މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: އެމްއެންޕީން ހުށަހެޅި އިސްލާހު ފޭލްކޮށްލުމުން އެ ޕާޓީން ވަނީ ކަންބޮޑުވުންފާޅުކޮށްފައި. -- ފޮޓޯ/މަޖިލިސް
12 އޮކްޓޯބަރ 2022 - 12:30
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ގާނޫނޫން މިހާރު ލިބިވަޑައިގަންނަވާ ބޮޑު އިނާޔަތް ކަނޑައިލުމާ މަޖިލީހުން ދެކޮޅު ހެދުމަށް ފަހު، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނެގުމުގެ އިސްލާހު ބަލައިގަތުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ކުރާ ހޭދަ ހުއްޓާލަން އިމްތިޔާޒްތަކާ ބެހޭ ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ވިލިމާލެދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމެވެ. މަޖިލިހަށް ފުރަތަމަ ކިޔުން އިއްވާފައިވާ އެ ބިލް ބަލައިނުގަތުމަށް މަޖިލީހުގައި ހާޒިރުވެ ތިއްބެވި 62 މެމްބަރުންގެ ތެރެއިން 31 މެމްބަރަކު އިއްޔެ ވޯޓު ދެއްވި އެވެ. ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރެކެވެ.
އެ ބިލަށް ފަހު ޓެކްސް ބޮޑުކުރުމުގެ ބިލް ބަލައިގަތުމަށް 32 މެމްބަރުންގެ ވޯޓުން އިއްޔެ ފާސްކުރި އެވެ.
އެކަމާ ގުޅިގެން، އެމްއެންޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވީ މަޖިލީހުގެ އިއްޔެ ނިންމުން ވަރަށް ދެރަވަރު ކަމަށެވެ. އެއީ ރައްޔިތުންނަށް އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި ފަސް އަހަރުގެ ދައުރެއް ފުރުއްވައިފި ނަމަ ވެސް ގާނޫނުގައި އޮންނަނީ ބޮޑު އިނާޔަތެއް ލިބޭ ގޮތަށެވެ. އެކަމަކު ސަރުކާރުގެ ހިދުމަތުގައި 30-40 އަހަރު ހޭދަކުރާ ހިދުމަތްތެރިންނަށް ލިބެނީ މެމްބަރުންނާ ބަލާއިރު ނިސްބަތުން ކުޑަ ހިދުމަތާ ނުބައްދަލު އަދަދެކެވެ.
"އެތައް އަހަރަކު ސަރުކާރަށް ހިދުމަތް ކޮށްފައި ތިއްބެވި ބޭފުޅުންނަށް އެ ލިބެނީ ހައްގު ޕެންޝަނެއް ނޫން. އަޅުގަނޑުމެން ވަކާލާތު ކުރަމުން މި އަންނަނީ ހިދުމަތްތެރިން ބަލައިގަނެ އަގު ވަޒަންކުރަން،" ރިޔާޒް ވިދާޅުވި އެވެ.
އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ރައީސް ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުގެ ގާނޫނު 2013 ގައި ފާސްކޮށްފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތާއި އިންޝުއަރެންސާއި އިތުރު ހިދުމަތް ވެސް ލިބޭ ގޮތަށެވެ.
އެއް ދައުރު ފުރިހަމަ ކުރައްވާފައި ތިއްބެވި ބޭފުޅުން މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. މި އިނާޔަތް ލިބެން ފަށާނީ އުމުރުން 55 އަހަރު ފަހުންނެވެ.
ދެ ދައުރު ފުރިހަަމަ ކުރައްވާފައިވާ ބޭފުޅަކަށް، އެ ބޭފުޅަކު މެމްބަރަކަށް ހުންނެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ 45 ޕަސެންޓު ލިބޭނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ވަނީ ބުނެފަ އެވެ.
