ޚަބަރު / ހައި ކޯޓް

އެކަކު ޑްރަގަށް ޒިންމާ ނެގުމުން ދެން ތިބި މީހުން ދޫކޮށްލީ ރަނގަޅަށް ކަމަށް ނިންމައިފި

ފުލުހުން މިއަދު ދޫނިދޫގައި ޑްރަގްސް ނައްތާލަން ތައްޔާރުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ފުލުހުން އެއް ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައެއްގައި ދައުވާ ލިބުނު ބައެއް މީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު 14، 2020 ގައި މާލޭގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު އެއް ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ އެޕާޓްމަންޓުން ކެނަބިސް އަޅާފައި ހުރި ސެލޯފިން ކޮތަޅާއި ރަބަރު ޕެކެޓުތަކާއި ފިލްމު ހުސްކުރި ދަޅުތައް ފެނުނެވެ. އޭގެ ތެރޭގައި ކެނަބިސް އާއި އެމްޑީއެމްއޭ އަދި ހެރޮއިން ހިމެނެ އެވެ. ޖެހިގެން ހުރި ގެ އަށް އެއްލައިލި ޓޭޕް އަޅައި ޑްރަގް ފޮރުވާފައި އޮތް އެސްލޯން ހޮޅިކޮޅެއް ވެސް ފުލުހުން ހޯދި އެވެ. އަދި އަލަމާރިއެއްގެ ތެރޭގައި އޮތް ފޮށިގަނޑަކުން 16،650ރ. އާއި ކަބަޑަކުން 500ރ. ފެނިފައިވެ އެވެ.

އެ މައްސަލައިގައި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ ހދ. ނޮޅިވަރަން ހިޔާ، އަމްޖަދު އަބްދުއްސައްތާރާއި ގއ. ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު އާއި ގދ. ވާދޫ، ޗިޗަންޑާގޭ، ވިޝާމް މުހައްމަދާއި ގއ. ވިލިނގިލި ނައިންފްލާވާ، އީމާން މުހައްމަދާއި، ކ. މާފުށި، ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އެ މައްސަލައިގައި އިތުރު ދައުވާތަކެއް ވެސް ކޮށްފައިވެ އެވެ.

އެ މީހުންގެ ތެރެއިން އަމްޖަދު ދައުވާ އަށް އިއުތިރާފުވެ، ފެނުނު ޑްރަގަށް ޒިންމާ ނެގުމުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަަލަށްލުމާއެކު 100،000ރ.އިން ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އެހެންވެ، ބަންދު މުރާޖައާ ކުރި އިރު އެކަމަށް ބަލައި މުހައްމަދު ތަގިއްޔު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއުތިރާޒެއް ނުކުރެ އެވެ.

އަމްޖަދު ޒިންމާ ނަގާފައިވާކަމާއި ހެކިިބަސް ނެގުމުގެ ތެރޭގައި ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަމަށް ބިނާކޮށް ކްރިމިނަލް ކޯޓުން ބާކީ ތިން މީހުން ދޫކޮށްލަން އަމުރު ކުރީ އޮކްޓޯބަރު 23 ވަނަ ދުވަހު އެވެ. އެ މީހުން ބަންދު ކޮށްފައި ތިބީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ބަންދުން ދޫކުރުމަށް ދައުލަތުގެ ރައްދު

އެ މީހުން ދޫކޮށްލި އަމުރުތަކުގައި ވަނީ އެ ތިން މީހުންގެ މައްސަލައިގައި ވެސް ހެކި ނެގުމަށް ފަހު، ސީންގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުކުރާ ކަމާއި ބަލައި ފާސްކުރުމުގެ އިޖުރާއަތާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމާއި މަސްތުވާތަކެތި ބަހައްޓާފައި ވަނީ އެންމެންނަށް ފެންނާނެހެން ހާމައަށް ނޫންކަން ކަމަށެވެ. އީމާން މަގުމަތިން ހައްޔަރު ކުރި އިރު، ބަލައި ފާސްކުރި އެޕާޓްމަންޓަށް އޭނާ ވަން ތަން އަދި ނުކުތްތައް ވެސް އެއްވެސް ހެއްކަކަށް ފެނިފައި ނުވާ ކަމަށް ވެ އެވެ. އޭނާގެ އަތުން ފެނުނު ފޮށިގަނޑުން ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ކެނަބިސް ފެނިފައި ނުވާ ކަމަށް ވެސް ވެ އެވެ.

