ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުން އަންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމަށް ފަހު ބައިވެރިން ޕްރޮޖެކްޓް ސައިޓް ބައްލަވާލައްވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
30 ނޮވެމްބަރ 2022 - 22:10
ތިލަމާލެ ބްރިޖުގެ މަސައްކަތަށް މާލެއިން އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުން އަންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ފަސްވަނަ ބައްދަލުވުން އިއްޔެ ބޭއްވި ކަމަށެވެ. އެ ކޮމިޓީގެ ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ވެސް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުން އަންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއި އިންޑިއާގެ އޮފިޝަލުން ބައިވެރިވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
މިނިސްޓްރީން ބުނިގޮތުގައި، އެ ބައްދަލުވުމުގެ ބައިވެރިން ޕްރޮޖެކްޓް ސައިޓަށް އިއްޔެ ޒިޔާރަތް ކުރައްވައި މާލޭގައި މިހާރު ނިމިފައިވާ އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތާއި ކަނޑުގައި ޖަހާ ފުރަތަމަ ޓެސްޓް ޕައިލާއި އެހެން މަސައްކަތްތައް ވެސް ބައްލަވާލެއްވި އެވެ.
ބްރިޖުގެ ތަނބުތަކުގެ ތެރެއިން އެއްގަމުގައި ޖަހާ ފުރަތަމަ ތަނބު ޖެހީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުން އަންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމަށް ފަހު ބައިވެރިން ޕްރޮޖެކްޓް ސައިޓް ބައްލަވާލައްވަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ތިލަމާލެ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ކޮޅުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގުޅާލާނީ މާލެ އާއި ވިލިމާލެ އެވެ. އެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. ތިލަފުއްޓާއި ގުޅިފަޅު ގުޅާލައި މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2024 ގައި ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ގަ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުން އަންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ފަސް ވަނަ ބައްދަލުވުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލަޔެލޯ
03 December 2022
ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެ. ބުރިޖެއް އެޅިޔަސް ނޭޅިޔަސް ހަޅޭލަވާނެ
hasn
02 December 2022
ތިކަމަށް ސްޓޭޓްމަންޓެއް އިންޑިއާގެ މައިސަރުކާރަށް ނޫނީ ނެރެވޭ ކަމަކަށް ނުވޭ ! މިބާވަތުގެ މަސައްކަތުގައި އުޅެނީ ޗައިނާ މީހުން ނޫނީ ޖަޕާން މީހުން . މި މަސައްކަތް ކުރަން މިހާރުއެއުޅެނީ ހަންފަތުރަން އުޅޭ އިންޑިއާ މީހުން ! އެކަންކުރޭ އެބަ ފަރުވާތެރިކަމާއިއެކު !
ކަނބިލި
02 December 2022
ތިމާމެންގެ ގާބިލުކަމެއް ނެތް ކުރަން ނޫޅޭ. އިންޑިއާއަކީ ބުރިޖުފަދަ ބޮޑްތި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގައި ވަރަށް ދަށުގައި އޮތް ގައުމެއް. ތިޔަކަން ކުރާނެ. ދުވަހުން. ރައްޔިތުންނާއި ދައުލަތް އުފުލަންޖެހޭ ތަކުލީފު އެތައް ގުނައެއް އިތުރުވެގެންދާނެ. އަމިއްލަ ގައުމަށްވުރެ އެހެން ގައުމަކަށް މަންފާވާ ސިޔާސަތެއް އިސްކޮށް މިކަހަލަ ދަންތުރަތަކަށް ގައުމު ވައްޓާލާ މީހުންނަކީ ގައުމުވަންތަކަމެއް ނެތް ވިސްނުންކޮށި ބައެއް.
ޙާނީ
01 December 2022
ތިޔޮތީ ވަރަށް ބޮޑުމަސައްކަތެއް ކުރެވިފަ 4 އަހަރުން. ދެން އަވަހަށް ހަވާއަރުވާ ބޮނޑިބަތް ބަހާ.
ފޮޓޯއިންތަނބުހޯދާމުބާރާތް
01 December 2022
ފެންނަން ހުރީ ހުސް ދަބަރުގުޅަހެން ހުރި ހިމަ ތަނބުތަކެއް.
އައިލޯ
01 December 2022
އެހެންލާފަ ދާއިރު ހުޅުވިފަ ހުންނަ ދިމާލުންވެސް ނުފެންނަ ތަނބުތައް، އެހިސާބުގެ އުސް ބިލްޑިންގަތަކަށް އަރައިގެން ދެން ތަނބުތައް ބަލަން ޖެހޭނީ. ނޫސްވެރިންނަށްވެސް އަންގާފަ އޮތްގޮތަށް ތަނބުތަކުގެ ފޮޓޯތައް ވަކިން ނުފެންނާނެ ގޮތް ހަދާފަ އެއޮތީ.
ގެދާނޯމޮސް
01 December 2022
ކަނޑުގަ ޖަހާބައި ޔާމީން ގެ ޙުކުމް އަންނަ ގޮތަކުން އޭބޭފުޅާލައްވާ ޖެހުންނޫނީ އަލުން ލޯނުއިތުރުކޮށް ބަޔެއް އިންޑިޔާއައް ދިނުމެވެ.
އިސްމާލި
01 December 2022
އެއްގަމު ތަނބުތަކުގެ މަސައްކަތް ނިމިއްޖޭ ބުނެ އިންޑިއާ އެމްބަސީން ބުނާ އަޑު ހަމައެކަނި އިވެނީ. ތިޔަ ތަނބުތަކުގެ ފޮޓޯ ގަނޑެއްވެސް ނެތް. ނުވިތާކަށް ތިޔަ ޕްރޮގްރެސް ބަލާ ކޮމިޓީއަށް ވެސް ހިއެއް ނުވޭ ތި ތަނބެއް ފެނުނުހެނެއް. ފިނި ކޮޓަރީގައި ތިބެފައި އެމީހުން ނިމިއްޖޭ ބުނުމުން އަތްޖަހާފައި ސަލާންކޮށް، ޖަލްސާ ނިންމައި ބިލެއްމީރުކޮށް ނޫސްތަކަށް ހަބަރު ފެތުރީ ބާ؟
މެކުނު ބިން ގާހަކަ
01 December 2022
ތަނބުތަކުގެ ވާހަކަ ބުނެފައެވަނީ މަޒާޖީ ގޮތަކަށް. ތަނބުގެ މާނައަކީ މީހުން. ފޮޓޯތަކުން ތިފެނިވަޑައިގަންނަވަނީ އެތަނބުތައް
އިލާ
01 December 2022
ތަނބުތައް ނުފެންނަ ފަރާތްތަކަށް، ދެވަނަ ފޮޓޯގައި ހުދު ކެޕްތަކެއް ޖަހާފަ ހުރި ތަނބު ފީންޏެއް ފެނޭތަ؟.. އެވަރު މަދު؟