ރިޕޯޓް

އެންމެންނަށް ގެދޮރު: މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟

ފްލެޓް ހޯދަން ފޯމް ހުށަހަޅަނީ: ބޯހިޔާވަހިކަމަށް އާންމުން ތިބީ ފެންބޮވައިގެންފައި -- ފައިލް ފޮޓޯ: މިހާރު

ދިރިއުޅޭނެ ތަނެއް ނެތިގެން؛

- މުޅި މީހާ ހަފުސްވެ، ނަފުސާނީވެ، ގޮސް ހުސްވެ،

- ދިރިއުޅުން ހުއްޓި،

- ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވި،

- ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅު ކުއްޔަށް ދޭން ޖެހި،

އަދި އެ ޝަކުވާތަކަށް ދުވަހަކު ވެސް ނިމުމެއް ނާންނަނީ ކީއްވެ ހެއްޔެވެ؟ މިއީ ހައްލު ކުރެވެން ނެތް މައްސަލައަކީ ހެއްޔެވެ؟ ބޯހިޔާވަހިކަން ނުލިބިގެން އުޅެން މި ޖެހެނީ، އެއީ ހަމަ އެހާ ބޮޑު ކަމަކީ ހެއްޔެވެ؟

ހަގީގަތަށް ޖެހިލަމާ ހިނގާށެވެ! އަސްލު މައްސަލައިގެ ތެރެއަށް ފީނާލަމާ ހެއްޔެވެ!

ގައުމީ ސިޔާސަތެއް ނެތް، ކޮންމެ ދައުރަކު ސިޔާސަތު ބަދަލުވޭ!

ކުދި ރަށްރަށް ތަރައްގީކޮށްގެން ތަރައްގީ ގެނައުމަކީ ނާދިރު ކަމެއް ކަމަށް ގަބޫލުކޮށްގެން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ މެދުތެރޭގައި [90ގެ މެދުތެރޭގައި] ނިންމި ބޮޑު އެއް ސިޔާސަތަކީ، ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި، އެ ހަތް ސަރަހައްދު ތަރައްގީކުރުމެވެ. އެކަމަކު، އެކަން އިއުލާންކުރުން ފިޔަވައި އެހެން ކަމެއް ނުވި އެވެ. އޭގެ ފަހުން، އެމަނިކުފާނުގެ ދައުރުގެ ފަހުކޮޅު ރާއްޖެ ފަސް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރަން ވެސް ނިންމި އެވެ. އެ ތަންތަން ތަރައްގީކުރުމުގެ ޕްލޭނެއް ވެސް އެކުލަވާލި އެވެ. އަނެއްކޮޅުން މާލެ އަށް ބޮޑެތި އިންވެސްޓްތައްކޮށް، އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި މީހުން ބިންވެރިކުރުވަން ހުޅުމާލޭގެ ފަސްގަނޑު ފަތުރާލި އެވެ.

ރައީސް ކަމަށް މުހަންމަދު ނަޝީދު 2008 ގައި ވަޑައިގެންފައި ގެންގުޅުއްވި ސިޔާސަތަކީ މާލެ އަށް މީހުން ޖަމާނުކުރުމުގެ ސިޔާސަތެކެވެ. އެކަމަކު އެ ސިޔާސަތު ބޮޑަށް ދިޔައީ އިދާރީ މަސައްކަތެއްގެ ގޮތުގަ އެވެ. ޕްރޮވިންސްތަކެއް ހަދައި، ސަރަހައްދުގެ އިދާރީ ކަންކަން އެ ސަރަހައްދަކުން ބަލަހައްޓައި، މާލެ އަށް ބަރޯސާ ވުން ހުއްޓުވުން އެއީ އެމަނިކުފާނު ދެކެވަޑައިގަތް ނުވަފެނެކެވެ. އެކަމަކު، އެމަނިކުފާނުގެ ސަރުކާރަށް ނުވިސްނުނު ކަމަކީ، ތަރައްގީ އަކީ އިދާރީ ބަދަލުތައް ނޫން ކަމެވެ. ރަށްރަށުގައި ބިންވެރި ކުރުވައި، އިގްތިސާދީ ހަރަކާތްތަކެއް ނުހިންގުނެވެ. އެ ސިޔާސަތު ވެސް ފެއިލްވީ އެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގަތީ ރައީސް މުހަންމަދު ވަހީދެވެ. އަދި އޭގެ ފަހުން އަބްދުﷲ ޔާމީނެވެ. ޔާމީން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން މާލޭގެ ޑިމާންޑް އިތުރަށް އުފުލުނެވެ. އަދި މާލޭ ސަރަހައްދަށް މީހުން ޖަމާވުމަށް ފާޅުގައި އިއުލާން ކުރެއްވި އެވެ. ހުޅުމާލެ އާއި މާލެ ބްރިޖަކުން ގުޅާލުމާ އެކު، ކުރިމަގަކީ މާލެ ސަރަހައްދު ކަމަށް ވެގެން ދިޔަ އެވެ.

