ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އަރުޝަދު ދޫކޮށްލި މައްސަލާގައި ގޯހެއް ނެތް ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2022 - 19:18
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ އަރުޝަދު ހާލިދު ފުލުހުން އަމިއްލަ އަށް ބަންދުން ދޫކޮށްލީ މިހާތަނަށް ވެސް އަމަލުކުރާ އުސޫލުން ކަމަށާއި އެކަމަކު މިއަދުން ފެށިގެން އެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސްރީ ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ރާއްޖެ އައި އަރުޝަދަކީ ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވުމުން ހައި ކޯޓުގައި މައްސަލަ އޮތް މީހެކެވެ. އޭނާ ބަންދު ކޮށްގެން ހައި ކޯޓަށް ގެންނަން އަމުރު ނެރެފައި އޮއްވައި ފުލުހުން ރޭ ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އެ މައްސަލަ ހޫނުވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަރުޝަދު ދޫކޮށްލަން ނިންމި ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ފޮނުވައިފަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި އަރުޝަދު ދޫކޮށްލީ ތަހުގީގުކުރާ ޑިޕާޓްމެންޓާއި ޕީޖީގެ މަޝްވަރާއެއް ވެސް ނެތި އެވެ.
އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަރުޝަދުގެ ދޫކޮށްލުމުގައި ވެސް އަމަލުކުރީ އެފަދަ އެހެން މައްސަލަތަކުގައި އަމަލުކުރާ އުސޫލުން ކަމަށާއި މި ފަހަރު ވެސް ތަފާތު ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ. ނަމަވެސް އަރުޝަދުގެ މައްސަލަ ފެންމަތިވުމުން އެ އުސޫލު މިއަދުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލާގައި ތަފާތު ގޮތަކަށް އަމަލުކޮށްފައިވާ ކަން މިހާތަނަށް ފާހަގަވެފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަމިއްލައަށް އަރުޝަދު ދޫކޮށްލާފައިވާތީ ހައި ކޯޓުން ވެސް ނިންމީ އިތުރަށް އޭނާ ބަންދު ނުކުރުމަށެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ރޭ ވަނީ ނެރެފަ އެވެ.
އަރުޝަދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އަރުޝަދު ހޯދަން މިހާތަނަށް ފުލުހުން މަސައްކަތް ކުރާ ކަން އެނގިފައި ނުވާ ކަމަށެވެ. އަދި އަރުޝަދު އުޅުނީ ފިލައިގެން ނޫޅޭ ކަމަށް ވަކީލު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނުއައިނުދާލު
15 October 2022
ދިވެހިރާއްޖޭގައި ކޮންމެ ކަމެއް ވެސް ދާނީ މިހެން. އެއްފަހަރު ކުށްވެރިވާނީ އިޖުރާތު. އަނެއްފަހަރު ކުށްވެރިވާނީ އުސޫލު. ދުވަހަކު ވެސް ބޮޑެތި ކުށްވެރިން ކުށްވެރިވާ ޤައުމެއް ނޫން މީ. އެހެންވީމާ އަދުލް އިންސާފަށް ރައްޔިތުންގެ އިތުބާރު ގެއްލި، ޤާނުނުގެ ބާރު ކެނޑި، ބަލަބަލާ ތިއްބައި ޤައުމެއް މިއޮތް ހަލާކުވަނީ
ސަޅި
14 October 2022
ނަންބަރ 1 ޕޮލިސަފޯސް އިން ދަ ވޯލްޑް. ލަދު ގަންނަންވެސް ނޭންގޭ ބައެއް.
އޮނަރަބްލް އަފީފު ދީދީ
14 October 2022
ފުލުހުންނަކަށްވެސް ޤާނޫނަށްވުރެން ބާރުގަދަ ޤަވާއިދާއި އުސޫލުތަކެއް ނެހެދޭނެކަން ކޮމިޝަނާރ އޮފް ޕޮލިސްއަށް އެގިވަޑައިނުގަތުމަކީ ވަރަށް ދެރަކަމެއް. # ކޯޓް އަމުރަށް ތަބާނުވި ހުރިހާ ފުލުހުންނާއި އަދި މިކަމަށް އެހީތެރިވި ފުލުހުންނާއި މިކަން މިގޮތަށް ކުރުމަށް އަމުރުކުރި އެންމެހާ ފުލުހުންގެ މައްޗަށް ޤާނޫނުން ކަޑައަޅާ އެންމެ ބޮޑު ހުކުމެއްކޮށްގެން މެނުވީ ފުލުހުންގެ ކިބައިގައި އަށަގެންފައިވާ ޒިންމާ އާއި މަސްއޫލީއްޔަތަށް ފުރަގަސްދިނުން ނުހުއްޓުވޭނެ.
