ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
18 އޮކްޓޯބަރ 2022 - 11:54
އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ލާމަޒުކަޒީ ކޮމެޓީން ނިންމީ މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށްރަށާ ބެހޭ ގާނޫނު އިސްލާހުކުރުމާ ބެހޭ ބިލުގެ ދިރާސާ މަރުހަލާގެ ތެރެއިން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
ފަޅުރަށްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލާމަރުކަޒީ ކޮމެޓީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ. އެ އިސްލާހު ހުށަހެޅީ ފަޅުރަށްތަކާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކަށް ފުށު އަރާތީ އެވެ. އެ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވެ އެވެ.
ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ އިސްލާހު އިތުރުކުރީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދުއާ ގުޅޭ ގޮތުން ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ދަނޑުވެރިކަމުގެ ބޭނުމަށް 2017 ވަނަ އަހަރު ދިން ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ އެ ރަށް އަތުލަން އަތޮޅު ކައުންސިލުން ވަނީ ސީދާ ހަރަކާތް ފަށައިފަ އެވެ.
އެ ރަށަކީ މިހާރު ވ. އަތޮޅު ކައުންސިލުގެ ރަށެއްގެ ގޮތުގައި އެ ކައުންސިލުގެ ގަރާރަކުން ނިންމާފައި ވިޔަސް، ސަރުކާރުން ބުނަނީ އެފަދަ ނިންމުމެއް ނިންމުމުގެ އެއްވެސް ގާނޫނީ ބާރެއް ކައުންސިލަށް ލިިބިގެން ނުވާ ކަމަށެވެ.
އަންބާރާ އާއި ހުޅިދޫ ވީ، ވ. އަތޮޅުގެ މީހުންނަށް ހިލަގަނޑަކަށް https://t.co/SypXR3DOKK
— Mihaaru (@Mihaarunews) October 16, 2022
ގާނޫނަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނަނީ "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓް ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީއަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ،" މިހެންނެވެ.
ފަޅުރަށްތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ، ލާމަރުކަޒީ ގާނޫނަށް ފުށުއެރުމެއް ނެތި ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމަ އަށް ލިބޭނެ އެވެ. އެ އިސްލާހުގެ ދަށުން އެ ރަށެއްގެ އިހުތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާ އަށް ލިޔެދީ، ކުއްޔަށްދީ، ނަފާ ހޯދުމުގެ ބާރު ވެސް އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
19 October 2022
މާލޭ ސަރަހައްދުން ބިމާ ތަންތަން ދޭއިރު މާލޭސިޓީ ކައުންސިލްގެ ދައުރެއް ނޯވޭ! މިއީ ކޮން އިންސާފެއްތަ؟
ނާފީ
19 October 2022
ފަޅުރަށްރަށް ބެހުމަށް އަތޮޅު ކައުންސިލާ ޙަވާލުކޮށްފިނަމަ ބޭނުންކުރެވޭ ހުރިހާ ރަށެއް ނަގާނީ އަތޮޅު ކައުންސިލައް އެއްވެސް ބޭނުމެއް ނެތް ރަށްތައް ފަހަރެއްގަ ރަށްރަށަށް ދީފާނެ އަތޮޅު ކައުންސިލްގެ ބޭނުމަކީ އަތޮޅު ކައުންސިލް އޮންނަ ރަށްރަށަށް ފައިދާވާގޮތް ބަލާ ކަންތައް ރާވާހިންގުން ހެޔޮނުވާނެ ތިކަންތައް ނުކުރޭ
ހށނ
18 October 2022
ކައުންސިލަރުންނަށްވެސް އެއްޗެއް ލިބޭގޮތް ހަދާލަދިނީ.
އެޑަމް
18 October 2022
ތިޔަލާމަރުކަޒީ ކޮއްގެން ކައުންސިލްހަދައިގެން ތިޔައުފެއްދީވެސް އިތުރައް,ރައްޔިތުންގެފައިސާ މަކަރާ ކަރަޕުސަނާ ވައްކަމުން ކާނެއިތުރު ދާއިރާއެއް,މިހާރުވެސްއެއުޅެނީޢެއްރަށަކުން ކައުންސިލްގަހުރިހާފައިސާ ކައުންސިލަރުންނާ,ތިކިޔާއަންހެނުންކޮމިޓީޢާގުޅިގެން,ލަދެއްހަޔާތެއްނެތި އެމީހުންގެއެކައުންޓައްޖަމާކޮއްގެންނާގާބިލްކަމުންއެކައުންޓައްޖަމާކުރީ!ތަންދޮރުނުފިލާތީނޭގުނީއެކައުންޓުހާވާނެކަންކުރީގަމާލޭއޮފީސްތަކުން މިހާރުއޭގެތެރެއައް 180އެތައްރަށެއްއިތުރުވީ!!
ރާއްޖެ
18 October 2022
ލާމަރުކަޒު ކުރަނީ އޭ ކިޔާފަ ބޭއްވި ބޮޑެތި ކޮންފަރެންސް ތަކުން ވީ ކޮން ފައިދާއެއް؟
ބީރުބޯވަޒީރު
18 October 2022
ހެހެ، އެއޮތް ހުޅިދޫ ފޮޓޯ ބަލާލީމަވެސް އެބައެނގޭތާ އެރަށް އެންމެ ރަނގަޅުވާނީ ދަނޑުވެރިކަމަށްކަން، ފަސްގަނޑު އެހާ މޮޅުވާނެ، ފަތްކެޔޮގަހެއް އިންދިއަސް ހީވަނީ ހަފްތާއެއްތެރޭ ކެޔޮ ލިބޭނެހެން.