އޭގެ ފަހުން ވަޑައިގަތީ، އިބްރާހިމް މުހަންމަދު ސޯލިހެވެ. އެމަނިކުފާނު އަދިވެސް ވަކާލާތު ކުރައްވަނީ، އަދި މިސްރާބު ވެސް ހުރީ ލާމަރުކަޒީ ވިސްނެވުމުގަ އެވެ. އެކަމަކު، ދައުރު ނިމުމަކާ ގާތްވި އިރު ވެސް، އަސްލު ސިޔާސަތަކީ، ނުވަތަ، އުޅެން ދާންވީ ކޮން ތަނަކަށް ކަމެއް ރައްޔިތުންނަކަށް ސާފެއް ނުވެ އެވެ.

ފްލެޓަށް އެދި ފޯމް ހުށަހަޅަން ކިޔޫގައި: އެތައް ފަހަރަކު ފޯމް ހުށަހަޅައިފި، ފްލެޓެއް ނުލިބޭ -- ފައިލް ފޮޓޯ: މިހާރު

ހަގީގަތަކީ، ރާއްޖޭގައި ތަރައްގީގެ ގައުމީ ސިޔާސަތެއް ނެތް ކަމެވެ. މި ދެންނެވި ސާޅީހަކަށް އަހަރުގެ ތެރޭގައި މާލެ ތަރައްގީ ވެ އެވެ. ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިންގަ އެވެ. ބަނދަރު ވެސް ހަދަ އެވެ. ސްކޫލުތަކުގައި ކިޔަވައި ވެސް ދެ އެވެ.

ކޮންމެ ސަރުކާރަކުން ވެސް އެ ބައެއްގެ ވައުދުތަކާއި ސިޔާސަތު ކަނޑައަޅަނީ އެ ބަޔަކަށް ފަސޭހަ، އަދި އާންމުން އެ ވަގުތެއްގައި ތަހަންމަލު ކުރަމުންދާ ދަތި ކަމަކަށް ބަލައިފަ އެވެ. ރާއްޖެ ތަރައްގީކުރާނީ ކޮން މޮޑެލެއްގެ ދަށުންތޯ، ތަރައްގީކުރާނީ ކޮން ސަރަހައްދެއްގައިތޯ، މާލެ ސަރަހައްދު އިތުރަށް ތަރައްގީކުރާނީތޯ ނުވަތަ ރަށްރަށް ތަރައްގީކުރާނީތޯ މިއީ، ރާއްޖޭގައި ނިންމައިފައި އޮތް ސިޔާސަތެއް ނޫނެވެ. އެކަމަކު، ފެންނަނީ މާލެ ސަރަހައްދު ތަރައްގީވަމުން ދާތަނެވެ. އެހެންވެ، މާލެ އަށް ހިޖުރަކުރާ މީހުންގެ އަދަދު ކިތަންމެހާ ވެސް ގިނަ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެގެން އުޅޭ ހަގީގީ މައްސަލަ އަކީ ވެސް މި ސިޔާސަތު ނެތުމެވެ. ތަޖުރިބާކާރު ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ސިޔާސަތެއް ނެތްތާނގައި ބޯހިޔާވަހިކަން ބޭނުންވާ ހަގީގީ އަދަދެއް ވެސް ނޭނގެ އެވެ.

މިސްރާބެއް ނެތް، މިއީ ސިޔާސީ ޗަރުކޭހެއް!

ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ރިއަލް އެސްޓޭޓްގެ ވިޔަފާރި ކުރައްވާ، އަދި ދަގެނތީ ދާއިރާގެ މެމްބަރު، އެމްއެންޕީގެ ރައީސް މުހަންމަދު ނާޒިމް ވިދާޅުވި ގޮތުގައި ބޯހިޔާވަހި ކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ.

"ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން އެބަ ޕްލޭން ބަދަލުވޭ. ހުޅުމާލޭގައި އެކަންޏަށް ބެލިޔަސް، މިސާލަކަށް ރައީސް ވަހީދުގެ ދައުރުގައި ތަންތަން އިމާރާތްކުރަން ވަކި އުސޫލެއް ހަދާފައި އޮއްވާ ދެން އައި ސަރުކާރަކުން އެކަން ބަދަލުކޮށްފި. މިހިރަމިހިރަ ކަންކަން އޮންނަން ވާނީ ޕްލޭން ކުރެވިފައި. ސަރުކާރު ބަދަލުވިޔަސް ބަދަލުވެގެން ނުވާނެ ކަންކަން ހުންނަންވާނެ. ބޯހިޔާވަހިކަމަކީ އޭގެ ތެރެއިން އެއް ކަންތައް،" ނާޒިމް ވިދާޅުވި އެވެ.

"ވެރިކަމަށް އަންނަން ކޮންމެ ބޭފުޅަކު ވެސް މި ވައުދުވަނީ ފްލެޓް އަޅަން. ދަންނަވަންތޯ، އިމާރާތްތަކެއް އެޅުމަކުން އެއީ އަދި ހައުސިން ދެވުނީއެއް ނޫން. އެއާ ގުޅުން ހުރި ބައިވަރު އެހެން ކަންކަން ކުރަން ޖެހޭ. މި ސަރުކާރު ވެރިކަމަށް އަންނަން ވެސް 20،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ވައުދުވި. އަނެއްކޮޅުން މި ދައްކަނީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ. ޖަޒީރާ ރަށްތަކޭ ކިޔައިފައި. ރައްޔިތުންނަށް ހަދާނެ ގޮތެއް އެބަ އެނގެން ޖެހޭ. މިއީ ހަމަ ހުސް ސިޔާސީ ވާހަކަ. މިސްރާބެއް ނެތް."

