ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ހާސިލުކުރި ނޫސްވެރިން، ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ޑރ. ޒަކަރިއްޔާ އާއި އެމްއެމްސީގެ ރައީސް ޝަފާއު އަދި ސައުދީގެ ޑެޕިއުޓީ އެމްބެސެޑަރާއެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
13 ނޮވެމްބަރ 2022 - 10:23
ރާއްޖެ އިން މިދިޔަ އަހަރު ފާހަގަކުރެވުނު ނޫސްވެރިންނަށް އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރޭ ބޭއްވި ހަފުލާ އަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގެންނެވުމުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަދި އެހެނިހެން ކެޓަގަރީތަކުން އެވޯޑް ހާސިލުކުރި ނޫސްވެރިންނަށް އިނާމު ދިނުމަށް ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަން އެންމެ ފުރަތަމަ ދައުވަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
"އެކަމަކު، ވަޑައިގެންނެވެން ނެތްކަން އަޅުގަނޑުމެންނަށް އެންގެވީ ދައުވަތު ދިންތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުން. ރައީސް ވިދާޅުވީ ވަގުތު ދެއްވޭކަށް ނެތޭ،" އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަން "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
ރައީސަށް ވަގުތު ދެއްވެން ނެތުމުން އެ ކައުންސިލުން ދެން ދައުވަތު ފޮނުވީ ނައިބު ރައީސް ފައިސަލް ނަސީމަށެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އެ މަނިކުފާނުގެ ބިއުރޯ އިން ވެސް އެންގީ ވަޑައިގެންނެވެން ނެތް ކަމަށެވެ.
"ޖަލްސާ ޝަރަފުވެރި ކޮށްދެއްވަން އެ ހިސާބުން ދެން އަޅުގަނޑުމެން ދައުވަތު ދިނީ އަބްދުﷲ ޝާހިދަށް [ފޮރިން މިނިސްޓަރު]. ވިދާޅުވީ ރަށަކު ނޫޅުއްވާނެއޭ. ހުރިހާ މިނިސްޓަރުންނަށް ދައުވަތު ދިނިން. އޭގެ ތެރެއިން ވަޑައިގަންނަވާނަމޭ ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އެކަނި. އެކަމަކު އެ ބޭފުޅާ ވެސް އިއްޔެ މެންދުރު ކެންސަލް ކުރެއްވި،" ކަންބޮޑުވުމާ އެކު ޝަފާއު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ޑރ. ޒަކަރިއްޔާ އާއި އެމްއެމްސީގެ ރައީސް ޝަފާއު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ޖަލްސާ އަށް ވަޑައިނުގެންނެވޭނެކަން އެންގެވީ ރޭގެ ޖަލްސާ ފެށެން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ރޭގެ 7:08 ގައި ކަމަށް އެމްއެމްސީގެ ރައީސް ވިދާޅުވި އެވެ.
"ހެލްތު މިނިސްޓަރު އެންގެވީ ކޮންމެހެން ކެންސަލް ނުކުރެވޭނެ ކަމެއް އޮތީމާ އަޅުގަނޑުމެންގެ ޖަލްސާ އަށް ވަޑައިގެންނެވޭކަށް ނެތޭ،" ޝަފާއު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އޭނާގެ ބަދަލުގައި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ޖަލްސާ އަށް ވަޑައިގަތެވެ.
ނޫސްވެރިންގެ އެވޯޑު ހަފުލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިނުގަތްކަމުގެ ކަންބޮޑުވުން ނޫސްވެރިން ވެސް ދަނީ ފާޅުކުރަމުންނެވެ. ޖަލްސާގެ ތެރޭގަ އާއި ޖަލްސާ އިން ބޭރުގައި އަދި ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ނޫސްވެރިން ދެއްކި އެވެ.
އެކަމަކު، މި ފަހުން ބޭއްވި ގާތްގަނޑަކަށް އެ ކަހަލަ އާންމު ހުރިހާ ހަރަކާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން ވަޑައިގަތެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ނޫސްވެރިންގެ ހަފުލާ އަށް ރައީސް ވަޑައިނުގަތީ، ވަގުތު ހުރި ގޮތުން އެމަނިކުފާނަށް ރޭ އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވެން ނެތިގެން ކަމަށެވެ. އޭގައި އެހެން އެއްވެސް ސަބަބެއް ނެތް ކަމަށާއި މީގެ ކުރިން އެމްއެމްސީގެ އެވޯޑު ހަފުލާތަކަށް ރައީސް ވަޑައިގަތް ކަމީ ވެސް، ނޫސްވެރިކަމަށް އޮތް އަހަމިއްޔަތުކަން ދައްކައިދޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ނައިބު ރައީސް މިސްރުން އެނބުރި ވަޑައިގަތީ އިއްޔެ ހަވީރު،" ނައިބު ރައީސް ވަޑައިނުގަތީ ކީއްވެތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވި އެވެ.
ނޫސްވެރިންގެ އެންމެ ޝަރަފުވެރި ހަފުލާ އަށް މި ސަރުކާރުގެ އިސްވެރިން ވަޑައިނުގަތުމުން އެ ހަފުލާގެ ޝަރަފުވެރިމެހުމާނަކަށް ވަޑައިގަތީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.
އެމްއެމްސީގެ ރައީސް ޝަފާއު، ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑު ވަރަށް ދެރަވޭ ނޫސްވެރިންގެ މިހާ ބޮޑު ހަފުލާއަކަށް، ނޫސްވެރިން އެންމެ އުންމީދު ކުރާ ހަފުލާ އަށް ސަރުކާރުގެ އެންމެ އިސްވެރިން ވަޑައިނުގަތުމުން. ނޫސްވެރިންނަށާއި ނޫސްވެރި ކަމަށް ލިބޭ ވަރަށް ބޮޑު ދެރައެއް މިއީ،" ޝަފާއު ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިން ނޫސްވެރިންގެ ހަފުލާ އަށް ވަޑައިނުގަތުމުން، އެމްއެމްސީގެ ރައީސް ރޭ ދެއްކެވި ވާހަކައިގައި ވެސް އެކަން ނުސީދާކޮށް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ސާފުކޮށް ދަންނަވާނަން. މިފަދަ ރެއެއްގައި ބަނޑުފުރާ ކައިގެން، ފަނިކުރާ ބޮއެގެން، އަނގަފުރާ ދުފައިގެން، ހެލޭ ދުލަކުން މޮޅަށް ޝުކުރު ސަނާ ކިޔާ ގޮތަށް މިރޭގެ އިންތިޒާމު ރާވާ ލެވުނު ނަމަ ސަރުކާރުން އިސްކަންދޭ ތަރުތީބުން މި ޖަލްސާގެ ގޮނޑިތައް ރީތި ވީސް. ކަން ދިމާކުރި ގޮތުން އެ ގޮތަށް ކައުންސިލް ހިންގަން، އެ ގޮތަށް ޖަލްސާ ރާވަން އަޅުގަނޑަށް ނޭނގުނީ،" ރޭގެ ހަފުލާގައި ޝަފާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާގޮތް
13 November 2022
ވެެރިކަން ހިންގާ ފަރާތުން ހާޒިރުނުވަނީ އުތަ
މިލްނާ
13 November 2022
ޑެޕިއުޓީ މޭޔަރު އަށް ކާޑު ފޮނުވިނަމަ ޝަރަފުވެރި މެހުމާނަކަށް ދިޔައީސް! ޒުވާން ގާބިލް ބޭފުޅެއް
ޝުކުރީބެ
13 November 2022
ކީއްވެތޯ މުޙުސިން، މިޢުވާން، އަޙްމަދު ޢަބްދުﷲ ސަޢީދު ފަދަ ސަރުކާރުގެ އިސް ނޫސްވެރިންނަށް ދަޢުވަތު ނުދިނީ
އަރިދަފުސް
13 November 2022
ދެން އެއުޅޭ އަދުރޭ ޗީފް ގެސްޓަކަށް ގެންދިޔަނަމަ. ޙަމަގައިމުވެސް މިއަންނަ އަހަރު އޮންނަ އިންތިހާބުގެ ނަތީޖާ ނިކުންނާނެ ގޮތުގެ ހިސާބުޖަހަން ނޫސްވެރިންނަށް ދަސްކޮށްދިނީސްވިއްޔަ..
