަށް ދެވި ހިފައިފައި ތިބި ބަޔަކަށް އެންމެ ހަ މަސްދުވަހުގެ ރިހެބް ޕްރޮގްރާމަކުން ކުރާނެ ފައިދާ އެވެ. ޑްރަގް ބޮއެ، އެހާ ބޮޑަށް ގޯސްވެފައި ތިބި ބަޔަކު އެހާ ކުރު ޕްރޮގްރާމަކުން މާ ބޮޑު ކަމެއް ނުވާނެ ކަމަށް ހީވާ ހީވުން މާ ބޮޑެވެ. މި އުޅެނީ މި އަށް ވުރެ ރަނގަޅު ފަރުވާދޭ ބޮޑެތި އަދި ކަމުގެ މާހިރު ތިބި މަރުކަޒުތަކަށް ވެސް ހިފަހައްޓާނުލެވިގެންނެވެ.
ނަމަވެސް ކޮމިޝަނަރު އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޖަލުގައި ރިހެބް ޕްރޮގްރާމް ހިންގީ އެފަދަ އެހެން ޕްރޮގްރާމްތަކުގައި ހުރި މައްސަލަތައް ބަލައި، ގާނޫނާއި ގަވާއިދުތަކުގައި ހުރި "ގެޕްތައް" ވެސް ދަނެގަނެ، އެ ހުރިހާ ކަމަކަށް ވިސްނައިގެން ކޮންމެ މަރުހަލާއެއްގައި އަމަލުކުރާނެ ގޮތްތައް ވަރަށް ރަނގަޅަށް ލިޔެ، ހާއްސަ އުސޫލުތަކެއްގެ ތެރެއިން ޕްލޭން ކޮށްގެން ކަމަށެވެ.
ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ: ސީޕީ ވިދާޅުވީ މި ޕްރޮގްރާމް އިން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް -- ފޮޓޯ: މިހާރު
އެއީ ޑްރަގް ފަރުވާ އަށް ދޭ ރެސިޑެންޝިއަލް ޓްރީޓްމަންޓް ނުވަތަ މަރުކަޒު ކޮށްގެން ދޭ ފަރުވާގެ މޮޑެލް އަށް ތައްޔާރުކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ޖަލުގައި ހިންގުމަށް ފަންނީ ބޭފުޅުންގެ ލަފައާއެކު ބައެއް ބަދަލުތައް ވެސް ގެނަ އެވެ. މަރުކަޒު ކޮށްގެން ރާއްޖޭގައި އެންޑީއޭ އިން ވެސް އެ ފަރުވާދެ އެވެ. އެކަމަކު އެ ޕްރޮގްރާމެއް އެންމެ ރަނގަޅު ނަތީޖާ ނުފެނެ އެވެ.
"[އެންޑީއޭ އިން ދޭ] އެ ފަރުވާ ކާމިޔާބުނުވާ ސަބަބަކީ ރެސިޑެންޝިއަލް ކުރެވިފައި އޮތަސް، އެ ތަނުގައި ސެކިއުރިޓީ ނުބެލެހެއްޓި، ފަރުވާ ފުރިހަމަ ނުވެ އެ މީހުން މުޖުތަމައަށް ދޫވާތީ،" ސީޕީ ވިދާޅުވި އެވެ.
"ޖަލުގައިވާ ގޮތަކީ ހުކުމެއް އޮވެފައި، އެތެރޭގައި ބަންދުކޮށްފައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ބަލަހައްޓަންޏާމު އެ މީހުން އެ ތިބެނީ ކޮންޓްރޯލްޑް އެންވަޔަރުމެންޓެއްގައި."
އެ ޕްރޮގްރާމް ރޭވީ މައިގަނޑު ހަތަރު މަރުހަލާއަކަށް ބަހަލާއިގެންނެވެ. އެއީ؛
1. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރު ބެލުމަށް އެސަސްމެންޓެއް ހަދައި 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑިޓޮކްސިފިކޭޝަން މަރުހަލާ.
2. ރިހެބިލިޓޭޝަން މަރުހަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝިއަލް ސަޕޯޓް ދީ، ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމާއި އަދި ދީނީ ކަންކަމަށް ހޭލުންތެރިކުރުވުން.
