ބެޔާން ދޫކޮށް ބާސެލޯނާ އަށް މި ސީޒަންގައި ބަދަލުވި ފޯވާޑް ލެވަންޑޯސްކީ އާއި ބެޔާންގެ ދެވަނަ ލަނޑު ޖެހި ޗޯޕޫ މޮޓިން، މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2022 - 10:11
ބާސެލޯނާ (އޮކްޓޫބަރު 27) - ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޖާގައެއް ނުލިބި ސްޕެއިންގެ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ.
ރޭ އެންމެ ފުރަތަމަ އިޓަލީގެ އިންޓަ މިލާނުން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕެލްޒެން 4-0 އިން ބަލިކުރުމާ އެކު ބާސެލޯނާ އަށް ވަނީ ގުރޫޕްގެ ގަދަ ދޭއްގައި ހިމެނުމުގެ ފުރުސަތު ގެއްލިފަ އެވެ.
ސެން ސީރޯ ސްޓޭޑިއަމްގައި އިންޓަ އަށް މެޗުގައި ލަނޑުތައް ޖަހައިދިނީ ހެންރިކް މިކިތާރިއަން އާއި އެޑިން ޒެކޯ އަދި ރޮމެލޫ ލުކާކޫ އެވެ. ޒެކޯ މެޗުގައި ދެ ލަނޑު ޖެހިއިރު، މިއީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުން ލުކާކޫ، އޮގަސްޓް މަހު ލިބުނު ހެމްސްޓްރިންގް އަނިޔާ އަށް ފަހު ރަނގަޅުވެގެން އައިސް ކުޅުނު ފުރަތަމަ މެޗެވެ. ޕެލްޒެން ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލި ވެފަ އެވެ.
ފަހުން ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެޓީމަށް މޮޅެއް ނުހޯދުނެވެ. ބެޔާން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ބެޔާނަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. އަދި ފުރަތަމަ ހާފުގައި ލީޑު ފުޅާ ކޮށްދިނީ އެރިކް މެކްސިމް ޗޯޕޫ މޮޓިން އެވެ. މެޗުގެ އިތުރު ވަގުތުގައި ބެޔާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ.
ބެޔާޏް މިއުނިކް ވަނީ 15 ޕޮއިންޓް ހަމަކޮށް ގުރޫޕުގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. އަދި އިންޓަ އިން ދެވަނަ ޔަގީން ކުރީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ޕޮއިންޓާ އެކު ތިންވަނައިގައި އޮތް ބާސެލޯނާ އަށް މި ސީޒަންގައި ވެސް ވަނީ ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގައި ވާދަކުރަން ޖެހިފަ އެވެ.
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އެޓީމަށް އަދި ގުރޫޕް ސްޓޭޖް ފަހަނަ އަޅައި ދެނޭ ގޮތެއް ނުވެ އެވެ. މިދިޔަ ސީޒަންގައި ވެސް ބެޔާން މިއުނިކާ އެއް ގުރޫޕެއްގައި ހިމެނިގެން ބާސެލޯނާ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
މެސީ އާއެކު އެންމެ ފަހު ތިން ސީޒަންގައި ވެސް ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބެއް ނުހޯދުނެވެ. އެންމެ ފަހުން 2020/2021 ސީޒަންގައި ގަދަ 16 އިން ކެޓީ ޕީއެސްޖީ ބަލި ނުކުރެވިގެންނެވެ. އޭގެ ކުރީ ސީޒަންގައި ކެޓީ ކުއާޓާ ފައިނަލްގައި 8-2 އިން ބެޔާން އަތްދަށުވެގެންނެވެ. އަދި 2019 ވަނަ އަހަރު ސެމީ ފައިނަލްގައި ލިވަޕޫލުން ބާސެލޯނާ އަށް ލަނޑު ދިން އިރު، 2018 ގައި ކުއާޓާ ފައިނަލްގައި ލަނޑު ދިނީ ރޯމާ އެވެ.
ލެވެކޫސަން އާ އެއްވަރުވި މެޗަށް ފަހު އެތުލެޓިކޯގެ ފްރާންސް ފޯވާޑް ގްރީޒްމަން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
އެތުލެޓިކޯ މެޑްރިޑް ކެޓީ، ރޭ އަމިއްލަ ދަނޑުގައި ޖަރުމަންގެ ބެޔާން ލެވެކޫސަން ބަލި ނުކުރެވުމުންންނެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ނުވަ ވަނަ މިނިޓުގައި މޫސާ ޑިއާބީ ލީޑު ނަގައިދީފައި ވަނިކޮށް ޔަނިކް ކަރަސްކޯ ވަނީ 22 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް ނުވަ މިނިޓު ފަހުން ކެލަމް ހަޑްސަން އޮޑޯއި ވަނީ ލެވެކޫސަން އަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އެތުލެޓިކޯ އަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ ރޮޑްރިގޯ ޑި ޕޯލް އެވެ. މެޗުގެ އިތުރު ވަގުތުގައި އެތުލެޓިކޯ އަށް މެޗުން މޮޅުވާން ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާ އެކު އެތުލެޓިކޯ އަށް ހަތަރު މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ލެވެކޫސަން އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބާކީ އެއް މެޗު އޮއްވައި ދެ ޓީމުން ވެސް މަސައްކަތް ކުރާނީ ގުރޫޕްގެ ތިން ވަނަ ހޯދައިގެން ޔޫރޮޕާ ލީގު ޖާގައެއް ހޯދާށެވެ.
މި ގުރޫޕްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓް ހޯދާފައިވާ ބެލްޖިއަމްގެ ކްލަބް ބުރޫޖް އެވެ. ދެވަނައިގައި އޮތް ޕޯޗުގަލްގެ ޕޯޓޯ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ބުރޫޖް އާއި ޕޯޓޯ އަށް ވަނީ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުން ޖާގަ ޔަގީން ވެފަ އެވެ.
ބުރޫޖް އާއި ޕޯޓޯ ރޭ ކުޅުނު މެޗު 4-0 އިން ކާމިޔާބު ކުރީ ޕޯޓޯ އެވެ. އެތުލެޓިކޯ މެޑްރިޑުން ފަހު މެޗުގައި ނުކުންނާނީ ރަށުން ބޭރުގައި ޕޯޓޯއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
27 October 2022
2 ވަނަ ބުރު ކަށަވަރުކުރި ހުރިހާ ކްލަބްތަކަށް މަރުހަބާ.އަންނަ ސީޒަނުގަ ބާސާ ކާމިޔާބް ހޯދާނެ.އިންޝާﷲ.
ރެފްރީ
27 October 2022
ރެފްރީގެ ޝަކުވާއެއް ނެތްތަ؟