ނާޒިމް: އޭނާ ވިދާޅުވަނީ ސިޔާސީ ކަމަކަށް ހަދައިގެން ބޯހިޔާވަހިކަން ހައްލުނުވާނެ ކަމަށް -- ފައިލް ފޮޓޯ: މިހާރު

އެޗްޑީސީގެ އެންމެ ފަހުގެ ޗެއާމަން އަދި ހުޅުމާލެ ޕްލޭން ކުރެއްވުމުގައި ވެސް ވަރަށް އިސްކޮށް އުޅުއްވި ސުހެއިލް އަހުމަދު ވެސް ވިދާޅުވި ގޮތުގައި، ދިރިއުޅުން ބިނާކުރަންވީ ކޮން ރަށެއްގައިތޯ ނުވަތަ އޭނާ އަށް ކުރިމަގު އޮތީ ކޮން ތާކު ދިރިއުޅެގެންކަން އެނގުން އެއީ އޭނާ އަށް ލިބެން ޖެހޭ ހައްގެކެވެ. އެކަމަކު، ރަށް ތަރައްގީ ކުރާނެ ކަމުގެ ވައުދާ އެކު އެ އުންމީދުގައި ހުރެ، އެކަން ނުވެ އުމުރުގެ ވަކި ހިސާބަކުން މާލެ އަންނަތަނުން އަނެއްކާ ވެސް ރަށް ތަރައްގީ ކުރާ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސަތެއް އޮންނަން އެބަޖެހޭ. ބޯހިޔާވަހި ކަމުގެ ސިޔާސަތާއި ތަރައްގީގެ ޕްލޭންތަކަކީ ކޮންމެ ސަރުކާރެއް އައިސް ބަދަލުކުރެވިގެން ވާނެ ސިޔާސަތެއް ނޫން. އެއަކާ ކުޅެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ، ފަސް އަހަރު މި ވޭތުވަނީ އޭގެ ގައުމީ ސިޔާސަތެއް ނެތި ކަމަށެވެ.

"ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ކިތައް މީހުންނަށްތޯ އެންމެ ފުރަތަމަ ނޭނގި، އެކަން ހައްލު ކުރާނީ ކިހިނެއް؟" އޭނާ ސުވާލު ކުރެއްވި އެވެ.

"މާލެ އަށް މީހުން ހިޖުރަ މި ކުރަނީ ބޯހިޔާވަހިކަން ހޯދާކަށް ނޫން. އެ ބޭނުން މި ވަނީ އެހެން ބޭނުންތަކެއް ފުރިހަމަ ކުރަން. ގެދޮރަކީ ދެ ވަނަ ކަންތައް. އޭގެ ކުރިން ތައުލީމާއި ސިއްހަތާއި ވަޒީފާ ކަހަލަ ކަންކަން ފުރިހަމަވާން މި ޖެހެނީ. އެކަން ކުރަން ބޯހިޔާވަހިކަން މި ބޭނުންވަނީ. އެއްދުވަހަކު ސަރުކާރުން ބުނެފާނެ މިވެނިތަނެއް ތަރައްގީ ކުރަނީއޭ. ދެން އޭނަ މަޑު މިކުރަނީ ރަށުގައި. އަނެއްކޮޅުން ސަރުކާރު ބަދަލުވެ ބުނެފާނެ މާލެ އަންނާށޭ މި ސަރަހައްދޭ ތަރައްގީ ކުރާނީ. މިހެން ހެދިގެން ނުވާނެ. އެއީ ބަދަލުވެގެން ވާނެ ކަހަލަ ސިޔާސަތެއް ނޫން،" ސުހެއިލް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސިޔާސަތެއް އޮވެ، ހައުސިން ބޭނުންވާ މީހުންގެ އަދަދު އެނގި ރަނގަޅު ޕްލޭނެއްކޮށްގެން، ގެދޮރުގެ މައްސަލަ އަކީ، ފަސޭހައިން ހައްލު ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އެކަންކަން ނުކޮށް ސަރުކާރުތަކުން ގެދޮރުގެ މައްސަލަ ނަގަނީ ސިޔާސީ ޗަރުކޭހެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިން ސްކީމެއް އިއުލާންކޮށްފައި މާލޭގައި ރަޖިސްޓްރީ ކުރެވޭ ގޮތް ހަދާލީމަ އެބަ އިނގޭ ވޯޓު ލިބޭނެކަން،" ނާޒިމް ވިދާޅުވި އެވެ.

"ގެދޮރު ބޭނުންވަނީ ކޮން ބައެއްތޯ، ކިހާ ވަރެއްތޯ ކަނޑަނޭޅި ހަމަ އަދަދުތަކެއް އެބަ އިއުލާން ކުރޭ. ކޮންސްޓްރަކްޝަނަކީ އެހެން ކުރެވޭނެ ކަމެއް ނޫން. ހަމަ ބޭނުންވާހާ އަދަދެއް ތަރައްގީއެއް ނުކުރެވޭނެ. އެއާ ގުޅިފައި ހުރި ވަރަށް ގިނަ ކަންކަން ހުންނާނެ ފުރިހަމަ ކުރަން. ބައްލަވާ ދެވަނަ ފިޔަވަހި. އެ މީހުން ގޮސް އެ ތިބެނީ ބީޗް ސައިޑްގައި. ކުރާނެ އިތުރު ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އެއީތޯ ބޯހިޔާވަހިކަން ދިނުމަކީ. އެއީތޯ ރައްޔިތު މީހާ އަށް ހައްގުވާ މިންވަރަކީ... ދިހަ ފޫޓު ހަމަނުވާ ކޮޓަރިއެއް ދިނުންތޯ ހައްގުވާ މިންވަރަކީ... ނޫން. އެއެއް ނޫން.