އެ އަމުރުތަކުގައި ފާހަގަ ކުރީ، ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގަމުންދާއިރު، އެ ހެކީގެ ސަބަބުން ދައުވާ ލިބޭ މީހަކު ބަންދުގައި ބެހެއްޓި ސަބަބު ނެތި ގޮސް ނުވަތަ ހީނަރުވާ ހާލަތުގައި ނުވަތަ ހެކިންގެ ހެކިބަހުން ސާބިތު ކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، ދައުވާ ލިބޭ މީހާ އާއި ކުށާ ގުޅުވައިދޭ ހެކި ފާޅުކަން ބޮޑު ގޮތެއްގައި ލިބިފައި ނެތް ނަމަ އެ މީހާގެ ބަންދަށް ފަނޑިޔާރަށް ބަދަލު ގެނެވިދާނެ ކަމަށެވެ.

އެކަމަކު، ދައުލަތުން ބުނީ ތަހުގީގު ބަޔާނާ އެއްގޮތަށް ކޯޓުގައި ހެކިބަސް ލިބިފައިވާއިރު، ހެކިބަސް ހީނަރުވާ ފަދަ ހާލަތެއް ނެތް ކަމަށެވެ. އެކަކު އިއުތިރާފުވެ ޒިންމާ ނެގިޔަސް، އެ މީހުން ކުށުގައި ބައިވެރިވުމުގެ އިހްތިމާލާއި ބަންދުގައި ބެހެއްޓި ސަބަބު ކަމަށް ވާ މުޖުތަމައުގެ ސަލާމަތައް އޮތް ނުރައްކާ ނެތިގެން ނުދާ ކަމަށް ދައުލަތުން ބުންޏެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކޮށް އެފަދަ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ޖަލުގައި ކުރީގެ ގަޒިއްޔާއަކާ ހަވާލާދީ ބުނެފައިވެ އެވެ.

ދައުލަތުން ބުނިގޮތުގައި މައްސަލައިގައި ހެކިބަސް ނަގައި ނިމިފައި ނުވަނީސް، ހެކިބަހާ މެދު ކްރިމިނަލް ކޯޓުން ވަނީ ގޮތެއް ނިންމައިފަ އެވެ. ދައުލަތުން ބުނީ، ހެކިބަހާ މެދު ގޮތެއް ނިންމޭނީ ދެ ފަރާތަށް އެއާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.

މަސްތުވާތަކެތި ފެނުނު ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، ބަލައި ފާސްކުރި ގޮތް ގޯސްވީ ކިހިނެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނެތް ކަމަށް ބުންޏެވެ. އެންމެންނަށް ފެންނަ ގޮތަށް މަސްތުވާތަކެތި ނުބެހެއްޓުމަކީ އާ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ދައުލަތުން ގޯސްތަކެއް

ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ، އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރުތައް ބިނާވެފައިވާ ގާނޫނީ ބަހުސަކީ މައްސަލަ ބެއްލެވި ފަނޑިޔާރުގެ އިހުތިޔާރު ބޭނުން ކުރި ގޮތުގެ މައްޗަށް ކަމަށެވެ. އެކަމަކު، އިސްތިއުނާފު ފޯމުގައިވާ ނުކުތާ އާއި އެ ނުކުތާތަކުގެ ތަފުސީލާއި ޝަރީއަތުގެ މަޖިލީހުގައި ދެއްކެވުނު ވާހަކަތައް ދައުލަތުން ބިނާކޮށްފައި ވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ހާލަތު ބަދަލުވެފައި ނުވާ ކަމުގެ ބަހުސްގެ މައްޗަށް ކަމަށް ހުކުމުގައިވެ އެވެ.

އިސްތިއުނާފު ކުރަނީ ގާނޫނުގައިވާ ކަންކަމުގެ މައްޗަށް ބަލައިގެން ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރު އިހުތިޔާރު ބޭނުން ކުރި ގޮތް ކަމަށްވާ ނަމަ، އެ އިހުތިޔާރު ބޭނުން ކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި ނޫނީ އިސްތިއުނާފީ ކޯޓުތަކުން ކުރާނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުން ފާހަގަކުރި އެވެ. އެ މަދު ހާލަތުތައް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރުގެ އިހުތިޔާރީ ބާރުގެ ތެރެއަށް ހައި ކޯޓުން ވަންނަން އެދޭ ސަބަބެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

