ޕޯސްޓްމޯޓަމް ހެދުމުގެ ބާރު އޮންނަނީ ފުލުހުންނަށް އެކަނި. އެކަމަކު އާއިލާގެ ނުރުހުމުގައި އެކަން ކުރެވިދާނެ ކަމާ މެދު ފުރަތަމަ ފަހަރަށް ވަނީ ސުވާލު އުފެދި، ކޯޓާ ހަމައަށް ވެސް މައްސަލަ ގޮސްފައި.
މަރުގެ މައްސަލައެއްގައި މީހެއްގެ ހަށިގަނޑު ފުލުހުން ގެންދަނީ: ޕޯސްޓްމޯޓަމް ހެދުމުގައި ރުހުން ހޯދުން ގާނޫނުން ފުލުހުންނަށް ލާޒިމެއް ނުކުރޭ --- ފޮޓޯ/މިހާރު
02 ނޮވެމްބަރ 2022 - 06:18
މީގެ 15 އަހަރު ކުރިން 2007 ވަނަ އަހަރު މާލޭގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސޮލާހްގެ މަރަކީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުނު މަޝްހޫރު ހާދިސާ އެވެ. ފުލުހުންގެ ބަންދުގައި ހުރެފައި ބަންދުން ދޫކޮށްލިތާ މާ ގިނައިރުތަކެއް ނުވަނީސް، ހުސައިން ސޮލާހް މަރުވެފައި އޮއްވާ ފެނުމާއި އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތު ދެ ފުލުހެއްގެ މައްޗަށް ކުރެވުނު ހިސާބަކީ ތުހުމަތުގެ އިނގިލި އަމާޒުވެ، އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހަދަން މަޖުބޫރުވި ހިސާބެވެ.
ރާއްޖޭގައި އޭގެ ފަހުން ދޭތެރެދޭތެރެއިން މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަ އެވެ. ނަމަވެސް އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ މައްސަލަ ފެންމަތިވީ ދާދި ފަހުން ފުލުހުން ހައްޔަރު ކޮށްގެން ގެންދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރާ ހިސާބުންނެވެ.
ފުލުހުންގެ ގާނޫނު ބުނާގޮތުން މީހަކު މަރުވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދޭނީ ކޯޓު އަމުރެއް އޮވެގެންނެވެ. ޖިނާއީ އިޖްރައާތު ގާނޫނުގެ ދަށުން ވެސް އެ ބާރު ފުލުހުންނަށް އޮވެ އެވެ. އެކަމަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ޕޯސްޓްމޯޓަމް ހަދާއިރު ކޯޓު އަމުރެއް ބޭނުމެއް ނުވެ އެވެ.
ޖިނާއީ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހަދަން ހުއްދަ ދޭނީ ޕޮލިސް ކޮމިޝަނަރެވެ. މަރުވުމަށް ފަހު އެ މީހެއްގެ ހަށިގަނޑަކީ އާއިލާ އާއި ވާރިސުންގެ ހައްގެއް ކަމަށް ވިޔަސް، އެ އިން އެއްވެސް ގާނޫނެއްގައި އާއިލާގެ ހުއްދަ ހޯދުމުގެ ވާހަކައެއް ނެތެވެ. ކޯޓުން ވެސް ނިންމީ އެގޮތަށެވެ.
"ބައެއް ގައުމުތަކުގައި އެބަހުރި ހައްޔަރުކޮށްގެން ގެންގޮސް ގަޔަށް އިންޖެކްޝަން ފަދަ އެއްޗެހި ޖެހީމަ މީހުން މަރުވެފައި ވެސް. ބޭރު ފުށުން ފެންނަން ނެތަސް، ކަންތައްތަކެއް ހުރެދާނެ. އެކަން އެނގޭނެ ޕޯސްޓްމޯޓަމް ހެދީމަ."
ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް އަދި އާއިލާގެ ހުއްދައެއް ނެތި، ޕޯސްޓްމޯޓަމް ހުއްދަ ވަނީ ގަވާއިދުގައި ބުނާ ވަރަށް ހާއްސަ ހާލަތުތަކެއްގައި އެކަންޏެވެ. މީހުން މަރުވާ ކޮންމެ ފަހަރަކު އޭގެ ތެރެއަށް ފުލުހުންނަކަށް ނުވަދެވޭނެ އެވެ.
"ރާއްޖޭގައި މީހަކު މަރުވާ ކޮންމެ ފަހަރަކު ފުލުހުންނަށް ޑޮކްޓަރުން އަންގާކަށް ވެސް ނުޖެހޭ. ގަވާއިދުގައި މި ބުނާ ވަކި ހާލަތްތަކެއްގައި އެކަނި ފުލުހުންގެ ދައުރު މި އަންނަނީ އަދި ފުލުހުންނަށް އަންގަން ޖެހެނީ ވެސް،" އޭނާ ވިދާޅުވި އެވެ.
