މިދިޔަ މަހުގެ 25 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ފޭދޫގައި ވޯޓުލަނީ: މި ރަށުގެ ބޮޑު ޕަސެންޓެއް ބޭނުންވީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
04 ނޮވެމްބަރ 2025 - 07:08
އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައިފި އެވެ.
އެކަން އެ މަނިކުފާނު ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްތަކާ މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުން ދެއްކި ގޮތުން، ހުޅުދޫން ވޯޓުލީ މީހުންގެ 1،069 މީހުންގެ ތެރެއިން 723 މީހުން ވޯޓު ދިނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ހުޅުދޫން ވޯޓު ދިނީ 329 މީހުންނެވެ.
މީދޫން ވޯޓުލީ މީހުންގެ 1،008 މީހުންގެ ތެރެއިން 847 މީހުންނަށް ފެނުނީ އެ ރަށުގައި ވަކި ކައުންސިލެއް ހަދާށެވެ. މީދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެނުނީ ވޯޓުލީ މީހުންގެ ތެރެއިން އެންމެ 144 މީހަކަށެވެ.
ނަމަވެސް ފޭދޫން ވޯޓުލީ މީހުންގެ ތެރެއިން ބޮޑު ބޮޑު ޕަސެންޓެއް ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބޭށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ތާއީދުކުރީ ވޯޓުގައި ބައިވެރިވި 2،436 މީހުންގެ ތެރެއިން 616 މީހުންނެވެ. ފޭދު އަށް ވަކި ރަށު ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،784 މީހުން ވޯޓު ދިނެވެ.
އެ ނަތީޖާތަކަށް ބުރަވެ، ރައީސް މުއިއްޒު ރޭ ނެރުއްވި ގަރާރުގައިވާ ގޮތުން މީހުން ދިރިއުޅޭ ވަކި ރަށެެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމަށް ވަނީ ނިންމަވައިފަ އެވެ. އައްޑޫ ސިޓީގެ ތެރޭގައި ހިމެނެނީ ގަރާރުގައިވާ ބުނެފައިވާ ގޮތުން އައްޑުއަތޮޅު ހިތަދު އާއި އައްޑުއަތޮޅު މަރަދު އާއި އައްޑުއަތޮޅު މަރަދޫފޭދޫ އާއި އައްޑުއަތޮޅު ފޭދޫ އެވެ. އެ ހަތަރު ރަށް އެއްކޮށްލައިގެން އައްޑުއަށް ސިޓީގެ ދަރަޖަ ލިބޭ ކަމަށް ވެސް ގަރާރުގައި ވެ އެވެ.
މިހާތަނަށް އައްޑޫގެ އިހުތިސާސްގެ ތެރޭގައި އޮތް ހުޅުދު އާއި މީދުއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށް ކަމަށް ރައީސް މުއިއްޒުގެ ގަރާރުގައި ކަނޑައެޅުއްވި އެވެ. އެ ނިންމެވުމާ އެކު، ރާއްޖޭގައި ވަކިން މީހުން ދިރިއުޅޭ ރަށުގެ ލިސްޓަށް ހުޅުދު އާއި މީދޫގެ ނަން ވަނީ އިތުރު ކޮށްފަ އެވެ.
ނަމަވެސް ރައީސްގެ ދެ ގަރާރުގައިވާ ގޮތުން ވެސް ހުޅުދު އާއި މީދުއަކީ މީހުން ދިރިއުޅޭ ދެ ރަށް ކަމަށް ބަލައި އަދި އެ ދެ ރަށުގައި ވަކި ދެ ކައުންސިލް ވެސް އުފައްދާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އުފައްދާ ކައުންސިލްގެ އުމުރު ގުނާ ދުވަހުން ފެށިގެންނެވެ. އަދި ހުޅުދު އާއި މީދު އަށް ވެސް ވަކި ކައުންސިލެއް އުފައްދައި އަމަލު ކުރަން ފަށާނީ އެ ތާރީހުން ފެށިގެން ކަމަށް ގަރާރުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ މީދޫ ކައުންސިލާއި އައްޑޫ ހުޅުދޫ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަން ގަރާރުގައި ވަނީ ކަނޑައަޅައިފަ އެވެ.
ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެނޭތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް ނެގީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން އެ ތިން ރަށުގެ ބައެއް މީހުން އެ ކަމަށް އެދިފައިވާތީ އެވެ.
