02 ނޮވެމްބަރ 2022 - 17:14
ޔޫކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ފަހު، އެ އެއްބަސްވުމަށް އަމަލުކުރަން ރަޝިޔާ އެއްބަސްވެއްޖެ ކަމަށް ތުރުކީ ވިލާތުން މިއަދު ބުނެފި އެވެ.
މިއަހަރުގެ ޖުލައި 22، 2022 ގައި، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރީ، މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާދީ އެ ގައުމުގެ ކަނޑުގެ ބަނދަރުތައް ހިސޯރުކުރުމާ ގުޅިގެން، އެކްސްޕޯޓް ނުކުރެވި ހުރި ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށެވެ. ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ނުކުރެވި ފަސް މަސްދުވަސް ފާއިތުވެ ދިޔައިރު، ދުނިޔޭގެ ބާޒާރުގައި ކާޑުގެ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިޔަ އެވެ.
އެކަމާ މެދު ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރަޝިޔާ އާއި ޔޫކްރޭނުން އެއްބަސްވުމެއް ގާއިމުކުރީ އދ. މަޖިލީހާއި ތުރުކީ ވިލާތް މެދުވެރިވެގެން ދެ ގައުމުގެ ވެރިންނާ އެކުގއަި ކުރި މަޝްވަރާތަކަށް ފަހު އެވެ.
ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން، ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އާއި ތުރުކީ ވިލާތުގެ ދިފާއީ ވަޒީރު ހުލުސީ އާކާރްއާ ދެ ބޭފުޅުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާތަކަށް ފަހު، އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ރަޝިޔާގެ ދިފާއީ ވަޒީރު އެއްބަސްވެވަޑައިގެންނެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
މިއަދުން ފެށިގެން އެ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމުން، ޔޫކްރޭނުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތައް ގެންދިއުމުގައި އިސްކަން ދޭނީ އެފްރިކާގެ ފަގީރު ގައުމުތަކަށެވެ. އޭގެ ތެރޭގައި ޖިބޫތީ އާއި ސޯމާލިއާ އާއި ސޫދާން ފަދަ ގައުމުތައް ހިމެނެ އެވެ.
ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި، ކާޑުގެ ބާވަތްތަކުގެ ދަތިކަން ފިލުވައިދިނުމަށް ވެފައިވާ އެއްބަސްވުމުގެ ނާޖާއިޒު ފައިދާ ނަގަނީ ވިލާތުގެ ކުރިއަރާފައިވާ ގައުމުތަކުންނެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކްރޭނުން އެކްސްޕޯޓް ކުރާ ގޮވާމުގެ ބޮޑު ބައި ގެންދަނީ ވިލާތުގެ ގައުމުތަކަށް ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ރަޝިޔާ އިން ގޮވާމުގެ އެއްބަސްވުމަށް އަމަލުކުރަން މެދުކަނޑައިލީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފައި ޔުކްރޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކްރީމިއާގައި ބަނދަރުކޮށްފައި އޮތް ރަޝިޔާގެ މަނަވަރުތަކަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. ރަޝިޔާ އިން ތުހުމަތުކުރި ގޮތުގައި، ޔޫކްރޭނުން އެ މަނަވަރުތަކަށް ހަމަލާ ދިނީ، ގޮވާން އެކްސްޕޯޓުކުރާ ބޯޓުތައް ދަތުރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން އައި ޔޫކްރޭންގެ މަނަވަރުތަކަކުންނެވެ. އަދި މި ކަމުގައި އިނގިރޭސި ވިލާތުގެ ޚާއްސަ ސިފައިން ވެސް ބައިވެރިވި ކަމަށް ރަޝިޔާ އިން ތުހުމަތުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަނޑޫ
02 November 2022
ޝުކުރިއްޔާ އަޚް އުރުދުޣާން.