3. ޕްރޮގްރާމްގެ ބައިވެރިން މުޖުތަމައަށް ނެރުމުގައި ހުރި ރިސްކުތަށް ދަނެގަތުމަށް ރިސްކް އެސަސްމެންޓްތައް ހަދައި ވަޒީފާގެ ފުރުސަތު ހޯދައިދީ، ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރުން.
4. އެ ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ނެރޭ ބައިވެރިން އެއް އަހަރުގެ މުއްދަތަކަށް މޮނިޓާކުރުން.
ރެހެނދި މައިޒާން ތެރޭ ޒުވާނަކު ނިދާފައި: ކެއުންބުއިމާއި ގައިންތާހިރުވުން ވެސް ދޫކޮށް މި މީހުން އުޅެމުން ދަނީ މަސްތުގެ އަނދިރި ދުނިޔެއެއްގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިހާރު އެ ޕްރޮގްރާމްގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ގެންދާއިރު، ސީޕީ ވިދާޅުވީ، މުޖުތަމައަށް ދޫކޮށްލާފައިވާ މީހުން، އަނެއްކާވެސް އެ ވަބާގެ ތެރެއަށް ގެއްލިގެން ދިޔަ ނުދިނުމަށް، ހާއްސަ ނިޒާމެއްގެ ދަށުން އަންނަނީ އެ މީހުން މޮނީޓާ ކުރަމުން ކަމަށެވެ. އެއް އަހަރު ދުވަހަށް އެ މީހުން މޮނިޓާކުރާއިރު، ކިރިޔާ ވެސް ގޯސް ކަމެއް ފެނިއްޖެ ނަމަ އަލުން ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މީހުން މުޖުތަމައަށް ނުކުތުމުގެ ކުރިން 'ރީއެންޓެގްރޭޝަން އެގްޒިޓް ޕްލޭނެއް' ގޮތުގައި ކާކު، ކޮންތާކަށްތޯ ދާނީ، ކާކު ކައިރީގައިތޯ، އާއިލާ ކައިރީގައިތޯ އޭނާ ހުންނާނީ، އެ ހުންނަ މާހައުލަކުން އެ މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނީ ކިހިނެއްތޯ އާއި އެ ހުރިހާ އެއްޗެއް ޕްލޭންކޮށްފައި އޮންނާނީ،" ޖަލުތަކުގެ އިސްވެރިޔާ ވިދާޅުވި އެވެ.
"އެ މީހުން ދާ ރަށްރަށުގެ ކައުންސިލްތަކާއި ޕޮލިސްއާ އެއްކޮށް ހަދައިފައި އޮންނާނެ މަލްޓިސެކްޓޯރަލް މޮނީޓަރިން މެކޭނިޒަމެއް. މާނައަކީ ވަރަށް ރަނގަޅަށް ހިފެހެއްޓިފައޭ."
ސީޕީ ވިދާޅުވިގޮތުގައި، މަސްތުވާތަކެއްޗަށް އަޅުދާސްތުވާ މީހުން، އެ ކަމަށް ދެވިހިފައި އެންމެ ބޮޑު އެއް ސަބަބަކީ އެ މީހުންގެ ރިސްކް ފެކްޓާސް ގިނަވުން ނުވަތަ އެ މީހުންނަށް ގޯސް މަގު ދައްކާ ބަޔަކު ތިބުމެވެ. އެހެން އެކަން ވިޔަ ނުދިނުމަށް، އެ ޕްރޮގްރާމް ނިންމައި، ޖަލުން ނެރުނު މީހުން މޮނީޓާ ކުރުމަށް ކޮންމެ މީހަކަށް ކޭސްވޯކަރެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ މީހުންގެ ރިސްކް ފެކްޓާސް ކުޑަކުރުމަށް އެ ކަހަލަ އިތުރު އެހެން ބައެއް ކަންކަން ވެސް ރާވާފައި ވެ އެވެ.
"ވަކި ބޭސަސްއަކުން ކޭސްވާކަރުން އަޅުގަނޑުމެންނަށް ރިޕޯޓް ކުރަމުން އަންނާނެ. އަދި ގަވާއިދުން އެ މީހުންގެ ޔޫރިން ޓެސްޓް ވެސް ހަދަމުން ގެންދާނީ،" ސީޕީ ވިދާޅުވި އެވެ.