"ގަވާއިދުގައި މި ބުނަނީ ހަތް ހާލަތުން ކުރެ ހާލަތެއްގައި ޕޯސްޓްމޯޓަމް ހެދިދާނެއޭ. އެ ހާލަތުގައި ބޮޑީއަކީ ފުލުހުންގެ އެއްޗެއް."
ދެން އޮތީ މީހަކު މަރުވި ސަބަބު ޑޮކްޓަރުގެ ރިޕޯޓުން އެނގެން އޮންނަ ހާލަތްތަކުގައި ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމެއް އެބައޮތްތޯ ކުރެވޭ ސުވާލެވެ. މިހާރު ފެންމަތިވެގެން އުޅޭ މައްސަލާގައި ވެސް، އެންމެ ފާޑުކިޔުން ބޮޑުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެ މީހާ މަރުވުމުން، މަރުވުމަށް މެދުވެރިވި ސަބަބު ޑޮކްޓަރުން ބުނެދީފައި އޮއްވާ ޕޯސްޓްމޯޓަމެއް ހަދަން ނިންމުމުންނެވެ.
މީހެއްގެ ހަށިގަނޑު ގެންދަނީ --- ފޮޓޯ/މިހާރު
ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި މަރު ޑިކްލެއާ ކުރުމުގައި އާންމުކޮށް ޑޮކްޓަރުން ލިޔާ ސަބަބަކީ އަސްލު އޭގެ އެންމެ ފުނަށް ވާސިލްވެ، ދެނެގަނެވޭ ފަދަ ސަބަބުތަކެއް ނޫނެވެ.
"އަނިޔާކުރި މީހަކު ނޭނގިދާނެ ޕޯސްޓްމޯޓަމަކުން. އެކަމަކު އަނިޔާއެއް ދީފައި ހުރިއްޔާ ޔަގީނުން ވެސް ޕޯސްޓްމޯޓަމުން ބުނެދޭނެ އެކަން."
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަރު ޑިކްލެއާ ކުރުމުގައި އާންމުކޮށް ޑޮކްޓަރުން ބަޔާންކުރާ ސަބަބުތަކަކީ ހިތް ހުއްޓުމާއި ނޭވާ ނުލެވުމާއި ޝޮކް ޖެހުން ފަދަ ކަންކަމެވެ. މިސާލަކަށް ތޫނު އެއްޗަކުން މީހަކު ހަމަލާދީ މަރާލިޔަސް، މަރުވުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ގިނަ ފަހަރަށް އޮންނާނީ ފުއްޕާމެ ލެޔާއި ވައި ޖަމާވެ، ނޭވާ ނުލެވިގެން ނުވަތަ ގިނަ އަދަދަކަށް ހަށިގަނޑުން ލޭ ބޭރުވުމުން ޝޮކް ޖެހިގެން މަރުވި ކަމަށެވެ.
"ކާޑިއަކް އެރެސްޓެކޭ ޑޮކްޓަރު ލިޔެފައި އޮވެދާނެ. އެކަމަކު ކާޑިއަކް އެރެސްޓަކަށް ދިޔައީ ކީއްވެގެން ކަމެއް ނޭނގިދާނެ ޑޮކްޓަރުން އެގޮތަށް ބަލާފައެއް. ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާފައި ހުރި މައްސަލަތަކުގައި އެބަހުރި އެ އަށް މެދުވެރިވި އަސްލު ސަބަބަކީ ކޮބައިކަން ހާމަވެފައި،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ޕެތަލޮޖިސްޓެއް މެދުވެރިކޮށް ހަދާ ޕޯސްޓްމޯޓަމްގައި އެ ހާލަތް މެދުވެރިވި އަސްލު ސަބަބާ ހަމައަށް ފުނަށް ދެނެގަނެވޭނެ އެވެ.
"ބައެއް ގައުމުތަކުގައި އެބަހުރި ހައްޔަރުކޮށްގެން ގެންގޮސް ގަޔަށް އިންޖެކްޝަން ފަދަ އެއްޗެހި ޖެހީމަ މީހުން މަރުވެފައި ވެސް. ބޭރު ފުށުން ފެންނަން ނެތަސް، ކަންތައްތަކެއް ހުރެދާނެ. އެކަން އެނގޭނެ ޕޯސްޓްމޯޓަމް ހެދީމަ،" މަރުގެ ބޮޑެތި މައްސަލަތަކެއްގައި މަސައްކަތް ކުރެއްވި އެ ބޭފުޅާ ވިދާޅުވި އެވެ.
