ގއ. ދާންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށާއި އެމްޓީސީސީގެ "ބޮޑު ޖައްރާފު" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
19 ސެޕްޓެމްބަރ 2022 - 10:25
މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ހުޅުމާލޭ ތަރައްގީ ކުރިޔަސް، އަދިވެސް އެ މައްސަލަ ހައްލުނުވަނީ އެހެން ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގއ. ދާންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށާއި އެމްޓީސީސީގެ "ބޮޑު ޖައްރާފު" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖެ އަށް ހަގީގީ ތަރައްގީއެއް ގެނެވޭނީ ހިދުމަތްތައް ހޯދަން ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ.
މާޒީގެ ބައެއް ހަނދާންތައް އާކުރައްވައި އޭނާ ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލޭގެ ބިން ހިއްކުމަށް އޭރުގެ ސަރުކާރުން ޕްލޭންކުރަމުން އައިއިރު، އެ ބިން ނުހިއްކައި ރާއްޖޭގެ ބިން ބޮޑު އެހެން ރަށްތަކަށް އެ ހަރަދުކޮށް، އެ ތަންތަން އާބާދުކުރުމަށް އެކަމުގެ ތެރޭގައި އުޅުއްވި ބައެއް ފަންނީ ބޭފުޅުން ލަފާދެއްވި އެވެ. އެކަމަކު ބައެއް ބޭފުޅުންނަށް ފެނިވަޑައިގަތީ މާލޭގެ އިގުތިސާދު ދެމެހެއްޓޭނީ ހުޅުމާލޭގެ ބިން ހިއްކައިގެން އަސްލަމް ވިދާޅުވި އެވެ.
"މާލޭގެ މީހުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ހުޅުމާލެ ހިއްކާނީއޭ [އެ ބޭފުޅުން ވިދާޅުވި]. ބައްލަވާ މިއަދު 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކިތައް އަހަރު ވެއްޖެ ތޯ؟ މާލޭގެ ގެދޮރުގެ މައްސަލަ އަށް ހައްލެއް އައިސްފިތޯ؟ ނައި،" މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
"އަތޮޅުތަކުގެ ތަރައްގީ އަށް ދެވުނު އިސްކަން ކުޑަވީ. އަޅުގަނޑުމެންނަށް އަތޮޅުތަކާ ދޭތެރޭގައި ވީ އިހުމާލު ބޮޑުވީ."
މިނިސްޓަރު ވިދާޅުވިގޮތުގައި އަދިވެސް ކިޔެވުމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ފުރުސަތުތައް ފުޅާވެފައި އޮތީ މާލޭގައި އެކަންޏެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ވެސް އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެ ކަންކަމަށް ހައްލު ގެނެވޭނީ މާލެ ހިމެނޭހެން، މުޅި ރާއްޖެ އަށް ތަރައްގީ "ފަތުރާލެވިގެން" ކަމަށެވެ. އެކަން ކުރުމަށް މި ސަރުކާރުގެ ޕްލޭނަކީ އޭނާ ވިދާޅުވިގޮތުގައި މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ ގެދޮރުގެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އަސްލަމް ފާހަގަކުރެއްވިއިރު، މި ސަރުކާރުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކާ ގުޅިގެން "މާލެ-ރާއްޖެތެރެ ތަފާތުކުރުން" ނަމުގައި ބޮޑު ބަހުސެއް އޮތީ ފެށިފަ އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި އޮތީ މާލޭގެ ރަށްވެހިންނަށް ހިލޭ ގޯތިދޫކުރަން ނިންމާފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
20 September 2022
ތީގެ ތެރޭގައި ރަގަޅުވާހަކަވެސް އެބަހުރި. ރައްރަށުގެ ގޯތިތައް 2000 އަކަފޫޓުގައި 3 ކޮޓަރީގެ 3 ބުރި ހުންނަ ގެ ބަގީޗާ އާއި އެކު ހަދަންވީ. އެއިރުން އާއިލާތަކަށް އިތުރު ގޯތި ނުހޯދާ ގިނަދުވަހު އުޅެވޭނެ. އެއާއިއެކު ކޮންމެދުވަހަކު ގެއަށް އާދެވޭގޮތަށް ވަޒީފާ ވެސް ލިބެންވާނެ. މަދަރުސާ އާއި އެހެނިހެން ޚިދުމަތްތަށް ކައިރިން ލިބެންވާނެ.
ރާއްޖެ
20 September 2022
ގއ. ދާންދޫ މި ހިއްކާ ސަބަބެއް ކޮބާތަ؟ މިހާރު ހިއްކާފަ އޮތް ބިމުގަ ކިތައް ގެދޮރު އަޅައިފި؟ ރަށުގެ އާބާދީން ކިތައް ޕަސެންޓް މީހުން ރަށުގަ އެބަ އުޅޭތަ؟ އަހަރަކު ކިތައް ވަޒީފާ ރަށުން އެބަ އުފެދޭތަ؟ މިއަށް ވުރެ މާ ރަގަޅު ވާނެ ބާނާ މަސްކޮޅު ކިރާލަ ދިނަސް ވެސް.