ހުޅުދު އާއި މީދޫ އާއި ފޭދޫގައި މިދިޔަ މަހު ބޭއްވީ ހިޔާލު ހޯދުމުގެ ރިފަރެންޑަމް ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮނިކް
04 November 2025
ރައީސްއެއްނޫން އެކަންނިންމީ. ހުރިހާކަމެއް ތިހެން އޮޅުވާނުލާބަލަ. އެކަންއެގޮތައްނިންމީ ރައްޔަތުންގެ ވޯޓަކުން އެދެރަށުގެ ރައްޔަތުންގެ މެޖޯރިޓީ ވޯޓަކުން. އެކަމުގައި ދެންއޮންނާނީ އިލެކްޝަންގެ ދައުރު. އެއީ ރައީސްގެ ކަމެއްނޫން ތިހެން ނޫސްލިޔާތީ ރައްޔަތުންގެ ނަފުރަތު ސަރުކާރަށް ލިބެނީ
އޮލީ
04 November 2025
އެއްވެސް ރަށަކު މީހުން ނޫޅޭ އެހެން ރަށަކަށް މާ ހެޔޮ އެދިގެނެއް. ކޮންމެ ރަށަކީ ބޮޑު ތާރީހެއް އޮތް ވަކި ރަށެއް. އައްޑޫ ސިޓީ އަކީ ހިތަދޫ ކަމުގައި ހަދައިގެން ހުރިހާކަމެއް ހިތަދޫ އަށް ޖަމާކޮށް އެހެން ރަށް ރަށް ނިކަމެތި ކޮށް ތަފާތު ކުރުން ގެންގުޅޭ ގެންގުޅުމަކީ މީގެ މިސާލެއް. ހިތަދޫ ސިޓީ ކައުންސިލްގެ ދަށުން އެހެން ރަށްރަށް މިނިވަން ވެވުނަ ނުދޭން ހިތަދޫން އެހާ ބޮޑަށް މަސައްކަށް ކުރަނީވެސް ހިތަދޫއަށް އޮތް ނާޖާއިޒު މަންފާ އެއްގެ ބޮޑުކަމުން.
އޮނަރަބްލް އަފީފު ދީދީ
04 November 2025
ރައީސް ލިބޭނެ ކަމަށް ވިދާޅުވި 28 މިލިޔަން ރުފިޔާގެ ގްރާންޓް އެހީ އާއި "އައްޑޫސިޓީގެ ތެރެއިން ހުޅުމީދޫ ވަކިކޮށްލަން ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވި" ސައިރިކސް ޝަރީފްގެ ސައިރިކްސް ކޮލޭޖް ވެސް ހުޅުދޫގައި ހުޅުވާ އަދި ކ.މާލޭ ދަތުގެ އިބްރާހިމް ދީދީގެ ވައުދު ވެފައިވާ ގޮތަށް ހުޅުދޫގެ ހުރިހާ ރައްޔިތުނަށް "ހިލޭ" ޓެންޑަލްގެ ހުރިހާ ހިދުމަތެއް ޑީޑީ ޓެންޓަލް ކުލިނިކުން ލިބިގެންދާނެ ކަމަށް. އަދި ރާއްޖޭގައި ނެތްވަރު ތަރައްޤީގެ ރަށަކަށް ހުޅުދޫ ވެގެންދިއުން.
މެކްސްވޯޑް
04 November 2025
އޮނަރޭ ތިޔައީ ހިތަދޫ މީހެއްތޯ؟ މިކަމާއިމެދު ހިތްހަމަނުޖެހިގެން އުޅޭހެން ހީވާތީ އަހާލީ ހަމަ!