"އަނިޔާކުރި މީހަކު ނޭނގިދާނެ ޕޯސްޓްމޯޓަމަކުން. އެކަމަކު އަނިޔާއެއް ދީފައި ހުރިއްޔާ ޔަގީނުން ވެސް ޕޯސްޓްމޯޓަމުން ބުނެދޭނެ އެކަން."
މިހާރު ފެންމަތިވެގެން އުޅޭ މައްސަލާގައި ތުހުމަތު ކުރެވެނީ ފުލުހުންގެ އިހުމާލަކަށެވެ. އެހެންވުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހަށިގަނޑު ބާއްވައިގެން އޮޓޮޕްސީ ހެދުމުން އޭގެ ނަތީޖާއާ މެދު ސުވާލު އުފައްދަން ޖާގަ ލިބެ އެވެ. އަނެއްކޮޅުން، ހަށިގަނޑު ބެލުމުގެ ފުރުސަތު އާއިލާއަށް ދިނީ ވެސް އެތައް ދުވަހެއް ފަހުންނެވެ.
ފުލުހުންގެ އިހުމާލާ ގުޅޭ ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ގާނޫނުން އޮންނަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ. އެކަމަކު ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެ ދެ މުއައްސަސާއަކަށް ގާނޫނުން ދީފައެއް ނެތެވެ.
އަނެއްކޮޅުން ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން އަބަދުވެސް މީހުން ގެންދަނީ ބޭރު ގައުމުތަކަށެވެ. އެންއައިސީ ފަދަ މުއައްސަސާއަކުން ޕޯސްޓްމޯޓަމަކަށް ދާން ބޭނުންވިޔަސް، އެންމެ ބޮޑު ހުރަހަކީ އެއީ އެވެ. ރާއްޖެއިން ބޭރަށް ހަށިގަނޑު ގެންދިއުމާއި ގެނައުމުގެ ވަސީލަތްތައް ނެތުމުން ފުލުހުންނަށް ބަރޯސާވާން ޖެހުމެވެ.
ކުރިން ރާއްޖޭގައި ޕޯސްޓްމޯޓަމް ނަހަދަނީ އެކަށީގެންވާ މިންވަރަށް ޕެތޮލޮޖިސްޓުން ނެތުމާއި އެކަމަށް ބޭނުންވާ އެހެން ވަސީލަތްތައް ނެތުމުންނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދަ ދޭން ރާއްޖޭގައި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ބައެއް ތަންތަނުން ސަރުކާރުގައި އެދޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިކަމުގައި ހެލްތް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޕޯސްޓްމޯޓަމްގެ މައްސަލާގައި ގާނޫނު ވަރަށް ސާފެވެ. ހާއްސަ ހާލަތްތަކެއްގައި، ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް އެބައޮތެވެ. އެހެން ނަމަވެސް ޕޯސްޓްމޯޓަމް ހެދުމުގައި ފުލުހުންނަށް އެކަނި ބަރޯސާވެގެން އަބަދު ތިބެވޭކަށް ވެސް މިހާރަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަތު
03 November 2022
ރުހުމައި ނުރުހުން...... މައްޔިތާގެ އަތެއް ބިންދާލިޔަސް، ހަންކޮޅެއް ކަފާ ނެގިޔަސް، އޭނާ ދުނިޔޭގައި އޮއްވާ އެކަން ކޮށްފިނަމަ ހަށިގަނޑަށް އަޅާނެ ވޭނާއި އިހުސާސް މައްޔިތާއަށް އެންމެ ފުރިހަމައަށް ލިބޭނެކަން ޙަދީޘްތަކުން ސާބިތުވޭ. ވީމާ މައްޔިތާއަށް އަނިޔާކުރުން ނޫން ދެން ކޮންކަމެއް؟ ޕޯސްޓްމޯޓަމް އޭ ކިޔައިގެން ކޮން ސަކަރާތެއް ބާ މިހަޖަހަނީ ނަމުން މުސްލިމް ޤައުމެއްގައި؟
ބޮޑުމީހާ
02 November 2022
ޕޯސްޓްމޯޓަމް ހަދަންޖެހޭ ވަރުގެ ސަބަބެއް އޮތިއްޔާމު ހަދަންވީ..މިކޭސްގަ ފުލުހުން އޭނަ މެޔަށް ތަދުވެޔޭ ގޮވަގޮވާ އޮއްވާ ފަރުވާ ނުދީ ލަސްކުރީ. ދެން އޭނަ ހަކުރުބުޔަސް ސައިނަޑް ބުޔަސް ހާޓްއެޓޭކެއް ޖެހުނަސް ގުދުރަތީ މަރަކުން މަރުވިޔަސް ފުލހުން އިހުމާލު ނުވާކަމަކަށް ނުވާނެ
ސުން
02 November 2022
ގާނޫނުތައް ހެދެން ޖެހެނީ ދީނާ ފުށުނާރާ ގޮތަށް. ވާރިސުން ތިބެފައި އެވާރިސުން މައްޔިތާގެ ހަށިގަނޑު ގެ މައްޗަށް ބާރު ހިންގަން ބޭނުންވާނަމަ ހިފެހެއްޓޭނެ ހަމައެއް އޮތްތޯ ބަލަންޖެހޭ. މިކަން އެނގޭނީ އިލްމްވެރިންނަށް.
