ލ. ގަމާއި ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް..-- ފޮޓޯ: ގަމު ކައުންސިލް
19 ސެޕްޓެމްބަރ 2022 - 06:27
ބިމުގެ މުއްސަނދިކަމެވެ. ގުދުރަތީ ގޮތުން އެހާ ފުރިހަމަ އެވެ. އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރެވޭނެ ފުރުސަތުތަކެވެ. ސިއްހީ ފަރުވާގައި ވެސް ހަލުއި ސްޕީޑުގައި ކުރި އަރަމުން އަންނަ އެއް ރަށެވެ.
މި މަހުގެ 9-12 ވަނަ ވަނަ ދުވަހާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސް ނިންމުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ އުއްމީދީ ޖަވާބެކެވެ.
"މިއީ ވަރަށް ބޮޑަށް ތަަރައްގީ ކުރެވޭނެ ތަނެއް ލ. އަތޮޅުގައި އެއްވެފައި މި އޮތް ރަށްރަށް. އަޅުގަނޑުމެންގެ ޕްލޭންފައި އެބައޮތް އެއާޕޯޓް އިންޓަނޭޝަނަލް ކުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން، މި ހިސާބުގައި ރިސޯޓްތައް ހެދުން،" ރައީސް ވިދާޅުވި އެވެ.
"މިއީ ތަރައްގީ ކުރެވޭނެ ތަނެއް، އިކޮނޮމިކް ހަބަކަށް ހެދޭނެ ތަނެއް."
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކަމެއް މާލެއަށް ޖަމާކުރުން ނިމުމަކަށް ގެނައުމަކީ މި ސަރުކާރުގެ ބޮޑު ވައުދަކަށް ވިޔަސް، ރާއްޖޭގެ ތާރީހުގައި ހިންގަމުން އަންނަ ބިޔަ މަޝްރޫއުތައް އަދިވެސް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގަ އެވެ.
ގަމުގެ މަގުމަތިން ބަޔަކު ހިނގާލާފައި ދަނީ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ދިރިއުޅުމަށް މީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ހިދުމަތްތައް ފޯރުކޮށްދިނުމުން އެ ރަށްރަށަށް މީހުން ބަދަލުވާނެ ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑެތި ރަށްރަށުގައި އާބާދީ އެއްފަސް ކުރަން ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ މިހާރު ވެސް އެ އަތޮޅާ ކައިރި ރަށްރަށުން މީހުން ގަމަށް ބަދަލުވާ ކަމަށެވެ. އެކަމަކު ހުޅުމާލެއިން ފްލެޓު ދޫކުރަން ފެށި ފަހުން އެ އަދަދު ކޮންމެ ވެސް ވަރަކަށް މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް ޗެއާކުރެއްވި ކޮންފަރެންސްގެ ބައްދަލުވުމެެއްގައި އިސްމާއިލް ވަނީ ބިން ހިއްކުމުގެ ބަދަލުގައި ބިން ބޮޑު ލ. އަތޮޅުގެ ރަށްތަކުގައި މީހުން އާބާދުކުރަން އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލ. އަތޮޅުގައި މީހުން އާބާދުކޮށްދިނުމަށް އެދުނީ ހުރިހާ ގޮތަކުން ވެސް ތަރައްގީކުރެވޭނެ ހިސާބަކަށް ވާތީ އެވެ.
ލ. ގަމުގައި ކުރިއަށްގެންދިޔަ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑަށް ތަސައްވަރު ކުރެވޭ އެންމެ ފަސް އަހަރު ދުވަހުގެ ތެރޭގައި މިތަން ކުރިއެރުވިދާނެކަން. ފަސް އަހަރުން މުޅި މިތަން ގެންދެވިދާނެ ކަން, ތަރައްގީކުރެވިދާނެކަން. އޭގެ ތެރެއިން, ދެ ތިން އަހަރުގެ ތެރޭގައި ގެދޮރު އިމާރާތްކޮށް މި ތަނަށް މީހުން ގެނައުމުގެ މަސައްކަތް ކުރެވި, ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ތަނުގައި އުޅެ, މި ތަނުގައި އިގުތިސޯދީ އެތައް މަސައްކަތެއް ހިނގާނެ ކަމަށް އަޅުގަނޑަށް އެބަ އުއްމީދުކުރެވޭ."
