ީދިރާގު ހެޑް އޮފީސް؛ ނެޓުވޯކު ފުޅާކުރަން، އައިއެފްސީ އަދި އޭޑީބީން ދިރާގަށް 55 މިލިއަން ޑޮލަރު --ފޮޓޯ: ނިޝާން އަލީ | މިހާރު
29 އޮކްޓޯބަރ 2022 - 20:08
ނެޓްވޯކު ފުޅާކުރުމަށާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކުރަން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި އޭޝިއަން ޑިވެލޮޕްމެންޓު ބޭންކު (އޭޑީބީ) ގުޅިގެން ދިރާގަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ)ގެ ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.
ވޯލްޑް ބޭންކުން އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓު ކުރަން ހާއްސަކޮށްފައިވާ ގޮފި، އައިއެފްސީން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ އޭޑީބީއާ ގުޅިގެން ދިރާގަށް ދެ ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ފެސިލިޓީއަކާއި 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ފެސިލިޓީ އެކެވެ.
ފުރަތަމަ ފެސިލިޓީ، 25 މިލިއަން ޑޮލަރު ބޭނުން ކުރާނީ ދިރާގުގެ ހިންގުމުގެ ހަރަދުތަކަށާއި 5ޖީ އަދި ފައިބަ ބްރޯޑްބޭންޑު ހިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ އިތުރުން އެ ކުންފުނިން ރާއްޖޭގައި އަޅާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ތަރައްގީ ކުރުމަށް ކަމަށް އައިއެފްސީން ބުންޏެވެ.
ދެވަނަ ފެސިލިޓީ ބޭނުން ކުރާނީ، އައިއެފްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ދިރާގުން ބައިވެރިވެފައިވާ "ސީ.މީ.ވީ 6" ސަބްމެރިން ކޭބަލްގެ މަސައްކަތަށެވެ.
އެ ކޭބަލް މެދުވެރިކޮށް ދެކުނު އޭޝިއާއިން ފެށިގެން އިންޑިއާ އާއި މެދުއިރުމައްޗާއި ހުޅަނގު ޔޫރަޕާ ގުޅާލާނެ އެވެ. މި ހައިސްޕީޑް ސަބްމެރިން ކޭބަލްސިސްޓަމާ، ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ނިންމޭނެކަމަށް ދިރާގުން ވަނީ ލަފާކޮށްފަ އެވެ.
ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އައިއެފްސީ އަދި އޭޑީބީގެ ފައިސާ ލިބުމަކީ ކުންފުނީގެ ވަރުގަދަކަމާއި ޑިޖިޓަލް އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމަށް ދިރާގުން ގެންގުޅޭ ތަސައްވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
Digitally connecting the islands of #Maldives with @IFC_org’s investment in @Dhiraagu! This will help strengthen international🌐connectivity, improving efficiency of services & boosting digital services across 🇲🇻.https://t.co/cw9uijbZMQ pic.twitter.com/qFH3zzPqM6
— IFC South Asia (@IFC_SouthAsia) October 28, 2022
"ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް އައިއެފްސީން ދިރާގަށް ކުރާ އިންވެސްޓްމަންޓަކީ ދުނިޔޭގެ އެންމެ ޖަޒީރާ އެއް ގައުމުގެ މީހުން ގުޅުވައިލުމުގެ ގޮންޖެހުމުން އަރައިގަތުމަށް އެހީތެރިވެދޭނެ އަގުހުރި އިންވެސްޓްމަންޓަކަށް ވާނެ،" އައިއެފްސީން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ހެކްޓާ ގޮމެޒް އޭންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އިންވެސްޓްމަންޓަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދޭ ގިނަ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމުގެ މަގު ފަހިކޮށްދީ އިގްތިސޯދު ފުޅާކޮށްދޭން ވެސް އެހީވެދޭނެ އިންވެސްޓްމެންޓެކެވެ.
އެއާއެކު ރާއްޖޭގައި ރިމޯޓުކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބި ގިނަ ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީބީގެ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވި ގޮތުގައި އެއީ އޭޑީބީން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ފައިނޭންޝަލް ފެސިލިޓީއެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
ސުޒޭން ވިދާޅުވި ގޮތުގައި، ދިރާގަށް ފޯރުކޮށްދޭ އެހީއާ އެކު ހަލުވިކަމާ އެކު އިންޓަނެޓުގެ ހިދުމަތް ހެޔޮއަގުގައި ފޯރުކޮށްދީ، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމެންޓުތަކާއި ސަރަހައްދީ ގުޅުންތަކަށް މަގުފަހިކޮށްދޭނެ ވަސީލަތަކަށް ވާނެ އެވެ.
މޯބައިލް އަދި އިންޓަނެޓް ކަނެކްޓިވިޓީ އަކީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެފްސީ އަކީ ކުރިއަރަމުން އަންނަ މާކެޓުތަކުގައި އަމިއްލަ ފަރާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ތަރައްގީގެ މުއައްސަސާ އެވެ. އެ ކޯޕަރޭޝަނުން މިދިޔަ އަހަރު އެކަނި ވެސް 31.5 ބިލިއަން ޑޮލަރު ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ކުންފުނިތަކަށާއި މާލީ އިދާރާތަކަށް ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭ. ދިވެހިން. ކޮންކަހަލަ ވީޑިއޯއެއްތޯ ތިހާވަރައް ތިބައްލަވަނީ!
31 October 2022
ބިލް ތައް ބޮޑުކޮއްލަން ރެޑީ ވަނީ!
އަހުމަދުއަލޯ
30 October 2022
މާލޭ ސަރަޙައްދަށް ތިޔަ ލާރިކޮޅު ތަޅާލާތި....
