ސޮލާހު
25 ސެޕްޓެމްބަރ 2022 - 12:52
ރާއްޖޭގައި ރިސޯޓް ހިންގާ އެންމެ ބޮޑު އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމަށް މުހަންމަދު ސޮލާހު ހަމަޖައްސައިފި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިވަރުގެ ވަޒީފާއަކަށް ދިވެއްސަކު ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ނުވަ ރިސޯޓާއި ސިޓީ ހޮޓަލެއް ހިންގާ ރާއްޖޭގެ މުއްސަނދި ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއޯއޯ އަކީ ކުންފުނީގެ ރިސޯޓްތައް ހިންގުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ބޭފުޅާ އެވެ. އެ ކުންފުނިން ޅ. އަތޮޅުގައި ފަސް ރިސޯޓް، މާލެ އަތޮޅުގައި ދެ ރިސޯޓް އަދި އއ. އާއި އދ. ގައި ދެ ރިސޯޓް ހިންގާ އިރު ޅ. އަތޮޅުގައި އިތުރު ދެ ރިސޯޓެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.
ޓޫރިޒަމް ދާއިރާގައި އެންމެ ދުވަސްވީ، އަދި ރާއްޖޭގެ ޓޫރިޒަމް ފެށުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ހިއްސާ އޮތް ކުންފުނީގެ ސީއޯއޯގެ މަގާމު މީގެ ކުރިން އަބަދު ވެސް ފުރުއްވަމުން ގެންދެވީ ބޭރު މީހުންނެވެ.
އުމުރުން 21 އަހަރުގައި ޓޫރިޒަމް ދާއިރާ އަށް ވެދެވަޑައިގަތް، ހއ. ދިއްދު އަށް އުފަން ސޮލާހަކީ ވޭތުވެދިޔަ 20 އަހަރު ޓޫރިޒަމް ދާއިރާގެ އެންމެ އާދައިގެ ވަޒީފާތަކުން މި ހިސާބަށް ވަޑައިގަތް ބޭފުޅެކެވެ. އޭނާ ސްކޫލު ނިންމާލެއްވުމަށް ފަހު އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ މީރުފެންފުށި ރިސޯޓްގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެކި ފަންތިތަކުގައި ވަޒީފާ އަދާކުރައްވައި، އަދި ލިބިވަޑައިގަންނަވާ ފުރުސަތުތަކުގައި ރާއްޖެ އިން ބޭރުން ކިޔަވާ ވިދާޅުވާން ވަޑައިގަންނަވަ އެވެ. އޭނާ އަކީ މިހާރު ޓޫރިޒަމްގައި އެންމެ ތަފާތު ވަޒީފާތައް އަދާކުރެއްވި އެއް ބޭފުޅާ ވެސް މެ އެވެ. އޭނާ ވަނީ މި ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
ސޮލާހުގެ ބައެއް ހިދުމަތްތައް ކުރުކޮށް:
- 2021- ދުބާއީގެ ޒާޔާ އަލް ބަރާރީގެ ކްލަސްޓާގެ ޖެނެރަލް މެނޭޖަރުކަން
- 2018- ކޮމަންޑޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރުކަން
- 2018- ކުޑަދޫ ރިސޯޓްގެ މެނޭޖަރުކަން
- 2017- ހުރަވަޅި ރިސޯޓްގެ ޑިރެކްޓަ އޮޕަރޭޝަންސް
- 2015- ޒާޔާ ނުރާއި އައިލެންޑް (ދުބާއީ)ގެ ރޫމް އޮޕަރޭޝަންސް މެނޭޖަރު
- 2014- އަމިއްލަފުށި ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރު
- 2013- ވިލަމެންދޫ ރިސޯޓްގެ ޑިރެކްޓަ އޮޕަރޭޝަންސް
- 2002- މީރު އައިލެންޑް ރިސޯޓްގެ ރިސެޕްޝަނުން ފެށިގެން ގޮސް ރޫމް ޑިވިޝަން މެނޭޖަރާ ހަމައަށް
ސޮލާހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ ރިސޯޓްގައި ހުންނަވައިގެންނެވެ. އެކަމަކު އެ ކުންފުނީގެ ހުރިހާ ރިސޯޓްތަކަށް އޭނާ ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
ސޮލާހު ވިދާޅުވި ގޮތުގައި އޭނާ އަށް މި ލިބިވަޑައިގަތީ ކެރިއާގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ވަޒީފާ އެކެވެ. އަދި އެއީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި ސިފަ ކުރައްވައި ވިދާޅުވީ، އެ ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ.
"އަޅުގަނޑުގެ ޒިންމާއަކަށް ވާނީ ކުންފުނި އިތުރު ހަރުފަތަކަށް ގެންދިއުން،" އަންނަ މަހު 1 ގައި ވަޒީފާއާ ގުޅިވަޑައިގަންނަވާ ސޮލާހު ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާގެ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި މިއީ. އެތައް ހާސް މުވައްޒަފުންނެއް އެބަ މަސައްކަތް ކުރޭ އެކި ރިސޯޓްތަކުގައި. އެތައް ބައިވަރު ގައުމެއްގެ މީހުން އެބަ މަސައްކަތް ކުރޭ."
"މިއީ ވަރަށް ބޮޑު ހަރުފަތެއް ކެރިއާގައި ލިބުނު. ވަރަށް ބޮޑު އުފަލެއް. ހާޑް ވޯކަށް ލިބުނު ރިވޯޑެއް."
އޭނާ ވިދާޅުވީ، މިއިން ދައްކައިދެނީ ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް އޮތް ކަން ކަމަށެވެ. އަދި ވިދާޅުވީ، ހުރިހާ ވެސް ކާމިޔާބަކީ އެ މީހަކު އަދާކުރާ ތަޖުރިބާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ތަޖުރިބާ އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް. އަޅުގަނޑު ވެސް ވަރަށް ގިނަ ތަޖުރިބާކޮށްފިން މި ދާއިރާގައި. އެއީ ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް މިކަން ސިފަވީ މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުން ޖޫނިއާ ވަޒީފާއެއް ކަމަށް ގަބޫލުކޮށްގެން ނުތިބުން. ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ދުބާއީން ވެސް މި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދަސްވި އެއްޗަކީ އެވްރީތިން އިޒް ޕޮސިބަލް ކަން. ނުވާނެ ކަމެއް ނޯންނާނެކަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަންޕާައަފީފުބެ
26 September 2022
މީހަމަ ނަމެއްގަ... މީނަގެ އަސްލު ވަޒީފާ އަކީ ޗަންޕާ ރިސޯޓްސްގެ އޮޕަރޭޝަން މެނޭޖަރުކަން.. ފައިސާ އެޕްރުވަލް ކުރަން ތިބޭނީ ބޭރުމީހުން.. 10ރ ހެ ޕޭމަންޓްވެސް އެޕްރުވަލް ނުދެވޭނެ. މުވައްޒަފުން ކަންތައްތަކުގަ ބަސްބުނުމުގެ އެއްވެސް ބާރެއް ނޯއްނާނެ،...
މަރުޙަބާ
25 September 2022
އަލަށް ޗަންޕާމެން ދިނެވެއްސަަކަށް ސީ ކެޓެގަރީގެ ވަޒީފާޔެއްތިދިނީ.. މީގެ ކުރިން ހުސް ބޭރުމީހުން.. މިސާލަކަށް ވިލާގެ ސީއެފްއޯ، ސީސީއޯ އަދި ސީއޯއޯ އަކީދިވެހިން... ބޭރުއެކަކުވެސް ނެެތް.. އަބަދު އާފިލުކަމެއްގަތިބެ ގާސިމަށްބަވާލާފަ ބަކަޔަކު އުޅުނަސް މިހަގިގަށް މަޑުމަޑުން މީހުން ބަލައިގަންނާނެ އަދި.. އެހެން ކުންފުނިތަކުންވެސް ސީ ކެޓެގަރީގެ ވަޒީފާ ދިވެހިންނަށް ދޭން މަޖުބޫރުވާނެ..