"ބަލާލަބަ މެލޭޝިޔާ ކަހަލަ ގައުމުތައް، ހައުސިން ސްކީމެއް ނިމޭއިރު ހުރިހާ ފެސިލިޓީއެއް ހުންނާނީ ގާއިމްކޮށްފައި. ކުޅޭނެ ޕާކްތަކަށް ދަންދެން."

ސުހެއިލް ވިދާޅުވީ ސިންގަޕޫރު ކަހަލަ ގައުމުތަކުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން އެންމެ ފުރަތަމަ އެކުލަވާލީ ގައުމީ ސިޔާސަތެއް ކަމަށެވެ. އެކަން ނުކޮށް "ދެމޭ ރަބަރެއްހެން" އޮންނަ ސިޔާސަތަކުން މިއީ ހައްލު ކުރެވިދާނެ މައްސަލައެއް ކަމަކަށް އޭނާ ދެކެވަޑައެއްނުގަންނަވަ އެވެ.

އަހަރަކު ދެ ތިން ބިލިއަން ރުފިޔާ ހޭދަކޮށްލަނިކޮށް 10 އަހަރުން ހައްލުވެދާނެ މައްސަލައެއް!

ގައުމީ ތަރައްގީގެ ވަކި ސިޔާސަތެއް ކަނޑައެޅިފައި ނެތަސް، ތަރައްގީ ވަމުން ދަނީ، އަދި ތަރައްގީ ކުރަމުން ވެސް ދަނީ މާލޭ ސަރަހައްދެވެ. ކުރިމަގަށް އަމާޒުކޮށްފައިވާ ބިޔަ މަޝްރޫއުތަކާއި މީހުން އާބާދު ކުރުމުގެ ސިޔާސަތު ވެސް އޮތީ މާލޭ ސަރަހައްދުގަ އެވެ. މާލެ އާއި ގުޅިފަޅު، އަދި ވިލިމާލެ ގުޅާލުމުގެ މަޝްރޫއާއި ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މާނައަކީ، ދެން ވެސް ކުރިމަގެއް އޮތިއްޔާ އޮތީ މާލެ ސަރަހައްދުގައި ކަމެވެ.

ލިޔެވިފައި ނެތަސް، އާންމުން އެ ސިޔާސަތު އެއީ ސިޔާސަތެއް ކަމަށް ނިންމައިފި އެވެ؛ ތަރައްގީ އޮތީ މާލޭގައި ކަމާ ދޭތެރޭ ސުވާލެއް ވެސް ނެތެވެ. ހިޔާ ފްލެޓްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ހިޖުރަކުރީ ރަށްރަށުގެ މީހުންނެވެ. މާނައަކީ ރަށްރަށުގައި އެ މީހުންނަށް ކުރިމަގެއް ނެތް ކަމަށް ގަބޫލު ކުރެވުމެވެ.

މާލެ ސަރަހައްދުގައި ގެދޮރު ބޭނުންވެގެން އުޅޭ ޖުމްލަ މީހުންގެ އަދަދަކީ ކޮބައިކަން ނޭނގުނަސް، އެ އަދަދު 20،000-25،000 އާ ދޭތެރޭގައި އުޅޭނެ ކަމަށް ބެލެވެ އެވެ. މިދިޔަ ސަރުކާރުން ހުޅުވާލި ހައުސިން ސްކީމަށް 23،000 އަށް ވުރެ ގިނަ މީހުން ފޯމު ލުމުގެ މާނައަކީ، އެ އެންމެންނަކީ ވެސް ގެދޮރު ބޭނުންވާ މީހުން ކަމެވެ.

ސުހައިލް: ބޯހިޔާވަހި ކަމުގެ ގައުމީ ސިޔާސަތެއް ބޭނުންވޭ -- ފައިލް ފޮޓޯ: މިހާރު

މި އެންމެންނަށް ގެދޮރު ފަހިކޮށްދިނުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ނާޒިމް ގަބޫލުކުރައްވަ އެވެ. އެކަމަކު، ނާޒިމް ޝައްކު އުފައްދަވާ ކަމަކީ، އެ އެންމެންނަކީ ގެދޮރު ބޭނުންވާ މީހުންތޯ އެވެ؟

"އެހެންވެ މި ދަންނަވަނީ ސޯޝަލް ހައުސިން ބޭނުންވާ މީހުންގެ އަދަދު ދެނެ ނުގަނެ އަޅަން ޖެހެނީ ކިތައް ފްލެޓްތޯއެއް ނުވެއް ނިންމޭނެއޭ. ކިހިނެއްތޯ ވައުދުވާނީ 20،000 މީހުން، 30،000 މީހުންނަށް ފްލެޓް އަޅަން،" އޭނާ އެއްސެވި އެވެ.

