ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު
25 އޮކްޓޯބަރ 2022 - 21:00
ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެހެންވެ އެތަން ދޫކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ބަހުސްކުރައްވަމުން ދަނިކޮށް ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދު ވިދާޅުވީ 2009ގައި އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އެގައުމުގެ ސަރުކާރާ ބައްދަލުކޮށް ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އެތަނުގެ ސަގާފަތާއި ތާރީހަކީ އެކަމުގެ ހެއްކެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ގެއްލޭ ފަދަ ކަމެއް ކުރުމަކީ ރާއްޖެއިން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ މައިގަނޑު ވާހަކަ އަކީ، އަޅުގަނޑުމެންގެ ތަނެކޭ ފޯޅަވައްސަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ." ނަޝީދު
ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިވަޑައިގަންނަވާ ނަމަ، ނަޝީދު ވެރިކަމުގައި ހުންނެވިއިރު ޗާގޮސްއާ ރާއްޖެއާ މެދު އިން ވަކިކުރުމަށް މޮރިޝަސްއާ އެއްބަސްވީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
2011 ގަ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއްކަމަށް ދެކިލައްވާނަމަ ކީއްވެބާ މޮރިޝަޝްއާ އެއްބަސްވީ ފޯޅަވައްސާ ރާއްޖެއާމެދު އިންވަކިކުރުމަށް ؟@MohamedNasheed
— Fayyaz Ismail (@faya_i) October 25, 2022
އިތުރު ޓުވީޓެއްގައި ފައްޔާޒު ވަނީ 1992 ގައި އޭރުގެ ބަންޑާރަ ނައިބު އިނގިރޭސިވިލާތާ އެކު ރާއްޖެއާ ޗާގޮސްގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަ ދެކެވުނީ ކީއްވެތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
އިނގިރޭސި ސަރުކާރުން ޗާގޮސް އަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި 2010 ގައި ކަނޑައެޅިއިރު ނަޝީދު ވިދާޅުވީ އެތަނުގެ އިން ފާހަގަ ނުކުރާ ކަމަށާއި ޖެހިގެން އައި އަހަރު މޮރިޝަސް ސަރުކާރާ އެކު ކުރި މަޝްވަރާގައި ދެ ގައުމުން ގުޅިގެން އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކޮށްގެން އެ މައްސަލާގައި ހައްލެއް ހޯދަން ނިންމި ކަމަށެވެ.
އައިސީޖޭން ފެބުރުއަރީ 2019 ގައި ވަނީ އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައި އޮތުން ނިމުމަކަށް ގެނެސް އެތަން ވީއެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށް ކަނޑައަޅައިފަ އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި، އދ. ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި ފާސްކޮށްފައިވާއިރު އެ ގަރާރު ނެރެފައި ވަނީ 116 ގައުމެއްގެ ތާއީދާ އެކު އެވެ. ރާއްޖެއިން އެއާ ދެކޮޅަށް ވޯޓު ދީފައި ވަނީ ރާއްޖޭގެ ކޮންޓިޓެންޓަލް ޝެލްފް 200 ނޯޓިލަކް މޭލަށް ވުރެ އިތުރުކުރުމަށް ރާއްޖެއިން ސީއެލްސީއެސްއަށް ޖުލައި 26، 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް ދެކޮޅު ހެދުމުންނެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެ ކަމަށް ރާއްޖެއިން ހާމަކުރުމާ އެކު ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލަން އެއްބަސްވީ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ. އިއްޔެ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ސަރުކާރުގެ އެ އަމަލުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ މިއީ މުޅިން ތަފާތު ދެ މައްސަލައެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 October 2022
ޗާގޮސް މައްސަލައަށްވުރެ ރަށްކުރިމަތީގައި އޮންނަ ފަޅުރަށް ކައުންސިލްތަކަށް ނުލިބޭ މައްސަލަ މާބޮޑު. މިގައުމުގެ އެތައް ބަޔަކަށް ގޯތި ދޭންޖެހޭއިރު ހިއްކާފަހުރި ބިންތަކުންވެސް ގޯތި ނުދޭ މައްސަލަ މާ ބޮޑު
ސަސު.
