ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު މަޖިލީހުގައި ވާހަކަ ދައްކަވަނީ.
02 ޖުލައި 2025 - 10:03
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކުން ބާނާފައިވާ 120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރުވުމުން ރައްޔިތުންގެ މަޖިލީހަށް އިިދިކޮޅު ފަރާތްތަކުން މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވަމުން ޒިޔާދު ވިދާޅުވީ، މިފްކޯ މެދުވެރިކޮށް ބޮޑުކަންނެލި ގަންނަ ގޮތަށް ބަދަލުކޮށް، މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތަށް ހަމަޖެއްސުމާ އެކު، ބޮޑުކަންނެލީގެ އަގު 100-80ރ. އާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ވައުދުފުޅެއް ކަމަށެވެ.
އެކަމަކު މިއަދާ ހަމައަށް ވެސް އެ ވައުދު ފުއްދިފައި ނުވާ ކަމަށާއި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުން ބާނާ މަސްތައް ކިރޭނެ ގޮތެއް ނެތުމާއި ފައިސާ ނުލިބުމާއި މަސްވެރިކަން ކުރުމުގައި ވެސް އެކި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލިހުގެ ސަމާލުކަމަށް އޭނާ މިއަދު ގެންނެވިއިރު ވެސް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ 120 ޓަނަށް ވުރެ ގިނަ ޓަނު، އެކި ދޯނިތަކުން ބާނައި ނުކިރިފައި އެބަ ތިބި ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މަސްތައް ހަލާކުވުމުގެ ބިރު އޮތުމުން އެކަމުގެ ކަންބޮޑުވުން މަސްވެރިން ދަނީ ފާޅުކުރަމުންނެވެ.
އެ މައްސަލަ އާންމު ކަމަކަށް ވެފައިވާ ކަމަށާއި މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މަސް ކިރޭނެ ގޮތެއް ނެތި، އެތައް ތަކުލީފެއް އުފުލަންޖެހޭ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ދުނިޔޭގެ އިގްތިސާދު ކުރިއަރައި މަހުގެ ޑިމާންޑު ބޮޑުވާ ވަގުތު ވެސް ރަނގަޅު އަގުގައި ބޮޑުކަންނެލި ނުކިރޭ ކަމުގެ ޝަކުވާ އެބައޮތް ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުށަހެޅި އެ ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރުމަށް މަޖިލީހަށް ހާޒިރުވި 42 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ތާއީދުކުރި އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.
ބޮޑުކަންނެލި ނުކިރޭ މައްސަލާގައި ބަހުސް ކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ސަރުކާރުގައި ވެސް އެކަން ހައްލު ނުކުރެވުނު ކަމަށެވެެ. އަދި މަސްވެރިން ބާނާ މަހަށް މި ސަރުކާރުން 24 ގަޑިއިރުގެ ތެރޭގައި ފައިސާ ދެމުންދަނިކޮށް މިފަދަ މައްސަލައެއް ހުށަހެޅުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
"މިއީ ހަގީގަތާ ހިލާފު ކުއްލި މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ 40-50 ދޯނީގެ މަސްވެރިން ކަންނެލި ނުކުރިފައި ތިބުމަކީ މަޖާ ކަމެއް ނޫން ކަމަށާއި އެއީ ސީރިއަސް މައްސަލައެެއް ކަމަށެވެ. ކަންނެލި ނުކިރި ލަސްވުމުގެ ސަބަބުން ކަންނެލީގެ އަގު ޕްރައިވެޓް ކުންފުނިތަކުން ވައްޓަމުންދާ ކަމަށާއި އެންމެ ރަނގަޅަށް ކަންނެލި ބޭނޭ ދުވަސްވަރު ވެސް އަގު އުޅެނީ 40ރ. ގައި ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
02 July 2025
ސަރުކާރުން ތިޔަބާނާ ހުރިހާ ބޮޑުކަންނެއްޔެއް ގަންނަނަމަ ހުރިހާއެންމެންވެސް އަވަހަށް ބޮޑުކަންނެލިދޯނި ބަންނަންދުވޭ. ގެރެންޓީ ވިކޭނެ ވިޔަފާރިއެއް. ކޮންދަނޑެއް ހައްދާކަށް ހައްދާ އެއްވެސް ތަރުކާރީ ސަރުކާރަކުން ނުގަނޭ.!!!!
ލަދުކޮބާ؟
02 July 2025
މިވާހަކަ ބުނަން އަސްލު ބޭނުމެއްނޫން. އެކަމަކު ވެސް ބުނެލާނަން. ރާއްޖޭގެ ބޮޑު ކަންނެލި ޔޫރަޕަށް ނުވިއްކޭނެހެން ދިވެހިންގެ ބަޔަކު މަސައްކަތްކުރި. އޭނެ ނުރަނގަޅު އަސަރު އަދި ވެސް މަހަށް އެބައޮތް.
ހަސަންކޮއި
02 July 2025
މަސްވެރިން ބަނާ ހުރިހަ މަހެއް ސަަކާރުން ގަންނާކަށް ނުޖެހޭނެ. ވިކެން އޮތް ގޮތަކަށް ވިއްކަބަލަ. ދަނޑުވެރިން ހައްދާ ތަކެތިވެސް ސަރުކާރުން ނުގަނޭނު. އެމީހުންވެސް ގަންނަންތިބޭ ބަޔަކަށް ވިއްކަނީނު
ކަނޑުކުކުޅު
02 July 2025
އަަވަހަށް ކަނޑު އޮތްގިރި ނަގާ 80ރ އަށް 'ހަމައަގު'ގައި ޓެކްސް ފައިސާއިން ގަންނަން ފައްޓަ! ޤާނޫނު ހަދާ މަޖިލީހުން ސިޔާސީ ވަނީ ގަމާރުން ތިތާ ތިބޭތީ!
ޑރ ވާންޗޯ
02 July 2025
ބާނާ ހުރިހާމަހެއް ސަރުކާރުން ގަންނާކަށް ނުޖެހޭ، އެހެންވިއްޔާ އިމްޕޯޓުޓެކްސް ޖީއެސްޓީ ދައްކާފަ އެތެރެކުރާ ހުރިހާ އިމްޕޯޓުމުދާވެސް ސަރުކާރަށް ގަންނަންޖެހޭނެ.
މުރާސިލް
02 July 2025
އިއްޒަތްތެރި މެންބަރު ޒިޔާދު ނިސްބަތްވާ އެމްޑީޕީން ދެ ދައުރު ވެރިކަންކޮށް މުޅީ ޤައުމު ދަރުވާލާއި ޤައުމުގެ ހުރި އެސެޓްތަކުން ވައްކަންކޮށް، ވެރިކަމުގެ މަތިފަޑީގައި ތިބި މީހުން ބޮޑެތި މަހުޖަނުންނަށް ވެ ވެރިކަން ނިމުނު ިއރު ތިޔަ ވިދާޅުވާ މަސްވެރިން ބޭނި މަސްކޮޅަށް ފައިސާވެސް ނުދައްކައެވެ. މިހާރުގެ ސަރުކާރުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދައްކަމުންދާތީ އެކަން ހަޖަމުނުވެ ބޮޑު ކަންނެއްޔޭ މިފްކޯއޭ ކިޔައިގެން ވާހަކަދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟
މުލޭ
02 July 2025
އަހަރެން ގަންނަން ބޭނުން އެއްޗެއް އަހަންނަަށް ގަނެވޭނީ ވިއްކާ މީހާ ބުނާ އަގަކަށް. އެ އަގު އަހަންނަށް ދެވެން ނެތިއްޔާ އެ އެއްޗެއް އަހަރެން ނުގަންނާނަން. އަނެއްކޮޅުން ބަލާއިރު އަހަރެން ކިތަންމެ ވަރަކަަށް އެއްޗެއް ވިއްކަން އުޅުނަސް ގަންނަން ބޭނުންވާ މީހަކު ނެތިއްޔާ ވިއްކޭނެ ގޮތެއް ވެސް ނޯންނާނެ. ދެން އޮންނާނެގޮތަކީ ގެއްލުން ވީހާވެސް ކުޑަވާނެ ގޮތަކަށް ވިއްކޭތޯ ބެލުން.