އެކަމަކު، އެ އަދަދަށް މީހުން ތިއްބަސް، އެ އެންމެންނަށް ވެސް ގެދޮރު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ރަނގަޅު ޕްލޭނެއްގެ ދަށުން އުނދަގޫ ކަމެއް ނޫން ކަމަށް، ނާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

ހިޔާގެ 16 ޓަވަރަށް ހަރަދުވި ޖުމްލަ އަގަކީ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ. ޖުމްލަ 6720 ފްލެޓް ހުރި އެ މަޝްރޫއުގެ، ގާތްގަނޑަކަށް 500 ވަރަކަށް އަކަފޫޓުގެ ދެ ކޮޓަރީގެ ފްލެޓެއް ޖެހިފައި ހުރީ މިލިއަނެއްހާ ރުފިޔާ އަށެވެ. އެއީ ފިނިޝިން ނުލަ އެވެ. ސަރުކާރުން އިމާރާތް ކުރި، ވިނަރެސް ފްލެޓްތަކަށް ހޭދަވީ 180 މިލިއަން ޑޮލަރެވެ. އެއީ 1344 ފްލެޓެވެ. ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ޖެހިފައި ހުރީ 1.8 މިލިއަން ރުފިޔާ އެވެ. އެއީ ފިނިޝިންއާ އެކު އެވެ.

ސުހެއިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު ބޮޑު ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށާއި އެއަށް ވުރެ ވެސް ކުޑަ އަގެއްގައި އެކަން ކުރެވުނީސް ކަމަށެވެ. އޭގެ މާނައަކީ އެ ފެންވަރުގައި ސޯޝަލް ހައުސިން ފޯރުކޮށްދޭން ހަތަރު ފަސް މީހުންގެ އާއިލާ އަކަށް މިލިއަނެއް ވެސް ހަރަދު ނުވާނެ ކަމެވެ.

އިމާރާތް ކުރުމުގެ ރޭޓްތައް ހުރި ގޮތުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ނުވަތަ ދަމާލައިފައި އޮތް ކިޔޫ ހުސްކޮށްލަން މިހާރު ބޭނުން ވަނީ ވިއްސަކަށް ބިލިއަން ރުފިޔާ އެވެ. ސަރުކާރުގެ ބަޖެޓަށް އަހަރަކު އެންމެ ދެ ބިލިއަން ރުފިޔާ އިތުރުކޮށްލަނިކޮށް، ނުވަތަ ބައެއް ދާއިރާތަކުން ހަރަދު ކުޑަކޮށްލައިގެން ނުވަތަ ބާކީ ކޮށްލައިގެން ވެސް 10 އަހަރުގެ ތެރޭގައި އެއީ ހައްލު ކުރެވިދާނެ މައްސަލައެކެވެ. އެ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެ އެވެ.

"އެކަމަކު ބޯހިޔާވަހިކަން އެކަނި ފޯރުކޮށްދިނުމަކީ މުޅި މި މައްސަލައިގެ ހައްލެއް ނޫން. ދައުލަތުން އެބަ ޖެހޭ ހަމަ އެއާ އެކު އެ މީހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ވެސް ގާއިމްކުރަން. ހަމައެކަނި ހިލޭ ގެދޮރު ދިނުމަކުން ނިމެން އޮތް ކަމެއް ނަމަ ވަރަށް ފަސޭހަ ވީސް،" ދައުލަތުގެ ބަޖެޓް ތައްޔާރު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ، ފިނޭންސް މިނިސްޓްރީގެ ޗީފް ބަޖެޓް އޮފިސަރު އަހުމަދު ސަރުވާޝް އާދަމް ވިދާޅުވި އެވެ.

"ސިޔާސަތެއް އެބަ އޮންނަން ޖެހޭ ހިލޭ ގެދޮރު ދިނުމުގައި ވެސް. މިސާލަކަށް ހިޔާގެ ސްކީމަށް ބަލާއިރު ދިމާވި އެއް މައްސަލައަކީ، ލޯނު ދައްކަން ޖެހޭ 10 އަހަރުގެ ތެރޭގައި. އެ ލޯނު ދައްކަން ފަށަން ޖެހޭ ދެ އަހަރުގެ ތެރޭގައި. ދެ އަހަރުގެ ތެރޭގައި ލޯނު ދައްކަން ނުފެށި، އަނެއްކޮޅުން ކޮންމެ ފްލެޓަކަށް 11،000ރ. ދައްކަން ޖެހޭއިރު ފްލެޓަކުން ދައްކަން ނިންމުނު އަދަދަކީ 7،000 ރުފިޔާ. ބާކީ ބައި އެއީ ސަރުކާރުން ޒިންމާ ވާން ޖެހޭ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި އަނެއް ކަމަކީ، އެންމެންނަށް ބޯހިޔާވަހިކަން ދިނުމަށް ބަޖެޓުން ބާކީ ކުރެވޭނެ ގޮތެކެވެ.

"ބޯހިޔާވަހި ކަމަށް މިހާރު ވެސް ކޮންމެ އަހަރަކު ބަޖެޓްގައި އެބަ ޖަހާ 500 މިލިއަނާ ގާތަށް. އެކަމަކު އޭގެ ޕޮލިސީ ވެސް މުހިންމު. މިހާރު ޖީޑީޕީގެ 40 ޕަސެންޓާ ހަމައަށް ހަރަދު އެބަހުރި. އެކަމަކު ޖީޑީޕީ ހުރީ 28 ޕަސެންޓްގައި. އެއިން ކޮން ހަރަދެއްތޯ ހުއްޓާލާނީ އެއީ ވަރަށް ބޮޑު ބަހުސެއް. ގާނޫނުއަސާސީގައި އެބަ ބުނޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ވާހަކަ. އެ ހުއްޓާލާނީތޯ، އާސަންދަ އާއި އެންސްޕާގެ ނުވަތަ އެހެން ހަރަދުތައް ހުއްޓާލައިފައި އެއިން ފްލެޓް އަޅާނީތޯ މިއީ ގޮތް ނިންމަން ޖެހޭ ކަމަކީ."