ހިޔާލީ އަލީ
19 September 2022
އަތޮޅުތެރެ ތަރައްގީ ނުވަނީ އަތޮޅު ތެރޭ މީހުންގެ ވިސްނުމުގެ ހަނިކަމުން، މިސާލަކަށް ބަލާ މި ދުވަސްކޮޅު އެންމެ ގަދައަށް ރިޔާސީ ސިޔާސީ ކެމްޕޭނު ކުރަމުންދަނީ ސަންސިޔާމު (ނޫނު އަތޮޅުގަ) އެ އަތޮޅުން އެކަނިވެސް ކިތައް ރަށްތޯ ޝިޔާމަށް ރިސޯޓު ހަދަން ވިޔަފާރިކުތަން ދީފަ އޮތީ، އެހެންވިޔަސް ކުޑަކުދިންގެ ޕާކެއްގެ ވަށާފާރު ރާނާއިދޭތީ، އެހެން ކޮންމެވެސް ކަމެއް ކޮށްދޭތީ ބޯކޮށް މީހުން ވަންނަމުން އެދަނީ އެމްޑީއޭއަށް. އެހާވެސް އީޒީކޮށް ހައްދާލެވޭ
މިނިސްޓްރީތައް އަތޮޅުތަކަށް ބަދަލުކުރޭ
19 September 2022
އެއީ ރައްޔިތުންކުރަންޖެހޭ ކަމެއްތޯ؟
އޮނަރަބްލް އަފީފު ދީދީ
19 September 2022
އިންތިޙާބު ބޯމަތިވުމުން ސޯލިޙް އާއި ވަޒީރު މާތޮޑާ އަސްލަމް ފެންމަށްޗަށް ތިލަވެ ތިގޮތަށް އަޑުގޮއްވިޔަސް ތިޔަ މިއުޒިކް ރީތިވެގެން ނަށާނީ ހަމައެކަނި ކ.އަތޮޅު މާލޭގެ ބިންވެރިން. # އަހަރުމެނަކީ 2023 އިންތިޙާބުގައި ސޯލިޙްއަށާއި ވަޒީރު މާތޮޑާ އަސްލަމް މެންނަށް ވޯޓްދޭން ނުޖެހޭ ސަބަބު ވިޔަ އަކުރުތަކާއިއެކުގައި ރައްޔިތުނަށ ދައްކާ މިފަސްއަހަރުކުރި ވެރިކަމުގެ މުޑުދާރުކަން ހާމަކޮށް ކަލޭމެން ވެރިކަމުން ބޭރުކޮށް ސައިޒުކުރާން ގޮވާލާ ނިކުންނާނެ މީހުން.
ދިވެހިއްޔާ
19 September 2022
އިންތިހާބް ކައިރިވާ ވަރަކަށް އަތޮޅުތެރެ ކިޔާ އަޑުގަދަވޭ، ނިމުމަށްފަހު އަޑެއްނީވޭނެ
ޢެޑްމުންޑޯ
19 September 2022
ރަށެއްގެ ބަނދަރެއް ހަދާފައި ނުވަތަ ބިންކޮޅެއް ހިއްކާ ކޮންމެ ފަހަރަކު މިހާސަރު އެބަ ކިޔާ ،
ހަސަނު
19 September 2022
ރަށްރަށް ކިތަންމެ ތަރައްގީއެއް ކުރިއަސް މާލެ އަންނާނެ.. މިހާރުވެސް ތައުލީމާ ވަޒީފާއާ ސިއްހީ ކަންކަން ރަށުގާ ރަށްރަށުން ވެސް މާލެ އައުން މަދެއްނުވޭ..
ބަރުލަމާން
19 September 2022
އަދިވެސް ވާހަކަދައްކަނީ އަމަލެއް ނުފެނޭ
ދޮންބެއަލީ
19 September 2022
އަތޮޅުތެރެ ތަަރައްޤީ ކުރަން ވެރިކަމުގައި ތިބީ ކޮންބަޔެއްބާ؟ އަނގައިން ހިފަހައްޓާ މިނިސްޓަރ މަނިކުފާނު މޭޒުމަތީ އެއޮތީ ރަށް ރަށުގެ ލޭންޑް ޔޫސް ޕުލޭން ތާށިވެފައި..ވާނުވާގައި ރަށަކުން ދިރިއުޅެއްވެސް މަސައްކަތެއް ކުރަންވެސް ބިމެއްނުލިބޭ...ތިމާމެން ސުލޯކަމުން ތަރައްޤީނުވަނީ..