ށަވިޔަނި
02 November 2022
މިކަހަލަކަމެއްގައި އަމިއްލަ ޚިޔާލަކީ އަގެއްހުރިއެއްޗެއްނޫން. ހައިއަތު ކިބާރުލްއުލަމާއު ސައޫދީ މަޖްމަޢުލް ފިޤްހުލް އިސްލާމީ މައްކާ ޖޯރޑަން އަދި މިސުރުގެ ދާރުލް އިފްތާއު ބިން ބާޒު ޝައިޚު ޢުސައިމީން އަދި ހަތަރު މަޛްހަބުގެ ފަހުގެ ޢިލްމުވެރިންގެ ނަޒަރުގައި ކުރުން ހުއްދަ. އާއިލާގެ ރުހުން ނެތަސް ފުލުހުންނަށް ކުރަން ފެނިއްޖެއްޔާ ކުރެވިދާނެކަމަށް ބިން ބާޒު ބުނެފައިވޭ.
ޕަސަންސް
02 November 2022
ފުލުހުން އަނިޔާކޮށް މަރާލީކަމަށް އަޑުއުުފުލާ ފުލުހުންގެ ބޮލުގަ ބޮޑު އިލްޒާމެއް އެޅުވުމަށްފަހު މަރުވިގޮތް ތަހުގީގުނުކޮށް ވަޅުލަން ދުލެއް ނުކުރެވޭނެ، ދަރި އުޅޭނެހާގޮތަކަށް އުޅެ ކުރާނެހާކަމެއްކުރަން ދޫކޮށްލައިފަ ހަކުރުބޮއި ހަކުރު ވިއްކި އިރު ނުވީލޯބި ތިވަނީ ދަރި މަރުވީމަ
ސައިމާ
02 November 2022
ޒުވާން އުމުރުގަ މަރުވުމުން އެކަމުގެ ހަގީގަތް ހޯދަންޖެހޭ. އެއީ އެފަދަ ހޯދުންތަކުން އާއިލާއަށްވެސް ނޭގިހުންނަ ބަލިތައް އެގި ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން މަގުފަހިވާނެތީ. އަދި މުޅިމުޖުތަމައަށްވެސް އެކަމުގެ ފައިދާ ކުރާނެތީވެސްމެ. މިއީ 21ވަނަ ގަރުނު. ރާއްޖެވެސް ތަހުޒީބުވާން ވެއްޖެ.
ޙިނި
02 November 2022
ނުރުހުމުގަ ޖަލައް ލައިގެންވެސް ނުވާނެ.
ހހހހހހ
02 November 2022
އެހާ މޮޅެއްނޫން. މުޅިން ތަފާތު ދެކަމެއް.
ދެރަ
02 November 2022
މިހާރު ތިވެސް ޢާންމު ކަމަކަށް ވެއްޖެ. މީ އިސްލާމިކު ޤައުމެއް. އަހަރެމެންނަކީ މުސްލިމުން. ކިރިޔާ ކަމެއްވާއިރަށް ޕޯސްޓްމޯޓަމް ހަދާކަށް ނުޖެހޭ. ބޮޑެތިބޮޑެތި ޙާދިސާތަކަށް ޕޯސްޓް މޯޓަމް ނުހަދާށެކޭނޫން. އެކަމަކު މިހާރު ތިކަން މާބޮޑަށް ޢާންމުވަނީ. ތީކީ ބަލައިގަނެވޭނެ ކަމެއްނޫން.
ނޯޓީ ބޯއި
02 November 2022
ނެހެދޭނެ. ހެދިގެން ނުވާނެ! ކޮއްމެވެސް ކަމެއް ސިއްރުކުރަން އުޅޭހެންް ހީވަނީ.
ތޔހގޔ×ދޗފ
02 November 2022
ޕޯސްޓްމޯޓަމް ނުހަދާ ދަންނަ ނުދަންނަ ކޮމެންޓޭމެންނާ ހަވާލުކޮށްލާ...އެމީހުންނަށް އިނގޭނެ ވަރަށް ރަނގަޅަށް