މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ގޭގައި ދިރިއުޅޭ މީހުން ދަންނަ ބައެއް ބިދޭސީން، މަރުވި މީހުންގެ ހަށިގަނޑު އޮތް ގަލޮޅު މޯޗަރީ ކައިރީގައި މަޑުކޮށްލައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ނޮވެމްބަރ 2022 - 14:00
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް 200،000ރ. ލިބިއްޖެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެހީވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 48 ގަޑިއިރަށް ހުޅުވާލި އެ ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބުނު ކަމަށެވެ.
އެ ފަންޑަށް 192،954.43ރ. އާއި 1،078 ޑޮލަރު (16،622.76ރ.) ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނިގޮތުގައި، މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 33 ބިދޭސީއަކު ހާލުގައި ޖެހި 10 ބިދޭސީއަކު މަރުވި އެވެ. އެހެންވެ، އެ ފަންޑަށް ލިބުނު ފައިސާ، ހާލުގައި ޖެހިފައިވާ 33 ބިދޭސީންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމަށް ހަމަހަމަކޮށް ބަހާނެ ކަމަށް ބުންޏެވެ.
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ގޭގައި ދިރިއުޅޭ މީހުން ދަންނަ ބައެއް ބިދޭސީން، މަރުވި މީހުންގެ ހަށިގަނޑު އޮތް ގަލޮޅު މޯޗަރީ ކައިރީގައި މަޑުކޮށްލައިގެން: އެ ހާދިސާގައި 33 ބިދޭސީއަކު ވަނީ ހާލުގައި ޖެހިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފަންޑަށް ލިބުނު ފައިސާ ހޭދަކުރަން ނިންމާފައި ވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން މިހާރު އެހީ ދޭން ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެއީ؛
• ޕްރިޔޯރިޓީ 1: ހާދިސާގައި މަރުވި 10 މީހުންގެ އާއިލާއަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހާ އަށް އެހީވުމަށް ފަންޑުގެ 50 ޕަސެންޓް ހޭދަކުރާނެ.
• ޕްރިޔޯރިޓީ 2: ހާދިސާގައި ހިޔާވަހިކަން ގެއްލުނު 10 މީހަކަށާއި ވަޒީފާ ދީފައިވާ ފަރާތުން ބަލަހައްޓަމުން އަންނަ ތިން މީހަކަށް ފަންޑުގެ 40 ޕަސެންޓް ހޭދަކުރާނެ.
• ޕްރަޔޯރިޓީ 3: އަލިފާނުގެ ހާދިސާ ހިނގި ގެއާ ކައިރީގައި ދިރިއުޅުނު މީހުންގެ ތެރެއިން ހާލުގައި ޖެހުނު 12 މީހަކަށް ފަންޑުގެ 10 ޕަސެންޓް ހޭދަކުރާނެ.
މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ބުނީ އެ ފަންޑު ހުޅުވާލީ ހާލުގައި ޖެހުނު މީހުންނަށް އެހީވާން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ ފަންޑު ހުޅުވާލަން ނިންމި މަގުސަދެއް ކަމަށެވެ.
އެ ފަންޑަށް ލިބުނު ފައިސާ ހޭދަކުރަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު ހެދި އެސެސްމަންޓަކަށް ބެލުމަށް ފަހު ކަމަށާއި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެ ފައިސާ ލިބޭނެ ކަމުގެ ޔަގީން ވެސް އެ ޖަމިއްޔާއިން ދިނެވެ.
ހާލުގައި ޖެހިފައިވާ މީހުންނާ މިހާރު ވެސް މުއާމަލާތް ކުރަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި އެ މީހުންނަށް މި ފަންޑުން އެހީދޭން ފެށޭނެ ކަމަށް ޖަމިއްޔާ އިން ބުންޏެވެ.
ނިރުފެހިގެ ސާފުކުރުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިއްޖެ https://t.co/I1Ct37mnXW
— Mihaaru (@Mihaarunews) November 15, 2022
މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެ، ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ރޯވި ގެ ސާފުކުރަމުން އަންނަނިކޮށް އިއްޔެ ވަނީ މީހެއްގެ ފައިތިލަ ވެސް ފެނިފަ އެވެ. އެކަމަކު އެކަމާ ގުޅޭ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސަރުކާރުން ވެސް މިހާތަނަށް ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީގެ ދެ ދުވަސް ކުރިން ބުނީ އެކަމަށް މިހާތަނަށް ދައުލަތުން 135،000ރ. ހަރަދުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
16 November 2022
ރަގަޅު ކުރަން ބޭނުންނަމަ ފުރަތަމަވެސް ތިޔަ ފައިސާއިން، ވޯރކް ޕާރމިޓް ނެތް ހައެއްކަމީހުން ރަށަށް ފޮނުވާ ދީބަލަ.
ސޭކުސްތާން
16 November 2022
ތިޔަ ފައިސާ ބޭނުންކުރެވިގެން ދަނީ ކިހިނެއްތޯ ބެލުން މުހިންމު. ޖަމިއްޔާގެ ރައީސަކީ ވަރަށް ޒާތެއްގެ މީހެއްކަމަށް އަބަދުވެސް ވާހަކަ ދެކެވޭ. ކަންދެއްކުމުގެ ބައި އިންތިހާއަށް.
ބޮޑުމީހާ
16 November 2022
މިކަހަލަ ހިތާމަވެރި ހާދިސާތައް ހިގަނީ މުއައްސަސާތައް ޕެރަލައިޒްވެފަ ހުރީމަ. މިކަމާއި ގުޅޭ މުއައްަސަސާތަކުގެ ވެރިންގެ މައްޗަށް ތަހުގީގު ހިންގި ހަރުކަށި އަދަބު ދެވިގެން މެނުވީ މިގައުމުގައި މިހިގާ ހިއުމަންޓްރެފިކިނގެ އަމަލުތައް ނުހުއްޓުވޭނެ
ދެބެންގެދަރި
16 November 2022
ފަންޑެއް ހުޅުވި ކަމެއް ނޫހަކުން ނޭގުނު. މިހާރުވެސް ޑޮނޭޓު ކުރެވޭނެތަ؟