ދައުވާ ލިބުނު އެކަކު ޑްރަގަށް ޒިންމާ ނަގާފައި ނުވުމަކީ ކަމާ ނުގުޅޭ ކަމެއް ކަމަށް ދައުލަތުން ބުންޏަސް، އެކަމަށް ބިނާކޮށް ދައުވާ ލިބޭ އެކަކު ކުރިން ދޫކޮށްލި އިރު ދައުލަތުން އިއުތިރާޒު ނުކުރާތީ އެއީ ދައުލަތުން ބުނާ ގޮތަށް ކަމާ ނުގުޅޭ ކަމެއް ކަމަށް ބުރަ ނުވެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ކުށުގެ ޒާތާއި ބާވަތަށް ބަލައިގެން ބަންދުގައި ބެހެއްޓުމާ ދުރަށް ދިޔުމުގެ އުސޫލު ދަމަހައްޓާފައިވާ ގަޒިއްޔާތަކެއް ފާހަގަކޮށް ހުކުމުގައި ވަނީ ދައުލަތުން އެއިން އެއްވެސް ނިންމުމަކަށް ހަވާލާ ނުދިނުމަށް އިހުތިޔާރު ކޮށްފައިވާ ކަމަށެވެ.

"އުވި ގޮސްފައިވާ ގާނޫނެއްގެ ދަށުން ކޮށްފައިވާ ހުކުމްތަކަށް، ނުވަތަ އެ ނިންމުމަކާ ދުރަށް ދާން ޖެހޭ ކަމަށް އިސްތިއުނާފީ ކޯޓުން ސާފުކޮށް ކަނޑައަޅާފައިވާ ގަޒިއްޔާތަކަށް، އެކި ސިފަސިފައިގައި ދިރުން ދިނުމަށް މައްސަލައިގެ ހަސްމުން މަސައްކަތް ކުރުމަކީ، ގާނޫނުތަކާއި ނިޒާމަށް އަންނަ ބަދަލުތަކާއި ޒަމާނާ އެއްގޮތަށް ގާނޫނީ އުސޫލުތައް ތަރައްގީ ކުރުމަށް ކޯޓުތަކުން ކުރަމުންދާ މަސައްކަތަށް އިހުތިރާމު ކުޑަ ހުށަހެޅުންތަކެއް ކަމުގައި ދެކެމެވެ،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަތަކުގައި ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާގެ މައްޗަށް ބިނާކޮށް ދައުވާ ކުރިއަށް ގެންދަންޖެހޭ ފަދަ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ބުނެ، އެ މީހުން ދޫކޮށްލަން ނެރުނު އަމުރުތަކަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒުު ފަހުމީ އެވެ. އޭނާގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ހަސަން ޝަފީއު އާއި މުހައްމަދު ސަލީމް ތާއީދުކުރެއްވި އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ފަސް މީހަކު ބަންދު ކުރި ނަމަވެސް، ފަހުން އެ ފަސް މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބަލައި ކްރިމިނަލް ކޯޓުން އެ ފަސް މީހުން ދޫކޮށްލަން ނިންމި އެވެ. އެ މީހުން ފަހުން ބަންދު ކުރީ ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މީހުން އަލުން ބަންދު ކުރަން އެ ކޯޓުން އެންގުމުންނެވެ.

10 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޯބިން

16 November 2022

ދީބާގެ ނިންމުން ވަރަށް ކަޑަ

The name is already taken The name is available. Register?

ވަހުތާން

16 November 2022

މީ ވަރަށް ބޮޑު ނުބައެއް! އިހަކަށް ދުވަހު ބާކައުންސިލުންވެސް ރާއްޖެތެރޭ ވަކީލެއްވީމާ ބޮޑުކުށެކޭ، ސުންބުއްޔެކޭ ކިޔާފަ ވަކީލު ހުއްދަ ހިފަހައްޓާއިފި، އެކަމަކު ވެރިކަމުގެ ގަނޑުވަރުތެރޭގެ ލިވާތޭ ނުވި ބޮޑު ކުށަކަށްވެސް.

The name is already taken The name is available. Register?

އަފްރާސިޔާބު

16 November 2022

އެހެންވީމާ މަސްތުވާތަކެތީގެ ވިޔަފާރީގެ ދެ ޕާޓުނަރުންނަކީ ސަރުކާރާއި ޖުޑީޝަރީ ކަމުގައި ބަލައި ރައްޔިތުން މި ދެބައިގެ މަސައްކަތް އަލުން މުރާޖައާކޮށް ނިންމުންތަކެއް ނިންމައި އެކަން ތަންފީޒުކުރުމަށް ސިފައިންނާ ޙަވާލުކޮށްލުން ރަނގަޅުވާނޭ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ބަޑިތަކުރު

16 November 2022

ފަނޑިޔާރުން އޭނާގެ އެހީތެރިންގެ ގާތުގައި މިވެނި މީހަކު ދޫކޮށްލެވޭނެ ގޮތެއް އޮތްތޯ ބަލަންއެދޭ ހިސާބަށް ޑްރަގްވިޔަފާރިކުރާ މީހުންގެ ދަށުވެ، އަތުލެވޭ ޑްރަގް ބަލަހައްޓަން ހަވާލުވެ ތިބޭ ފުލުހުން ޑްރަގް ބޭނުންކޮށް ވިއްކާ ހިސާބަށް ދިޔައީމާ ދެން މިގައުމުން ޑްރަގްގެ ވަބާ ފިލުވާލެވޭނެގޮތެއް އޮންނާނެބާވައެވެ. ހުރިހާވެސް މައްސަލައަކީ މުސްލިމުންނޭ ކިޔަސް މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ރަނގަޅު ސިފައެއް ގިނަ މީހުންގެ ކިބައިގައިނެތުމާއި، އާޚިރަތެއ

The name is already taken The name is available. Register?

ނާފީ

16 November 2022

ބޯފަޅަައިގެނދާނެ ކީކުރަންތަ މަސްތުވަތަކެތީގެ މައްސަލަ ބަލަނީ އެފަދަ މީހުންނަށް ހިމާޔަތް ލިބެނީ ކޯޓްތަކުންނާއި، ސިޔާސީ ބޭފުޅުންގެ ފަރާތުން

The name is already taken The name is available. Register?

އަހުމަދު މީމު

16 November 2022

މިތަނުގަ ހިންގަނީ ކުއްވެރިން ރައްކާތެރިކުރުމުގެ ގާނޫނެއް މުޖުތަމަޢު އަށް އެއްވެސް ރައްކާތެރި ކަމެއް ނެތް

The name is already taken The name is available. Register?

ކޮރަލް

15 November 2022

މިއީ ހަދާ އުޚުޅެކެވެ. އެކަކު ޒިންމާ ނެގީމަ ދެންހުރި މީހުން ދޫކޮށްލަނީ އެވެ. ދޫކށްލީމަ ހައްޔަރު ކުރި މީހާ ސަލާމަތް ކުރަން ދޫކޮށްލި މީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ. އޭގެ ތެރޭ ސިއްރު ހެކި ހޯދާ ހެއްކައް ބިރު ދެއްކުން ވެސް އޮންނާނެ އެވެ. ވިއްކާ މީހުން އަތުގަ މިލިއަނުން ފައިސާ އެބަހުއްޓެވެ.

The name is already taken The name is available. Register?

ބަޑިތަކުރު

16 November 2022

އެކަން ނޭނގޭ މީހަކު ނެތެވެ. އިޖްރާޢަތޭ ކިޔައިގެން ކުށްވެރިން ފަސޭހައިން ސަލާމަތްކުރުން ނޫން ބޭނުންމެއްނެތް އެތައް ދުއްތުރާލެއް ފުލުހުންނާ މަތިކޮށްފައިވަނީ ބަޔަކު އެނގިތިބެ ގަސްތުގައި ބޭނުންވާ މީހުން ދޫކޮށްލުމަށެވެ. އެ ޤާނޫނުތައް އިޞްލާޙުކުރެވޭނީ ގޭންގުތަކުގެ ބޭނުން ނުހިފައިވާނެ ދުވަހަކުންނެވެ. އެދުވަހެއް ފެނުމަކީ ވަރަށް ނާދިރުކަމެކެވެ.

The name is already taken The name is available. Register?

1828

15 November 2022

އެކަކު ޒިންމާ ނެގިޔަސް ދެންތިބި މީހުންގެ މައްޗަށް ސާބިތުކުރުމަށްޓަމައި ދައުލަތުން ޖެހޭނެ ހެކި ހޯދަން. އެބަޔަކު އެކަމުގައި ޝާމިލްވާކަމަށްވަނީނަމަ އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފިނަމަ ހެކި ހޯދާނެ. މީގެ ދެދުވަސްވަރުކުރިން ދިވެހިންނަށް ކަށަވަރު ކުރެވިއްޖެ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުނުވަނީ ކީއްވެގެންކަން. އެފަދަ ކިތައްމެ ކިތައްމެ ފުލުހުންނެއް ތިބޭނެކަން މިހާރު ދިވެހިން ޤަބޫލުކުރާނެ. މިއީ ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެއް.

The name is already taken The name is available. Register?

ޖުހާން

15 November 2022

މިފަދަ މައްސަލައެއް ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ޕޖއަށް ނުކެރޭ. ސުޕްރީމް ކޯޓުގެ ގިނަ ފަނޑިޔާރުންނާ ސަކަރާތް ނުޖެހޭ ޑީލް ނުހެދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454