ދަމަނަ
13 November 2022
ސަރުކާރު ނަޔަސް ސަރުކާރުއޮތީ މިހާރާއެކު
ޢަބޫ
13 November 2022
ނުބައި ޢަދަދު ނޫހާ އެކު
ބަޑިތަކުރު
13 November 2022
ސަރުކާރުގެ ފަރާތުން އިސްބަޔަކު ތިބިނަމަ އެއީ މީޑިޔާގެ މައްޗަށް ސަރުކާރުގެ ނުފޫޒުއޮތްވަރު ދައްކައިދޭ ކަމެއްގެ ގޮތުގައިވެސް ސިފާކުރާނެ ބަޔަކުތިބޭނެއެވެ. ސަހަލު އެއްގޮތެއްވެސް ނޯންނާނެއެވެ.
ދިއްދޫމީހާ
13 November 2022
މިފަހަރު ރިއެކްޓްކޮއްފި މިފަހަރު ފަހަތަކަށް ނުޖެހުނު އެއީ ފަޒްނާ ވިދާޅުވީ ރޭގަނޑު ޖަލްސާތައް ބާއވާގެން ނުކާށޭ ހަމަ ބުނީމަވެސް ޝަފާއުމެން އެބަޖެހޭ ރޭގަނޑު ތިޔަ ޖަލްސާއެ ކުރިޔަ ގެންދަން އަންނަ އަހަރު ޖަލްސާ ބާއްވަން އެއްމެ ރަނގަޅު ވަގުތާ ސާހަތު ބޭބެގެ ތަޖްރިބާއިން މިބުނަނީ މެންދުރު 1ޖަހާއިރު ދެން ފަހަރެއްގެ މިފަހަރު ބިރުގަތީ ކަމަށް ވެއްދާނެ އެއީ މަހަކު އެެއްފަހަރު ބައްދަލްކުރަން ބުނިދޯ؟؟ދެން މަސްދަރު ހާމަކުރާ ބިލާ ގުޅިގެން ކަމެއް ކޮއްފާނެތީ
އަޖައިބެއް
13 November 2022
ރޭގަނޑު ޖަލްސާ ބާއްވާފަ ކާން ހަދާފަ ހުއްޓަސް ތިމާ އެހާ ބައިވަރު ނުކެއިމަ އެ ނިމުނީނު. ރޭގަނޑު ޖަލްސާތައް ބާއްވަނީ ކީއްވެގެންކަން މެޑަމަށް ނޭނގުން އަސްލު މައްސަލައަކީ.
ހޫމް
13 November 2022
ތި ކުރާ ނޫސްވެރިކަމަކީ ރައީސް އަށް ނޫނީ ސަރުކާރަށް ކޮށްދޭ ކަމެއްތަ، އެވޯޑު ހަފްލާއަކަށް ވަކި މީހަކު ނައިސްގެން ނޫސްވެރިކަމަށް ލިބުނު ދެރައެކޭ ކިޔަން؟ އެވޯޑެއް ލިބިއްޖެެއްޔާ އެ އެވޯޑެއްގެ ޝަރަފެއްނޫންތަ ލިބޭ އިތުރު ހިތްވަރަކީ، އެވޯޑަށްވުރެ ކާކު އަތުންތޯ އެވޯޑް ލިބުނީ ކޮންބައެއްތޯ ޖަލްސާއަށް އައީ މުހިއްމުވަންޏާ އެވޯޑުގެ ބޭނުމެއް ނެތެއްނު؟
ކައްޓިބެ
13 November 2022
ޔޮހާނީ އައިނަމަ ހުންނާނެ ގޮސް ކުރީސަފުގަ.
ނަދީމް
13 November 2022
ކައުންސިލްގެ ރައީސުގެ ކިބައިގައި ކިބުރުވެރިކަމާއި ބޮޑަކަން ހުރިކަން ފާހަގަކުރެވޭ!