04 އޮކްޓޯބަރ 2022 - 11:13
ބްރަސަލްސް (އޮކްޓޫބަރު 4) - ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް، އެ ގައުމުގެ ގައުމީ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ރެއާލް މެޑްރިޑަށް 2019 ގައި ބަދަލުވި ފޯވާޑަށް އެ ޓީމުގައި އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑަށް ރެއާލްގައި އަނިޔާގެ މައްސަލަ ކުރިމަތިވި އެވެ. ފުރަތަމަ 11 އަށް ކުޅުންތެރިން ނެގުމުގައި ރެއާލްގައި އިސްކަން ދެނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އަދި ރޮޑްރިގޯ އަށެވެ.
ރެއާލްގައި ތިން އަހަރު ތެރޭ ހަޒާޑަށް ޖެހުނީ ހަތް ލަނޑެވެ. ބެލްޖިއަމްގެ ޓީމުގައި މިދިޔަ އަހަރު ޔޫރޯގައި ވެސް ހަޒާޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
އެކަމަކު ކޯޗު މާޓީނޭޒް ބުނީ ހަޒާޑަކީ ގައުމީ ޓީމުގައި އަދިވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.
"އަހަންނަށް 100 ޕަސެންޓް ޔަގީން،" ބެލްޖިއަމްގެ ގައުމީ ޓީވީ އަށް ދިން އިންޓިއުގައި މާޓިނޭޒް ބުންޏެވެ.
"އޭނާގެ ތަޖުރިބާ އާއި އޭނާގެ ސަބަބުން އިދިކޮޅު ޓީމަށް އަންނަ ބަދަލުގެ ގޮތުން އަދި ކުޅުންތެރިންގެ ކައިރިން ނައްޓާލާފައި އޭނާ އުފައްދާ ފުރުސަތުތަކުން އޭނާ އަކީ އިދިކޮޅު ޓީމަށް ނުރައްކަލަކަށްވޭ.
އެ މަގާމުތަކަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އަހަންނަށް އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް."
މާޓިނޭޒް ބުނީ ހަޒާޑްގެ ވާހަކަ ދައްކާއިރު އޭނާ އަށް ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭ މައްސަލަ ވެސް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.
"އޭނާ އަށް ކައިރިކައިރީގައި ވިދިގެން ހަ މެޗު ކުޅެވިދާނެހޭ. އޭނާ އަށް ފުލު މެޗެއް ކުޅެވިދާނެހޭ. އެއީ ވަރަށް ތަފާތު ސުވާލެއް ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި އެ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ދާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy