ޚަބަރު / ރައްޔިތުންގެ މަޖިލިސް

މާންދޫގެ މައްސަލަ ހައްލު ކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

މާންދޫގައި މަސްވެރިން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން: މަސްވެރިން ބުނަމުން ދަނީ މުޒާހަރާ ހުއްޓާލާނީ އެ މަސްވެރިނަށް ހޮރައިޒަން އިން ދޭން ޖެހޭ 21 މިލިއަން ރުފިޔާ އެއްކޮށް ނުވަތަ އެއިން އެއްބައި ނަމަވެސް ދިނުމުން ކަމަށް.-- ފޮޓޯ: ސޯޝަލް މީޑިއާ

13 ނޮވެމްބަރ 2022 - 23:31

ހޮރައިޒަން ފިޝަރީޒްއިން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ހައްލު ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް، މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ އިއްޔެ އެވެ. އެ މީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. އަދި މިހާތަނަށް މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ އޮތް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މާންދޫ އަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ވަރަށް މުހިންމު ތަނަކަށް ވާއިރު، މިހާތަނަށް ވެސް އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ބާނާ މަސް ނުކިރުމުގެ މައްސަލައާއި މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަ ޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ.

މިވަގުތު ވެސް މާންދޫގައި 26 ދޯނިން އިހުތިޖާޖު ކުރަމުންދާއިރު، ހޮރައިޒަންއިން މަސްވެރިންނަށް ދޭން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިކަން ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަސްވެރިންނަށް ލިބެން ޖެހޭ ހައްގުތަކަށް އަރައިގަނެ އެ މީހުންނަށް ލިބެން ޖެހޭ އާމްދަނީ ހިފެހެއްޓުން ކަމުގައި ދެކެވެ." ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.

މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ލ. އަތޮޅާއި އެ ސަރަހައްދުގެ އެހެނިހެން މަސްވެރި އާއިލާތަކަށް ވެސް ނުތަނަވަސްކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

އޭނާ ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައި ވަނީ މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކުން ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށް މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށްދިނުމަށެވެ.

ހޮރައިޒަންއިން ބުނީ މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ. އެހެންނަމަވެސް، މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454