ޔަމްލީހާ
04 November 2025
އެ ދެ ރަށު ރައްޔިތުން އެ ނިންމީ އެ ދެ ރަށް އެންމެ ފައިދާހުރި އަދި އެ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތް ދެން ހިތަދޫ މީހުން ފޭދޫ މީހުން ކިތައްމެ ނަން ނަމެއްގަ މަލާމާތުގެ ރާގަށް ކޮމެންޓު ކުރިޔަސް މިހާއި މިސަރުކާރުން އެ އޮތީ އެ ދެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް އެ ރައްޔިތުން ވޯޓު ދިންގޮތަށް ހަދައިދީފަ
ކީއްވެެެ
04 November 2025
ވޯޓު ނެގި އިރު ހުޅުދޫ އާއި މީދޫ އެއްކޮށްލައިގެން ހުޅުމީދޫ ކައުންސިލް އެއް އުފައްދަން ވޯޓެއް ނުނަގާ ބާ؟
ރާވެރިބެ
04 November 2025
ހުޅުދޫ އާއި މީދޫ ތިއޮތީ "މިނިވަންވެފަ"! ދެން ރާސްލާފަ ދެރަށް ތަރައްގީ ކޮށްލާ މުޅި ރާއްޖޭގެ އެންމެ ކުރިއަރާފަ އޮތް "މިނީ ސިޓީ" ތަކަކަށް ހަދާލަ ބަލަ. ދެ ރަށަށް ވަކިން 2 އެއާޕޯޓު އަޅަން ޖެހޭނެ. އަދި އެހެނިހެން ވަސީލަތް ވެސް ދެ ރަށަށް ވަކިން ގާއިމު ކުރަންޖެހޭނެ. ހިތަދޫ މީދޫ ބްރިޖް ޖެހޭނީ ކެންސަލް ކުރަން. ހިތަދޫ ފަޅީގެ ސިޓީގެ މީހުންނަށް ހުޅުދޫ މީދޫ އަށް ދެވޭނީ ވިސާ ނަގައިގެން.
އޮނަރަބްލް އަފީފު ދީދީގެ ކުދު ބެއްޔާ
04 November 2025
ބަދިގެއާއި ބަނޑަހަގެ އަދި މެދުގޭތެރެ ބޮޑުއައްޓަކީ ވެސް ވަކި ކައުސިލަކުން އަދި ހާއްސަކޮށް ބައެއް އަތޮޅު އުނދޯލި ގެއަކީ ވެސް ވަކި ކައުންސިލެއް ގޮތުގައި ހިންގަމުންދާ ތަންތަންކަން ތާރީހުން ހޮތީ ފެންނަން.... ހާއްސަކޮށް ހަޑަސްބުރި.
ބޭން ކު
04 November 2025
ޢޭންޓު ކިއު އިން ނަމްބަރު ނަގާއި ގެން ދެ ރަށުން އަވަހަށް އެކައުންޓު ހުޅުވަން އުޅެބަލަ! ކޮންމެ ރަށެއްގައި ހުޅުވަންވާނީ ރުފިޔާ އެކައުންޓަކާއި ޑޮލަރު އެކައުންޓެއް!
އޮނަރަބްލް އަފީފު ދީދީ
04 November 2025
މާލޭސަރުކާރުހިންގަން ޙަވާލުވެތިއްބެވި ގިނަ މީހުންނަކީ ސިޓީއެއްގެގޮތަށް އައްޑޫގެ އިދާރީހިންގުން ބަދަލުކޮށްލަން ރައީސް ނަޝީދު ކުރެއްވިމަސައްކަތަށް އޭރު މަޖިލިސް ތެރެއިން ހުރަސްއަޅައި އެންމެފަހުން އައްޑޫރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއްނަގަން ނަޝީދަށް މަޖުބޫރުކުރުވި DRP އާއި ޕީއޭގެ މެންބަރުންގެގޮތުގައި ތިބިމީހުން. ސިޓީއެއްގެ ގޮތުގައި އައްޑޫ ހިންގަމުންއަންނަތާ 15 އަހަރުފަހުން މިނެގި ވޯޓްގެސަބަބުން ރައްޔިތުންގެ ހަދާނުންފޮހެނުލެވޭނެ ފިތުނަ އުފެދިއްޖެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
04 November 2025
މިއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް. އައްޑޫ މީހުންގެ ހަޅޭއްފަޅޭއްލެވުމުގެ ތެރެއިން މިހާރު މިއޮތީ ހުދު އައްޑޫ މީހުން ލައްވާ އެއަތޮޅުގެ ރަށްތައް ސިޔާސީގޮތުން ބައިބައިކޮށްލާފަ. މާލޭގައި މިއޮތް ސަރުކާރަށް އައްޑު އަތޮޅު ހިންގުމުގައި މިއަށްވުރެ ވަކިން ބޮޑު ކާމިޔާބިއެއް ނުލިބޭނެ. ދެން ކުދި ކުދި ކައުންސިލްތައް ޖެހޭނީ ހަމަ މާލޭ ސަރުކާރުގެ ބަސްހައިގެން ބުނި ކަމެއް ކޮށްކޮށް ތިބެން. އައްޑޫގެ ތަރައްޤީއަށް ވަރަށް ވެދުން!!