"މި ތަނުގައި މި އޮތީ ބިން ހިއްކިފައި. ބިމަކަށް މި ތަނުގައި އެއްވެސް ވަރަކަށް އިންވެސްޓްކުރާކަށް ނުޖެހޭ. ބިން ސާފުކުރުމަށް ކުރަންޖެހޭ ހަރަދެކޭ ދެން މި ކުރަންޖެހެނީ. ހިއްކާކަށް ނުޖެހޭ މި ތަނުގައި," އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަމުގެ އިތުރުން އިސްދޫ އާއި ހިތަދޫގައި ބޮޑު ބިމެއް އެބައޮތް ކަމަށެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ، ވިއަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ގަމާ އެއްފަސްކޮށް އޮތް ސަރަހައްދުގައި ވަރަށް ބޮޑު ޖާގައެއް މި އޮތީ. އަޅުގަނޑުމެން މި ބުނަނީ މިސާލަކަށް, އެތައް ބަޔަކު އަޅުގަނޑުމެން ކައިރީގައި ކިޔަނީއޭ ލާމުން ތިމަންނަމެންނަށް ގޯއްޗެއް ދޭށޭ. ބަލާއިރު ގޯތި ދެވޭކަށް ނެތް, ގިނަ ކަންތައްތައް ނިޒާމު ހުންނަގޮތުން އަޅުގަނޑުމެންނަށް ވެސް އެއީ ފަސޭހައިން ކުރެވޭ ކަމެއް ނޫން. ލޭންޑު ޔޫސް ޕްލޭނާ އެއްޗެހި ފާސްކޮށްގެން ވަރަށް ބޮޑަށް ތަރުތީބުކޮށްގެން މިކަންކަން މި ކުރެވެނީ."
އިސްމާއިލް ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވާނެ ރަށު މީހުން ވެސް ބައިވަރު އެބަތިބި ކަމަށެވެ. އެކަމަކު ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ފާއިތުވި އަހަރުތަކުގައި ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ އެންމެ ރަނގަޅީ ސަރުކާރުން ހައުސިން ސްކީމް ކުރިއަށް ގެންދިއުން ކަމަށެވެ.
"ނަމަވެސް މި ތަނުގައި ގިނައިން މީހުންނަށް ފްލެޓު ގޮތުގައި ގިނަ މީހުންނަށް ބޯހިޔާވަހިކަމުގެ އެކިއެކި ފުރުސަތުތައް ފަހިވާނެ ގޮތެއް. ގިނަ ބަޔަކަށް މި ކަހަލަ ފުރުސަތުތައް ލިބޭނެ ގޮތްތައް ފަހިވެއްޖެނަމަ މުޅި ރާއްޖޭގައި އަދި މާލޭގައި ވެސް, މާލެއިން ދެކުނުގެ ރަށްރަށުގައި ވެސް ގަމަށް ދިރިއުޅުން ބަދަލުކުރާނެ ބަޔަކު އެބަތިބި،" އޭނާ ވިދާޅުވި އެވެ.
ގަމުގެ މަގެއް މަތީގައި މީހަކު ބައިސްކަލެއްގައި އިށީނދެލައިގެން.
ސިއްހީ ހިދުމަތްތައް ވެސް އެކަށީގެންނާ ގޮތެއްގައި ލިބޭއިރު ކުރިއަށް އޮތީ ސިއްހީ ދާއިރާ އަށް ފަހި ދުވަސްތަކެއްކަން އިސްމާއިލް ފާހަގަކުރެއްވި އެވެ. ސަރުކާރުން ވަނީ ގަމުގައި ޓާޝަރީ ފެންވަރުގެ އާ ހޮސްޕިޓަލަކާއި ވަކި ބައްޔަކަށް ހާއްސަކޮށްގެން އިމާރާތްކުރާ ފުރަތަމަ ހޮސްޕިޓަލް, ކެންސަރު ހޮސްޕިޓަލް ވެސް ގަމުގައި އިމާރާތް ކުރާށެވެ.
