ކުރީގެ ރައީސް ނަޝީދު ނޮވެމްބަރު 2019 ގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ އެކު.
20 އޮކްޓޯބަރ 2025 - 16:29
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުން ނުވަތަ އައްޑޫ "ބައިބައި ކުރުމުން" ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އަށް އެންމެ ބޮޑަށް ބޭނުންވަނީ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިފަރެންޑަމް ވޯޓުގެ ބަހުސް ހޫނުވެފައިވާ މި ދަނޑިވަޅާ ދިމާކޮށް ނަޝީދު "އެކްސް" ގައި ހުށަހެޅުއްވި ހިޔާލަކީ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ބިދޭސީންނަށް އައްޑޫގައި ދިރިއުޅުމުގެ ފުރުސަތު ދީގެން އާބާދީ އިތުރު ކުރުމެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއް ވަންދެން އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެކެވެ.
"އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން އަދި މި ނޫން ވެސް ފަންނީ މީހުން ބައިވަރު. އައްޑުއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،" މިހާރު 35،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އައްޑޫގެ ތަރައްގީ އާއި އާބާދީ އިތުރު ކުރުމާ ގުޅުވައިގެން ނަޝީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހެދުމާ ދެކޮޅު މީހުންގެ ވިސްނުމުގައި އެހެން ހަދައިފި ނަމަ އައްޑޫގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ހަރަދުތައް ބޮޑުވާނެ އެވެ. އެ ވިސްނުމާ އެއްކޮޅު މީހުން މައިގަނޑު ގޮތެއްގައި ބުނަނީ، އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮންނަ ބަޔަކު އެހެން ރަށްރަށުގެ ތަރައްގީ އާއި ނިންމުންތަކަށް ބަސް ބުނުމުގެ ބަދަލުގައި އެ ބާރު އެ ރަށެއްގެ ކައުންސިލަކަށް ދިނުމަކީ ތަރައްގީ އާއި ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.
މި ބަހުސްގެ ތެރެއިން އައްޑޫގެ އާބާދީ އިތުރު ކުރުމުގެ ވާހަކައެއް ނަޝީދު މިއަދު އެ ވާހަކަ ވިދާޅުވުމާ ހަމައަށް އަދި ނުދައްކަ އެވެ.
އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގެ އިދާރީ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮނިކް
22 October 2025
ތިވޯޓްގެ ނަތީއްޖާނެރުމުގައި ބަލައިގެންނުވާ ވޯޓްފޮއްޓައް ވޯޓްލީމީހުންގެ ނަތީއްޖާއަށް އެކަނި، vޯޓްލުމުގެ ހައްގުލިބިފައިތިބި 9576 މީހަކުއެބަތިބި ތިންރަށުން. ވީއިރު މީގެމެޖޯރިޓީން ވިންވާންޖެހޭނީ. ނަތީއްޖާ ނެރުމުގަ ބަލަންޖެހޭނެ ވޯޓްނުލާތިބިމީހުންގެ ނިންމުމަކީކޮބާތޯ.
އެކްސިް
21 October 2025
ރަނގަޅު ވާހަކަ އެއް. ދިވެހިން ބޭނުންވޭ ރާއްޖެ ސިންގަޕޯއަށް ހަދަން. އެކަމަކު ސިންގަޕޯގެ އާބާދީ މިނިވަން ވީ އިރުވެސް ރާއްޖޭގެ މިހާރުގެ އާބާދީއަށް ވުރެ ދެ ގުނަ ބޮޑު.
އެދުރު1
21 October 2025
މީނަ އަށް ވޯޓް ދޭނެ އައްޑޫ މީހުން ވެސް މަދުވީމަ ބޭރު މީހުން ކޮޅެއް ލައިގެން ވެސް ވޯޓް ލިބި ވެރިކަން ލިބިދާނެ ކަމުގެ ހުވަފެންތައް ދެކެނީ
ސޭކުބެ
21 October 2025
އައްޑޫ މިހާ ތިމަންމީ އައްޑޫ މީހެކޭ ބުނަނީ ވަރަށް ފަޚްރުވެރިކަމާއެކުގައެވެ. އޭނާގެ އުފަން ރަށުގައި ނޫޅެ މާލޭގައި އުޅެމުންދަނީ ސަބަބުތަކަކާ ހުރެއެވެ. އޭނާ އޭނާގެ ވަޒަނުގައި އުޅެން މާބޮޑަށް ބޭނުންވާނެކަން މީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އޭނާގެ އުފަން ރަށުގައި ނޫޅެވިގެން މިއުޅެނީ ގިނަ ސަބަބުތަކާހުރެއެވެ. އެކަންކަން ދައުލަތުން ހައްލުކޮއްދީފިނަމަ އައްޑޫ މީހާވެސް ދިރިއުޅޭނީ އޭނާގެ އުފަން ވަޒަނުގައި މިނިވަންކަމާ އުފަލާ އެކުގައެވެ.
