ވިހަވެފައި ވާތީ ބޭނުންކުރުން މަނާކުރި ކޯފް ސިރަޕްތައް -- ފޮޓޯ: އެމްއެފްޑީއޭ
09 އޮކްޓޯބަރ 2022 - 10:56
އިންޑިއާގެ ކުންފުންޏަކުން އުފައްދާ ކޯފް ސިރަޕެއްގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން އެ ބޭސް ވިހަވެފައިވާތީ އާއި އެއީ ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު ވެސް އޮތް ބޭހަކަށް ވުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މެއިޑެން ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ، ކުޑަކުދިންނަށް ދޭ ކޯފް ސިރަޕެއްގައި ހިމެނޭ، ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަގައްޔަރުވެފައިވާ ކަމަށް ގެންބިއާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެހެންވެ، ޑަބްލިއުއެޗްއޯ އިން އެ ކޯފް ސިރަޕަށް ސަމާލުވުމަށް އެލާޓް ނެެރެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން، ބޭނުންކުރުން މަނާކުރީ މެއިޑަން ފާމަސޫޓިކަލްސް އިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުފައްދާފައިވާ ހަތަރު ބާވަތެއްގެ ކޯފް ސިރަޕެވެ. އެއީ؛
• ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން - ލޮޓް ނަމްބަރު: އެމްއެލް21-202
• ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-199
• މަކޮފް ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-203
• މެގްރިޕް އެން ކޯލްޑް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-198
އެއީ ރާއްޖެ އަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީ އަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ރާއްޖެ އަށް އިމްޕޯޓް ވުމުގެ ފުރުސަތު އޮތް ބޭހަކަށް ވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސްކުރުމުން ގެންދާނެ ކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
އެ ބޭހާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެ އިދާރާ އިން އެދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
09 October 2022
ނޫސްތަކުގާ ތިޔަވާހަކަ ޖަހާ ނިމުނުފަހުން ދެއްތޯ ހޭވެރިކަންވީ؟ ރާއްޖެ އަށް އެތެރެކުރެވެނީ އެންމެ ދަށް ގްރޭޑް ގެ ބޭސް. ސިންގަޕޫރ، ޑުބާއި އަދި އޫރަޕް، އެމެރިކާއިން ވެސް ބޭސް އެތެރެކުރެވި ގަންނަން ބޭނުންވާ ރައްޔެތުމީހާ އަށް (އާސަންދަ ނުހިމެނޭ ގޮތަށްވިޔަސް) ގަންނަން ލިބެން ޖޭހެނެ. ޕާކިސްތާނު، އިންޑިޔާ، ލަންކާއިން ހަމައެކަނި ބޭސް އެތެރެކުރެވޭ ގޮތަށް ހަދައިގެން ތިޔަ ހިފާއްޓަނީ ބަޔަކަށް ކަޓު ލިބޭތީ. ވިހަ ލީ ކުންފުނިތަށް ބްލެކްލިސްޓް ނުކުރެވޭތޯ؟
އުވާލާ
09 October 2022
ފުޑް އެން ޑްރަގު އޮތޯރިޓީ ނަމުގަ ތަނެއް ހަދާފަ މަޣަމްތަކެއްގަ ބަޔަކު ބޭތިއްބުމުގެ ބޭނުމަކީ އޭސީ ފިނީގަ ތިބެ ގޮޏޑި ހޫނުކޮށް މުސާރަނަގަން އޮތް ތަނެއް ނޫނެވެ ބޭސް އެތެރެކުރީމަ ޢާއްމުން އަންގަން ހޮޓާ ތައް ނުތާހިރު ވީމަ އާއަމުން އަނގަން މަސްމާރުކޭޓުގަ ކުނިމަސްވިއްކާތީ އާއްމުން އަންގަން ލޯކަލްމާކެޓް ނުތާހިރުވާތީ އާއްމުން އަންގަން ކާބޯތަކެތީގެ މުއަދަތު ހަމަކޮށް ހުރެ ވިއްކާތީ ޢާއްމުން އަންގާނަމަ ކާބޯތަކެއްޗާ ބޭހުގެ ހުއްދަދޭ އަތާރިޓީ އުވާލާ
ބޭސް ހުސެން
09 October 2022
މިބޭސްތައް އެތެރެވެފައިވޭތޯ އާއި އެއެތެރެވަންޏާވެސް އެންމެ އަވަހަށް އެނގެންޖެހޭ ފަރާތަކީ ފުޑްއެންޑް ޑްރަގް އޮތޯރިޓީކަމަށްވާއިރު، މިކަން ރައްޔިތުންގެ ބޮލަށް ކަނޑާލާއުސޫލުން މިކަން ކޮށްފައިވާހެން ހީވަނީ !! ސަމާލުކަމަށްގެނެސް އެތެރެވެފައިވާކަމަށްވާނަމަ އެކަންވެސް ބުނެލާ އަދި ފާމަސީތަކުން އެބޭސްތައް ނައްތާލަން ހަވާލުކުރަން އަންގަންވެސް ވާނެ!!
ޞޭސް ހުސައިން
09 October 2022
100އިގެ ވާހަކއެއް އިތުރުގަޑި ދުރާ ނަގަމުންދާއިރު ކާބޯ ތަކެތީގެ ނުތާހިރުކަން ޢާއްމުވެފަ
ހށނ
09 October 2022
އިންޑިޔާއާއި ޗައިނާ ކުނިބުނި ވިއްކައިގެން ދުނިޔޭގެ އިކޮނޮމީގެ ކުރީސަފުގަ. އަހަރެމެންނަށް އެކައްޗެއްވެސް އުފެއްދޭކަށް ނެތް. އަހަރެމެންވަށައިގެންވާ މާހައުލުގައިވާތަކެއްޗަކީ ރައްކާތެރިކުރެވިފައިވާ ތަކެތި.