ސްޓެލްކޯގެ އެމްޑީ ޝަރީފް: ހިޔާ ފްލެޓްތަކުން ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު މައްސަލާގައި އެޗްޑީސީން ކޮންޓްރެކްޓަރުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
16 ނޮވެމްބަރ 2022 - 09:31
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް އިއްޔެ ހަތަރު ގަޑިއިރަށް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ސަރަހައްދުގައި އިމާރާތްކުރާ ފަރާތްކުގެ އިހުމާލު މިކަމުގައި އޮތުމުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ 16 ޓަވަރުން އިއްޔެ ހެނދުނު 11:00 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. އެ ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ އިއްޔެގެ މެންދުރު ފަހު ތިނެއް ޖަހާކަންހާއިރު ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފެށީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެންނެވެ. އެހެންވެ، ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުތަކުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.
"އެއް ކޭބަލެއްގެ ދެ ތަނަކުން ވަނީ ހަލާކުވެފައި. އެހެންވެ، އެ ކޭބަލް މަރާމާތުކުރުން މިއަދު ކުރިއަށް ގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.
ކޭބަލް ހަލާކުވި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ހުޅުމާލޭގައި އިމާރާތްކުރާ މީހުން ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ މި އަށްވުރެ ބޮޑެތި ގެއްލުންތައް ވެދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އެ ތަން ކޮނުނު ކޮންޓްރެކްޓަރުން އެ ކަން ކުރީ އެޗްޑީސީގެ ހުއްދަ ވެސް ނުހޯދާ. އެއްވެސް ހުއްދައެއް ނެތް. މިއީ ކުޑަ ކަމެއް ނޫން. އެހެންވެ، އަޅުގަނޑުމެން އެޗްޑީސީގައި އެދެން މި ގޮތަށް މަސައްކަތްކުރާ މީހުން ޖަވާބުދާރީ ކުރުވަން،" ޝަރީފު ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން އިއްޔެ ކުރަނީ: މިހާރު އެ ފްލެޓްތަކަށް ކަރަންޓު ދެނީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެން.---ފޮޓޯ: ސްޓެލްކޯ
އޭނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭ ކޭބަލް ހަލާކުވީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފްލެޓް އިމާރާތްކުރާ ކޮންޓްރެކްޓަރުންތަކެއް ކޮންނަނިކޮށެވެ.
"އަޅުގަނޑުމެން އަޅާފައި ހުންނަ ކޭބަލަށް ބެލުމެއް ނެތި އެ މީހުން ކޮނެފައި ވަނީ. އަނެއްކާ ބެލިއިރު ހުރީ ހަލާކުވެފައި ހުރި ކޭބަލްގެ އެއް ތަނަކަށް ފަސް އަޅާފައި. ކޮންޓްރެކްޓަރުން މިހާރަށް ވުރެ ބޮޑަށް ބަލަން ޖެހޭނެ. އެޗްޑީސީން ވެސް އެ މީހުން ޒިންމާދާރު ކުރުވަން ވާނެ،" ޝަރީފު ވިދާޅުވި އެވެ.
"ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް މި ކަހަލަ ކަންކަމުން ވަރަށް އުނދަގޫވާނެ. އެހެންވެ، ކަމާ ބެހޭ އިދާރާތަކުން އިތުރަށް ވިސްނަން އަޅުގަނޑު އެދެން."
އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އެ ތަން ކޮނުނު ކޮންޓްރެކްޓަރުން އެ ކަން ކުރީ އެޗްޑީސީގެ ހުއްދަ ވެސް ނުހޯދާ. އެއްވެސް ހުއްދައެއް ނެތް. މިއީ ކުޑަ ކަމެއް ނޫން. އެހެންވެ، އަޅުގަނޑުމެން އެޗްޑީސީގައި އެދެން މި ގޮތަށް މަސައްކަތް ކުރާ މީހުން ޖަވާބުދާރީ ކުރުވަން: ޝަރީފު
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާ ގިނަ އިރުތަކެއް ވަންދެން އަދި ކަރަންޓެއް ނުކެނޑެ އެވެ.