މާލޭގެ ޑިމާންޑް ދަށްވެ، ބޭންކްތައް ބަނގުރޫޓުވެދާނެ؟

އާންމުން ތުހުމަތު ކުރާ ގޮތުގައި ވިއްސަކަށް ނުވަތަ ފަންސަވީހަކަށް ހާސް ފްލެޓް އެޅުމަކީ ސަރުކާރަކަށް ނުވާނެ ކަމެއް ނޫނެވެ. އެއީ ކުރަން އުޅެފި ނަމަ، ވަރަށް ފަސޭހައިން ވާނެ ކަމެކެވެ. އެކަމަކު، ސިޔާސީ ބޭނުމުގައި ރައްޔިތުންނަށް "ވިއްކާނެ" ވައުދެއް އޮތުން މުހިންމު ވާތީ، ބޯހިޔާވަހިކަމުގެ މައްސަލަ އެގޮތުގައި ދަންމާލަނީ އެވެ. އަނެއް ކަމަކީ، މާލޭގެ ގެދޮރުގެ ކުލި ވެއްޓިދާނެތީ އާއި ނަގާފައި ހުރި ލޯނުތައް ނުދެއްކިދާނެތީ، ބޭންކުތައް ބަނގުރޫޓު ވުމުގެ ފުރުސަތު އޮތުމެވެ.

އެކަމަކު ނާޒިމް ވިދާޅުވީ، ދެވަނަ ފޭސް އަށް ގާތްގަނޑަކަށް ބައި ލައްކައެއްހާ މީހުން ބަދަލުވި އިރު ވެސް މާލެ އަށް އެނގުމެއް ނުވި ކަމަށެވެ.

"ދުނިޔޭގެ ކޮން ގައުމެއްގައިތޯ އޮތީ ކެޕިޓަލް ސިޓީގެ އަގު ވެއްޓިފައި،" އޭނާ ވިދާޅުވި އެވެ.

ސަރުވާޝް ވެސް ވިދާޅުވީ ހައުސިން ސްކީމްތަކަކީ، ނަގާފައި ހުރި ލޯނުތަކަށް ނުވަތަ އިގްތިސާދަށް ވެސް އޮތް ބިރެއް ނޫން ކަމަށެވެ.

"ބޭންކްތަކުގެ އެންމެ ބޮޑު ވިޔަފާރިއެއް ނޫން ރިއަލް އެސްޓޭޓަށް ދޫކޮށްފައި ހުރި ލޯނަކީ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު އޭނާ ވިދާޅުވި އެއް މައްސަލަ އަކީ ސަރުކާރުން ރިޔަލް އެސްޓޭޓްގެ ތެރެއަށް ވަނުމުން ސިޔާސީ ގޮތުން އަންނަ ޕްރެޝަރުތަކާ ހެދި ލިބޭ ގެއްލުންތަކެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަ އަކަށް ބޯހިޔާވަހިކަމުގެ މައްސަލަ ވީ ވެސް، އޭގެ ތެރެއަށް ސިޔާސަތެއް ނެތި ވަނުން ކަމަށެވެ.

"އަސްލު މައްސަލަ އަށް ފަރުވާ ނުކުރެވި މި މައްސަލައިގެ ވަދެވިފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ.

ސުހެއިލް ވެސް ވިދާޅުވީ ހަމަ އެ ވާހަކަ އެވެ؛ އޭނާ ވެސް ވިދާޅުވީ ސަރުކާރުތަކުން މީގެ ތެރޭގައި ސިޔާސީ ގޮތުން ވަރަށް ގިނަ ކަންކަން އެބަ ހިންގާ ކަމަށެވެ.

"މުޅި މައްސަލައިގެ އަސްލަކީ ކޮބައިތޯ އެއީ ދެނެގަންނަން ޖެހޭ ކަމަކީ. އެކަން ހައްލު ނުވެ ސިޔާސަތެއް، މިސްރާބެއް ނެތި ގެދޮރު އެޅިޔަކަސް ކަމަކު ނުދާނެ. މިހާރު ރަށްރަށުގައި ވެސް ހައުސިން ސްކީމްތައް ހިންގަނީ. މާލޭގައި ވެސް ހިންގަނީ. ނިންމަންވީ ކަމަކީ ކޮންކޮން ތަނެއްތޯ ތަރައްގީ ކުރާނީ. ސިޔާސީ ގޮތުން މިކަން މިގޮތަށް ބޭނުންކޮށްގެން މައްސަލައެއް ހައްލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހިއްކަން ފެށީއްސުރެ މިއަދާ ހަމައަށް 30 އަހަރާ ގާތްވާއިރު، ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި މިއޮތީ މަދު އާބާދީއަކަށެވެ. އަހަރެއްގެ މައްޗަށް ބަހާލައިފި ނަމަ، އަހަރަކު 2،000 މީހުންނަށް ނުވަތަ 300 އާއިލާ އަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައެއް ނުވެ އެވެ.