ހަމްޕު
14 October 2022
މަމީ ތި ހަމީދު ނަމަ ލަދުން ވެސް ތި މަޤާމު ދޫކޮށްލާފައި ގެއަަށް ދިޔައީމުސް. މީނަވާ ކެއްގަދަ.
ހަމަ ތެދެއް
14 October 2022
ހަމީދު އަށް ލަދު ގަންނަންވނޭނގިފަ އެހުރީ… ދަށުފެންވަރު
އުދުހޭ
14 October 2022
ހަމީދު ހުރެގެން އިންސާފު ގާއިމްވާނެކަމަކަށް ނުފެނޭ
ބޮޑުމީހާ
14 October 2022
ޑްރަގުގެ ބޮޑެއްނު. ބަލާނެވެސް ކަމެއް ނެތް އޮޅިގެން ދޫވުމާ އުންސުރު އަދި ފަންސުރު ހަމަ ނުވުމާ ކިތަންމެ ކަމެއް ވާނެ
އިންޓަގްރިޓީ
14 October 2022
ޕޮލިހުންގެ އިންޓަގްރިޓީ ޗެކްކުރާ މެޝިން ރާއްޖެއަށް ހޯދަންޖެހޭ، އެ މެޝިން ބޭނުންކުރީމާ ތެދުބަހުން ވާހަކަދައްކަށްޖެހޭ، ދޮގުހަދައިފިނަމަ ވަޒީފާ ސަސްޕެންޑްވާނެ، ކުރިއަރާފައިވާ ނިޠާމުތަށް ތަންފީޒުރާ ޤަޢުމުތަކުގައި މި މެޝިން ބޭނުންކުރޭ
އެޑަމް
14 October 2022
މިސަރުކާރު ބޭނުމެއްނުވޭ ޑުރަގުވިޔަފާރިހުއްޓުވާކައްއެކަންއެގިއްޖެމަވޯޓާމަޖިލިހުގަދެއްކިވާހަކައިން,އެއީދައުލަތުގެއެއްބާރު ގޯތިތެރޭތިބެބޮއިގެންއަމަލުވެގެން މާލަމައްވަދެއެކަކުއަނެކަކަށް އަވުގުރާނަގޮވާބަވާހަދާވާހަކަ,ރައްޔިތުންގެކުރިމަތީމަވޯޓާއެގޮވީ,ސަރުކާރުންޑުރަގުލީޑަރުންނާހަދަންޖެހޭއެއްބަސްވުމެއްއޮވޭތަ?ހައިކޯޓުންުއަމުރެއްނެރިފައޮއްވަފުލުހުން ދޫކޮއްލަންޖެހޭތަ?ފުލުހުންނަކައް ބަންދެއްްނުކުރެވޭ,ކޯޓުންހުކުމެއްނުކުރެވޭ,ޕުރޮސެކިއުޓަރައްދައުވާއެއްނުކުރެވޭމީއަޖާބެއްނު!!
ޙަބީބު.
14 October 2022
ގައުމު ބޭނުމީ އުމަރުނަސީރު ކަހަލަ ހަރުކަށި ވެރިޔަކައް ރައްޔިތުންވެސް އެބަޖެހޭ ހާލިދާޒިޔާ ސޭކުހަސީނާ ސިސްޓަމް ބަދަލުކުރަން
އެޑްމުންޑޯ
14 October 2022
ކުދިންނޭ ! މާބޮޑަށް ކަންބޮޑުވެ ކޮމެންޓް ނުކުރޭ ! މިއީ ޑަރަގުގެ ބޮޑު މީހެކޭ ، ދެން އުފެދޭނެ އިތުރު ސުވާލެއް އޮވެގެން ނުވާނެ ، ކޯޓުންވެސް މަޖްލީހުންވެސް އަދި ފުލުހުންވެސް މިފަދަ މީހުންނަށް ވަރަށް ކަމޭހިތާނެ ، އިއްޒަތާއި އެކު ދޫކޮއްލާނީ ،،،،