އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފަކު މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ސެޕްޓެމްބަރ 2022 - 11:48
އަމީނީ މަގުގައި ހުރި ގަސްތައް ކޮށައިދިނުން، އާންމުންގެ ފާޑުކިޔުމާއި ކަންބޮޑުވުން ވެސް އިތުރުވެފައި ވާތީ މާލޭ ސިޓީ ކައުންސިލުން ހުއްޓާލައިފި އެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް އެ މަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތް އާރުޑީސީގެ އެދުމުގެ މަތިން ކުރަމުން އައީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ. އެކަމަކު އެ ގަސްތައް ކަނޑާތީ އާންމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ދާތީ، މި މަހުގެ 19 އިން ފެށިގެން ސިޓީ ކައުންސިލުން ވަނީ އެ ގަސްތައް ކޮށައިދިނުން ހުއްޓާލައިފަ އެވެ.
އެ ކައުންސިލުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، އާރުޑީސީން އެދިގެން ހަމައެކަނި ކޮށްދިން ކަމަކީ ބިޔަކޮށް ހެދިފައި ހުރި އެ ގަސްތަކުގެ އޮފިތައް ކޮށައިދިނުން އެކަންޏެވެ. އެ އިން އެއްވެސް ގަހެއް ކެނޑުމާއި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގަސްތައް ކޮށުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުންގެ މުވައްޒަފުން އުޅޭ މަންޒަރު ފެންނަ ފޮޓޯތައް އާންމުންވުމުން، އެ ކައުންސިލަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.
"އަޅުގަނޑުމެންގެ ކައުންސިލުގައި އޮންނަނީ ގަސްތައް ކޮށުމަށް މި ބޭނުންކުރާ އެންމެ ބޮޑު ސްނޯކްލިފްޓް. އެހެންވެ، އާރުޑީސީން އެދުނީ އެ ގަސްތަކުގެ އޮފިތައް ކޮށައިދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އެކަން ކޮށްދިނީ ވެސް ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއުއަކަށް އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުލިބެޔޭ ސަރުކާރުން ބުނާތީވެ. -- ސިޓީ ކައުންސިލުގެ އޮފިޝަލް
ގަސްތައް ކޮށުމަށްޓަކައި ސިޓީ ކައުންސިލުން ބޭނުންކުރަނީ 50 ފޫޓު އުހަށް އުފުލޭ ސްނޯކްލިފްޓެކެވެ.
"ސިޓީ ކައުންސިލުން އެކަން ކޮށްދިނީ ވެސް ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުލިބެއޭ ސަރުކާރުން ބުނާތީވެ. އެކަމަކު، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު އަންގަވާފައި އޮތީ އާންމުންގެ ނުރުހުން އެ ކަމުގައި އޮތީމާ އެކަން[އަމީނީ މަގުގެ ގަސްތައް ސިޓީ ކައުންސިލުން ކޮށައިދިނުން] އެއްކޮށް ހުއްޓާލަން. އެހެންވެ، އެކަން ހުއްޓާލައިފިން،" އޮފިޝަލް ވިދާޅުވި އެވެ.
އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މޭޔަރު ބޭނުމެއް ނުވޭ ސިޓީ ކައުންސިލަކީ ގަސް ކަނޑާ ބައެއްގެ ގޮތުގައި ލޭބަލްވާކަށް. އަޅުގަނޑުމެންނަކީ ގަސް އިންދާ ބައެއް."
އޮފިޝަލް ވިދާޅުވިގޮތުގައި، މަގުތަކުގައި ހުންނަ ގަސްތައް ސިޓީ ކައުންސިލުން ކޮށައިދެނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ. ކޮންމެހެން އެކަން ކުރަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ކޮށާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- އާންމުކޮށް ކޮށައި ބަލަހައްޓަނީ 15-17 ފޫޓަށް ވުރެ ތިރީގައި ހުންނަ ގަސްތައް.
- އާންމު ގޮތެއްގައި ކޮށައިދެނީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކާއި މަގު ބައްތިތަކާއި ގޭގޭގެ ފުރާޅުގައި ޖެހޭ ހިސާބުގައި ހުންނަ ގަސްތަކުގެ އޮފިތައް.
- ގޭގޭގެ ފުރާޅުގައި ޖެހޭ ގަސްތަކުގެ އޮފިތައް ކޮށައިދެނީ އާންމުންގެ ޝަކުވާ ލިބުމުން.
- މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނަށް ނުރައްކާވާ ގޮތަށް ހުންނަ ގަސްތައް.
އެނގިފައިވާ ގޮތުގައި، އެ ގަސްތަކުގެ ބުޑު ބުރިކޮށް، ގަސްތައް ކަނޑައިގެން ނެގީ އާރުޑީސީންނެވެ. އެ ކުންފުނިން ބުނެފައި ވަނީ އެ ގަސްތައް އުކާނުލާނެ ކަމަށާއި، ސަރުކާރުން ކ. ކުޑަގިރީގައި ހަދާ ޕިކްނިކް އައިލެންޑްގައި އެ ގަސްތައް އިންދާނެ ކަމަށެވެ.
އެ މައްސަލައިގައި ރައީސް އޮފީހުން އިއްޔެ ބުނީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަން ޖެހުނީ އެ ގަސްތައް ބަހައްޓައިގެން ތާރުއެޅެން ނެތިގެން ކަމަށެވެ.
ގަސްތައް ނުނަގައި އަމީނީމަގު ހެދޭކަށް ނެތް: ރައީސް އޮފީސް https://t.co/eUm10jqFJv
— Mihaaru (@Mihaarunews) September 29, 2022
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ، އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ އާރުޑީސީއާ އެވެ. އެކަމަކު، އާންމުންގެ އުންމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އެ މަޝްރޫއު ފެށިތަނާހެން އެ ކުންފުނިން އެ މަގުގައި ހުރި ގަސްތައް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
ދަރުބާރުގެ ކައިރިން މަގު ހަދަން ފެށީ އަމީނީ މަގުގައި 20-30 އަހަރުން ވެފައި ހުރި ބޮޑެތި ގަސްތައް ކޮށާލައި އެ ގަސްތައް ނެގުމަށް ފަހު އެވެ. އެ ގަސް ކެނޑުން ހުއްޓުވަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގަސް ނުކަނޑައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވަން ކޯޓަށް މައްސަލައެއް ހުށަހަޅުއްވަން ވެސް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ ކަމަނަ
02 October 2022
މަވެއްސް ދެތަވޭ ގަސް ކަޑާތަން ފެނިފައި. އެކަމަކު މަގުތަށް ރަނގަޅު ކުރުމަށް ގަސް ކަޑަން ޖެހެންޏާ އެކަން ވެސް ކުރާން ޖެހޭ. މާލެ ފަދަ ބިންކުޑަ ރަށެއްގެ މަގުމަތިގައި ބިޔަ ގަސްތަކެއް ޖަހައިގެން އެއެއްޗެތި ބަހައްޓާނެ ގޮތެއް ނުވިސްނޭ. މިހާރު ގިނަ މަގު ތަކުގެ ގާތައް މައްޗައް އަރައި ހިގަން އޮންނަ ދުވާރު ތައް ދެވަރުކަމުން ނުރައްކާވެފައި ހުރީ.
ގަސްކަޑާ މޫކޭ
01 October 2022
ގަސް ނުކަނޑާ ވެސް ހެދީމަ ހެދޭނެ. ބުނެބަލަ ތިމަންނަ މެންނަށް ވާނެ ވަރުގެ ކަމެއް ނޫނޭ. ނޭނގެއޭ ނުކަނޑާ މަގު ހަދާކަށް. ނޭނގޭނު އަލަށް ކުރާ ކަމެއް ވިއްޔާ.
އަނިލް ވިކްރަމް
01 October 2022
މާލޭގެ ގަހެއް އޮތިއްޔާ މި ސަރުކާރުން ކަޑާނެ. މުޢިއްޒު މިހާރު އިންދާ ގަސްތައްވެސް ނޭނގެ މާދަން މޫކޭ ގޮއްސަ ނުކަޑާނެ ކަމެއް. ރައްޔިތުންނަށް ފިނި ނޭވާއެއްވެސް ލެވޭކަށެއް ނޯވޭ މި ބީތާތަކާއި ހެދި.