އެހާ ގިނައިރު ވަންދެން ކަރަންޓު ކެނޑުމުން އެ އުސް އިމާރާތުގެ އެޕާޓްމަންޓްތަކަށް އެތައް ބަޔަކު އަރަން ޖެހުނީ ސިޑިންނެވެ. ކަރަންޓާއި ފެން އެހާ ގަޑިއިރަށް ކެނޑި، އެތައް ބަޔަކަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުމަކީ ބައެއްގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި އެ ބަޔަކާ މެދު ފިޔަވަޅު އަޅަން ހިޔާ ފްލެޓްތަކުގެ މީހުން ވެސް އެދެ އެވެ.
ފްލްޓްތަކުގައި އުޅޭ މީހުންގެ ވައިބާ ގްރޫޕުގައި މީހަކު ބުނެފައި ވަނީ އެ ވަގުތުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބި ފްލެޓްތަކުގައި ފާހަނާ ކޮށްލެވޭނެ ގޮތެއް ވެސް ނެތުން ކަމަށެވެ. އަދި އެ ވަގުތު ދިމާވީ ސްކޫލަށް ކުދިން ފޮނުވަން ޖެހޭ ވަގުތު ނަމަވެސް ކަރަންޓާއި ފެން ނެތުމުން ސްކޫލަށް ނުފޮނުވާ ކުދިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
16 November 2022
އެހާ އުސްބތަނުގާ ކަރަންޜު ކެނޑޭ އިރަށް ހުރިހާކަމެއް އެބ ހުއްޓޭ.. ކޮންމެ ޓަވަރެއްގައި އިމަޖެންސީ ޖަނަރޭޓަރު ބަހައްޓަންޖެހޭ...
ޒިންމާ ޒާހިރު
16 November 2022
މަ ބުނީ މީހެއްގެ ގޯއްޗެއް ތެރެއިންހޭ ކަރަންޓު ކޭބަލު އަޅާފަ ހުރީ، ހިޔާ ފުލެޓަށް؟ ތިޔަވަރަށް ޕްލޭންކޮށްފައި އޮތް ރަށެއްގައި ނުއޮންނަނީހޭ ކޭބަލު ގެންދަންޖެހޭނީ ވަކި ގޮތަކަށްކަން ޗާޓުކުރެވިފައި؟
ބޮއްބޮއް
16 November 2022
ޕްލޭންކޮށްފައި އޮތީ ކޮންކްރީޓް ހޮޅިއެއްގެ ތެރެއިން ކޭބަލް ގެންދަން. އެކަމަކު ކޭބަލް ގެންގޮސްފަ ތިއޮތީ މީހެއްގެ ގޯތިތެރެއިން. ދެން މިސަރުކާރުގައި އެކަން ކުރި ބަޔަކުކުރެން އަހާބަލަ.
ކަތިބުރުމާ
16 November 2022
ރައްޔިތުންގެ ލޮލުގަ އަދުން އަޅުވަން ފާޑު ފާޑުގެ ފޮނިވާހަކަތަށް ނުދައްކާ މިހާރު ލިބިފަ އޮތް ލާރިގަޑާއިއެކު އަވަހަށް އިސްތިއުފާދީފައި ގޭގަ އޮވެބަލަ...
މަންޑޭލާ
16 November 2022
މަސައްކަތ ކުރުވާއިރު ކަމާއި ބެހޭ ސްޕަވައިޒަރުން ނުލާ މަސައްކަތް ކުރުވާތީ މައްސަލައަކީ. މިހާރުވެސް ތަނެއް ވާއްޓާލަން މަގުމަތިން 6 ބަންގާޅިން ގޮވައިގެން ގޮސް މިތަން ތަޅާލާށޭ ބުނުމުން އެކަންކުރާނެމީހުން އެބަތިބި. ކަންކަން ބަލހައްޓާ ހުއްޓުވާނެ މީހުން ނުތިބޭތީ މިކަހަލަ ހާދިސާތައް ހިގަނީ.
