ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހަމްދޫންއާ ގައުމީ އިނާމު މިރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 އޮކްޓޯބަރ 2022 - 22:33
"މިހާރު" ގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ހަމްދޫނަށް މި އަހަރުގެ ގައުމީ އިނާމު މިރޭ ލިބިވަޑައިގެންފި އެވެ.
ނޫސްވެރިކަމުގެ ދާއިރާ އަށް މީގެ 15 އަހަރު ކުރިން ވަން ހަމްދޫނަށް، ޒިންމާދާރު ނޫސްވެރިކަން ކުރުމުގެ ރޮނގުން ގައުމީ އިނާމު ދެއްވީ، ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖޭގައި މި ވަގުތު ހުރި ކުޅިވަރު ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ހަމްދޫން ނޫސްވެރިކަމަށް ނުކުންނެވީ 2008 ގަ އެވެ. ފުރަތަމަ މަސައްކަތްކުރެއްވީ "ރާއްޖެ" ނޫހުގެ ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން "ހަވީރު" އާއި "އަދަދު" ގައި މަސައްކަތް ކުރެއްވި އެވެ.
އައްޑޫ ހުޅުދު އަށް އުފަން ހަމްދޫނަކީ "މިހާރު" ގެ ކުޅިވަރު ޑިޕާޓްމަންޓު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ނޫސްވެރިޔާ އެވެ. ރާއްޖޭގެ ކުޅިވަރުތަކުގެ އިތުރުން ބައިނަލްއަގްވާމީ ކުޅިވަރުތައް ކަވަރު ކުރެއްވުމުގައި ވެސް ހަމްދޫނަކީ ލާމަސީލު ނޫސްވެރިއެކެވެ.
"މިހާރު" ގެ އެސިސްޓެންޓް އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހަމްދޫން ވަނީ ވަރަށް ގިނަ ކުޅިވަރު މުބާރާތްތަކެއް ކަވަރު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 2008 އާއި 2011 އާއި 2013 އަދި 2015 ގެ ސާފް ޗެމްޕިއަންޝިޕާއި 2010 ގެ ސައުތު އޭޝިއަން ގޭމްސް އާއި 2015 އާއި 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރު ކުރުމަށް ވަޑައިގެންނެވި ފާހަގަކުރެވެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ހަމްދޫން ވަޑައިގަތީ ރާއްޖޭގެ މީޑިއާ ޓީމުގެ އިސްވެރިޔާގެ ގޮތުގަ އެވެ.
އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ފުޓްބޯޅަ މުބާރާތަށް ވެސް ގޮސް މެޗު އިވެންޓެއް ކަވަރު ކުރައްވައިފަ އެވެ.
"ހަވީރު" ގެ ސްޕޯޓްސް އެވޯޑާއި "މިހާރު" ގެ ސްޕޯޓްސް އެވޯޑްގެ ކަންކަން ރޭވުމުގައި ހަމްދޫން ވަނީ އިސްވެ މަސައްކަތް ކުރައްވައިފަ އެވެ. މިހާރު ވެސްް "މިހާރު" ގެ ސްޕޯޓްސް އެވޯޑްގެ ކަންކަމާ ހަވާލުވެ ހުންނެވީ އޭނާ އެވެ.
އުމުރުން 31 އަހަރުގެ ޒުވާން ނޫސްވެރިޔާ ހާއްސަ ވަނީ ހަމައެކަނި ކުޅިވަރަކަށް ނޫނެވެ. އޭނާ ގެންދަވަނީ ރާއްޖޭގެ ތާރީހު ވެސް ދިރާސާ ކުރައްވަމުންނެވެ. މިހާތަނަށް އޭނާގެ ތާރީހީ ލިޔުންތައް ބައެއް ނޫސްތަކުގައި ވަނީ ޝާއިއު ކޮށްފަ އެވެ. އެއީ ގިނަ ބަޔަކަށް ކަމުދާ، މޮޅު ލިޔުންތަކެއް ކަން ވެސް ފާހަގަކުރެވެ އެވެ.
ހަމްދޫން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑް ހަ ފަހަރު ހޯއްދަވައި އެވެ. އެއީ މީޑިއާ ކައުންސިލްގެ އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރެއްވި ނޫސްވެރިޔާ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެރީ ކަލޭ
21 October 2022
"ކުރީގެ" ޙަމްދޫން އަކަށް ނުލިބޭތަ؟ ހެހެހެ
ޑޮކްޓާރ. ބަނާނާ
21 October 2022
ހަމްދޫނު ލިޔުއްވާ އާޓިކަލް ތަކަކީ ދިރާސާކުރެވިގެން ކިޔާހިއްވާ އަދި ވަރަށް އޮޢްޓަރު ހުންނަ ގޮތަކަށްގެނެސް ދެވިފައިވާ އާޓިކަލް ތައްކަން ފާހަކުރަން! ޙަމްދޫނުގެ ތެ އުފާވެރިކަމުގައި އަފިރިޔެ ބައިވެރިވެ މަރުހަބާ ކޭފެއި ބައިވަރަ ސަލާމް ފެޑުވަން....
ރަދީފްއޮފިޝަލް
21 October 2022
މަރުހަބާ ބްރަދާ.
ގޯރުނުދޯރު
21 October 2022
މަރުހަބާ ހަމްދޫން!
ކްރޫސް
21 October 2022
އޭ އަނެއްކާ ދެބެއިންތަ ތިތާ ތިއުޅެނީ.؟