ޢަސްވާރު
25 September 2022
މާޝާﷲ، މަރުޙަބާ ޞަލާޙް! މާތްﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދެން. ދުނިޔެއާއި އެެއްވަރަށް އާޚިރަތް ހޯދަންވެސް މަސަައްކަތްކުރާ މީހަކަށް ވާނެ ކަމަށް އުންމީދު ކުރަން!
މުރާސިލް
25 September 2022
ސޮލާއަށް ވަރަށް ބޮޑަށް މަރުޚަބާ ކިޔަމެވެ. މިޚަބަރުގައި ހިމަނާފައިވާ ސޮލާގެ ފޯޓޮއިން އަޅުގަޑުގެ ހަނދާންގޮސް ގުޅެނީ 1998ގައި އީޕީއެސްގައި އަޅުގަޑުމެން ކިޔަވަން އުޅުނުއިރުގެ ދުވަސްވަރާއެވެ. ސޮލާއަކީ އޭރުވެސް ވަރަށް ހިތް ހެޔޮ އަދި މަޖާ އަދި އެވަރަށް ސަކަރާއްޖަހާ އުޅުނު ބޭފުޅެކެވެ. މިފޮޓޯއިންވެސް ސޮލާފެނުނީމައި އަޅުގަނޑުގާތަށް އައީ ހަަމަ ހިންޏެވެ. އޭރުގެ ސޮލާ ހަނދާންވީމައެވެ. ސޮލާއަށް އިތުރު ކާމިޔާބީއަށް އަދި ފާގަތި މުސްތަޤުބަލަކަށް އެދެމެވެ.
މަނިކުބޭގެކަޅުޗީ
25 September 2022
މިގައުމުގައި އެބަތިބި ވަރަށް ތައުލީމީ ހުނަރުވެރި ބޯބޮޑު ޒުވާނުން. ކާކުބާ އެމީހުން ކުރިއަރުވަން ހިތްވަރުދެނީ. މީހުން ބިނާކޮށް ގައުމުގެ ކުންފުނިތަކުގެ އިސްސަފުގައި ގަވާއިދެއްގެ ދަށުން ދިވެހިން ހަރަކާތެރިކުރުވުމަކީ ސަރުކާރުގެ މަސްއޫލިޔަތެއް ކަމަށްވާއިރު އެކަމެއް ވާތަނެއްނުފެނޭ. މިކުޑަކުޑަ ގައުމުގައި މަސައްކަތް ކުރަން ހިތުހުރިވަރަކަށް އެއްވެސް ހިފެހެއްޓުމެއްނެތި ބޭރުމީހުން. އަމުދުން ޓްއަރިޒަމްގެ ކަންކަން އިސްލާހުކުރުމަށް ސަރުކާރުވަނީ ނުކުޅެދިފަ.
މުތަ
25 September 2022
ރިސޯޓު ސަޕްލައިގެ މާލޭގަ ފިހާރަ ހަދައިގެން އުޅޭ ބޭރުމީހުންތައް އެބަޖެހޭ ބޭރުކުރަން މީ ނުގަވައިދުން ހިންގާ ވަގުވިޔަފާރި. މީ މިރާއްޖޭގެ ޓުރޭޑު މިނިސްޓުރީގެ ސަބަބުން ރާއްޖެޔައް ލިބޭ ގެއްލުން. ނިންކަން ދިވެއްސަކު ތި ވިޔަފާރިކޮއްބަލަ ލަންކާ އިންޑިޔާ ނޫނީ ބަންގާޅުގަ، ހަލިހެއްނޫން. އޮންނާނީޖަލުގަ ޕެސްޓު ކޮންޓުރޯލް، ކެމިކަލް، ތަރުކާރީ މީ ބޭރުމީހުން ޑޮމިނޭޓް ކުރާ ވިޔަފާރިތައް.
