ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ޖިރޫގެ މޮޅު ކުޅުމާ އެކު މިލާން ދެ ވަނަ ބުރަށް

މިލާނުގެ ފޯވާޑް ޖިރޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އޮލިވިއޭ ޖިރޫގެ މޮޅު ކުޅުމާ އެކު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން 4-0 އިން މޮޅުވެ އިޓަލީގެ އޭސީ މިލާނުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ އިން ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މިއީ ޔޫރަޕުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާން 2014 ގެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުގެ ޗެލްސީ ވަނީ ދެ ވަނަ ބުރަށް ކުރިން ދަތުރުކޮށްފަ އެވެ. ފަހު މެޗުގައި ޗެލްސީން ވަނީ ރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް އަތުން 2-1 އިން މޮޅުވެފަ އެވެ.

ޗެލްސީ އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. މިލާން ދެ ވަނައިގައި ނިންމާލީ 10 ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ތިން ވަނަ ހޯދައި ޔުރޮޕާ ލީގުން ޖާގަ ހޯދި ސަލްޒްބާގަށް ލިބުނީ ހަ ޕޮއިންޓެވެ. ޒެގްރެބަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޖިރޫ ވަނީ ދެ ގޯލް ޖަހައި ދެ ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާ ފުރަތަމަ ގޯލް ޖެހީ 14 ވަނަ މިނެޓުގައި ޖެހީ ސަންޑްރޯ ޓޮނާލޯ ނެގި ކޯނަރަކުން ބޮލުންނެވެ.

މިލާނުގެ ދެ ވަނަ ގޯލް ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ ޖިރޫ ދިން ބޯޅައަކުން ރާޑޭ ކްރުނިޗް އެވެ. އަދި 57 ވަނަ މިނެޓުގައި ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޖިރޫ އޭނާގެ ދެ ވަނަ ގޯލް ޖެހި އެވެ. މިލާނުގެ ފަހު ގޯލް އިތުރު ވަގުތު ޖެހީ ޖިރޫ ދިން ބޯޅައަކުން ޖޫނިއާ މެސިއަސް އެވެ.

ސްޓެމްފޮޑް ބްރިޖުގައި ޗެލްސީ އާއި ޒެގްރެބް ކުޅުނު މެޗުގައި ލީޑު ނެގީ ޒެގްރެބުންނެވެ. މި ގޯލް ހަތް ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ޕެޓްކޮވިޗެވެ. ޗެލްސީން އެއްވަރުކުރީ 18 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ. އަދި ޗެލްސީ މޮޅުވި ގޯލް 30 ވަނަ މިނެޓުގައި ޖެހީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން ޗެލްސީ އަށް ކުޅެމުން އަންނަ ޑެނިސް ޒަކަރިއާ އެވެ. މިއީ އޭނާ ޗެލްސީ އަށް ކުޅެދިން ފުރަތަމަ މެޗެވެ.

މުބާރާތުގެ ގްރޫޕް އެފް ގައި ރޭ ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ ސްކޮޓްލެންޑުގެ ސެލްޓިކް އަތުން 5-1 އިން މޮޅުވެފަ އެވެ. އަނެއް މެޗުގައި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް އަތުން 4-0 އިން ޖަރުމަނުގެ އާރްބީ ލީޕްޒީގް ވަނީ މޮޅުވެފަ އެވެ.

މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދާފައިވަނީ 13 ޕޮއިންޓާ އެކު ރެއާލެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ 12 ޕޮއިންޓް ހަމަކޮށްގެން ލީޕްޒިގެވެ. ޔުރޮޕާ ލީގަށް ދިޔަ، ޝަކްތާ ތިން ވަނައިގައި ނިންމާލީ ހަ ޕޮއިންޓާ އެކު އެވެ. ސެލްޓިކް ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އެވެ.

ސެލްޓިކް ކޮޅަށް ރޭ ރެއާލުގެ ގޯލްތައް ޖެހީ ލޫކާ މޮޑްރިޗް، ރޮޑްރީގޯ، މާކޯ އަސެންސިއޯ، ވިނީ ޖޫނިއާ އަދި ފެޑެރިކޯ ވަލްވާޑޭ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454