އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިސް 2014 ވަނަ އަހަރަށް ހުޅުވުމުގެ ޖަލްސާގައި އެ ގައުމުގެ ރާނީ އެލިޒަބަތު ދޭއް، ތަގުރީރު ކުރައްވާއިރު، އަރިހުގައި އެކަމަނާގެ ފިރިކަލުން އަމީރް ފިލިޕް.
12 ސެޕްޓެމްބަރ 2022 - 12:52
މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، މި މަހުގެ 19 ވަނަ ދުވަހު ފަސްދާނުލާއިރު، މިދިޔަ އަހަރު އަވަހާރަވި އެކަމަނާގެ ފިރިކަލުން އަމީރު ފިލިޕް ވެސް، ވިންޑްސާ ކިއްލާއާ މާދުރު ނޫން ހިސާބެއްގައި ހުންނަ، ރަސްގެފާނު ޖޯޖް ހަ ވަނަގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގައި ފަސްދާނުލާނެ އެވެ.
އުމުރުފުޅުން 100 އަހަރު ފުރެން ދެ މަހަށްވެފައި ވަނިކޮށް، އޭޕްރީލް 9، 2021 ގައި އަވަހާރަވި އަމީރް ފިލިޕްގެ ހަށިކޮޅު މިހާރު އޮތީ، ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ބިންގަރާހުގައި ހުންނަ ޝާހީ ގަބުރު ކޮށާރުގަ އެވެ. ރާނީ އެލިޒަބަތުގެ ހަށިކޮޅު އެ ފައްޅިގެ ގޯތިތެރޭގައި ފަސްދާނުލާއިރު، އަމީރް ފިލިޕްގެ ހަށިކޮޅު ވެސް އެ ކޮށާރުން ނަގައިގެން ގެންގޮސް، ރާނީގެ މަހާނައާ ކައިރީގައި ފަސްދާނުލާނެ އެވެ.
ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ބިންގަރާހުގައި ހުންނަ ޝާހީ ގަބުރު ކޮށާރު
އިނގިރޭސި ޝާހީ އާއިލާގެ 25 ބޭފުޅެއްގެ ގަބުރު މިހާރު ވެސް އެ ކޮށާރުގައި އޮތް އިރު، އަމީރް ފިލިޕްގެ ހަށިކޮޅު ޝާހީ ގަބުރު ކޮށާރުގައި ބާއްވާފައި އޮތީ، ރާނީ އަވަހާރަވުމުން ރާނީގެ އަރިހުގައި ފަސްދާނުލުމަށް އެދިވަޑައިގެން، އަމީރް ފިލިޕް ކުރެއްވި ވަސިއްޔަތްޕުޅަކާ ގުޅިގެންނެވެ.
ޝާހީ އާއިލާގެ ކަންތައް ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަމީރް ފިލިޕްގެ އެ ވަސިއްޔަތްޕުޅަކީ، ފިލިޕްގެ ހިތްޕުޅުގައި ރާނީ އެލިޒަބަތަށް އޮތް ވަފާތެރިކަމާއި ލޯބި ރަމްޒުކޮށްދޭ ކަމެކެވެ.
އަމީރް ފިލިޕް 2021 ވަނަ އަހަރު އަވަހާރަވި އިރު، ދެ ބޭފުޅުންގެ ކާވެންޏަށް 73 އަހަރު ފުރިއްޖެ އެވެ. ފިލިޕް އާއި އެލިޒަބަތު 1939 ވަނަ އަހަރު ބައްދަލުވެވަޑައިގެން، ލޯބީގެ ގޮތުން ގުޅިވަޑައިގެން އިރު، އެލިޒަބަތުގެ އުމުރުފުޅުން އެންމެ 13، އަދި އަމީރް ފިލިޕްގެ އުމުރުފުޅުން އޭރު 18 އަހަރެވެ. އެއަށް ފަހު ދެ ބޭފުޅުންގެ މެދުގައި ލޯބީގެ އެތައް ސިޓީތަކެއް ބަދަލުކުރެއްވި އެވެ.
އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއް އާއި ފިރިކަލުން އަމީރް ފިލިޕް، 1947 ވަނަ އަހަރު ކާވެނި ކުރެއްވި ދުވަހު (ވ) އާއި ދެ ބޭފުޅުން 2014 ވަނަ އަހަރު އެކުގައި ނަންގަވާފައިވާ ފޮޓޯއެއް.
