ސައުދީގެ އެންމެ ބޮޑު ގުރުއާން މުބާރާތުގައި ނަބީހު ކިޔަވަނީ.-- ފޮޓޯ: ގުރުއާނާބެހޭ މަރުކަޒު
18 ސެޕްޓެމްބަރ 2022 - 17:22
ސައުދި އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ގެންދާ މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ. އެ ދެ ކުދިން ހޮވާފައިވަނީ އޮޑިޝަނަކުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވިދާޅުވީ ސައުދީގައި ބާއްވާ އެންމެ ބޮޑު އިންޓަނޭޝަނަލް މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވި ކަމަށެވެ.
ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ ނަބީހާއި ޔޫޝައު، މިނިސްޓްރީގެ ޓީމާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު
އެ މުބާރާތުން، އޯޓިޒަމް ހުންނަ ނަބީހު ވަނީ، ހިތުން ކިއުމުގެ ބައިން ފުރަތަމަ ރައުންޑުން ރަނގަޅު ނަތީޖާއެއް ހޯދުމުން ދެ ވަނަ އަދި ފައިނަލް ރައުންޑަށް ދަތުރުކޮށްފަ އެވެ.
ނަމަވެސް، ހަރަމްފުޅުގައި ބޭއްވި ފަހު ބުރުގެ ކިޔެވުން ގެންދަނިކޮށް އެ ތަނަށް ދޫންޏެއް ދިއުމުން އެކަމާ ނަބީހު ބިރުގަތުމުން ކިޔެވުމުގައި ކޮންމެ ވެސް ވަރަކަށް އުނދަގޫތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ރައުންޑުގައި ވަރަށް ފުރިހަމައަށް ކިޔަވާފައި ދެ ވަނަ ބުރުގައި މި ގޮތަށް މި ދިމާވީ. އެކަމަކު، މިއީ، ފަހުގެ ތާރީހެއްގައި ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވުނު ކުއްޖެއް،" އިލްޔާސް ވިދާޅުވި އެވެ.
އެ މުބާރާތުގެ ނަތީޖާ އިއުލާނުކުރުން މާދަމާ އޮންނާނެ އެވެ.
ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވި ނަބީހު، އޭނާގެ މަންމަ އާއި ބައްޕައާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު
އިލްޔާސް ވިދާޅުވީ ސައުދީގެ އޮފިޝަލުންނަށް ނަބީހުގެ ހާލަތު ކިޔައިދިނުމުން އޭނާގެ ކިޔެވުމަށް ވަރަށް ބޮޑަށް ތައުރީފް ކުރި ކަމަށެވެ.
ކިންގް ސަލްމާން މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދިންގެ އިތުރުން 17 އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިންނަށް ވެސް ދެކޮޅު ޓިކެޓު ހަމަޖައްސައިދިނީ އެ ގައުމުންނެވެ. ނަމަވެސް، ނަބީހަށް ހާއްސަ އެހީތެރިކަން ބޭނުންވާތީ މިނިސްޓްރީން ކުރި މަސައްކަތުން ސައުދީ ސަރުކާރުން ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ ދެކޮޅު ޓިކެޓު ހަމަޖައްސައިދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް އިލްހާމް
27 September 2022
ނަބީޙް ގެ ކާމިޔާބަކީ ދިވެހި ޤަޢުމު ފަޙްރުވެރިވާ ކާމިޔާބެއް މިއީ އިލްމީ ހަޒާނާއެއް ، އަދަށްވުރެއް ފެހި މާދަމާއެއް މިންވަރު ކުރައްވާށި
އުޖާލާ
25 September 2022
އިންޝާ ﷲ، މަރުހަބާ ނަބީހް. އިތުރު ކާމިޔާބީޔަށް އެދެން.
ޙިނި
20 September 2022
ވަރައް މޮޅު، ކާމިޔާބީއައް އެދެން، ނަބީހު އާ އާއިލާޔައް ﷲ ހެޔޮރަހުމަރް ލައްވަވާށި.
މުޙައްމަދު...
20 September 2022
ނަބީހަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. އިންޝާ ﷲ
ނަޒަރޭ
19 September 2022
ނަބީހުއަށް ހެޔު ދުއާއާއި ވެދުން، އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.
އަކުބަރު
18 September 2022
މާޝާﷲ.. ހާދަމޮޅޭ.. އިރާދަފުޅުން ފައިނަލް ކާމިޔާބުވާނެ. ވަރަށް އުފާވޭ ވަރަށް ފަހުރުވެރިވޭ
ވޯޓުއޮޅުވާލިޖިންނި
18 September 2022
އިންޝާ ﷲ މިފަހަރު ކާމިޔާބުވާނެ.
ސަލްމާއިބްރާހިމް
18 September 2022
އިންޝާﷲ ކާމިޔާބުވާނެ، އަހަރެމެންގެ ހެޔޮ ދުޢާވަނީ ތި ކޮއްކޮ އާއި އެކު. ތީ މިޤައުމު ފަޚުރުވެރިވާނެ ދަރިއެއް އިންޝާﷲ.
ނަނާ
18 September 2022
މާޝާ ﷲ ނަބީހަށް ކާމިޔާބު އެދެން. ދުޢާ އަކީ މިއަޅާގެ ދަރިންވެސް އިބަ ﷲ ގެ އިރާދަފުޅުން ކީރިތި ޤުރްއާން ހިތުދަސްކުރާނެ ދަރީންތަކެއް ކަމުގައި ލެއްވުން. އާމީން ޔާ ރައްބުލް އާލަމީން.