ކަސްޓަމާރ
16 November 2022
ހުޅުމާލޭ ފޭސް 1 ގެ 15 ބުރި ޢިމާރާތް ތަކަކީ އިމަޖެންސީ ޖަނަރޭޓަރ ބަހައްޓާ ކަރަންޓް ދެވޭގޮތަށް ހުންނަ ތަންތަން. މިހާބައިބޯ ފްލެޓް ތަކަށް ކީއްވެ މީހުން ވެއްދީ މި ވަސީލަތާ ނުލާ! އަޖާއިބެއް. ދުނިޔޭގަވެސް ނުހުންނާނެ ކަންނޭންގެ މިހާ އުސްތަންތަން އިމަރޖެނސީ ޖަނަރޭޓަރު ނުހުން.
ފޭސް
16 November 2022
ފޭސް 2 ގައި މަގުހެދުމާއި އިމާރާތްކުރުމުގެ ކަންކަން ކިރަނީ އިންޑިއާ ކުންފުނިތައް. ޢެމީހުންބޭނުންގޮތަކަށް އެމައްކަތްކިރަނީ. ބޮޑަތި ވަޅުގަނޑުކޮނެފަ ޓޭޕްނުދަމާ އެބަހުރި. މަގުމަތީ މަސައްކަތްކުރާއިރު މަގުބަންދުކުރުމުގެ ހުއްދަނެތި އަމިއްލައަށް މަގުތައް ބުލޮކްކޮއްލާ. މަގުމަތީ ދުއްވާއެއްސައް އުނދަގޫވާގޮތައް ތަކެތި ބަހައްޓާފަހުރޭ އެއްވެސް ބޯޑެއް ނެތި. މީހުސް ފޭސް2 އަކުން ފެންނަ މަންޒަރު. ޢެޗްޑީސީ އަކުން ސްޕަވައިޒްނުކުރޭ.
ބުލްކިޔާ
16 November 2022
ވަރަށް ޙަޤީޤީ ވާހަކައެއް ޒިންމާ ކުރުވެން ޖެހޭނެ ޖަވާބުދާރީވާން ޖެހޭނެ ކަމުގެ ގާބިލް ބަޔަކާތޯ އެޗްޑީސީ ހިންގަން ހަވާލުކުރެވިފަ ވަނީ އަލުންބަލުން ކަށަވަރު ކުރަން ޖެހޭނެ
އަރަތެއް
16 November 2022
ކޭބަލްތަކާ އެއްޗެހި ވަޅުލަނީ މީހުންގެ ފައިގަ އަޅައިގެން ވެއްޓޭވަރު ތިލަކޮށް. ޝަރީފު ބުނީ ކޭބަލް ހަލާކުވީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފްލެޓް އިމާރާތްކުރާ މީހުންގެ އެތަން ކޮނެގެންނޭ. ޝަރީފު ބުނާ ގޮތުން އެތަން އިމާރާތް ކުރަން ކޮނެގެންވެސް ނުވާނެހެން ހީވަނީ.
ކޮޕީކެޓް
16 November 2022
ހަމައެކަނި ޖަވާބުދާރިއެއްނޫން.... ގަވާއިދާއި ހިލާފަށް ހުއްދަ ނުހޯދާ މަސައްކަތްކުރުމުން ލިބުނު ގެއްލުމަށް ޖުރިމަނާކޮށްލަބަލަ.
ޑޮކްޓާރ. ބަނާނާ
16 November 2022
ޢެޗްޑީސީ އިން ރައްޔިތުންނަށް ދޭ ހިދުމަތަކީ ވިޔަފާރިކުރުން! ޢެންމެ ކުޑާމިނުން އެމީހުން ގެއިން ގެންދާ ކުނިކޮތަޅު ފިޔަވައި ދެންއުކާ ކުނިކޮޅަށް ވެސް ފައިސާ ނަގާ...... އެޗްޑީސީ ބޭރުކޮށް ހުޅުމާލޭ ކައުންސިލްއެއް ހަދާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދޭންޖެހޭ ކަމަށް ދެކެން..