31 އޮކްޓޯބަރ 2022 - 14:40
ސޯޝަލް މީޑިއާގައި ދުންފަތް އިޝްތިހާރުކުރުން މިހާރު އާންމުވެފައި ވާތީ، އެއީ މަނާކަމެއް ކަން އަންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިންޒާރުގެ ބަޔާނެއް ނެރެފި އެވެ.
އެ އިދާރާ އިން ބުނީ ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރި އާއި ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި ދުންފަތުގެ އެކި ބާވަތްތައް ތަފާތު ގޮތްގޮތަށް ފުޅާދާއިރާއެއްގައި އިޝްތިހާރުކުރަމުންދާކަން އެ އެޖެންސީ އަށް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
އޭގެ ބައެއް އިޝްތިހާރުތަކުގައި ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށާއި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށް ވުރެ ރައްކާތެރިކަމާ އަދި އެ އިން ލިބޭ ސިއްހީ ގެއްލުން ކުޑަކަމަށް ނުވަތަ ގެއްލުމެއް ނުވާ ކަމަށް ބުނެ ހަގީގަތާ ހިލާފު މައުލޫމާތުތައް ވެސް ހިމަނާފައި ހުންނަ ކަމަށް އެ ޖެންސީން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކާއި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކާ އަދި ހުރިހާ ރައްޔިތުން، ގާނޫނަށް އަހުލުވެރިކޮށް، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައި ހިމެނޭ ކަންކަން ހަނދާން އާކޮށްދިނުމުގެ ގޮތުން އެ ބަޔާނުގައި އެޗްޕީއޭއިން ބައެއް ކަންކަން ހިމަނާފައިވެ އެވެ؛ އޭގެ ތެރޭގައި؛
• ދުންފަތާއި ދުންފަތުން އުފައްދާ އެއްވެސް މާއްދާއެއްގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކީ ދުންފަތުގެ ބާވަތެއް.
• ޝީޝާ، ހީޓެޑް ޓޮބޭކޯ، ވޭޕް އަދި އީ-ސިނގިރޭޓްގެ ހުރިހާ ބާވަތްތައް ވެސް ހިމެނެނީ ތުންފަތުގެ ބާވަތްތަކުގެ ތެރޭގައި.
• ދުންފަތުގެ އެއްވެސް ބާވަތެއް އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ އެއްވެސް އަމަލެއް އެއްވެސް މިންވަރަކަށް އެއްވެސް ތަނެއްގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ކުށެއް.
• ދުންފަތް އިޝްތިހާރުކުރުމުގެ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަކީ މަނާކަމެއް.
• 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެއް.
• ވެންޑިން މެޝިން މެދުވެރިކޮށް، އޮންލައިންކޮށް، އަދި ޑެލިވަރީ މެދުވެރިކޮށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެއް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
01 November 2022
ތި އިންޒާރު ނުދީ އޮންނަ އުސޫލުން ޖުރިމަނާ ކޮއްބަލަ، ކިހާ ދެރަ ކަމެއްތަ؟ އެއަށް ވުރެ ވަރުގަދަ އިންޒާރެއް ދެވޭނެ ތަ؟
ލާމަސީލު
01 November 2022
ކެންސަރު ޖެހޭކަން ސިހިރޭޓް ފޮށީގަ ފޮޓޯޖަހާ ބޭރުގަ ލިޔެފަ އޮންނައިރުވެސް ސިގިރޭޓް ވިއްކުން އެޗްޕީއޭ އިން ފިހާރަތަކުން ވިއްކުން މަނާ ނުކުރެވޭ. އެހެނިހެން ތަކެތީގަ ކެންސަރަށް ވާރުތަވާކަން އެނގޭއިރަށް ވަގުތުން ފިހާރަތަކުން ނެގުމަށް އަމުރުކުރޭ. މިވާގޮތެއް ނޭނގުނު. މިވެސް ބޮޑު އަރަތަކަށް ވެއްޖެ.