މާފުށި ޖަލުގައި ހިންގި ޑްރަގް ރިހެބް ޕްރޮގްރާމްގައި ބައިވެރިވި ބައެއް ގައިދީން: އެ ޕްރޮގްރާމް ފުރިހަމަ ތިން މަރުހަލާ ފުރިހަމަކުރި ގައިދީން ވަނީ މުޖުތަމައު އަށް ނެރެފައި -- ފޮޓޯ: ކަރެކްޝަންސް
އެ މީހުން މުޖުތަމައަށް ދޫކޮށްލިއިރު ބައެއް މީހުންނަށް އެމްޓީސީސީ މެދުވެރިކޮށް، ވަޒީފާގެ ފުރުސަތު ވެސް ދީފައިވެ އެވެ. އަދި ވަޒީފާ ނެތް މީހުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ސަބްސްޓެންސް ޔޫޒް، ޕްރިވެންޝަން އެންޑް ރިކަވަރީ ސަޕޯޓްގެ ދާއިރާ އިން އިންޓަނޭޝަނަލް މާސްޓާ ޓްރެއިނިން ހާސިލްްކޮށްފައިވާ އަލީ އަދީބު ވިދާޅުވީ، ރާއްޖެ އަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޑްރަގް ރިހެބްގެ ފަރުވާދިނުމަށް ބޭނުންވާ ތަޖުރިބާކާރުންނާއި ވަސީލަތްތައް ނެތުން ކަމަށެވެ. ކަރެކްޝަނަލް ސާވިސް އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ގާބިލްކަން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރެކްޝަންސް އިން ޖަލުގައި ހިންގި ރިހެބް ޕްރޮގްރާމްގެ ބައެއް ކުލާސްތައް އަދީބު ވެސް ނަންގަވައި ދެއްވި އެވެ.
"އެ ބޭފުޅުން [ކަރެކްޝަންސް އިން] އެބަ ވަރަށް މަސައްކަތްކުރޭ. މުޖުތަމައަށް ގެނެސްފައި އެ މީހުން ހޭންޑަލް ކުރަން މި ޖެހެނީ ކޭސްވޯކަރުން. ކޭސްވޯކަރުން ވެސް ރާއްޖޭގައި އަސްލު ތަމްރީނުވެފައި ތިބި މީހުން ނެތް. އެކަމަކު މިހާރު ވެސް ބަޔަކު ނަގައިގެން އެ ބޭފުޅުން ކެޕޭސިޓީ ހުރި ވަރަކުން، އެކަން އެބަ ކުރިއަށް ގެންދޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އަދިވެސް އެ ޕްރޮގްރާމް ރޭވިފައިވާ ގޮތާ މެދު އަދީބު އެންމެ ހިތްހަމައެއް ނުޖެހެ އެވެ.
ޖަލުގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި މީހުން ދޫކޮށްލުމުގެ ކުރިން އެ މީހުންނަށް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިތްވަރުދެއްވަނީ -- ފޮޓޯ: ކަރެކްޝަންސް
"އެއީ، އަސްލު ހަގީގަތުގައި އެ ކުދިންނަށް ދޭން ޖެހޭ ބައިވަރު ކަންތައްތައް އަދިވެސް އަޅުގަނޑުމެންނަށް ނުދެވޭތީ. މިހާރު މިސާލަކަށް މަސްތުވާކެއްޗާ ހެދި ކްރިމިނަލް ބިހޭވިއާ ހުންނަ މީހެއްގެ މަސްތުގެ ހާލަތަށް ފަރުވާދޭއިރު އޭނާގެ ކްރިމިނަލް ތިންކިން އަށް ވެސް ފަރުވާ ދެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އޭގައި ގެންގުޅެން ޖެހޭ އެޕްރޯޗަކީ މިސާލަކަށް ސީބީޓީ (ބިހޭވިއާ ތެރަޕީ) ކަހަލަ އެއްޗެއް ބޭނުންކޮށްގެން އޭނާގެ އެ ވިސްނުން ބަދަލުކުރަން ޖެހޭ. އެކަމަކު އެ ކަމަށް ކައުންސިލިން އެއްޗެހި ދޭނެ ތަޖުރިބާކާރު މީހުންނެއް ނެތް. އެހެންވީމާ ވަރަށް ބޮޑު ބައެއް މިސްވާނެ ނޫންތޯ."