ސޭކުބެ
21 October 2025
2 އަހަރަށްފަހު ތިބާގެ ވެރިކަން ގެއްލުނީވެސް ކަމަށް ކުފޫހަމަނުވާތީ. މިހާރުވެސް ތިދައްކަނީ ހަމަ އެކަހަލަ ކޮސް ވާހަކަ. އައްޑޫ ވިއަސް އަދި ހުވަދޫ ވިއަސް ނުވަތަ އެހެން ސަރަހައްދަކަށްވިއަސް އެތަނަކަށް އާބާދީ އިތުރުކުރަން ބޭނުންނަމަ ހަމަ ކުރަންޖެހޭކަމަކީ ވަސީލަތްތައް ގާއިމުކުރުން. އޭގެ ސަބަބުން މީހުން އެސަރަހައްދަކަށް އިތުރުވަމުންދާނެ. ސަރުކާރުން ކުރަންޖެހޭ ކަމަކީ އައްޑޫގައި ވަސީލަތްތައް ގާއިމުކުރުން. ރާއްޖޭގެ ރަށްރަށުން އައްޑުއަށް މީހުން ހިޖުރަކުރާނެ.
ހުސަ
21 October 2025
މީނާގެ ނުވަތަ އެމްޑީޕީގެ ވިސްނުމަކީ ގައުމު ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލުން! ވަކިން ޚާއްސަކޮށް އިންޑިޔާ މީހުންގެ އަތްމައްޗަށް! އެވިސްނުމުގައި ނަޝީދުގެ ވެރިކަމުގައި މާލެ އެއަރޕޯޓްވެސް ޖީއެމްއާރަށް ދޫކޮށްލީ! އެވިސްނުމުގައި އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހުޅުވަންވެސް ވާހަކަދެކެވިފައިވީ! އިންޑިޔާއިން އިންތިހާއަށް ރާއްޖެއަށް އަތްގަދަކުރަން ބޭނުންވާތީ އެއުދުމަށް އިންޑިޔާ ސިފައިން އިބޫގެ ސަރުކާރުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭތިއްބީ!
ވެނލާ
21 October 2025
ނަޝީދު.. ކަލޭ ނުވާނެ ރަނގަޅެއް.
ސިމުބެ
21 October 2025
ބޭރުގެ މީހުންގެ އަތްމައްޗައްަ ގައުމު ދުއްވާލުމަކީ މަގުސަދު .. ފޯޗުގީޒުން އަލުންގެނައުން މަގުސަދަކީ
ބުރާންތިއަންނި
21 October 2025
އައްޑޫގަ ނެތީތަ ފަންނީ ތައުލީމީ މީހުން. އެމީހުން މީހުނާ އިނދެ ވިހެއިމަ އިތުރުނުވަނީތަ އާބާދީ. ނޫނީ ތީ އައްޑު މީހުންނަށް ކުރާ މަލާމާތެއްތަ ނުވަތަ ހަސަދައެއްތަ އެއީ އިލްމީ ދަރިންތަކެއް ނިސްބަތްވާތަނެއްވީމަ. އައްޑޫ މީހުންނަށް އައްޑޫ އަށް ބޭނުންވާ ތަރައްގީ ގެނެވޭނެ. އެއްފަހަރާ ބޭރު މީހުންތަކެއް ގެނެސް އަޅާލުމަކީ އަދި ހައްލެއް ނޫން. ދިވެހިންނަށް ދިވެހި ގައުމުގައި ހުރިހާ ކަމެއް ކުރަން ފުރުސަތު ދޭންޖެހެނީ. ބުރާންތިވިޔަސް ތީ ބޮޑުވަރު.
މަހާރަދުން
21 October 2025
ތި އަނެއްކާވެސް އިންޑިޔާ މީހުންނަށް ތަންވިއްކާލާނެ މަޅިއެއް ޖައްސަން ވަހުމު ލައިދޭން ފެށީ...ދެން ބަޔަކު ހޭ ވައްޓާލާފަ ތިކަމާ އުޅެންވީ!!!
މަހާޖައްރާފާ
21 October 2025
ލިޔުން ރަނގަޅަށް ކިޔާބަލަ، އަނގަ ނުތަޅާ "އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން އަދި މި ނޫން ވެސް ފަންނީ މީހުން ބައިވަރު. އައްޑުއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،"