07 ނޮވެމްބަރ 2022 - 12:49
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގެން ފައްޓަވާފައިވާ ދިގު ހިނގާލުން، ހަތަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، މާދަމާ އަލުން ފަށައިގެން ކުރިއަށް ދާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ލާހޫރުން ފެށި ހިނގާލުން ކުރިއަށް ގެންދިއުމަށް ރާވާފައި އޮތީ އިސްލާމް އާބާދަށެވެ. އެކި ދުވަސްމަތިން ކުރިއަށް ގެންދާ މި ހިނގާލުމުގެ ތެރެއިން، މި މަހުގެ ތިން ވަނަ ދުވަހު ޕަންޖާބުގެ ވަޒީރުއާބާދުގައި އިމްރާން އުޅުއްވަނިކޮށް، މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި ޒަޚަމްވެވަޑައިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.
ލާހޯރުގެ ހޮސްޕިޓަލުގައި އޮންނަވައިގެން އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖްގައި އިމްރާން ވިދާޅުވި ގޮތުގައި މާދަމާ އަލުން ހިނގާލުން ފަށާނީ، މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ސަބަބުން، ހިނގާލުން ހުއްޓާލަން ޖެހުނު ހިސާބުންނެވެ. އެ ދުވަހުގެ ބަޑީގެ ހަމަލާތަކުގައި އެކަކު މަރުވެ، އިމްރާން ޚާނާއެކު 11 މީހަކު ޒަޚަމްވި އެވެ.
ޒަޚަމްތަކަށް ފަރުވާ ކުރުމަށް ފަހު، އިއްޔެ އިމްރާން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އޭނާ ވިދާޅުވީ ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުން ފައިގެ ރިހުން މުޅިން ރަނގަޅު ނުވި ނަމަވެސް، ހިނގާލުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އިމްރާން ޚާން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އިއްޔެ ވަނީ ހާއްސަ ޖުޑީޝަލް ކޮމިޝަނެއް އެކުލަވާލައްވައިފަ އެވެ. ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވި ނަމަވެސް، އެ ކޮމިޝަނުން ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގަފާނެތީ އިމްރާން ޚާން ސުވާލު އުފެއްދެވި އެވެ.
މައްސަލަ ތަހުގީގު ކުރުމަށް ޕާކިސްތާނު ސަރުކާރުން ކޮމިޝަނެއް މި އެކުލަވައިލީ، އެ ހަމަލާއާ ޕާކިސްތާން ސަރުކާރާ ގުޅުމެއް އޮތް ކަމަށް އިމްރާން ޚާން ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. އިމްރާން ވިދާޅުވި ގޮތުގައި އޭނާ އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ފަހަތުގައި ތިއްބެވީ ބޮޑުވަޒީރު ޝާހްބާޒްގެ އިތުރުން، މިހާރުގެ ދާޚިލީ ވަޒީރު ރާނާ ސަނާއުﷲ އާއި ސިފައިންގެ އިސް ކޮމާންޑަރެއް ކަމަށްވާ، ޖާސޫސީ އިދާރާގެ ވެރިޔާ މޭޖާ ޖެނެރަލް ފައިސަލް ނަސީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ
07 November 2022
އިމްރާން ހަނދަށް ހަމަލާދިން ހަބަރު އެހީ ފުން ހިތާމަޔާއެކު.
ފޮނިފޮނިޓައްޕު ކުމާރު
07 November 2022
ސާބަހޭ އިމްރާނޫ. ދިވެހިން މިތިބީ އިމްރާނުގެ ފަހަތުގާ.