ޖަލުތަކުގައި ފަރުވާދިނުމަށް އެހެން ގައުމުތަކުގައި ވެސް އަސާސްތަކެއް އޮންނަ ކަމަށާއި އެކަމަކު ރާއްޖޭގައި އެ އަށް އަމަލުކުރެވެން ނެތީ ތަޖުރިބާ ލިބިފައިވާ ފަންނީ މީހުން ނެތުމުން ކަމަށް އަދީބު ވިދާޅުވި އެވެ. އެއީ އެންޑީއޭ އަށް ވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވިދާޅުވި އެވެ. އެކަމަކު ކުރީގައި ހިންގާފައި ހުރި ރިހެބް ޕްރޮގްރާމްތަކަށް ވުރެ ޖަލުގައި ހިންގި ޕްރޮގްރާމް ރަނގަޅުކަން އަދީބު ފާހަގަކުރެއްވި އެވެ.
"މީގައި އެ ބޭފުޅުން ވަރަށް ރަނގަޅަށް، ވަރަށް ކުރިއަށް ވިސްނައިގެން މަސައްކަތްކޮށްފައި ހުރިކަން އެނގޭ. ވަރަށް ބައިވަރު މީހުން ސަޕޯޓް އެބައޮތް ލިބިފައި. އިތުރު ކޯސްތަކާއި އެއްޗެހި މީގެ ތެރެއަށް ވަނުން މިސާލަކަށް ވެލްޑިން އާއި ވަޔަރިންނާ ކަހަލަ ކޯސްތައް ވަނުމާއި އޭގެ އިތުރަށް ވަޒީފާ އަދާކުރަން ބޭނުންވާ ހުނަރުތަކާ އެއްޗެހި ލިބޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ފަންނީ މީހުން ބިނާކުރުމަކީ އަދިވެސް އެންމެ މުހިންމު ކަންތައް ކަމަށާއި ކިތައްމެ މޮޅު ވަރުގަދަ ޕްލޭނެއް ހެދިޔަސް، އެ މަސައްކަތް އިމްޕްލިމެންޓް ކުރާނެ ބަޔަކު ނެތް ނަމަ އެ މައްސަލަ ދުވަހަކު ވެސް ހައްލުވުން ނާދިރު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޖަލުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މުޖުތަމައަށް ނެރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމާ މެދު އެއްޗެއް ބުނަން އެނގޭނީ އެ 32 މީހުންގެ ކުރިމަގުގެ އަމަލުތަކަށް ބަލައިފަ އެވެ. ކަރެކްޝަންސް އާއި އެ ދާއިރާގެ އެއް ތަޖުރިބާކާރު އަދީބުގެ ނަޒަރުގައި ރާއްޖޭގައި ކުރިން ހިންގި އެފަދަ ޕްރޮގްރާމްތަކަށް ވުރެ މި ފަހަރު ރަނގަޅެވެ. އެކަމަކު، ކަމާ ގުޅުން ހުރި ދިވެހި ތަޖުރިބާކާރުންނާއި ގާބިލް މީހުން ނެތި ކާމިޔާބު ވެދާނެ ކަމުގެ ސުވާލު އަދިވެސް އެބައޮތެވެ. މާޒީ އަށް ބަލާއިރު ތަޖުރިބާ ރަނގަޅެއް ނޫނެވެ. އެތައް ބަޔަކު، އެތައް ޑްރަގް ފަރުވާއެއް ރާއްޖޭގައި ވަނީ ނާކާމިޔާބުވެ، އާއިލާތައް މާޔޫސް ކުރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުގަބައްޕަ
06 September 2022
އެންޑީއޭއިން ފަރުވާ ދީގެން ރަނގަޅުވި މީހެއް ދައްކަބަލަ
ފްލޯކްދިއިންޓާރނެޝަނަލް
06 September 2022