އަމިއްލަ އަށް މުސާރަ ކަނޑައަޅައިގެން ތިއްބަވާ މަޖިލީހުގެ މެމްބަރުން، ދައުރު ނިންމާލެއްވުމަށް ފަހު ވެސް ދައުލަތުން ބޮޑު އިނާޔަތެއް ނަންގަވާ ގޮތަށް މަޖިލީހުގެ އިއްޔެގެ ނިންމުން ރަނގަޅު ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ހަމައެއާއެކު ރައްޔިތުންގެ އިތުރަށް ޓެކްސް ނަގަން ތާއީދުކޮށް ބިލް ބަލައިގަތުމަށް ނިންމީ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެމްބަރުން މި ގޮތަށް ކަންކުރެއްވުން ރަނގަޅެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
ބިލް މަޖިލީހަށް ހުށަހެޅުއްވި އުޝާމް ވިދާޅުވެފައިވާ ގޮތުގައި ކުރީގެ މެމްބަރުންނަށް އިނާޔަތް ކަނޑާލަން ހުށަހެޅުއްވީ އެއީ ގިނަ ބަޔަކު ވެސް އެކަން ބަދަލުކުރަން އެދޭތީ އެވެ. މަޖިލީހަކީ އިންސާފުވެރި، އަދި ރައްޔިތުންގެ އިހުތިސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީހަމީދު
13 October 2022
ރާއްޖޭގައި ކޮރަޕްޝަނާ، އެކި ގޮތްގޮތުން ފައިސާހޯދާވާހަކަ ނުދައްކާށެވެ. ދައުލަތުގެ 3 ބާރުންވެސް އެދަނީ ދައުލަތް ދަވާ ހުސްކުރަމުން. މަޖިލީހުން، ސަރުކާރުން، ޖުޑިޝަރީން ބޭނުންވަރަކަށް ބޭނުންގޮތެއް ހަދައިގެން ދައުލަތް ދަވަމުންދާއިރު އާއްމުންވެސް ހޯދުނުގޮތަކަށް ފައިސާ ހޯދާނެ. މުޅިގައުމު ހަލާކުވެއްޖެ.
ސުއްޓި
13 October 2022
އަޅުގަނޑު ދެކޭ ގޮތުގައި އެމްއެންޕީން މި އިސްލާޙް ހުށަހެޅުމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް. އެހެނީ ކާނަލް ނާޒިމްއާއި ޢަބުދުﷲ ރިޔާޒަކީ ރިޓަޔާމަންޓް ޕެންޝަންގެ ޑަބަލް ޕެންޝަން މިހާރުވެސް ނަންގަވާ ބޭފުޅުން އަދި އެ ގޮތުގައި ވަރަށް ބޮޑު ޢަދަދުން ދައުލަތުން ފައިސާ ނަގާ ބައެއް. އެެހެންވީމާ، ފުރަތަމަ މިބޭފުޅުން މަޖިލިސް މެންބަރެއްގެ ބޮޑު މުސާރައާއެކު ނަންގަވަމުން ގެންދަވާ ޑަބަލް ޕެންޝަން ހުއްޓާލަން އަމިއްލަފުޅު ޕާޓީން ބިލެއް ހުށަހެޅުއްވުން ކީއްތޯ؟
ރަށުމީހާ
13 October 2022
ކުދީންނޭ ގިނަވާހަކަ ނުދަށްކާކަންކުރަމާހިގާ އަހަރެމެން ކައިރި އަށް ތިބައިގަޑު އަންނާނެ. ދެން . ވިސްނާފާ ޖަވާބެއް ދީ.
ހިސާން
13 October 2022
ސަރުކާރަށް 30 އަހަރު ޚިދުމަތްކުރުން އެއްކިބާގައި އޮއްވައި 30 އަހަރަށްވުރެ ގިނަދުވަހު ސަރުކާރުގައި ވަޒީފާއަދާކުރަމުންދާ މީހަކަށް އެންމެ 7000ރ ލިބުން އެއީ ބަލައިގަނެވޭނެކަމެެއްހެއްޔެވެ؟ ޓީޗަރަކަށް 20000ރ ޕްރިންސިޕަލަކަށް 34000ރ ގަޒީއަކަށް 25000ރ ދޭއިރު އިދާރީ އަދި މަސައްކަތު މީހުންގެވެސް ހަމަ އަނބި ފިރި ދަރިން ބަލަންޖެހެއެވެ،މކާންޖެހެއެވެ. އުނުއަންނަން ޖެހެއެވެ. ކަރަންޓު ބޭނުންކުރަންޖެއެވެ.
