ކުރެދިފުށި: އެރަށް ނުދިން މައްސަލާގައި ބަދަލު ދޭން ނުޖެހޭނެ ކަމަށް ވަނީ ހުކުމްކޮށްފައި
30 އޮކްޓޯބަރ 2022 - 11:04
ތ. ކުރެދިފުށީގައި ރިސޯޓެއް ހަދަން ކުއްޔަށް ދޭން އެއްބަސްވުމަށް ފަހު، އެ ރަށް ހަވާލު ނުކުރި މައްސަލާގައި 500 މިލިއަން ރުފިޔާގެ ބަދަލެއް ދައުލަތުން ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ގޮތަށް ކުރެދިފުށީގައި ރިސޯޓެއް ހެދުމަށް މ. އަހުމަދީއާބާދު، މުހައްމަދު ޒަކީ އަށް ދޭން ސަރުކާރުން އެއްބަސްވީ ޖެނުއަރީ، 2012 ގަ އެވެ. އެއީ ތ. އަތޮޅުގެ ދެ ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރާ ގޮތަށެވެ.
ފަހުން 2014 ވަނަ އަހަރު ސަރުކާރުން އެންގީ އެ ރަށް ދޫކުރާނީ ފައިސާ ދެއްކުމުން ކަމަށެވެ. ސަރުކާރާ އެކު ފަހުން ހަދަންޖެހޭ ޖޮއިންޓް ވެންޗާ އެއްބަސްވުން ހަދަން އެދުނަސް، ސަރުކާރުން އެންގީ ބިމު ކުލީގެ 20 ޕަސެންޓް ފައިސާ ނުދައްކަނީސް، އެއްބަސްވުމުގައި ސޮއި ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލައިގައި، ގެއްލުމުގެ ބަދަލަށް 35.3 މިލިއަން ޑޮލަރު (539 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން ޒަކީގެ ފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ވަނީ އެއްބަސްވުމުގެ ދަށުން ބަދަލު ނަގައި ނުދެވޭނެ ކަމަށެވެ.
ހުކުމުގައިވަނީ އެ މައްސަލާގައި ހަވާލާދެނީ 2012 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާ އެކު ހެދި ސީއެސްއާރު މަޝްރޫއުގެ އެއްބަސްވުމަށް ކަމަށާއި އެކަމަކު އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކަމަށް ހުކުމުގައިވެ އެވެ.
ކުރެދިފުށީ މިހާރު އޮންނަނީ ތ. އޮމަދޫ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާތޯ ދާތޯ
30 October 2022
މެލޭޝިޔާގައި ކުރިން ހުންނެވި އަޅުގަނޑު މެންގެ "ދާތޯ" ގެ ކަމެއް ތޯ؟