ފޮނިކެނޑުމުގެވެސް ހައްދެއް އޮންނަން ވާނެ. ސީ.ޕީ ކިޔާ މަޤާމެއްގަ ހުރި އެހެން ބޭފުޅެއްވެސް ވިދާޅުވި ނޫންތޯ ޑްރަގް ގޭންގްތަށް ހަމައަކަށް އަޅުވާނަމޭ. "ޖަލުގައިވާ ގޮތަކީ ހުކުމެއް އޮވެފައި، އެތެރޭގައި ބަންދުކޮށްފައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ބަލަހައްޓަންޏާމު އެ މީހުން އެ ތިބެނީ ކޮންޓްރޯލްޑް އެންވަޔަރުމެންޓެއްގައި." މިހެން ބުނާ އިރު ތިތާގެ ސިކކިއުރިޓީގަ ތިބޭ މީހުން މެދުވެރިވެގެން ބޭނުން ކޮންމެ އެއްޗެއް އެތެރެކުރެވޢ ނޫންތޯ. ފޯނު ބޭނުންކޮށްގެން ޖަރީމާ
ވިކިލީކްސް
06 September 2022
ޑުރަގު ބޯކުދިން ސިކު ފިލުވުމަށް އެންޑީއޭއިން ތިޔަދެނީ ޔޫރަޕުގަވެސް ފަރުވާގެ ނަމުގަ ދޭކަހަލަ މެތަޑޯން. މެތަޑޯން އަކީވެސް މަސްތު. ހެރޮއިން އަދި ކޮކެއިން އަށްވުރެ ބާރު ދެރަ، ނަމަވެސް ވަކިވަރެއްގަ މަސްތުގެ މިންވަރު ހިފަހައްޓާދޭ ބޭހެއް އެއީ. މަސްތުގެ ވަބާ ރަނގަޅެއް ނުކުރެވޭނެ ކުޑަމިންވަރެއްގެ މަސްތެއް ބޯން ދީގެނެއްވެސް. އެއީ އަސްލު ފެއިލްވާ ކަމުގެ އަސްލަކީ. ﷲއަށް ބިރުވެރިވެ ތައުހީދުގެ ފިލާވަޅުތައް ނަގައި އަޅުކަމާ ގާތްކޮށްފިނަމަ އެމީހަކު ސަލާމަތްވެދާނެ
ދގދސެފ×
06 September 2022
ޑަރަގު ބުއިމަކީ ބައްޔެއްނޫން. އެއީ ޖަރީމާއެއް.
ކުރުކޮށް
06 September 2022
ޒަމާނުއްސުރެ ދެމެމުން އައި ވެރިކަންތަކުގަ ރަން 30 އަހަރުގައި ވިޔަސް މަސައްކަތް ކޮށްފަ ހުރީ ޑްރަގު ނައްތާލާކަށް ނޫން ކޮންތްރޯލް ކުރަން ކުރެވިއްޖެ ނޫންތޯ ދެން އޭގެ ފަހުން މިއައި ވެރިކަން ތަކުގަ ކަންކަމާ ކުރިމަތިލުމުގެ ޢަޒުމާ ހިތްވަރު އެލިފަ ވަޅޯކޮން ވަރުނުޖެހި ތިބޭ މީހުންނަށް ކަމެއް ރަނގަޅަށް ގެންދިޔުން އެއީ ލާއިޤުކަމެކެވެ. ޑްރަގު އެކަނިތޯ އެވެ. ޤައުމަށް ވަގަށް ވަދެ ތިބި ލައްކައެއްހާމީހުންގެ ކަންކމުގަހޭ އަހާލާ މީހަކުނެތެވެ މީ ގައުމެއްތަ؟/ކުންފުނިތަ
އެމްސް
06 September 2022
ލައްކައަކަށްވުރެ ގިނަދިވެހިން ވަޒީފާއެއްނެތިފަ ތިބިއިރު، އެތައް ލައްކަ ބިދޭސީންނަކަށް މިޤައުމުގަ ވަޒީފާ އޮންނައޮތުން ބަލައެއް ނުގަނެވޭނެ! ބިދޭސީން ވަޒީފާއަށް އިސްކުރާ ދިވެހިބޮހުން ދިވެހިންއަތުން ވިޔަފާރިހޯދަން ލަދެއްވެސް ނުގަންނަނީބާ؟ ވިޔަފާރިކުރަން ތިބީ ދިވެހިންނަށް ވީއިރު، ދިވެހިންނަށް ވަޒީފާ ދީގެނެއް ނުވޭ! އެކައުންޓެންޓަކަށް އެއިޑްސް އަށް/ކެންސަރަށް ފަރުވާދޭން ނޭގޭނެބީދައިން ކުންފުނި އޯނަރެއްކަމަކު، ހަމަ ބޮލަކަށް މީހުން ގެންގުޅެންވެސް ނޭނގޭނެ!
