އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލު ގެންނަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ ސިޓީގެ އިހުތިސާސަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި ނެގި ހިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީއަކީ ކޮބައިކަން އަލުން ކަނޑައަޅާފައިވާތީ ކަމަށެވެ.
އެ ވޯޓުން ވަނީ، އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި އޮތް ހުޅުދޫ އާއި މީދޫ ވަކިކޮށް، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އައްޑޫ ސިޓީގެ ޗާޓު މީގެ ކުރިން ފެންނަނީ ދޫންޏެއްގެ ސިފައިގަ އެވެ.
ނަމަވެސް، އެ ސިޓީގެ އިހުތިސާސަށް ބަދަލުތައް ގެނައުމުން އެ ސިފަ ވަނީ ގެއްލިފަ އެވެ.
އައްޑޫ ސިޓީގެ އިހުތިސޯސާގައި މިހާރު ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ސަވާހެލި ނަމަކަށް ކިޔާ ފަޅުރަށެކެވެ. މީދޫގެ އިހުތިސާސްގައި ވެސް ފަޅު ރަށެއް ހިމެނެ އެވެ.