ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ (ކ-ވ) އަހްމަދު އިސްމާއިލް (އަހަނދު)، އަހްމަދު މުއާޒް އަދި އިސްމާއިލް އަބްދުއްރަހީމް (އިސޫ)
03 އޮކްޓޯބަރ 2022 - 11:25
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ ލިބޭ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ކްރިމިިނަލް ކޯޓުން ދަމަހައްޓައިފި އެވެ.
ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން މިދިޔަ ޖޫން 26 ވަނަ ދުވަހު ހައްޔަރު ކުރީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި ދަފްތަރު އާރްއެސް 8499، އަހްމަދު މުއާޒު (ގަޓު މުއާ) އެވެ.
އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އިސްމާއިލް އަބްދުލްރަހީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، މުއާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ދިފާއީ ވަކީލުންނާއި ދައުލަތުން އެދިގެން މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރި ފަހުން ތާވަލު ކުރި ފުރަތަމަ އަޑުއެހުމެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާ ލިބޭ ތިން މީހުންގެ ބަންދު މުރާޖައާ ކުރުމެވެ. ބަންދުން ދޫކޮށްލަން އެދި ދައުވާ ލިބޭ މީހުން ހުށަހެޅި ކަންކަމާއި ދައުލަތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު އެ ދުވަހު ނިންމާފައި ވަނީ އެ މީހުން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި އިސްމާއިލް އަބްދުއްރަހީމް ވަނީ ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އެހީތެރިވެދީފަ އެވެ. އަހުމަދު އިސްމާއިލް އަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެއް ކަމަށް ދައުލަތުން ބުނެ އެވެ. އޭގެ އިތުރުން، މުއާޒަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރި މީހެއް ކަމަށް ބުނެ އެވެ.
ދައުލަތުން މައްސަލަ ސިއްރު ކުރަން އެދުނީ، މައްސަލައިގެ މައުލޫގެ ތެރެއަށް ދާއިރު މައްސަލައިގައި ހިމެނޭ އެކި މީހުންނަށް އަނިޔާލިބުމުގެ ފުރުސަތު އޮތުމުންނާއި، މިހާރު ވެސް މައްސަލައިގެ އެކި ބައިތައް ތަހުގީގު ކުރަމުންދާތީ މައުލޫމާތު ހާމަވެ ތަހުގީގަށް ހުރަސްއެޅިދާނެތީ އެވެ. ދިފާއުން އަޑުއެހުންތައް ސިއްރުކުރަން އެދުނީ މައްސަލައިގެ ބާވަތުން އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދާ ނަމަ ދައުވާ ލިބޭ މީހުންގެ މަސްލަހަތަށް ގެއްލުމެއް ވެދާނެ ކަމަށް ބުނެ އެވެ.
އެ ތިން މީހުންގެ މައްސަލައަކީ ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ބަޔަކަށް ދައުވާ ކުރަން ފޮނުވި ފުރަތަމަ އަދި މިހާތަނަށް ހަމައެކަނި މައްސަލަ އެވެ.
ރިލްވާން އާއި ޔާމީންގެ މަރަށް އިންސާފު ހޯއްދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ އަލިބެއްޔާ
04 October 2022
ބާކީ 10 މަސް...
ހިޔާލީ އަލީ
03 October 2022
ތިމާމެންގެ ގަދަކަމާއި ތިމާމެން ނިސްބަތްވާ ސަރަހައްދުގެ ގުރޫޕްތައް ކޮންޓްރޯލްކޮށްގެން ތިމާމެން އުޅޭ ދީނި ޖަމާއަތްތަކުގެ ނިވަލުގަ ތިބެގެން ސަރުކާރުތަކާ ޑީލް ހަދާ ހުރިހާ ޖަރީމާއެއް ހިންގާފަ އެތައް މިލިއަން ރުފިޔާއެއް ލިބި އެހެން މީހުންވެސް މި ފަދަ މީހުން ފޮލޯކޮށްގެން ނޫޅޭވަރުގެ އަދަބެއް ލިބޭނެ ކަމަށް ހީކުރަން، މި ފަހަރުވާނެ ކޮންމެވެސް ކޮޅެއްގަ ޖެހެން
ނުވާނެ
04 October 2022
މީ ފަސާދަވެފަ އޮތް ތަނެއް ހަމައެއް އިންސާފެއް އޮތް ގައުމެއް ނޫންމީ ސިޔާސީމީހުން ނަގާނީ ތި އަމަލު ތަކުގެ ނާޖާއިޒް ފައިދާ