ޕޫލު
06 September 2022
ފަރުވާ ފެއިލްވެގެން ކަމަށް ނުބެލެވޭ. ކުރިންވެސް އޭގެ ވަބާގަޖެހުން ގޮތައް ސިކުވެގެނެއްނޫން އަނެއްކާވެސް ދެވެނީ. މައްސަލައަކީ ހިތް. ހިތާދެކޮޅަށް އެމީހަކު އަމިއްލައަށް ހަނގުރާމަކުރަން ޖެހޭނީ.
އެމްސް
06 September 2022
އެއްވެސް ހަތިޔާރެއް ބޭނުންވާނެ؟ ކެމިކަލް އާއި ހޯމޯންސް ވެސް ހަށިގަނޑުގަ ހުންނަ ކަމާއި، އޭގެ ރިއެކްޝަން ނުދަންނަން، ތަ؟
ކުޗީ
06 September 2022
މަގާތަށް އަންނަނީ ރުޅި ... އެމީހުންނަށް ކަނޑައެޅިގެން އެނގޭނެ މިއީކީ 6 މަހުން ރަނގަޅުވާކަމެއް ނޫންކަން. މިކަން މިކުރަނީ ޖަލުތަކުގައި ޖާގަ ނެތިގެން ވަގުތީ ހައްލެއް ބޭނުންވެގެން. މިގައުމު ދެން ރަނގަޅެއް ނުވާނެ. ފުލުހުން ގޭންގްތަކާ ގުޅިގެން އެތެރެކޮށް ވިއްކާ ނަގަނީ ... ބާޒާރުގައި ކުރިމިނަލް ކޯޓު ގާޡީ އިން ލިބޭ ގަންނަން. އަތުވިޔަސް ސަލާމަތްވޭ ...
އެމްސް
06 September 2022
ކޮންމެ ކަމެއްވެސް ކާމިޔާބުވަނީ ދެމެހެއްޓެނިވި ގޮތެއްގަ އެކަމެއް ކޮށްގެން! މުޅިން ހަމައިގަ، ފުރިހަމަ ސިއްޙަތުގަ، ރަގަނޅު ތަޢުލީމުގަ އުޅޭ މީހުންވެސް (ވަޒީފާގަ) ނުގެންގުޅެވޭ ބަޔަކަށް ތިފަދަ ކަމެއް ތި މުއްދަތުގަ ކުރެވިދާނެ ކަމަށް ހީވުންވެސް ގޯސް! އެންމެ ބޮޑު އަޅުވެރިޔާވެސް ބަލިވޭ އަދި މަރުވެސްވޭ! ހޮސްޕިޓަލްތަކުގަ އެތިބީ 2 މާސްޓާރސް ހަދައިގެން ތިބޭ މީހުން! ނަތީޖާ ހަމަ ގައިމުވެސް އާސަންދައަށް އެނގޭނެ! ޑްރަގް ގަ އުޅޭނީ ޓާރޝިއަރީ ލެވެލްވެސް ނެތް މީހުން!
ޔޫމް
06 September 2022
ޑްރަގް މައްސަލަ ރަނގަޅެއް ނުވާނެ ދޯ ގޭންގު ތަކުން ޑުރަގު ވިއްކަން ދޫކޮށްލާފަ ތިބޭހާ ހިނދަކު.
އެމްސް
06 September 2022
ގޭންގް ތަކުންވެސް މިހެން މިތާ ކޮމެންޓްކުރަން ތިބޭ ނަމަ، ދޯ؟
ގޯޕާލް
06 September 2022
މޮޅެތި ބޮޑެތި އިނގިރޭސި ބަސް ނޫން އެއްޗެއް މުޅި އެއްޗަކުންވެސް ނުފެނުނެވެ. ނަތީޖާވެސް ހަމަ ސުމެކެވެ.
އެމްސް
06 September 2022
އާރޓިކަލް އޮތީ ދިވެހިންކަމުން ޢަރަބި ބަސް ވަރަށް ނެތް، ދޯ؟
ޙިސާން
06 September 2022
މައްސަލައަކީ ސުޕާރީ ގަންނަން ލިބޭހާ ފަސޭހައިން މަސްތުވާތަކެތި ވެސް ރަށުތެރެއިން ލިބުން
އެމްސް
06 September 2022
ބޮންދުން ހިންގާ ގިނަ ވިޔަފާރިތައްވެސް މޫލާފަ ވަނީ ތިކަމާ!