އައްޑޫ ހުޅުދޫ: އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދު ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފައި -- ފައިލް ފޮޓޯ: މިހާރު
18 ނޮވެމްބަރ 2022 - 15:36
އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
އެ ކައުންސިލުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ"ގެ ނަމުގައި ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދު ހިމާޔަތްކުރުމަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާގަ އެވެ. ކައުންސިލުން ބުނީ އެ މަސައްކަތްކުރުމަށް ކައުންސިލަށް ހުށަހެޅީ ސ. މީދޫ ދާއިރާގެ ކައުންސިލް މެންބަރު އާމިނަތު ސާލިހާ ކަމަށެވެ.
ސާލިހާގެ ހުށަހެޅުމުގައި ވިދާޅުވެފައި ވަނީ، ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން ހުށަހެޅި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ގިނަ އަދަދެއްގެ ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި އެ ނޫން ވެސް ކަނޑުގެ އެކި ދިރުންތައް ފެނިފައިވާ ކަމަށެވެ.
އެ ޓީމުން ފާއިތުވި ހަތަރު އަހަރުގެ ތެރޭ އެ ސަރަހައްދަށް ދަތުރުކޮށް، އެ ސަރަހައްދު ރިސާޗުކޮށް، ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެތަނުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ ސ. މީދޫއިން ފުރާއިގެން ލޯންޗްގައި ހަތް މިނެޓުން ދެވޭ، އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދެކެވެ.
- ޑައިވާސް ޓީމުގެ ހޯދުންތަކުގެ އަލީގައި އެ ސަރަހައްދު ވަށައިގެން 100 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތްކުރުން.
- އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ސަރަހައްދު ބޭނުންކުރުން.
އެ ސަރަހައްދު ހިމާޔަތްކޮށް، ނާސް ޝާކް ސެންޗުއަރީއެއް ހަދަން އައްޑޫ ސިޓީ ކައުންސިލުގެ 11 މެމްބަރުން ތައީދުކުރެެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑޭރިފުޅު
20 November 2022
ތަފާތު ކައުންސިލެއް. އިހަށް ދުވަހު ބީޗްއެއް މިއަދު މިޔަރު ޒޯނެއް. ކުރީ ދުވަހު ރުއްފަށާ ނައްތާލީ ޖެހިގެން އަިދިވަހު ހޮސްޕިޓަލް ކައިރި ގޯތިތައް ފޭރުނީ. ތަފާތު ކައުންސިލެއް.
އިބްރ
19 November 2022
މިއަރު އެކަންޏެއްނޫން. ދިވެހިން ފިޔަވައި ހުރިހާ ދިރޭތަކެއްޗެއް ހިމާޔަތްކުރަންވީ. ރައްޔިތުން ހޭލެވޭނީ ކޮންއިރަކުންތޯ ސުވާލުއުފެދެނީ.
މިޔަރުތިލަ
19 November 2022
މިޔަރުއާލާކޮށްގެން އޭގެ ފަރާތުންވެސް އައްޑޫއިން މީހުންކޮޅެއް މަދުކުރެވިދާނެކަމަށް ބެލެވޭތީ. ތިއީ ކުރަން އެންމެ ރަގަޅުކަމެއް.
ބޮކިއަލި
19 November 2022
ގިނަކައުންސިލްތައް ކުރާނެކަމެއްނެތި ދުވަސްދިގުލައި ތިބޭކަހަލަ. ދޫންޏެއް މަހެއް ރުކެއްގެ ވަށައިގެން ކަޑިއުގުޅުމަށް ވުރެން އަތޮޅާއި ގައުމަށް ތަންކޮޅެފައިދާ ހުރިގޮތަކަށް އުޅެންއެބަޖެހޭ. އިހަށް މުޅިގައުމުގެ ކަޑަށާއި އެތައްމިތަނަށް ކުނިއެޅުން ހުއްޓުވާ ސާފުތާހިރު ކުރަން އުޅެވޭތޯބަލާ. ގުދުރަތީ ދިރުމާއިނެތިދިއުމަކީ ކަޑައެޅުމަކުން ކޮންޓްރޯލް ކުރެވޭނެކަމެއްނޫންކަން އަދި ވިސްނައިނުގަނެވެނީތާ. މިހާރުވެސް މިޔަރާހެދި ގައުމުގެ މަސްވެރިންނަށް މުސީބާތަކަށްވެފަ.
ރަދީފްއޮފިޝަލް
18 November 2022
މާލެއަތޮޅުގަވެސް ތިކަހަލަ ސަރަހައްދެއް ހަދާފަ އެތަނުން ބޭރަށްނުދާން މިޔަރުތަކަށް އަންގަބަލަ. މިހާރު މަހެއް ބޭނޭވަރެއް ނޫނޭ މިޔަރުގެ ބަލާވެރިކަމާ ހެދި.
އިސްމާލި
18 November 2022
"އެ ސަރަހައްދު ރިސާޗުކޮށް، ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެތަނުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ" ހަހަހާ. ސައިންޓިފިކް ރިސަރޗް ކުރާ ބައެއްް ނަަމަ މިޔަރުތަކަށް ކާންދީ އެސޮރުމެންގެ ތަބީއީ ދިރިއުޅުން ހަލާކުކޮށް ނުލާނެ. މިހާރު ތި ވީ ގޮތަކީ ރިސަރޗް ގެ ނަމުގައި ކާންދީ އާދަޔާ ހިލާފަށް މިޔަރު ގިނަކޮށްފައި އެހެން މީހުނަށް އެތަން ބަންދުކުރަން ޖެހި މަޅިއެއް ތިއީ.
އައްޑޫކޮއްޔާ
18 November 2022
މުޅި އައްޑޫގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު ވެސް ހިމާޔަތް ކޮށް ދެއްވަންވީ ނޫންތޯ؟ އޭރުން ދެނެއް ބިން ހިއްކާކަށް ބަޔަކު ނޫޅޭނެ. އެއަރޕޯރޓަށް އިތުރަށް ފްލައިޓް ޖައްސުވާކަށް ނޫޅޭނެ. އަދި ކިއެއްތަ އެއްކަލަ "ބުރިޖު" ގެ ވާހަކަ އެއް ވެސް ނުދައްކާނެ. ކުރުކޮށް ބުނާ ނަމަ އައްޑޫ އަށް އެއްވެސް ކަހަލަ އުމްރާނީ ތަރައްގީއެއް ދެން ގެންނާކަށް އެއްވެސް ބަޔަކު ނޫޅޭނެ. އަދި އަވަހަށް ގްރޭޓަރ މާލެއަށް އެންމެން ހިޖުރަކުރުމަށް ފާސްކޮށްލަ ދެއްޗޭ.
ނިދަން މިޔަރު އިބުރާ
18 November 2022
މިޔަރު ތަކާއި ކައުންސިލާއި ދޭތެރޭ އޮންނަނީ ވަރަށް ބަދަހި ގުޅުމެއް@
ޑޮންކީ
18 November 2022
މިކަހަލަ ދިޔުޅިއެއް ނުވާ ހުރިހާކަމެއް ކުރާނެ
އޮންބަޑަސްގެއޮފީސް
18 November 2022
އައްޑޫގައި މިޔަރަށް ހާއްސް ތަނެއް އައްޑޫގައި ހަރުކަށި ފިކުރުގެ ހާއްސަ ތަނެއް އައްޑޫގައި ގޭންގްތަކަށް ހާއސް ތަނެއް އައްޑޫގައި ފަތްބޯ މީހުންގެ ހާއްސަ ތަނެއް އައްޑޫގެ ދަރިންނޭ އައްޑޫ ހިމާޔަތް ކުރޭ