އިސްމާއިލް ވިދާޅުވީ އެ ތަންތަން ނިމުމުން ގަމަކީ ވަރަށް ރަނގަޅު ހިދުމަތްތައް ލިބޭ ތަނަކަށް ވާނެ ކަމަށެވެ. އެއާއެކު ތައުލީމު ދޭނެ ރަނގަޅު ސްކޫލުތަކާއި މަތީ ތައުލީމް ހާސިލްކުރެވޭނެ ފުރުސަތުތައް ފަހިވެފައިވާތީ، ވީހާ ވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ބަދަލުވުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ކޮންމެހެން މާލެ ގޮސް, މާލެ އަށް ބަރޯސާވާންޖެހޭ މާ ބޮޑު ސަބަބުތަކެއް އޮތް ކަމަކަށް އަޅުގަނޑުމެން ވެސް ގަބޫލެއް ނުކުރަން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު މާލެ ދާން ޖެހޭނީ ޗުއްޓީ ހޭދަކޮށްލަން ކަމަށް.. އަޅުގަނޑުމެންނަށް ލ. އަތޮޅުގައި ފުރުސަތުތައް އެބައޮތް. އަޅުގަނޑުމެން އުއްމީދުކުރަނީ ލާމަކީ ގިނަ ބަޔަކު އާބާދުވެ, ވަރަށް އަވަހަށް މި ތަން ކުރިއަރައިގެން ދާނެ ތަނެއްގެ ގޮތުގައި އޮތް. މިކަން އަވަހަށް ކުރެވޭނެ ގޮތަކަށް މި އުއްމީދުކުރަނީ."
ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
"މި ތަނަކީ ގިނަ ޔުނިވާސިޓީތަކާ ކޮލެޖުތަކުގެ ޕްރޮގްރާމްތައް ވެސް ހިނގާ ތަނަކަށް ވީމަ, މި ރަށަށް ވަރަށް ގިނަ ބަޔަކު އެ ކަންކަމުގައި ވެސް އާދޭ. އެ ކުދިން ވެސް ތިބެލަން ހައުސިންގެ ފުރުސަތުތައް އޮތިއްޔާ އާއިލާތައް މި ތަނަށް ހިޖުރަކުރުމުގެ މާ ބޮޑު ފުރުސަތު އޮތްކަމަށް ގަބޫލުކުރަނީ."
އިސްމާއިލް ވިދާޅުވީ ލ. އަތޮޅުގައި ހަރަކާތްތައް އިތުރުވެގެން ދިއުމުން އިގުތިސޯދު ކުރިއަރާނެ ކަމަށެވެ. އެއާއެކު، މަގުގެ ދެ ފަރާތުން ވެހިކަލް ދުއްވާ މަންޒަރާއި ރޭގަނޑު ވެސް އަލިތައް އެކުލަވާލާފައި ހުންނަ ތަން ދެކެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިސާބަށް ދާއިރު ވަޒީފާތައް އުފެދި, ވިޔަފާރިތައް ފުޅާވެ, އާމްދަނީ ލިބޭނެ ގޮތްތައް އޮތުމުން މީހުން ބަދަލުވާނެ ކަމަށެވެ.
އިސްމާއިލް ވިދާޅުވީ އެ ވިސްނުންތަކާ އެއްގޮތަށް ލ. ގަން ފަދަ ބިން ބޮޑު ރަށްތައް ތަރައްގީކޮށްފިނަމަ މީހުން އާބާދުވާނެ އެވެ. އެ މަގު މިހާރު ފަހިކޮށްދިނުން އޮތީ ސަރުކާރުގެ އަތް މަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުވަގުން
19 September 2022
ލާމު ގަމުގަ ތިކަންކަން ކުރަން ރަނގަޅު އެކަމަކު އެހެން ރަށެއްގައި ކަމެއް ކުރުމާ ލާމު ގަމުގައި ކަމެއް ކުރުމާ ޑަބަލް ހަރަދު ދާނެ. އުތުރުގަވެސް ބޮޑެތި ރަށްތައް އެބަ ހުރި. ތަންކޮޅެއް ވައްކަން ކުރުން މަދުވާނެ.