ހިޔާލީ އަލީ
25 September 2022
އެކަން ކުރަނީ ދިވެހިންގެ ލޮބުވެތި ލަންކާ ބޭފުޅުން. ދުވަހަކުވެސް މި ގައުމަށް އެހީނުވާ އެކަމަކު ހުރިހާ ދިވެހިންތައް ލާރިތަޅާ ބުރުވާ ލަންކާ މީހުން ރާއްޖޭގަ ވިޔަފާރި ކުރަނީ ތިބުނާ ރިސޯޓު ސަޕްލައިވެސް އަދި ފެނަކަ ސްޓެލްކޯގެ ސަޕްލައިވެސް. އިންޑިޔާ ޗައިނާ ނަމަ މިހާރު ވަރަށް ފޯރި ހުރިސް (އެވަރަށް އެ ދެ ގައުމު އެހީވާއިރުވެސް)
އަސްލުވެސްދޯ
25 September 2022
ދިވެހީންނަށް ބޮޑެތި މަގާމުތައް ލިބުނަސް، ދިވެހީންގެ ވިޔަފާރިތަކަށް ރިސޯޓްތަކުން ފުރުސަތެއް ނުލިބޭ. ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއްވެސް ކުރަނީ ބިދޭސީންގެ ކުންފުނިތަކުން ނޫނީ އެ ރިސޯޓް އޯނަރުންގެ ސިސްޓަރ ކޮމްޕެނީޒްއިން.
އުފަލެއްނެތް
25 September 2022
ދިވެއްސަކަށްވީތީ މަރުހަބާ ކިޔަން. މީ ދިވެހިރައްޔިތުން އުފާކުރަންޖެހޭ ކަމެއް ނޫން. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ އެންމެ ހިއްސާއެއް ގަތުމުގެ ފުރުޞަތު ރައްޔިތުންނަށް ނުލިބޭގޮތަށް މަހުޖަނުން މިހިންގާ ޖަރީމާގައި ރައްޔިތުން ބިކަވަނީ. ޓޫރިޒަމްގެ ގާނޫނުގައި 35 އަހަރަށް އޮވެފައި 50 އަހަރަށް ބަދަލުކުރީ ހިއްސާ ވިއްކާނަމޭ ބުނެގެން. އޭގެ ފަހުން 99 އަހަރަށް ރަށް ލިބޭއިރުވެސް އެންމެ ހިއްސާއެއް ރައްޔިތަކަށް ނުވިއްކާ. މިހެންވެ ރައްޔިތުން ބިކާރީވަނީ.
ތުއްތު ކަލޯ
25 September 2022
މުއްސަންދިި ޗަންޕާ ގެ ހީވާގި މުރާލި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން
ހށނ
25 September 2022
ޗަމްޕާމެންނަށް ނުއުފެއްދުނު މީހުން. މަވެސް ހިމަނައިގެން، ގިނަމީހުން ތިބެނީ މާހައުލުގެ ވެށްޓާއި ތަފާތުފިކުރާއި ކުޅިވަރުގަ ބަނދެވިފަ. މަދު ކުދިންކޮޅެއް ވަގުތާއި ފުރުސަތު ލިބުމުން އަމިއްލަ ކުރިއެރުމަށް މަސައްކަތްކޮށް ކާމިޔާބު ހާސިލު ކުރޭ!. ކުރީގަ ލިބިފައިނެތް ފުރުސަތުތައް މިހާރު ލިބިފަ ހުއްޓަސް އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރާ މީހުން މަދު. ކޮންމެވެސް އެހެން މީހެއްގެ ނުވަތަބައެއްގެ މުސްތަގުބަލު އުޖާ ކުރުމުގަ އަވަދިނެތިއުޅެނީ.