އިލްހާމާ
01 October 2022
އަމިއްލަ މަސްގަޑަށް ފައިން އަރަނީ. ތިމާމެން މިއީ މާ ތިމާވެށި ބަޔަކަށް ވާން އުޅެގެން އަތަށް ގޮވީ. މިނޫން ވަރެއް އެބަ ވޭތަ. މާދަން މާލެ ވަށާ ހުރި ރުއްތަށް ބޮޑުވީމަ އޭގެ ކްރެޑިޓްވެސް ނަގާނެ މި ސަރުކާރުން. ކަމެއް ގޯސްކޮށް ދަންޏާ ފެންނާނީ ކައުންސިލް. ކިތަންމެ ދަޅައެއް ދެއްކިޔަސް މިއީ ހީވާގި ކައުންސިލެއް.
އާފިޔާ
01 October 2022
މިހާރު އާރުޑީސީއިން މާލެ ސިޓީ ކައުންސިލް ކައިރީގައި ރޮއެގެން ގަސްތައް ކަޑާދިނީމަ ގޯސްމިވީ ސިޓީ ކައުންސިލެއްނު. ކީކޭ ދެން ބުނާނީ. ކުޑަކުދިން އުޅޭހެން. އާރުޑީސީގެ އެވަރުގެ މެޝިނަރީއެއް ނެތުމަކީވެސް މުޢިއްޒު މައްސަލައެއްތަ؟ ތިވަރުން މީހުން ބޮލަށް ފައިން އަރަން ބޭނުންވަންޏާ ކަންކަން ކުރެވޭނެ ވަރުގެ ހަކަތަ ކުންފުންޏަށް ގެނެސްބަލަ.
މަނާލް އިމްތިޔާޒް
01 October 2022
މިކަމުން ރައްޔިތުންނަށް ނޭނގޭ ކަމެއް ނެތް. މުޢިއްޒު ނޫޅޭ މާލޭގައި ގަސްތައް ގިނަވެގެން އުދަނގޫ ވެގެން. މާލޭގެ އެންމެ ގިނަ ޕާކު ހެދީވެސް މިދިޔަ ސަރުކާރުގައި. ހަމަ ވަށާ ގަސް ހުންނާނީ. ކޮންމެވެސް އެއްޗެކޭ ކިޔަންވެގެން. ހެޔޮ ނުވާނެ މިހާރުވެސް ގަސްތައް އިންދަމުންދާތަން ފެންނަނީ މުޢިއްޒު
އެސްޓަމާ
01 October 2022
މި ސަރުކާރުން ބުނި ކަމެއް ވިއްޔާ ޕީޕީއެމްގެ މި ކައުންސިލުން ކޮއްދޭނެ. ކަމުގެ ނާޖާއިޒް ފައިދާ ނެދުމަށްފަހު ސިޓީ ކައުންސިލްގެ ބޮލުގައި ކޮންމެހެން އަޅުވާނެ ކަމެއް ނެތް.
އަޒުމާ
01 October 2022
އެންވަޔަރަންމެންޓޭ ކިޔާގެން ވެރިކަމަށް އައިސް ގައުމުގަ ހެއްދެވިހާ ގަސްތަކެއް ކަޑައިގެން އެއިން މަންފާތަކެއް ނަގައިން އަދިވެސް ކުރީ ސަރުކާރު މީހުން ބޮލުގައި އެޅުވޭތޯ. ތިމާ އަމިއްލަގެ ގުއި ސާފުކުރަން މިނޫނީ ނޭނގޭ ބަޔަކު މި ދުނިޔޭގައި ނެތް
ފަހުޒަމް
01 October 2022
މޭޔަރ މުއިއްޒުގެ އޮތީ ފެހިކަން ގަދަ މެނިފެސްޓޯއެއް. ދެން އެބޭފުޅާގެ ބޮލުގައި އެހާ ބޮޑު ތުހުމަތުތަކެއް އެޅުވުމަކީ އަރަތެއްނު. މިސަރުކާރުން އެމަނިކުފާނުގެ މުރާލިކަން ރައްޔިތުންނަށް ހާމަވީމަ ކުރާ ދުއްޕާނެއް ތީ. ދެން ލަލަލަ
ޖުވޭ
01 October 2022
މިހާތަނަށް އެންމެ ގިނަ ގަސް ކެޑި ލަގަބުވެސް މި ސަރުކާރު ހޯދައިފި. ގަސް ކަޑާކަށް މުއިއްޒުއެއް ނޫޅޭ ފޯރި އަރައިގެން. ބޭރު މަގުން ދުއްވާލީމަ އެކަން ފެނޭ. ހާދަ ޗާލު ރުއްތަކެކޭ. ޝުކުރިއްޔާ މޭޔަރ