އިންޓަގެ ލޮޓާރޯ މާޓިނޭޒް (ވ) އަތުން ބޯޅަ ހޯދަން ބާސެލޯނާގެ އެރިކް ގާސިއާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2022 - 10:49
ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޗެމްޕިއަންސް ގްރޫޕް ސްޓޭޖުން ކެޓުމާ ގާތަށް ސްޕެއިނުގެ ބާސެލޯނާ ދަނިކޮށް ރޭ ފަހު ވަގުތު އިޓަލީގެ އިންޓަ މިލާނާ 3-3 އިން އެއްވަރުކޮށް މިވަގުތަށް އެ ޓީމު ސަލާމަތްވެއްޖެ އެވެ.
އެކަމަކު އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. ދެން އޮންނަ މެޗެއްގައި، ގްރޫޕް ސްޓޭޖުން ކަޓާފައިވާ ޗެކް ރިޕަބްލިކުގެ ވިކްޓޮރިއާ ޕްލެޒެން އަތުން އިންޓަ މޮޅުވެއްޖެ ނަމަ ބާސެލޯނާ ކަޓާނެ އެވެ. އެ ޓީމު މުބާރާތުގައި ކުރިއަށް ދިއުން ބިނާވެފައި އޮތީ އިންޓަ އިން ފަހު ނެރޭ ނަތީޖާއަކަށެވެ.
ރޭ ޕްލެޒެން އަތުން 4-2 އިން މޮޅުވެ ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޕްލެޒެން އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ އެ ޓީމަށް ކުރި ހޯދައިދިނެވެ. އޭގެ ފަހުން އިންޓަ އިން ވަނީ ނިކޯލޯ ބަރެއްލާ އާއި ލޮޓާރޯ މާޓިނޭޒްގެ ލަނޑުތަކުން ފަހަތުން އަރައި ލީޑު ނެގި އެވެ. ބާސެލޯނާ އިން އަލުން އެއްވަރުކުރީ 82 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ ޖެހި ލަނޑުންނެވެ.
އެކަމަކު 89 ވަނަ މިނެޓުގައި ރޮބިން ގޮސެންސްގެ ލަނޑުން އިންޓަ އިން އަނެއްކާ ވެސް ކުރި ހޯދި އެވެ. ބާސެލޯނާ ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގެ ތެރޭގައި ލެވޮންޑޮސްކީ ޖެހި ގޯލުންނެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށާއި މުބާރާތުގައި ކުރީ މެޗުތަކުގައި ވެސް ކަންވީ އެހެން ކަމަށެވެ.
"މުބާރާތުގައި ކުރިއަށް ދާން މިއޮތީ އެހެން ޓީމަކަށް ބަރޯސާވާން ޖެހިފައި. މިއީ އަހަރެމެންނަށް ހެދުނު ގޯސްތަކަކުން ވީ ގޮތެއް. އަހަރެމެން އެބަޖެހޭ ރަނގަޅުކުރަން. އިތުރު މުބާރާތްތަކެއް އެބައޮތް. ލީގާއި ސްޕެނިޝް ކަޕާއި ސުޕަ ކަޕް އެބައޮތް. އެހެންވެ ރަނގަޅުކޮށްގެން ކުރިއަށްދާންވީ،" ޒަވީ ބުންޏެވެ.
ޑިފެންޑަރުން ކަމަށްވާ ޖޫލްސް ކޫންޑޭ އާއި ރޮނާލްޑް އަރައޫހޯ އަދި އަންދްރެއަސް ކްރިސްޓެންސެންގެ އަނިޔާގެ ސަބަބުން ރޭ ބާސެލޯނާގެ ފަހަތް ބެލެހެއްޓީ މި ސީޒަނުގައި މުބާރާތުގައި އަލަށް ކުޅުނު ޖެރާޑް ޕީކޭ އެވެ. އިންޓަ އިން ރޭ ފުރަތަމަ އެއްވަރުކުރީ އޭނާ ހެދި ގޯހަކުން ބަރެއްލާ ޖެހި ގޯލުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
14 October 2022
ރެފުރީގެ އެހީތެރިކަން ނުލިބުނީމަ އިންޓަމިލާން ބާސާޔަށް ބަލި ނުކުރެވުނު
ތަކުރު2
13 October 2022
އިންޓަރ 1މެޗުން މޮޅުވިޔަސް ބާސާ ކަޓާނެ، ރަގަޅު މައުލޫމާތު ނުހޯދާ ލިއެފާވާ ލިޔުމެއް
ލެއްގިކޮމިޝަނަރ
14 October 2022
ތަކުރު2 ތިޔަބުނީ ހަމަ 100% ރަންގަޅު ވާހަކައެއް. މިހާރު ހާލަތު އެޔޮތީ ތިބުނާގޮތަށް. ތިހާލަތަށް ބާސެލޯނާ ވައްޓުމުގެ ޒިންމާނަގަން ޖެހޭނީ އިންޓައާއެކު ފުރަތަމަ ކުޅުނުމެޗުގެ ރެފުރީކަން ކުުރިމީހާއާ ޔޫއެފާ. ބާސެލޯނާއަށް ލިބެންޖެހޭ ސާފުސީދާ 2 ޕެނެލްޓީކާލައިގެން އެގޮލާއެހުރީ.