ޖޮކޮވިޗް ގަތަރު އޯޕަންސް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
09 ޖެނުއަރީ 2017 - 12:58
ދޯހާ، ގަަތަރު (ޖެނުއަރީ 9) - ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އެންޑީ މަރޭ ބަލިކޮށް ސާބިއާގެ ނޮވަކް ޖޮކޮވިޗް އަހަރުގެ ފުރަތަމަ ޓެނިސް މުބާރާތް ކަމަށްވާ ގަތަރު އޯޕަން ކާމިޔާބު ކޮށްފި އެވެ.
މިއީ އޭޓީޕީ މުބާރާތެއްގައި 28 މެޗަށް ފަހު މަރޭ އަށް ކުރިމަތިވި ފުރަތަމަ ނާކާމިޔާބީ އެވެ. މަރޭގެ މައްޗަށް ޖޮކޮވިޗް ހޯދިއިރު މި މެޗުގެ ސެޓުތައް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ޖޮކޮވިޗް ސެޓުތައް ގެންދިޔައީ 6-3 5-7 6-4 އިންނެވެ.
"މިއީ ކުޅެން އުނދަގޫ މެޗެއް. ޖޮކޮވިޗާ ދެކޮޅަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އެކަމަކު މިއީ އަހަރުގެ ފެށުމަށް ބަލާއިރު ވަރަށް މުހިއްމު ތަޖުރިބާއެއް. ކުރިޔަށް އޮތް އޮސްޓްރޭލިއަން މުބާރާތަށް ތައްޔާރުވުން ދެން އޮތީ،" މަރޭ ބުންޏެވެ.
މި ބައްޔާ އެކު ވެސް މަރޭ އޮތީ ރޭންކިން އެއް ވަނައިގަ އެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް އޮސްޓްރޭލިއަން އޯޕަން މުބާރާތުން ދުނިޔޭގެ ދެ ވަނައިގައި އޮތް ޖޮކޮވިޗަށް ޗެމްޕިއަންކަން ލިބިއްޖެނަމަ ރޭންކިން އެއް ވަނަ އަށް އަލުން އެރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.
ޖޮކޮވިޗް ވަނީ ގަތަރު އޯޕަން ތަށި ދިފާއުކޮށްފަ އެވެ. އަދި ކުރިޔަށް އޮތް އޮސްޓްރޭލިއަން އޯޕަންގެ ވެސް އެންމެ ފަހުގެ ޗެމްޕިއަނަކީ ޖޮކޮވިޗެވެ.
"އަހަރުގެ ފުރަތަމަ މުބާރާތުގެ ފައިނަލުން އެންމެ ވާދަވެރި ކުޅުންތެރިޔާ އަތުން މޮޅުވުމަކީ އަހަންނަށް ހުވަފެނީ ފެށުމެއް،" ޖޮކޮވިޗް ބުންޏެވެ. "އަހަރެންގެ އުއްމީދަކީ އޮސްޓްރޭލިއަން އޯޕަންގައި ވެސް މި ފޯމުގައި ކުޅެ އެ މުބާރާތް ދިފާއުކުރުން."
އޮސްޓްރޭލިއަން އޯޕަން ފަށާނީ މި މަހު 16 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy