ރިޕޯޓް / ނޫސްވެރިކަން

އާސިމާ: ހިތްވަރުގަދަ އަދި ހިދުމަތްތެރި ނޫސްވެރިއެއް

އާސިމާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރަނީ.

އުމުރުން ހަތް އަހަރުގައި ގިނަ ކުދިން ޝައުގުވެރިވާނީ ޓީވީން ކާޓޫނު ބަލާށެވެ. އެކަމަކު އާސިމާ ނިޒާރު ތަފާތެވެ. އެ އުމުރުގައި އޭނާ އެންމެ ޝައުގުވެރިވީ ޓީވީއެމްގެ ހަބަރު ބަލާށެވެ. ކޮންމެ ރެއަކު އާސިމާގެ ބައްޕަ އަށެއްގެ ހަބަރު ބަލާއިރު، އުނގުގައި އިނދެގެން އޭނާ ވެސް ހަބަރު ބަލަ އެވެ. ޖެހިގެން އަންނަ ދުވަހު ސްކޫލަށް ގޮސް ޓީޗަރު ގާތު ވެސް އަހާނީ ހަބަރުގެ ވާހަކަ އެވެ. ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމައިގެ ވީޑިއޯ ހަބަރުގައި ދައްކަނީ ކިހިނެއްތޯ އެވެ؟ ކްލާހުގައި އާއްމު މައުލޫމާތުގެ ސުވާލެއް ޓީޗަރު ކުރިޔަސް އެންމެ ފުރަތަމަ ޖަވާބު ދޭނީ އޭނާ އެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކަންކަން އޭނާ އަށް ފަރިތަ އެވެ.

އެހެންވެ ހައިރާންވާންވީ ސަބަބެއް ނެތެވެ. އާސިމާ އެންމެ ކުޑައިރު ވެސް ވާން ބޭނުންވީ ނޫސްވެރިޔަކަށެވެ. އެހެން ކުދިން ޑޮކްޓަރަކަށް، ނަރުހަކަށް، ސިފައިންގެ މީހަކަށް ނުވަތަ ޕައިލެޓަކަށް ވާން ބޭނުންވިޔަސް އާސިމާގެ ޝައުގުވެރިކަން ގުޅިފައި އޮތީ ވީޑިއޯ ޖާނަލިސްޓަކަށް ވުމަށާއި ޓީވީން ހަބަރު ކިޔުމާ އެވެ.

އެހެންވެ ރ. މީދޫ ސްކޫލުން ކިޔަވައި ނިންމުމަށް ފަހު އޭނާ ބެލީ ޓީވީއަކުން ވަޒީފާއެއް ލިބޭތޯ އެވެ. ވަރަށް ގިނަ ޓީވީތަކަށް ސިޓީ ފޮނުވި އެވެ. އެކަމަކު ފުރުސަތެއް ނުލިބުނެވެ. އެހެން ހުއްޓާ އޭނާ އަށް ފެނުނީ ރާއްޖޭގެ އެންމެ ބޮޑު ނޫސް ކަމަށްވާ 'ހަވީރު' އިން ނޫސްވެރިން ހޯދަން ކޮށްފައި އޮތް އިއުލާނެކެވެ. ޓީވީ ނޫސްވެރިކަމާއި ޕްރިންޓް ނޫސްވެރިކަން ތަފާތުކަން އެނގުނަސް، ދެ މަސައްކަތް ވެސް ގުޅިފައި އޮތީ ނޫސްވެރިކަމާ ކަމަށް ވާތީ އޭނާ ވަޒީފާ އަށް އެދި ހުށަހެޅި އެވެ.

އާސިމާ ނޫސްވެރިންގެ ބައްދަލުވުމެއްގައި.

'ހަވީރު' ގެ އިންޓަވިއު އަށް ދިޔައިރު ޕެނަލްގައި އޮތީ އެ ނޫހުގެ ތަޖުރިބާކާރު އެޑިޓަރުންގެ ޕޫލެކެވެ. އިންޓަވިއު އަށް ފަހު ޑިސެމްބަރު 7، 2014 ގައި އޭނާ އަށް ވަޒީފާ ލިބުނެވެ. ތަޖުރިބާކާރު އެޑިޓަރުންތަކެއް ތިބި ޕޫލަކުން ކުރި އިންޓަވިއުއަކުން ފާސްވެ ވަޒީފާ ލިބުމުން އޭނާ އަށް އިތުބާރު ލިބުނެވެ. އެ އިތުބާރު ބޮޑުވީ އިސާހިތަކު ކަންކަން ދަސްވާން ފެށުމުންނެވެ.

"އަޅުގަނޑު 'ހަވީރު' އާ ގުޅުނުއިރު އެކުގައި މަސައްކަތްކުރަން ތިބީ ރާއްޖޭގެ އެންމެ މޮޅެތި ނޫސްވެރިން. ކިޔައިދޭން ތިބީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެޑިޓަރުން. އެހެންވެ ވަރަށް އަވަހަށް ކަންކަން ދަސްވެ ކުރިއަށް ދާން ފެށި،" އާސިމާ ބުންޏެވެ.

އެ ނޫހުގައި އޭނާ ކަވަރުކުރަން ފެށީ އިޖްތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އެވެ. ސިޔާސީ ދާއިރާ އަށް ޝައުގުވެރިކަން ނެތަސް އެ ދާއިރާގެ ހަބަރުތައް ވެސް ލިޔުނެވެ. އެކަމަކު ދޮޅު އަހަރެއްހާ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން 'ހަވީރު' ހުއްޓާލަން ޖެހުމުން އޭނާގެ މަސައްކަތުގައި ބުރެކި ޖެހުނެވެ.

"އެއީ ހަޔާތުގައި އެންމެ ދެރަވި ދުވަސް،" އާސިމާ ބުންޏެވެ.

އާސިމާ (ވ) ބައިވެރިވި މެންޓަލް ހެލްތު ވޯކްޝޮޕަކަށް ފަހު ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) އޭނާ އަށް ސެޓްފިކެޓް ދެއްވަނީ.

އެ ނޫސް ހުއްޓާލަން ޖެހުމުން ރާއްޖޭގެ ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގައި އާސިމާ ބައިވެރިވެ މިނިވަން ނޫސްވެރިކަމަށް ގޮވާލައި އަޑު އުފުލި އެވެ. އެއާ އެކު، ފުލުހުން އެހެން ބައެއް ނޫސްވެރިންނާ އެކު އޭނާ ހައްޔަރުކޮށް މާލޭ ޖަލުގައި ބަންދުކުރި އެވެ. ނަސީބު ރަނގަޅުކަމުން، އެރޭ ބަންދުން ވީއްލައި، ދައުވާ ނުކުރަން ފުލުހުން ނިންމި އެވެ.

އެއާ އެކު އާސިމާ ދެން ސަމާލުކަން ދިނީ 'ހަވީރު' ގެ މެނޭޖްމަންޓުން އުފެއްދި އާ ނޫސް ކަމަށްވާ 'މިހާރު' ގެ މަސައްކަތަށެވެ. ތިން މަހެއްހާ ދުވަސް ފަހުން މޭ، 2016 ގައި އެ ނޫސް ވުޖޫދުވި އެވެ. އެ ނޫހުގައި އާސިމާ އަށް ކުރިއަށް ވުރެ ސީނިއާ މަގާމެއް ލިބުނެވެ. ނަތީޖާއަކަށްވީ ކުރިއަށް ވުރެ ބޮޑެތި ކަވަރޭޖް ހަދަން ފުރުސަތު ލިބުމެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑްރަގްސްގެ އައްޑާއަކަށް ގޮސް، އެ ވަބާގައި ޖެހިފައިވާ މީހުންގެ ވާހަކަތައް ގެނެސްދިން ކަވަރޭޖެވެ. ތަފާތު އެތައް ރިޕޯޓެއް ހިމެނޭ އެ ކަވަރޭޖަށް އެ ނޫހުގެ އެޑިޓަރުންނާއި ކިޔުންތެރިންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނެވެ.

އާސިމާ (ކ-2) ޑްރަގް ކަވަރޭޖެއްގައި.

މީގެ އިތުރުން 'މިހާރު' ނޫހުން ގެނެސްދޭ 'މެދުސަފުހާ' ކަވަރޭޖަށް އާސިމާ ގަވާއިދުން ރިޕޯޓްތައް ލިޔެ އެވެ. ރާއްޖޭގެ އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް އެޑްރެސްކޮށް އެ ނޫހުން ގެނެސްދޭ އެ ކަވަރޭޖުގައި އާސިމާ ހެދި ރިޕޯޓްތަކުން މުޖުތަމައު އަށް އެދެވޭ ބަދަލުތަކެއް ވަނީ ގެނެވިފަ އެވެ.

މި ދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށް އާސިމާ، 25، ވަނީ ނޫސްވެރިކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯސް ފުރިހަމަކޮށް މި ވަގުތު ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުން ފުރަތަމަ ޑިގްރީ އަށް ކިޔަވަމުންނެވެ. އަދި ރިޕޯޓިންގެ ބޭރުން ދާއިރާ އަށް ހިދުމަތްކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ހިންގާ ކޮމިޓީ އަށް އިންތިހާބު އަންނަނީ މަސައްކަތްކުރަމުންނެވެ.

އޭނާގެ އަމާޒަކީ، އެ ޖަމިއްޔާގެ ތެރެއިން، އަންނަން އޮތް ޖީލުގެ ނޫސްވެރިން ތައްޔާރުކުރަން މަސައްކަތްކުރުމެވެ. އެގޮތުން ސްކޫލް ދަރިވަރުންގެ ހިތުގައި މި މަސައްކަތަށް ޝައުގުވެރިކަން އުފައްދަން ދާދި ފަހުން އއ. ތޮއްޑޫގައި އެމްޖޭއޭ އިން ހިންގި ވޯކްޝޮޕެއްގައި ސެޝަނެއް އޭނާ ނަގައިދިނެވެ.

އެއާ އެކު މަސައްކަތުގައި އޭނާ އެންމެ ސަމާލުކަން ދެނީ އިޖްތިމާއީ މައްސަލަތަކާއި ސިއްހީ މައްސަލަތަކުގައި އާއްމުން ހޭލުންތެރިކުރުވުމެވެ. އެގޮތުން އެ ދާއިރާތަކުން ހަބަރު ލިޔުމުގެ އިތުރުން ރިޕޯޓްތައް ގަވާއިދުން ލިޔަ އެވެ.

"އަޅުގަނޑުގެ މަގުސަދަކީ ނޫސްވެރިކަން މެދުވެރިކޮށް މުޖުތަމައު އަށް ހެޔޮ ބަދަލެއް ގެނައުން،" އާސިމާ ބުންޏެވެ.

އާސިމާ (ވ) ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ފިލްމީ ބަތަލު ރީކޯ މޫސާ މަނިކުގެ އިންޓަވިއުއެއް ނެގުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.

ވަޒީރުންނާއި ރައްޔިތުންގެ މަޖްލިސް މެމްބަރުން ހިމެނޭހެން ބޮޑެތި ޝަހުސިއްޔަތުންނާ ވެސް އިންޓަވިއުކޮށްފައިވާ އާސިމާގެ އުއްމީދަކީ، މީހުން އިތުބާރުކުރާ ނޫސްވެރިޔަކަށްވެ މި ދާއިރާ އިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލް ޖާނަލިޒަމް އެވޯޑްސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް އޭނާ ވާދަކުރެ އެވެ. އާސިމާ ބުނި ގޮތުގައި އެވޯޑް ލިބިއްޖެ ނަމަ ކެރިއަރު އިތުރަށް ފުރިހަމަވާނެ އެވެ. އަދި އިތުރަށް ކުރިއަށް ދިއުމަށް ބޮޑު ހިތްވަރަކަށް ވެސް ވާނެ އެވެ.

"ނޫސްވެރިކަން ނުކުރާ ނަމަ ދެން ކުރާނީ ކޮން ކަމެއް ކަމެއް ނޭނގޭ. މިއީ އަޅުގަނޑުގެ މުޅި ދިރިއުޅުމަކީ ވެސް،" އާސިމާ ބުންޏެވެ.

އާސިމާއަށް ވޯޓު ދިނުމަށް އެސްއެމްއެސް ކުރާނެ ގޮތް.

"އަހަރުގެ ނޫސްވެރިޔާގެ މަގާމަށް މި ހޮވެނީ އާންމުންގެ ތެރެއިން ވެސް އެސްއެމްއެސް ވޯޓު ދީގެން. އަޅުގަނޑު އެދެނީ އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުން އެސްއެމް ކުރުން،" އާސިމާ ބުންޏެވެ.

"މި މަސައްކަތުގެ ތެރެއިން އަގުވަޒަންކުރުމުގެ އެވޯޑެއް ލިބިއްޖެ ނަމަ އެކަން ވެގެންދާނީ ވަރަށް ވެސް ބޮޑު ހިތްވަރަކަށް."

ހަމައެކަނި ހިތްވަރެއް ވެސް ނޫނެވެ. އެކަން ވާނީ މި ދާއިރާގައި އެއީ އޭނާ އެހެން ހަރުފަތަކަށް ވެސް އެރުމަކަށެވެ. އާސިމާއަށް އެސްއެމްއެސް ކުރުމަށް JY(space)AN ޖެއްސުމަށްފަހު 4244 އަށް ފޮނުވާލާށެވެ. ކޮންމެ ނަމްބަރަކުން ވެސް ބޭނުން ވަރަކަށް މެސެޖު ކުރެވޭނެ އެވެ.

6 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޭވައި އޭއެން

06 November 2022

ހޭވް ވޯޓަޑް

The name is already taken The name is available. Register?

އަލީ

06 November 2022

އސް އެމް އެސް ފޮނުވާނެ ގޮތަކާތަނެއް ބުނެލާފަ އޮތްނަމަ ,,,,,!

The name is already taken The name is available. Register?

އަބުދުބެއްޔާ

07 November 2022

ނޫހުގެ ސުރުޚީ އެކަނި ކިޔަންޏާ އޭގަ އޮތްއެއްޗެއް ދޭހައެއްނުވާނެ.

The name is already taken The name is available. Register?

ދިއްދޫމީހާ

06 November 2022

މިއީ އެވޯޑް ހޯދަންވެގެން ލިޔުނު ރިޕޯޓެއްތޯ؟ އެހެން ވިއްޔާ އެސްއެމްއެސް ކުރާނަން..

The name is already taken The name is available. Register?

ރަނގަޅު

06 November 2022

ގުޑް ޓްރައި

The name is already taken The name is available. Register?

ޒެއިން

06 November 2022

ފޮނުވާނަން އެސްއެމްއެސް . އިގޭ އާސީމާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454