އޭގެ ފަހުން އަމީރް ފިލިޕް، އެލިޒަބަތުގެ ކާވެންޏަށް އެދިވަޑައިގެން އެލިޒަބަތުގެ ބައްޕާފުޅު އަދި އޭރުގެ ރަސްގެފާނު ޖޯޖް ހައެއްގެ އަރިހަށް ހުށަހެޅުއްވީ، 1946 ވަނަ އަހަރު އެވެ. ރަސްގެފާނުގެ ރުހުމާއެކު ދެ ބޭފުޅުންގެ އެންގޭޖްމެންޓް ރަސްމީކޮށް އިއުލާންކުރެއްވީ ޖުލައި 9، 1947ގަ އެވެ. ރަސްމީ އިއްޒަތުގައި ދެ ބޭފުޅުންގެ ކާވެނިކުރެވުނީ ނޮވެމްބަރު 20، 1947ގަ އެވެ.
އެލިޒަބަތު އާއި ފިލިޕްގެ އެންމެ ދޮށީ ދެ ބޭފުޅުން ކަމަށްވާ އަމީރް ޗާލްސް (މިހާރުގެ ރަސްގެފާނު) އާއި އަމީރާ އޭން ލިބިވަޑައިގަތީ، 1952 ވަނަ އަހަރު އެލިޒަބަތު އިނގިރޭސި ރަނިކަމަށް އިސްކުރުމުގެ ކުރިންނެވެ. އަމީރް އެންޑްރޫ އާއި އަމީރް އެޑްވަޑް ލިބިވަޑައިގަތީ، ރަނިކަން ލިބިވަޑައިގެން ފަހުންނެވެ.
V
— Επικαιρότητα - V - News (@triantafyllidi2) April 17, 2021
Moment Prince Philip's coffin is lowered into 200-year-old vault below St George's Chapel before he is moved to King George VI Memorial Chapel when the Queen dies
======https://t.co/WZDjd1a96R pic.twitter.com/dr4C4G7DAU
އަމީރް ފިލިޕް އަވަހާރަވި އިރު ދެ ބޭފުޅުންގެ ކާވެންޏަށް 73 އަހަރު ފުރިއްޖެ އެވެ. ޝާހީ އާއިލާގެ މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އަމީރް ފިލިޕް އަވަހާރަވުމާ ގުޅިގެން ރާނީ އެލިޒަބަތު އަށް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި އެވެ.
ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރެއަކީ، މީލާދީން 15 ވަނަ ގަރުނުން ފެށިގެން އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ފަސްދާނުލަމުން އައި ތަނެވެ. އެ ފައްޅީގެ އަޑީގައި ޝާހީ ގަބުރު ކޮށާރެއް ތައްޔާރުކުރީ، އިނގިރޭސި ވިލާތުގެ ކުރީގެ ރަދުން ޖޯޖް ތިނެއްގެ އަމުރުފުޅަށް، 1804 ވަނަ އަހަރުން ފެށިގެން 1810 ވަނަ އަހަރާ ދެމެދުގަ އެވެ.
އަފްގާނިސްތާނުގައި ތިބި އިނގިރޭސި ސިފައިންގެ ހަނދާން އައުކުރުމުގެ ގޮތުން، މާޗް 13، 2015 ގައި ލަންޑަންގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރާނީ އެލިޒަބަތު ދޭއް އާއި އެކަމަނާގެ ފިރިކަލުން އަމީރް ފިލިޕް ވަޑައިގަންނަވަނީ.
އެކޮށާރު ބިނާކޮށް ނިންމައި 1810 ވަނަ އަހަރު ބޭނުންކުރަން ފެށިފަހުން، އެންމެ ފުރަތަމަ އެ ކޮށާރުގައި ފަސްދާނުލީ ޖޯޖް ތިނެއްގެ ދަރިކަނބަލުން އަމީރާ އެމީލިއާ އެވެ.
އެ ކޮށާރުގެ ތެރެއަށް، ޝާހީ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ސަންދޯކާ އެކުގައި ބާލަނީ، ފައްޅީގެ ތަޅުންގަނޑުން ކަނޑާފައި ހުންނަ ޖާގައަކުންނެވެ. އަމީރް ފިލިޕްގެ ހަށިކޮޅު ވެސް ވަގުތީ ގޮތުން އެ ކޮށާރަށް ބޭލީ އެ ޖާގައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީލް
13 September 2022
މި ޚަބަރު ކިޔަން އަހަންނަށް ހާދަ އުނދަގުލޭ. މިމީހުން ނަށް ނިސް ބަތް ކޮށްފަ ހުންނަ މާތް ބަސްތަށް ކިޔާކަށް އަންނެއް ބޭނުމެއް ނޫން.