ދިހަ އަހަރުގެ ތެރޭގައި ސާޅީހަކަށް ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން އެންމެންނަށް ބޯހިޔާވަހިކަން ދިނުމަކީ ސަރުކާރަކަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެއީ ރައްޔިތުން އަނބުރާ ދައްކާނެ ފައިސާ އެވެ. އެ ޑިމާންޑް ވެސް އެބައޮތެވެ. ބޭނުން ވަނީ ބޯހިޔާވަހިކަމުގެ ރަނގަޅު ސިޔާސަތެކެވެ. ހަރުދަނާ ޕްލޭންތަކެކެވެ.

ދިރިއުޅޭނެ ތަނެއް ނެތިގެން ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވި، ދިރިއުޅުން ހުއްޓި، ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅު ކުއްޔަށް ދޭން ޖެހި، އުމުރު ނިމިގެން މިދަނީ އިންތިޒާރާއި އުންމީދުގައި ތިއްބަ އެވެ. އެ ޝަކުވާ އަށް ނިމުމެއް ނެތެވެ. އެކަމަކު، ހައްލު ކުރުމުގެ އިހުލާސްތެރި ނިޔަތެއް އޮތް މައްސަލައެއް ނަމަ، އެއީ ހައްލު ކުރަން ވަރަށް ފަސޭހަ މައްސަލައެކެވެ.

66 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

21 September 2022

ކ.އަތޮޅު މާލޭގެ ރަށްވެހިންނަކަށް ގެދޮރުގެ މައްސަލައޮތްކަމަށް ބުނާތީ ޙައިރާންވޭ. ތިރަށުގެ 18 އަހަރުންމަތީ ރަށްވެހިންގެ އަދަދަށްވުރެން އިތުރަށް އެތައްސަތޭގަ ގޭބިސީ ތިރަށުގައި އެބަހުރި. # ދައުލަތްދަރަނިކޮށް ލޯނުނަގައިގެން ފުލެޓްގެނަމުގައި އަޅާދޭންތިއުޅެނީ ތިރަށުމީހުން އާމްދަނީހޯދާނެ ވަސީލަތެއްގެގޮތުން ކުއްޔަށްދީގެންފައިސާހޯދަން ވެދުންކުރާ ފުލެޓްތަކެއް. # ޤާނޫނަކުންމެނުވީ މިމީހުންގެމުޑުދާރު މިއަމަލުނުހުއްޓުވޭނެ. މަޖިލީހުން އަވަހަށް ޤާނޫނެއްހަދަންޖެހޭ

The name is already taken The name is available. Register?

ހުސައިން830

21 September 2022

ރާއްޖެތަރައްޤީ ކުރެވޭނީ އެއްފަސްކުރެވިގެން. 300 މީހުން ދިރިނޫޅޭ ރަށްރަށުގައި އިންޖީނުގެއާއި ސްކޫލާއި، ސިއްހީމަރުކަޒާއި، ފެނާއި ނަރުދަމާ، ބަނދަރާއި މިނޫނަސް އެތައް ހިދުމަތެއް ޤާއިމްކުރަން އެބަޖެހޭ. އެތަށް މިލިޔަން ރުފިޔާއެއް މުއައްސަސާތަކަށް އެބަ ހަރަދުވޭ. މިހާރުވެސް ހިޔާފުލެޓެއްގައި އާބާދީއަށް ބަލާނަމަ ދެތިން ރަށުގެމީހުން އެބައުޅޭ. އެއްފަސްކޮށް 50 ހާހުގެ އާބާދީތައް ހަދައި 3 ކޮޓަރީގެ ޒަމާނީ ހިދުމަތްތަކާއެކު ސަޅިކޮށް ދިވެހިންނަށް އުޅެވެން އެބައޮތް.

The name is already taken The name is available. Register?

ނެތޭވަގުތެއް

21 September 2022

އެމެރިކާގެ އެންމެ މޮޅު މީހުންގެ ފޯކާސްޓުން ރާއްޖެ އެއްކޮށް އަޑިއަށްދާނެ ކަމަށް އަންދާޒާ ކުރާ އަހަރަށް ބަލާއިރު ތިޔަ ސިޔާސީ ކޯޅުން ކޯޅެން ދެން އޮތީ އެންމެ ގިނަވެގެންވެސް 30ހަކަށް އަހަރު.

The name is already taken The name is available. Register?

ޢަޖައިބު ހީވޭ!

21 September 2022

އާނއެކެވެ! މުޅި ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް "މާލެއިން" ގެދޮރު ދިނުމަކީ، ހަމައެކަނި އުނދަގޫ ކަމަކީ ނޫނެވެ! ކުރެވޭނެ ކަމެއް ވެސް ނޫނެވެ!

The name is already taken The name is available. Register?

1206

21 September 2022

"އެ މަނިކުފާނު ދެކެވަޑައިގަތް 'ނު'ވަފެނެކެވެ. އޮޅުމަކުން ނަމަ ވެސް ތިޔަ ލިޔުނީ ރަނގަޅެވެ. ހާސިލު ނުވާ ނުވަތަ ހާސިލު ވުން ދުރު 'ހުވަފެނަ'ށް 'ނުވަފެން' ކިޔުން ހަމަ ރަނގަޅެވެ. މި ބަސް ދިވެހި ބަސްފޮތުގައި ހިމަނައިދެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ކިބައިން ވަރަށް އެދެމެވެ. މާނަޔަކަށް ލިޔާނީ ދުށް ހުވަފެނުގެ ތެރެއިން ހާސިލު ނުވާ ނުވަތަ ހާސިލު ނުވެދާ ނުވަތަ ހާސިލު ވުން ދުރު ހުވަފެން.

