ޗައިނާ ޔުއާންގެ އަގު ރެކޯޑު އަދަދަކަށް ވެއްޓިއްޖެ: މިހާރު ޔުއާންގެ އަގަކީ 0.14 ޑޮލަރު
29 ސެޕްޓެމްބަރ 2022 - 13:55
ދުނިޔޭގެ ބާޒާރުގައި ޑޮލަރާ އަޅާބަލާއިރު ޗައިނާ ޔުއާންގެ އަގު ވެސް ރެކޯޑް އަދަދަކަށް ވެއްޓިއްޖެ އެވެ.
މިއަދު ޑޮލަރެއް ލިބެނީ 7.24 ޔުއާނަށެވެ. މިއީ 2008 ވަނަ އަހަރު އެ ގައުމަށް ކުރިމަތިވި މާލީ ކާރިސާ އަށް ފަހު ޔުއާންގެ އަގު އެހާ ދަށްވި ފުރަތަމަފަހަރެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނު އިރު އެވްރެޖްކޮށް ޑޮލަރެއްގެ އަގު އުޅެނީ 6.45 ޔުއާންގަ އެވެ.
ޔުއާންގެ އަގު ވެއްޓުމާ ގުޅިގެން ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ އެ ގައުމުގެ ބޭންކުތަކުގައި ބޭރު ފައިސާ ބަހައްޓަން ޖެހޭ އަދަދު ކުޑަކޮށްފަ އެވެ. އޭގެ އިތުރުން ވެސް ޔުއާންގެ އަގު އިތުރަށް ވެއްޓުނަ ނުދޭން ގިނަ ފިޔަވަޅުތަކެއް މަރުކަޒީ ބޭންކުން ވަނީ އަޅައިފަ އެވެ.
ޕައުންޑްގެ އަގު ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް https://t.co/Dk0EoBZ3AB
— Mihaaru (@Mihaarunews) September 27, 2022
އެމެރިކާގައި އަރަމުން އަންނަ އިންފްލޭޝަނާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ގައުމުގެ އިންޓްރެސްޓް ރޭޓްތައް މަތިކުރުމާ އެކު، ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަނީ އުފުލެމުންނެވެ. އެއާ އެކު ބޮޑެތި ބައެއް ގައުމުތަކުގެ ފައިސާގެ އަގު ދަނީ ބޮޑުތަނުން ދަށްވަމުންނެވެ. މީގެ ދެ ދުވަސް ކުރިން، އިނގިރޭސިވިލާތުގެ ޕައުންޑްގެ އަގު ވަނީ އެ ގައުމުގެ ތާރީހުގައި ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ.
ދާދި ފަހުން މެލޭޝިއަން ރިންގިޓްގެ އަގު ވެސް ވަނީ ޑޮލަރާ އަޅާބަލާއިރު ރެކޯޑު އަދަދަކަށް ވެއްޓިފަ އެވެ. އޭގެ އިތުރުން، ޔޫރޯ އަދި އިންޑިއަން ރުޕީސްގެ އަގު ވެސް މި އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީ އަލީ
29 September 2022
މިއީ ވަރުގަދައޭ ބުނާ ޗައިނާގެ ލެވެލަކީ. ޑޮލަރާ ނުލާ އުޅޭކަށް ނޭންގޭ، އަމިއްލަ ބާރެއް އޮންނަނީ ކިރިޔާވެސް ކޮމިއުނިސްޓު ޕާޓީގެ ތެރޭގައާއި ބައެއް ހުދުމުހުތާރު ވެރިން އުޅޭ ގައުމުތަކުގެ ޕްރޮޖެކްޓުތައް ހިންގުމަށް ދަރަނި ދަންތުރަ ހެދުމުގަ، ކަމަކާ ޖެނުނީމަ ބިޔަ ޗައިނާ ނުވޭ ހުވަނދަކަށްވެސް
ދިއްދޫމީހާ
29 September 2022
ދަންނަ މުގުރި މުންތާޒް ހެދެން ނޫޅެބަލަ