ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް
28 ނޮވެމްބަރ 2022 - 15:48
އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފަޅުރަށްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލާމަރުކަޒީ ކޮމެޓީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އެ އިސްލާހު މިއަދު ފާސްކުރީ 53 މެމްބަރުންގެ ތާއީދާ އެކު އެވެ.
އެ އިސްލާހު ހުށަހެޅީ ފަޅުރަށްތަކާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކަށް ފުށު އަރާތީ އެވެ. އެ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެންނަން ހުށަހެޅި އެވެ.
ފަޅުރަށެއް ކުއްޔަށް ދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ޖެހޭ އިސްލާހު އިތުރުކުރީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދުއާ ގުޅޭ ގޮތުން ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދުގައި ދެބަސްވުންތަކެއް އުފެދުނު ދަނޑިވަޅުގައި، މިދިޔަ މަހު އެވެ. ދަނޑުވެރިކަމުގެ ބޭނުމަށް 2017 ވަނަ އަހަރު ދިން ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ އެ ރަށް އަތުލަން އަތޮޅު ކައުންސިލުން ވަނީ ސީދާ ހަރަކާތް ފަށައިފަ އެވެ.
ގާނޫނަށް އިތުރުކުރަން ފާސްކުރި އިސްލާހުގައި ބުނެފައިވާ ގޮތުން "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓް ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީއަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ،" މިހެންނެވެ.
މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު، ލާމަރުކަޒީ ގާނޫނަށް ފުށުއެރުމެއް ނެތި ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމަ އަށް ލިބޭނެ އެވެ. އަދި އެ ރަށެއްގެ އިހުތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، ކުއްޔަށްދީ، ނަފާ ހޯދުމުގެ ބާރު ވެސް އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންފަނި
29 November 2022
އޮހޮހޯ. ދީފައި ހުރި ރަށްތަކަށް ހަދާނެ ގޮތެއް މިހާރު މުހިންމީ. ދޭންހުރި ތަންތަން ވަރަށް މަދުވާނެ މިހާރު
ކަނބިލި
28 November 2022
މާލޭފެ ބޮޑެތި އާއިލާތަކުގެ ނަމުގައި ފަޅު ރަށްރަށް ދީފައި އެބަހުރި. މިއީ ރާއްޖޭގައި ޒަމާނުއްސުރެން އޮތް ފިޔުޑަލް ނިޒާމުގެ ތެރެއިން ކޮށްފައިވާ ކަންކަން. އަދިވެސް ބަދަލެއްނުވޭ. މިއީ 21 ވަނަ ގަރުނު. ފަޅުރަށްތައް ހުންނަންވާނީ ދައުލަތުގެ ސީދާ ބެލުމުގެ ދަށުގައި. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި. ޤާނޫަނަށް ގެނައި ތިޔަ އިސްލާހަކީ ކައުންސިލު ލޮލުގައި އަޅުވާ އަނދުނެއް. ބޮޑުންގެ ނުފޫޒުން ރާއްޖޭގެ ފަޅު ރަށްތައް މިނިވަންކުރަންޖެހޭ.
ދޯޕައްޓާ
28 November 2022
ރަށްތައް ދޫކުރާއިރު ކުންފުނި ކުންފުނި ނަމުގަ ދަނޑުވެރިކަމޭ ނުކިޔާ މާލޭ އެވެނި ގޯއްޗެއްގެމީހުން ޕިކުނިކުދާން ދޮޅަކަށް ދޫކުރަނީއޭ ބުނިއްޔާ ރައްޔިތުންނަށްވެސް ތިހަދާނަހަދާ ސާފުވާނެ.
އަލީހަމީދު
28 November 2022
ތި އިސްލާހަކުން އަދިވެސް ހުރިހާ ބާރެއް ކައުންސިލްތަކަކަށް ނުލިބެ، އަތޮޅުކައުންސިލުން މަޝްްވަރާ ހޯދަންވާނެކަމަށް އޮންނާތީ އަދިވެސް މަޝްވަރާކޮއްލާފަ މިނިސްޓްރީން ބޭނުންގޮތެއް ހަދާނެ.
ކަރިންމާ
28 November 2022
ދިވެހިން ރާއްޖޭގެ ފަޅުރަށް ދޫކުރާ ޒަމާންވީ ގޮތް ބަދަލުކުރަންޖެހޭ. ތަރައްގީ ބޭނުމިއްޔާ. ގިނަ ދިވެހިންނަށް މިހާާރު އެތަންތަން ބޭނުމެއް ނުކުރެވޭގޮތައް އެއޮތީ. އެއްވެސް ޕްލޭނެއްނެތް.
ބުލްގަ
28 November 2022
ވ.ހުޅިދޫ އެއީ ދަނޑުވެރިކަމަށް ދޫކުރަންޖެހޭ ރަށެށް ނޫން. ދަނޑުވެރިކަމަށް ފިނޮޅެއްވެސް ދޫކޮށްފާނެ މި ޕިޝަރީސް މިނިސްޓްރީ މީހުން