ޑިމޮކްރަސީ
13 October 2022
ދިވެހިންނަށް ބޭނުން އެއްޗެއް ހަދަމުން އެދަނީ ދިވެހިންދެކެ ލޯބިވާ ވަރުން ލޮލަށް ނިދި ނައި މީހުން ސިންގާދަނާގަތިބެގެން މިމީހުން މިކުރާ މަސައްކަތް އަދިވެސް ދިވެހިންނަށް ނޭގޭތީ މައްސަލައަކީ
ސުބަސިސް
13 October 2022
ސިޔާސީ ދާއިރާގައުޅޭ ދިވެހިން އުޅެނީ އަމިއްލައެދުމަށް ގައުމަށް ހެވަކަށް ލާބައަކަށް އުޅޭމީހެއް މަދު އެހެންވީމަ ލިބޭ ފައިސާއިން ބައިލާރި ކަނޑާލަންވެސް އެއްބަހެއްނުވާނެ މިހާރުވެސް ބޮޑުކުރަން ލީމަ އެންމެން އެއްބަސްވާނެ ތިމީހުންތީ މުސާރަޔާ އެލަވަންސާ އަމިއްލައަށް ކަނޑައަޅައިގެން ނަގާބައެއް
ލަތީފާ
13 October 2022
ރައީސަ ކަމުގެ ލަގަބު ހޯދައިގެން ނަޝީދު ދަނީ އަހަރަމެން މުޅި ދުވަހު އަދި ރޭނގަޑު މަސައްކަތްކޮށްގެން ދައްކާ ޓެކުސް ފައިސާއިން މަހަކު 270،000ރ މުސާރަ އަދި އިނާޔަތަ ގޮތުގައި ނަގަމުން! އަދި ނުވީތާކަށް 5 ސެކުރިޓީ މީހުން މުޅި ދުވަހު މީނަގެ އިންތިޒާރުގަ ދެ ވެހިކަލް އިންޖީނު ޖައްސާފަ މަގު ބަންދުކޮށްގެން އޮވޭ! އަދި މީނަ ކުލަައިމެޓްގެ ނަމުގައި އަމިއްލަ ފައިދާއަށް ވގގގގގގޖ ކުންފުންޏަކަށް ފައިސާ ރޯލް ކުރޭ! ނޫސްވެރިން ނިދާފަ!
ކިހާބޮޑުކަމެއް
13 October 2022
ރޯމާ ދުވާލު ރައްޔަތުން ފޭރޭ "އިއްޒަތްތެރީން"... އެ5 މެންބަރުންނަށް ޝުކުރުއަދާކުރަން. ދުވަހަކުވެސް ބާކީތިބި ބައިގަޑަށް ގަދަރާއި އިތުބާރު ނުކުރަން ހުވާކުރަމެވެ.
ހުސައިންބެ
12 October 2022
މިސަރުކާރުގެ ޢުމުރު ހަމަވަނީއެވެ. ބޭނުންހާގޮތަކަށް ރައްޔިތުންނާމެދު ކަންތައްކުރުމުގެ ފުރުޞަތެއް ތިޔަ މަޖިލީހުގައި މިހާރުތިބި މެންބަރުންނަށް ރައްޔިތުން ނުދޭނެއެވެ.
ސަރުސޫން
12 October 2022
"ބޮޑުންގެ ބަނޑުފުރަން ރައްޔިތުން ބަނޑުފެޅުން" ހުއްޓާލަން ޖެހިއްޖެ. މަޖިލީހުގައިތިބެ ތިމާމެން އަމިއްލައަށް މުސާރަ ކަނޑައެޅުމަކީ ޤަބޫލު ކުރެވޭކަމެއްނޫން. މުސާރައަކީ ދައުލަތަށް ލިބޭ މިންވަރަކުން ކުރާމަސައްކަތަށް ކަނޑައަޅަންވާ އެއްޗެއް. މަޖިލީހުގައިތިބެ މުއްސަނދިވެގެން އަދިވެސް ނަގަންވޭތަ. މަސައްކަތެއް ނުކޮށްތިބޭބަޔަކަށް އިނާޔަތް ދޭންވާނީ މުސްކުޅިންނަށާ ނުކުޅެދޭމީހުންނަށް. ރައްޔިތުން ރުހޭމިންވަރެއްބަލާލަން މިއިން ނޫހަކުން އޮންލައިން ވޯޓެއްނަގާބަލަ.