ބޭނުމިއްޔާހުއްޓުވޭނެ
01 November 2022
މި ކަމަކީ ހުރިހާ ސަރުކާރަކުންވެސް އިހުމާލުވާ ކަމެއް. ދުންފަތުގެ އިސްތިޢުމާލު ކުރުން އިތުރުވުމާ ބޮޑެތި ބަލިތަކާ ގުޅިފައިވާކަން އިނގޭއިރުވެސް ރައްޔިތުން މި ޖެހެނީ ވިހަދުމުގެ ތެރޭގައި އުޅެން. އުޞޫލުތަކާ ޤަވާޢިދުތައް ސަރުކާރުން ތަންފީޒު ނުކުރޭ. ހަމައެގޮތަށް އިޝްތިހާރުކުރުންވެސް. ޅަދަރިން މިއޮއްދަނީ މި ވޭޕް ގެ އަވާގަ ޖެހި ހަލާކުވަމުން. ވިއްކާ މީހުން ނީވަނީ އީދެއް އައިސްގެން އުޅޭހެން. އިޝްތިހާރުކޮށް ކުޑަކުދިންނަށް ވިއްކާ. މިއީވާ ފިސާރި ޤައުމެއް
ދޮންކަބިލި
01 November 2022
ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ބޯޑް ޖަހާފަ ހުންނަ ކެފޭ/ހޮޓާ ރެސްޓޯރަންޓް ތަކުގައި ކާން ތިބޭއިރުވެސް ބޮއިހަދާ.. ބަލާނެ މުއައްސަސާއެއްނޯވެ. މޮޅެތިޤާނޫނުތަށް ހަދަނީ ނަމަކަށް ބޮޑުމުސާރަދީފަ މެމްބަރުން މަަޖުލިހަށް ލައިގެން! އޭތި ވޯކެއްނުކުރޭ...!
ނުކުޅަދާނަ
31 October 2022
ބަލާވެރިކަމެއްނު. ފާޑު ފާޑުގެ މޮޅެތި ޤާނޫނުހަދައިގެން ނުބެލެހެއްޓިގެން ނޫނީ ނުބަލަހައްޓައިގެން މީހުންނަށް ތުރާ ކުރުން ހުއްޓާލަބަލަ. މިޤައުމުގެ ޤާނޫނުތަކުގައިހުރި އަމަލުކުރެވޭ ގޮތެއްފޮތެއްނެތް ކަމަށް ހުރި މޮޅު ޤާނޫނުތައް އުވާލަބަލަ.
ދުންފަތަކީބޮޑުވަބާއެއް
01 November 2022
އެއްވެސް ޤަވައިދެއް އެއީ ބަޔަކަށް ބަލާ ބޮޑުކުރަން ހުންނަ ޤަވައިދެއް ނޫން. ބަލާ ވެރިކަމެއްކަމަށްވަނީ،ޤަވައިދު ކިތަން މެ ރަނގަޅަސް ރަނަގަޅު މަޤްޞަދެއްގަ އޮތް ޤަވައިދެއް ކަމށްވިއަސް ތިމާ އެއަށް ޢަމަލު ކުރަން ބޭޏުން ނުވާތީ. ތިމާ ދުންފަތަށް ދެވިހިފާ ސަލާމަތް ނުވާ ހިސާބަށްގޮސް ހުރުން ނޫނީ ޤަވައިދާ ޚިލާފަށް ވިޔަފާރިކޮށް ފައިދާ ހޯދަން ބޭނުންވުން. ނުވަތަ ކޮންމެކަމަކަށްވެސް ހަޖޫ ޖަހާ ޤަވައިދެއް އޮތިއްޔާ އެއާ ޚިލާފަށް އުޅުން އާދަވެފައިވުން. ކަލޯ އިޞްލާޙުވޭ
ޢެޑްމުންޑޯ
31 October 2022
މަނާކަމެއް ކުރީމަ ކޮން އިންޒާރެއް ! ފިޔަވަޅު އަޅަންޖެހޭނީ ، ތިޔަ ެިންޒާރަކުން ކުރާނެ އަސަރެއް ނޯންނޡނެ
ޢާއެކޭ
31 October 2022
މިމީހުންނަކަށް ނޭގޭ މަނާކަންތައްކުރީމާ ދެން ކުރަންވީ ކަމެއް.