The name is already taken The name is available. Register?

އަފްރާސިޔާބު

21 September 2022

ނަޝީދުގެ ވިސްނުން ރަނގަޅު. މައްސަލައަކަށްވާނީ އަރިހުގައި ތިއްބަވާ ބޭފުޅުންނާ އާއިލީ ބޭފުޅުންގެ މަސްލަހަތު ރާއްޖެތެރޭގެ ރައްގީއާ ފުށުއަރާ ހިސާބުން. މާލޭ ކައިރީ ރިސޯޓުތަކުން އައްޑޫ ހުވަދޫ މީހުން ދިޔައީމާ އެތަންތަން ފުރާނެ ދިވެހިން ނެތޭ ހިސާބުން. އާބާދީ ކުޑަވި ހިސާބުން. ފަގީރުވެދާނެތީ ބިރުން އާބާދީ ކޮންޓްރޯލް ކުރިހިސާބުން މިގައުމު އޮޔާ ދިޔައީ. މަސައްކަތްކުރާނޭ ދިވެއްސަކު ނުލިބިގެން ބޭރުން އިމްޕޯޓް ކުރަންޖެހުނީ. ތަރައްގީވީ ބޮޑެތި އާބާދީތައް.

The name is already taken The name is available. Register?

އަފްރާސިޔާބު

21 September 2022

އާމްދަނީ ލިބޭނޭ ވަސީލަތެއްނެތި ކިތަންމެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގިޔަސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުކުރެވޭ.ޗައިނާ ނަމޫނާއަކަށް ނަންގަވާ. ވެރިން ވަޑައިގެން ދަނޑުވެރިން ކައިރީ އެއަހަނީ ކޮންކަމެއްހޭ ތިޔަކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވަނީ. ގެދޮރު ބިނާކުރާއިރު ބޭނުންވާ ހުރިހާ ފެސިލީޓީއެއްހެން ގާއިމުކޮށްފާ ދޫކޮށްލަނީ. ތިބުނާ ސަރަހައްދުތައް ތަރައްގީކުރަން އަމަލީ މަސައްކަތްފެށިހިސާބުން ވެރިކަން ގެއްލިދާނެތީ އެމީހަކު ބޭރުކޮށްލީ.

The name is already taken The name is available. Register?

ޒުވާންދިވެހި

21 September 2022

ބޯހިޔާވަހިކަން ނުދެވެންޏާ ކޮން ތަރައްގީއެއް އޮންނާނީ ،މި ގައުމު މަސައްކަތް ކުރާ އުމުރު ފުރަޔާ ޒުވާނުންވަނީ މާޔޫސްވެފަ.ރަނގަޅު ބޯހިޔާވަހިކަމުގެ ރަނގަޅު ކޮޅުމައްޗެއް ފެންނާކަށެއް ނެތް. އަބަދުވެސް އިވެނީ އަސްލަމް ދައްްކާ ބޭކަރު ވާހަކަ

The name is already taken The name is available. Register?

ޖުހާނާ

21 September 2022

ޚަރަދު ކުޑަކުރާނެ ގޮތް ސަރުވަޝްއަށް ނޭނގެނީތަ؟ ބޭނުންވާ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ސިޔާސީ މަގާމުތައް އުފައްދައިގެން ޕާޓީ ކުދިންނަށާއި ގާތް މީހުންނަށް ދީފައިވާ ވަޒީފާތައް މަދުކުރީމާ މަހަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު ކުޑަވާނެ. އެގޮތަށް ވަޒީފާތައް އުފައްދައިގެން ރައްޔިތުންގެ ފައިސާ ޚަރަދުކުރުމަކީ ޤާނޫނީގޮތުން ލިބިފައިވާ އިޚުތިޔާރަކަށް ވިޔަސް، އިސްލާމް ދީނުގައި އެއީ ހުއްދަ ކަމަކަށް ނުވާނެ.

The name is already taken The name is available. Register?

ބަޑިތަކުރު

21 September 2022

ފްލެޓްއަޅަން ކިތަންމެ ގިނައިންވެސް ލޯނުނަގަން ޖެހިލުންވާކަށް ނުޖެހެއެވެ. އޭގެ އަގު ފްލެޓް ލިބޭމީހާ ދައްކާނެއެވެ. ކުރަންވީ އެއްކަމަކީ ޤާނޫނެއްގައި ސާފުކޮށް އަގުއަދާކުރަން ޖެހޭގޮތާއި ގަސްތުގައި އަގު ނުދައްކާ މީހުންނާއި ގަވާއިދުން ނުދެއްކޭ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންވެފައި އޮންނަންވީއެވެ. ދައްކާ މީހާ ދައްކާފައި ނުދައްކާ މީހާ ނުދައްކާ ތިބޭއިރު އެޅޭ އެއްވެސް ފިޔަވަޅެއް ނޯންނަންޏާ ފްލެޓް އެޅުމަށްވެސް ލޯނުނަގަން ޖެހިލުންވާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454