ހިޔާލީ އަލީ
19 September 2022
މައްސަލައަކީ ލ.އަތޮޅު ގިނަ މީހުންނަށް ތިމާމެންނަށް ލިބިފައިވާ މި ބޮޑު ނިއުމަތް ހަނދާނެތިފަ ތިބުން، ރަށުގަ އެހާ ކުށްގިނަ، ޑްރަގުޕާޓޭންގެ އުނދަގޫ އެހާ ބޮޑު، ބޭރު ރަށަކުން ބަޔަކު ކަމެއްގަ އިންވެސްޓުކުރަން ބަލާލިޔަސް ބޮޑުސިންގާ ކުށުގެ ހާއްޔެއްގައި ކާކުތޯ ބޭނުންވާނި އިންވެސްޓުކުރަބް / ދިރިއުޅެން
1206
19 September 2022
މިހާތަނަށް ވެސް ސަރުކާރުން ކުރަމުން އައި ކަމަކީ، އެއްފަސް ނުވަނީ ނުވަތަ ނުކުރެވެނީ ރައްޔިތުންގެ ސަބަބުންނޭ ބުނެ ރައްޔިތުން ކުށްވެރި ކުރުން. އެކަމަކު އެއީ ސަރުކާރުން އެކުލަވާލަންޖެހޭ ސިޔާސަތުތަކާއި ކުރަންޖެހޭ މަސައްކަތް ނުކޮށް.
ކޮމެންޓޭ
19 September 2022
ރާއްޖެތެރޭ 1 ހާހުން ދަށުގެ އަަބާދީއެއް އޮންނަ ރަށެއްގަވެސް ނަރުދަމާ ސްކޫލް ހެލްތްސެންޓާ ބަނދަރު ފެން ކަރަންޓު މިސްކިއްތަށް ކައުންސިލް މިކަންކަމަށް އެބަހަރަދުވޭ އަހަރަކު އެތަށް ސަތޭކަ މިލިޔަންރުފިޔާއެއް އަދި މިކަންކަން ކުރީމަވެސް ރައްރަށުގަ އުޅޭމީހުން އުޅެނީ ވަރަށް ހާލުގަ އެހެންކަމުން ކިޔެވެނީ ގްރޭޑް 10 އަށް ސިއްހީމަރުކަޒުން ކުރެވެނީ ހުމާ ރޯގާއަށް ބޭސްދިނުންއެކަނި މިފަދަ ރައްރަށަށް ހަރަދުކުރުމުގެބަދަލުގަ ބޮޑެތި ރައްރަށަށް މީހުން ބަދަލުކުރަންވީ
އަތޮޅޭ
19 September 2022
ގަމު ކައުންސިލްގަ އާރުލާ ބަޔަކު ތިބިނަމަ ތިތަން މާލޭ ފެންވަރަށް ނުގެންދެވެންވީސަބަބެއްނެތް ފުރަތަމަ ކަމަކަށް ތަނެއްގަ ހިދުމަތްތަށް ގާއިމް ކުރެވޭނީވެސް އެތަނެއްގަ އެ ހިދުމަތެއް ގެއްލުންނުވާގޮތަށް ހިންގުމައްޓަކާ ބޮޑު އާބާދީއެއް އޮވެގެން މިހާރުވެސް ހަމައެކަނި ލ. ޢަތޮޅަށް ހުޅުވާލައިގެން ގޯޗާ ފްލެޓް ދޫކުރިއަސް ގަމުގެ އާބާދީ 10 ހާސް ފަހަނައަޅާދާނެކަން ޔަގީން އެންމެން ނުދާނެ ފްލެޓަކަށްވެސް އެހެންކަމުން ހިލޭދޭ ގޯއްޗާ ވިއްކާ ގޯއްޗާ ފްލެޓްވެސްލިބެންވާނެ
ސަވާރީ
19 September 2022
އަޅުގަނޑުމެން ކޮންމެހެން މާލެ ގޮސް, މާލެ އަށް ބަރޯސާވާންޖެހޭ މާ ބޮޑު ސަބަބުތަކެއް އޮތް ކަމަކަށް އަޅުގަނޑުމެން ވެސް ގަބޫލެއް ނުކުރަން.( ކިތެއް ބޭފުޅުންނަށް ތޯ ލ . އަތޮޅުން ހިޔާ ފުލެޓް ލިބުނީ؟)