އަލީި
31 October 2022
އެޗްޕީ އޭ އަށް އެއްވެސް ކަމެއް ނުކުރެވޭ. މާލޭ ގައި ގަވާއިދާ ޙިލާފަށް ހުއްދަ ނުނަގާ ހިންގަނީ ކިތަށް ޓޭކްއަވޭ ތަންތޯ ބަލާލަދީބަލަ. މިހާރު އެއްވެސް ބަޔަކު ހުއްދައެއް ނުނަގާ. ހުއްދަނެގީމަ ނެގިތަނަކަށް އެކަނި އެޗްޕީއޭއިން ފިޔަވަޅެއް އެޅެނީ. ޓުރޭޑް ހުއްދަ ނަގާފަ ކެފޭވެސް ހިންގަންވީ އޭރުން -/2000 ރުފިޔާ ދައްކާކަށް ނުޖެހޭ އަދި އޮއިލް ޓޭންކް ހަދާކަށް ނުޖެހޭ. އެހެންވީމަ ބޮލަށް ފަސޭހަވެފަ ހަރަދު ކުޑަ. އަދި އޭރުން އެޗްޕީއޭ އަށް އެއްވެސް ބާރެއް ނުހިންގޭ.
ވާނުވާމީރާ
31 October 2022
ތިކަން ތިހެންއޮތީ ހުރިހާވިޔަފާރިއެގަވެސް. މިނިސްޓުރީއާ މީރާގަ ރަޖިސްޓުރީނުކޮއް ހިންގާ ތަންތަން ނުފަހާނެ ރަޖިސްޓުރީ ކޮއްގެން ޓެކްސްދައްކާ މީހުން ފަހާދުވާނީ އަބަދުވެސް ފަޅޮލޭ ކިޔައިން. ގަވައިދައް އުޅޭ މިހުންނައް ދުއްޕާންކުރަނީ
ދޮހޮއްތު
31 October 2022
އަޖައިބެއް ދުންފުންވެސް މަނާކުރަންވީނު…
ފެލާ2023
31 October 2022
ތީ ފޭކު ޖައްސަނީ! ބޭނުމަކީ ަނެއްކާވެސް ސިގިރޭޓް ގެ ޓެކްސް ބޮޑު ކޯށް އާއްމުން އިތުރަށް ފެލަން! 200 ރ އަށް ފޮށްޓެއް
1828
31 October 2022
މިލިއަނަކަށް ފޮޓެއްވިއްކިޔަސް ހެޔޮ. ސިނގެރޭޓް ބޯމީހުންގެ ދުއްތުރާއިން، ސިނގެރޭޓް ނުބޯމީހުން ސަލާމަތްކުރަން ޖެހޭ. އެމީހުންގެ ފަރާތުން ސިނގެރޭޓް ނުބޯމީހުންނަށް ހާދަ އުނދަގުލެއްކުރެއޭ. އެމީހުންނަށް ސިނގެރޭޓް ރޯކުރެވޭނީ ސިނގެރޭޓް ނުބޯމީހުންގެ ވައިކުރިމައްޗަށް އަރާފައި. ހަމަ ކައިރިއަށް އައިސްފައި ސިނގެރޭޓް ރޯކޮށްލުމުން އެކަމާ އެއްޗެއްކޭ ބުނާއިރަށް ބުނާނެ ކަލެއަށް އުނދަގޫވަންޏަ ކަލޭ މިތަނުން ދުރަށް ދާށޭ. ނުބޯ މީހުންގެ ހައްޤު އެއީ ނެތްއެއްޗެއް.
ޒުއްރިއްޔާ
31 October 2022
ޓޮބޭކޯ އާ ފޮސިލް ފިއުލް ކުންފުނި ތަކުގެ ނުފޫޒު ވަރަށް ގަދަވާނެ. މުޅިރަށުގައި ރަލާ ޑްރަގް. ވާކަމެއް ހަރާން. ސިގިރޭޓާ ވޭޕުން ވެސް ސިއްޙަތަށް ގެެއްލުންވާނެ. ވޭޕާ ހުރެ ސިގިރެޓް ވިޔަފާރި ދަށްވެ ، ސަރުކާރަށް ނަގާ ޑިއުޓީ ނުލިބެންޏާ ނެރޭ ބަޔާން ގިނަވާނެ.