ފެނަކައިގެ އިންޖީނުގެއެއް: ފެނަކަ އަށް ދޫކުރި 17 މިލިއަން ރުފިޔާގެ ސައްހަ ޗެކްތަކުގެ މައްސަލަ ނިމުނު ކަމެއް އަދިވެސް ނޭނގޭ.
06 ޖެނުއަރީ 2017 - 11:44
ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު ގަންނަން ދިނުމުން ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ފެނަކައިން ދޫކޮށްފައިވެ އެވެ.
ލޯންޗް ކުންފުނި މެދުވެރިކޮށް ފެނަކަ އިން ޑޮލަރު ގަތް ޗެކްތަކުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެނގިފައިވާ ގޮތުގައި، ލޯންޗް ކުންފުނީގެ އިސް ބޭފުޅަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ ކުރީގެ މުވައްޒަފެކެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅުގައި ކަމަށް އެނގިފައިވެ އެވެ.
މި މައްސަލާގައި މިހާތަނަށް ފުލުހުން މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.
ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ސައްހަ ނޫން ތިން ޗެކްގެ މައްސަލާގައި ހައްޔަރުކުރި އެމްސީބީގެ މުވައްޒަފު، އެ މައްސަލަ ފެންމަތިވިއިރު ހުރީ އެ ބޭންކުގެ ވަޒީފާގަ އެވެ. އެކަމަކު ފަހުން އޭނާ އެމްސީބީން ވަކިކުރީ ސީދާ އެ މައްސަލައާ ގުޅިގެން ނޫން ކަމަށް ވެ އެވެ.
ލޯންޗް ކުންފުނީގެ އިސް މުވައްޒަފު ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހުމަށް ފަހު ގޭ ބަންދަށް ދޫކޮށްލި އެވެ. އޭނާ އެއްކޮށް މި ދޫކޮށްލީ އޭގެ ފަހުން ކަމަށް ވަނީ އެނގިފަ އެވެ.
ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެކެވެ. އެ ބޭންކުގެ ނަމުގައި ކޮށްފައިވާ ސޮޔާއި ތައްގަނޑަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗް ދުއްވާ ކުންފުންޏަކަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
ސައްހަ ނޫން ޗެކްތަކުގެ މައްސަލަ ފަޅާއެރި ފަހުން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެކަމަކު 17 މިލިއަން ރުފިޔާ އަކީ 15.42 ރުފިޔާގެ ރޭޓުން 1 މިލިއަން ޑޮލަރު ގަންނަ ނަމަ 1.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޝަރީފް ވިދާޅުވެފައި ވަނީ މި މައްސަލާގައި ޒިންމާވާނެ ބަޔަކު އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްސީބީން މިދިޔަ ސެޕްޓެމްބަރުގައި އިއުލާނެއް ވެސް ނެރުނެވެ. އޭގައި ބުނެފައި ވަނީ އެ ބޭންކުން ގެރެންޓީދީފައިވާ ކަމަށް ބުނެ ޗެކުގެ ނުފުށުގައި "ބޭންކް ގެރެންޓީ" ސްޓޭމްޕެއް ޖަހާފައިވާ އެމްސީބީ ރާއްޖެ ބްރާންޗްގެ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ޗެކްތަކުގައި ބޭނުންކޮށްފައިވާ 'ބޭންކް ގެރެންޓީ' ސްޓޭމްޕް ބޭނުންކުރުމަކީ މި ބޭންކްގެ ޕޮލިސީއެއް ކަމުގައި ނުވާތީ، މިފަދަ ޗެކެއް އޮތް ފަރާތެއްވާނަމަ، އެކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އެމްސީބީގެ އިއުލާނުގައިވެ އެވެ.
ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި އެމްސީބީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެ މައްސަލާގައި ބޭންކްގައި އެތެރޭގެ ތަހުގީގެއް ހިންގި އެވެ. ނަމަވެސް ބަޔަކާ މެދު ފިޔަވަޅު އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.
ފެނަކަ އަށް ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަކަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ބަލަނީ މި މައްސަލާގައި ނުފޫޒުން ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިންގާފައިވޭތޯ އެވެ.
ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މީހުންގެ ނަމާއި ކުންފުނީގެ ނަން އަދި އެ މައްސަލާގައި ދެން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ބައެއް ބޮޑެތި ބޭފުޅުންގެ ނަންތައް "މިހާރު" އަށް އެނގުނަސް ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފްސީލްތައް ހާމަކުރެވޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސް
07 January 2017
ފެނަކަ މުއައްޒަފުން ސައުވިސްގަޑިއިރު ރައްޔިތުންގެ ހިދުމަތުގަ އެކަމަކު އަސާސީބޭނުންތައްވެސް ނުފުއްދޭވަރުގެ ކުޑަމުސާރައެއް ! ފެނަކައިގެ ލާރިގަޑު ފިނިކޮޓަރީގަ ތިބި ކުންފުންޏާ ނުވެސްބެހޭ ބަޔަކައް ކުބާ އިންސާފު ؟؟؟؟
ބަކުރުބެ
07 January 2017
އިންޓަރނެޓް އާއި ވިކިލީކުސް ހުންނަނީ ކީތްކުރަން
މެންޓަލިސްޓް
06 January 2017
ތިޔައޮތީ ފެނަކައިގެ ބޯޑުން ބުލެކް މާރކެޓުން ޑޮލަރުގަންނަން ނިންމާފައި ،، އެއީ ކަނޑައެޅުގެން ގާނޫންަތަކާޢި ޙިލާފްކަމެށް ،، ބުލެކް މާރކެޓުން ބޭންކުރޭޓާއި ޙިލާފަށް ޑޮލަރު ގަންނާކަށް ފެނަކައިގެ ބޯޑަކުން ނުނިންމޭނެ ،،، ވަރަށްވެދުން
ކީއްކުރަނީ
06 January 2017
ފެނަކައިން ޑޮލަރުގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ކްރިމިނަލް ކޯޓް އިން ދޫކޮށްލި އިރު ފެނަކަ އަށް ލިބެން ޖެހޭ 17 މިލިއަން ރުފިޔާ ލިބިއްޖެތޯއެވެ. ނުލިބޭ ދޯ. ދެން އެފައިސާ ފެނަކައަށް ނުލިބުނީ ތޯ. ފެނަކަ އިން ކީއްވެގެންތޯ ޑޮަލަރު ޗެކް ގެނެސްދިނުމުން ޑޮލަރު ޗެކް ގައި ވާ ޑޭޓް ހަމަވުމުން ޑޮލަރު ނަގައިގެން އައިސް ނުވަތަ ފެނަކައިގެ އެކައުންޓަށް ޑޮލަރު ޖަމާވެ ނިމުމުން ދެން ފެނަކައިން 17 މިލިއަން ރުފިޔާ ދޫނުކުރީ. ފެނަކަ އަށް ޑޮލަރު ލިބުމުގެ ކުރިން ފެނަކައިން ކީއްވެގެން ތޯ 17 މިލިއަން ރުފިޔާ ދޫކުރީ. މާ މާލީ ގާނޫނު ތަކާއި އަދި ގަވާއިދު ތަކާއި ޚިލާފަށް ފެނަކައިން ކޮށްފައިވާ ކަމެއް ތޯ ބައްލަވާ މިކަކާއި ގުޅޭ އެންމެންނާއި މެދު ފިޔަަވަޅު އެޅިދައުވާ ކުރެވެން ވާނެއެވެ. އެކަން ނުކޮށް އޭޖީ އާއި ފެނަކަ ތިބީ ކީއްވެގެންތޯއެވެ. އޭސީސީ ކީއްތޯ ކުރަނީ.
އައްޔަ
06 January 2017
ގައުމު ބަޑައްޖައްސާލުމަށް އެންމެން އަތުކުރި އޮޅާލައިގެން ރަގަޅުމުޅީން ރަގަޅު ހަދާންކޮއްލާ އަދި ދުވަހެއް އަންނާނެ ރައްޔިތުންގެ ހައްގުތަކަށް ތިޔަގޮތައް އަރައިގަންނަމީހުނަށް ސަލާމަތުން ނުތިބެވޭނަ..
ސަހަރޯ
06 January 2017
ތިޔައީ މޮޅު ގާނޫނެއްތާ، މައުލޫމާތު ހާމަނުކުރާނަމަ ކުރަޕްސަން ހައްދުފަހަނަޅާ ދާނެ.. ގާނޫނު ހެދުމުގެ ބޭނުމަކީ. ކްރަޕްސަނާއި ވައްކަން ހުއްޓުވުން. !!!
އިޙްސާންތެރިޔާ
06 January 2017
އަޖައިބެއްނު. ތިޔަބުނާ ލޯންޗު ކުންފުނީގެ އިން މުވައްޒަފުތަ ހައްޔަރުކޮށް ތަހުޤީގު ކުރަންޖެހެނީ. ކޮބާތަ މިކުންފުނީގެ ޙިއްސާދާރުން ނޫނީ ބޯޑް އޮފް ޑައިރެކްޓަރުން. އިހުމާލު ނުވާނެބާ؟؟؟
އަލީ
06 January 2017
ހާސްނުވޭ ތިކަހަލަ ކޮންމެ ގެއްލުމެއް ބޮލުއަޅަން އަހަރެމެން ޓެކްސް ދައްކާ ރައްޔިތުން މިތިބީ ތައްޔާރައް ކައިފަ ބަހައްޓާ ޒިންމާ ވާނީ ކާމީހުންނެއްނޫން އަހަރެމެން ރައްޔިތުން.
އަބްދުއްރަހީމްބެ
06 January 2017
ކާކުގެ ކުންފުންޔެއްބާ ލޯންޗް ކުންފުނިއަކީ ؟
ފުނޯސް
06 January 2017
ތިޔަ ފައިސާގެ މައްސަލަ ބަލަނީ ކޮންސްޕީޑް އެއްގަ ތޯ؟ ފުއްލާ ސްޕީޑް ތޯ؟ ކަހަބު ސްޕީޑް ތޯ؟ ގެރިބަކަރި ސްޕީޑް ތޯ؟ ސާފުވުން ރަގަޅުވާނެ. ގައިމު ތިޔައީ ރަށްޔިތުންގެ ފައިސާ ވިއްޔަ. އެހެންވެ ވެގެން އުޅޭގޮތެއް ސާފުވާން އެބަޖެހޭ ދެއްތޯ؟