26 October 2022
މިކަމުގަ އެބޭފުޅުން ނަގޫ ގޮއްޖެހޭއިރު ރައީސްމީހާ ރިއެއްކްޓު ކޮއްލުމެއް މަންސޫރަށް ހިލަމެއް ވުމެއް ނެތުމަކީ ނިކަމެތި އަޅުގަނޑު ނުހަނު ހިތާމަ ކުރާ ކަމެއް
ށަވިޔަނި
26 October 2022
ފުރަތަމަ އެތަނަށް ދިޔައީ ދިވެހި މަސްވެރިނކަން ތާރީޚީގޮތުން އެނގޭ އޭގެފަހުން ޕޯޗްގީޒުން ދެން ފަރަންސޭސިން ދެން އިނގިރޭސިން. ފަރަންސޭސިން އެތަނަކީ މޮރިޝަސް ތަނެއްކަމަށް ހެދި. އެއީ ކޮންގޮތަކަށް. މޮރިޝަސްއަކީ އެތަނާ 2191 ކިލޯމީޓަރު ދުރުތަނެއް. ރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރު ދުރުގައި އެތަން އޮތީ. އެތަނާ އެންމެ ކާރީ ރާއްޖެ. ރާއްޖެއާ ކާރިވުމާ ފުރުތަމަ ދިވެހިން ގޮސްއުޅުމާ މިކަންކަމުން އެނގެނީ ރާއްޖޭގެތަނެއްކަން. ބާރުގަދަ މީހުން ފޭރިގަތީ.
ހަސަންދީ
26 October 2022
ނަޝީދު ވިދާޅުވިޔަސް އެއްވެސް އިރެއްގައި ޗާގޯސްއަކީ ދިވެހިރާއްޖޭގެ ރަށެއްނޫން އެތަނުގެ ވަޒަން ވެރީންނަކީވެސް އެއްވެސް ގޮތަކުން ރާއްޖެ އާ ގުޅުންހުރި ބައެއްނޫން އަދި ރާއްޖޭގެ ތާރީޚުންވެސް އެއްވެސް އިރެއްގައި ރާއްޖޭގެ އަތޮޅެއް ނުވަތަ ރަށެއް ކަމަށް އިތުބާރު ހުރި އެއްވެސް ޤަރީނާއެއް ނުވަތަ ހެއްކެއްނެތް، މިކަމަށް އަޅުގަޑުމެން ވަކާލާތު ކުރުމުގެ ބަދަލުގައި މަލިކު ނުވަތަ މިނޮކޮއި ހޯދަން މަސައްކަތް ކުރުން ބޮޑުތަނުން ރަގަޅު ...
ކުދުބެއްޔާ
26 October 2022
ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ސިޔާދަތީބާރު ލިބިގެންވާތަނެއްކަމަށް ވަކާލާތު ކޮށްގެން އެކަން ކާމިޔާބުވުމުގެ އެއްވެސް ވަރެއްގެ ފުރުސަތެއް އެބައޮތްތޯއެވެ. ފުރުސަތު އޮތްކަމަށް ގަބޫލުފުޅު ކުރައްވާނަމަ އެކަމާ ވަކާލާތު ނުކުރެއްވީ ކީއްވެތޯއެވެ؟ ވަކާލާތު ނުކުރެއްވުމަކީ ކިހާވަރެއްގެ އިހުމާލު ވުމެއްތޯއެވެ؟
ފޮއި
26 October 2022
ބަލަ ނަޝީދު ހބލލ އެވަނީ ވެރިކަމަށް ނާދެވިގެން. ކިޔޭ ނުކިޔޭއެއް ނޭންގޭ. ދިވެހިންގެ އެއްވެސް ވެރިކަމެއްގަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދައުވާއެއް ނުކުރޭ. ކުއްލިއަކަށް ދެލޮލަށް ރެހިތެޔޮ އެޅިގެން ތެޅެން ފެށީ ވެރިކަމާ ޖައްސާލުމަށް.
ޔާޔާ
25 October 2022
ފައްޔާޒަށް އެނގޭތަ ރާއްޖެއާ މޮރިޝަސްއާ ދެމެދު އިންވަކިކުރަންޖެހޭތީއޭ ނަޝީދު އެކަމަށް އެއްބަސްވީ. އިންވަކިކުރީމަނޫންތަ މައްސަލަ ހައްލުވާނީ. އަދި އިންވަކިކުރާއިރު ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް ދެގައުމުން އެއްބަސްވުމަކީ އެކަށީގެންވާކަމެކެވެ. އެކަމަކު ފައްޔާޒުމެން ތިޔައުޅެނީ ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ހަދަންނޫންހެއްޔެވެ؟
ޖާބެ
25 October 2022
ރީނދޫ ކުދިންބޭނުންވަނީ ގޢުމު ވިއކާލަން
ޝޮކްތެރަޕީ
25 October 2022
އެމްޑީޕީގަ ގައުމީ ލޯބި ހުރި އެކަކުވެސް އިސްސަފުގަ ނެއް.
އެމެރިކާ
25 October 2022
ރައްދެއް ނުދެވޭނެ ސަބަބަކީ އިންޑިޔާއާ ގުޅިގެން ރާއްޖެ ވިއްކާލާފަ އޮތީމަ.