ޢެލިޒަ
13 September 2022
ދެންނުކިޔަބަލަ. ދިވެހި ބަހަކީ މުއްސަދި ބަހެއް
އަހުމަދު މުހައްމަދު
13 September 2022
ސައުދީ ރަސްގެފާނު ނަމަ އޯކޭ ދޯ. ކިޔާނަނަ ތަ
ހިޔާލީ އަލީ
12 September 2022
މި ދެ ކަނބަލުންގެ ލޯބީގެ ހަޔާތަށް އެކަނި ބަލާލިޔަސް އުފަލުން ފުރޭނެ، އެހެން ވިޔަސް ދިވެހިންނަށް ދަސްވެފަ އޮންނާނީ ކޮންމެކަމެއްގެ އެންމެ ނެގެޓިވް ހިސާބުން ވިސްނާ ބޮލަށް ބާރުވާ ވަރަށް މީހުން ދެކެ ރުޅިއައިއްސަ ތިބުން
ތިވިސްނަނީ ފޮލާ
12 September 2022
ތަންކޮޅެއް ޚިޔާލީ ގޮތަށް ވިސްނާތީ ތިހެން ތިވަނީ. ރާނީ އެލިޒަބަތުގެވެސް އަނދިރި ފަރާތެއް އޮތް. އަޅުން ގެންގުޅުނު ޒަމާނުގައި އޭރުގެ އާދަކާދައިގެމަތިން އަޅުންނަށް އެލިޒަބަތު ހަދިޔާދެއްވައި އުޅުއްވީ ކުކުޅުހާލަށް ކާންދޭގޮތަށް ބިންމައްޗަށް އެތަކެތި އުކައިގެން. ޒަމާނުން މިކަންކަން ފޮހެވިފިޔަޔަސް އިނގިރޭސި ރަސްކަމަކީ މިހާރުވެސް މާތާހިރު ރަސްކަމެއްނޫން. ޕްރިންސަސް ޑަޔާނާ ރާނީގެ އޯޑަރަށް އަވަހާރަކޮށްލެވުނު ވާހަކަޔަކީވެސް ދައްކައި އުޅޭ ވާހަކައެއް.
ވަހީދު
13 September 2022
އެމީހުންގެ ލޯބީގެ ހަޔާތާއި އެހެން ކަންކަން ބެލީމަ އުޅެފައި ހުރި އުފާވެރިގޮތް ފެނިފައި އުފަލުން ފުރިބާރުވާނީ ހަގީގަތް ނޭނގޭ މީހުން. އޭނާގެ ޢާއިލާގެ މުއްސަނދި ކަމާއި ބާރުވެރިކަމަކީ އަޅުވެތި ކަމާއި ފޭރުން. މިހާރު ވެސް އޮސްޓްރޭލިޔާ، ނިއުޒީލެންޑް އޮތީ އަޅުވެތި ކަމުގައި ޖިޒީ ދައްކައިގެން. އެގައުމުގެ އަސްލު ވަޒަންވެރީންގެ ދަރިން ވަނީ އާއިލާތަކާއި ވަކި ކުރެވިފައި... ބިން ވަނީ ފޭރިގެންފައި.
ސަަި.
12 September 2022
ދެން ރާނީގެ ވާހަކަ ގެނައުން މަދު ކުރަމާބަހީ، ރާނީ އަށް ވުރެ މާގިނަ މައްސަލަ އެބަހުރި މިގައުމުގަ ރަގަޅުކުރަން.
ރަން
12 September 2022
ނޫނޭ މަދުކުރާނެ ކަމެއްނެތް. މި ހީވަނީ ރާއްޖޭގެ ވެރިޔަކު މަރުވެގެން އުޅޭހެން. ތިރާނީ މެން ރާއްޖެއަށް ކަމެއް ކޮށްދީފަ އޮތިއްޔާ އޮންނާނީ އެމީހުންގެ މާބޮޑު އަމިއްލަ މަސްލަހަތެއް އޮވެގެން.
މާދަމާއަދު
13 September 2022
ޚަބަރެއްގެ ބޭނުމަކީ ހަމައެކަނި ދުވަހުން ދުވަހަށް އެއްޗެއް ލިޔެ/ކިޔާލުމެއް ނޫން. އޭގެ ބޭނުން އެތައް އަހަރަކަށް ދެމިގެންދާނެ. މާ ފަހުގެ ތާރީޚެއްގަ ހޯދާލަން ބޭނުންވާ މައުލޫމާތެއް ލިބޭނީ އެކަން ހިނގިއިރު އެކަމާ ބެހޭ ގޮތުން ލިއެފަ އޮތިއްޔާ. މިހާރު ޝައުގުވެރިކަމެއް ނެތް ކޮންމެ ކަމަކީ ފަހުން އެކަމަކާ ބެހޭ މައުލޫމާތު ހޯދަންނުޖެހޭނެ ކަމެއް ނޫން. ބޭރުގެ ނޫސްތައް ބެލެން ނެތް ހިނދެއްގައި ދިވެހި ޚަބަރުތަކުގެ ބޭނުންޖެހިދާނެ ދުވަހެއްވެސް އަތުވެދާނެ.