ޕްލޭން
19 September 2022
މި ސަރުކާރުގެ ނެތް އެއްވެސް ހަރުދަނާ ޕްލޭނެއް.ރާއްޖޭގެ 3 ސަރަހައްދެއް ތަރައްގީ ކުރަންޏާ އެއީ ލާމު ގަމާ ހދ ކުޅުދުއްފުށި ނުވަތަ ހަނިމާދޫ. އެއަށްފަހު މާލެ ސަރަހައްދު ހިމެނުނީމަ 3 ސަރަހައްދު ހަމަވީ. ދެން ރާއްޖޭގެ ދެކުނުގަ އޮތް 4 އަތޮޅުގައި އޮތް ބޮޑު އާބާދީ އަށް އޮތް ޗޮއިސް އަކީ އަނެއް 3 ސަރަހައްދަށް ހިޖުރަކުންތޯ؟
ސަލަމް
19 September 2022
ދެކުނުގަ ކުށް ކުރުން ވަރަށް ގިނަ. އެއީ ކީއްވެގެންތޯ ވެސް އެެބަ ޖެހޭ ދިރާސާއެއް ކުރަން.
އޮނަރަބްލް އަފީފު ދީދީ
19 September 2022
އެކަމެއް ނޭގޭ. އިންޑިޔާ ސަރުކާރުގެ އެހީގައި ކެންސަރ ހޮސްޕިޓަލް ލ.އަތޮޅުގައި އަޅާން އުޅުނީމަވެސް ސޯލިޙް ސަރުކާރުގެ ވަޒީރުންނާއި ކ.އަތޮޅު މާލޭގެ ނުފޫޒުގަދަ އާއިލާތަކުން އެކަން ބަދަލުކޮށް ގޮޅައެއްވަރުގެ ތިޔަ މުޤައްދަސް ރަށުގައި ހޮސްޕިޓަލް އެޅުމަށް ނޫންތޯ ހިފާފައި ތިތިބީ. # މާލޭމީހުން ހީކުރަނީ ރާއްޖޭގެ އެހެންރަށްރަށުގައިވެސްތިބީ ތިމާމެންފަދަ ތަނެއްދޮރެއްނޭގޭ ޤަމާރުބައެއްކަމަށް. އެހެންވެ ހޮސްޕިޓަލް އެޅުމާއިދެކޮޅަށް ކަނޑުކޮސް ސަބަބުތައް ދައްކަމުންދަނީ.
ހިމަނާލާ
19 September 2022
މާލޭގަ ތިބި ތިޔަ އަތޮޅުގެ މީހުންގެ ނުފޫޒުވެސް ކަންކަމުގައި ހިމެނޭނެ. ހަމައެކަނި މާލެ މީހުންގެ ބޮލަށް ކަނޑާލީމަ ކަމަކުނުދޭ.
މެހެމާންދާރީ
19 September 2022
ތިއަތޮޅުން ނޫނީ ރަށުން ބޭރުން ތިރަށުގަ ދިރިއުޅެން އަންނަ މީހުންނައް މެހެމާންދާރީ އަދާކުރުން މިހާރުއޮތީ ކިހިނެތް. ބޭރުން އަންނަމީހުންނައް އުފަލުގަ ދިރިއުޅެވޭނެ މާހައުލެއް ގާއިމުވެފަ ނެތިއްޔާ އެފަދަ ތަނަކައް ދިރިއުޅުން ބަދަލުކުރަން ފަސްޖެހޭނެމީހުން ގިނަވާނެ.
ޥާން
19 September 2022
ޜަޑްވެސް ބޮޑެވެ. ޢާދެ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ނުރައްކާތެރިކަމާއި ބިރުވެރުކަންވެސް އެހާންމެ ބޮޑެވެ.
ހިތަދޫ 2
19 September 2022
އެއީ ނޫންތޯ ސިޓީ އަކަށް ކޮލިފައިވާ މިންގަނޑުތަކަކީ؟ އެހެންވީމަ ރަނގަޅުވާނި ތިޔަ ކަންކަން ގިނަވި ވަރަކަށް!