އަހަންމައިދީ
30 October 2022
ކަލޭމެން ތިބޭ މާލެ ކޮޅުގަ ފްލެޓެއް އަޅައިފިއްޔާ އެއަށް ދައުވާކޮށްކޮށް. ރަށްތައް ތަރައްގީ ނުވެގެންނޯލައުޅެނީ. އަސާސީ ހައްގެކޭ ކިޔައިގެން އޮޅުވާލައިގެން ދޮކޮޅުންކާން ތިޔަ އުޅެނީ. މާލެއަށް ފައިސާ އަޅާކަށްނު ޖެހޭނީ. ހިޔާ ފްލެޓްތަކުގެ 60% އެއީ ރަށްރަށުން މުޅިން އަލަށް މާލެއަށް ހިޖުރަކުރި މީހުން. ދެން މިހާރު އަނެއް ޕްރޮޖެކްޓް އެއޮއް ކުރިއަށް ދަނީ. ހުސް ރަށްރަށުން މާލެއަށް. ފައިސާދެން އަޅަންވީ ކަނޑަށްތަ؟
އާތިފާ
30 October 2022
ދިރާގް އަދި ވަތަނިއްޔާ ގެ މައި ހިއްސާ ކޮންޓްރޯލްކުރަނީ ބަހްރައިން ޓެލެކޮމިނުއުކޭޝަން. މިހެންވުމުން ހަގީގީ ވާދަވެރިކަމެއް މިހާރުނެތް. އަގުވަނީ ހިފެހެއްޓިފައި. ރައްޔިތުންނަށް ފައިދާއެއްނުވޭ. މިހާރު ޑާޓާ ކޮޅުހުސްވުމުން ރިބޫސްޓްކުރާ ޑާޓާ އިސާހިތަކު ހުސްވޭ. ޖީބަށް ބުރަވުން ނޫންކަމެއް ނުފެނޭ. މިފަދަ ކުންފުންޏަކަށް ލޯނު ވޯލްޑްބޭންކްގެ އައި އެފްސީ ދޭން ނުޖެހޭ.
ނަރެލް
30 October 2022
މީހަކުބުނާތީއެހިން އުރީދޫ އަކީ ގަތަރު ކުންފުންޏެކޭ
އާތިފްޒް
30 October 2022
ތިޔަކަހަލަ ދޮގު މައުލޫމާތުގެ ކޮމެންޓުން އަމިއްލައަށް ސޯޓްބޭލޭނީ! ކުޑަކޮށް ދިރާސާކޮށްލިއަސް އެނގޭނެ ބަހްރޭން ގެ ބަޓެލްކޯ އަދި ގަތަރުގެ އޫރިދޫ (ރާއްޖޭގެ މުވާސަލާތީ ޚިދްމަތްދޭ 2 ކުންފުނީގެ މައި ޚިއްސާދާރުން) އަކީ ތަފާތު 2 ގައުމެއްގެ ތަފާތު 2 ކުންފުނިކަން. އަދި މި 2 ކުންފުންޏަކީ އެ 2 ގައުމުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރެވިފައިވާ ކުންފުނިތަކެއް ކަމާއި އަދި ކުންފުނިތަކުގެ މައި ހިއްސާދާރުންވެސް އެނގެންހުންނާނެ.
ފިނިހަކަސްޕީޑް
30 October 2022
މައަންހެނުން އިހަކަށް ދުވަހު ފޯނަށް އަޅައިފި 20 ޖީބީ ޑޭޓާ އެކަމް ނުހުޅުވޭ އަދިވެސް އެންމެ ދުވަސްވީ ކުންފުންޏަށް ވުރެންވެސް ތަންކޮޅެއް ކުރީގަ އަނެއް ކުންފުނި އުޅެނީ . ވވވ ވެދުން
ާމަވެސް
30 October 2022
އަހަރެންގެ ފޯނަށް ދިރާގް ސްޕީޑް ރަގަޅު. ޢާންމުކޮށް 30އެމްބީޕީއެސްލިބޭ. ހުޅުމާލެ ސަރަހައްދުން 70އެމްބީޕީއެެސް ވެސް ލިބޭ
އެނދިމަރޔަނބު
29 October 2022
އަަރުތަކެއްފަހުން ވިޔަސް ނެޓްވޯކް ރައްރަށަށް ފުޅާކުރަން ވިސްނީތީ ޝުކުރިއްޔާ.
ލޮލީބޮލީ
29 October 2022
ތީގެ އެއްވެސް ފައިދާ އެއް ދިވެހި އާއްމު ރައްޔިތަކަށް ނުކުރާނެ.
ވޮލީބޯލް
29 October 2022
މިތާގައި ތިޔަ ކޮމެންޓްވެސް ތިޔަކުރެވެނީ މުއާސަލާތީކުންފުންޏެއް މެދުވެރިކޮށް ކަމެއް ނޭނގޭތަ؟
ވަކަފޫޅު
30 October 2022
ފައިދާވާކަމަށް ވާނީ އިންޓަރނެޓް ހިލޭ އެންމެންނަށް ދިނީމާދޯ؟
ލުއި
29 October 2022
އާންމު ރައްޔިތު މީހާއަށް ނިކަން ލުއި ކޮށްލަދީބަލަ. ވިޔަފާރިތަކުން ބޮޑު ފައިދާ ނެގެއެއްނު.
މެންޑޭޓް
30 October 2022
ތިބުނާލުޔެއްވެސް ބުނެލިނަމަ ރަގަޅުވީސް. ހިލޭ އުތަ އިންޓަރނެޓްދޭންވީ؟