04 ޑިސެމްބަރ 2022 - 12:25
ރަޝިޔާގައި އުފައްދައި ކަނޑުމަގުން ވިލާތުގެ ގައުމުތަކަށް އެތެރެކުރާ ތެޔޮ ގަތުމަށް ވިލާތުގެ ގައުމުތަކުން ކަނޑައެޅި އަގު ގަބޫލު ނުކުރާ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ވިލާތުގެ އިއްތިހާދުގެ ގައުމުތަކުންނާއި ޖީ7ގެ ގައުމުތަކާއި އޮސްޓްރޭލިޔާ އިން ނިންމާފައިވަނީ، ކަނޑުމަގުން ރަޝިޔާ އިން އެކްސްޕޯޓްކުރާ ތެޔޮ ގަންނާނެ އެންމެ ބޮޑު އަގަކީ، ފީފާއެއް 60 ޑޮލަރު ކަމަށެވެ. އަދި އެ ނިންމުމަށް، މާދަމާ އިން ފެށިގެން އަމަލުކުރުމަށް ވެސް އެ ގައުމުތަކުން ވަނީ ނިންމައިފަ އެވެ.
މި ނިންމުމާ ގުޅޭ ގޮތުން ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން ވިދާޅުވި ގޮތުގައި ޖީ7 އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ އެ ނިންމުމުގެ ސަބަބުން، ރަޝިޔާގެ އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރުކުރާނެ އެވެ. އެ އަސަރު ފޯރާ ނަމަ، ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ އެ ގޮތުގައި ކުރިއަށް ގެންދަން ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މި ނިންމުމަކީ، ބައިނަލްއަގުވާމީ ހަކަތައިގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީވެދޭނެ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަނގުރާމައިގެ ސަބަބުން، ހަކަތައަށް ކުރަންޖެހޭ ހޭދަ އިތުރުވެފައިވާ ގައުމުތަކަށް، ވިލާތުގެ މި ނިންމުމުން ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ރަޝިޔާ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު މިޚައީލް އުލްޔަނޯވް ވިދާޅުވީ ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލް ކުރަން ނިންމި ނިންމުމާ މެދު އެ ގައުމުތަކުން އަދި ހިތާމަކުރާނެ ކަމަށެވެ.
"މިއަހަރުން ފެށިގެން ވިލާތުގެ ގައުމުތައް ދިރިއުޅެމުން ދާނީ ރަޝިޔާގެ ތެލާ ނުލައި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެއް ވަރެއްގައި ހިފެހެއްޓުމަށް ދެކޮޅު ގައުމުތަކަށް ރަޝިޔާ އިން ތެޔޮ ނުފޮނުވާނެ ކަމަށް ރަޝިޔާ އިން މާ ކުރިން ވެސް އޮންނާނީ ނިންމާފައި. ކަލޭމެން ދެކެން ތިބޭތި، ރަޝިޔާ އިން ހަތިޔާރެއްގެ ގޮތުގައި ތެޔޮ ބޭނުންކުރާ ކަމަށް ވިލާތުގެ ގައުމުތަކުން ވަރަށް އަވަހަށް ތުހުމަތު ކުރަން ފަށާނެ،" ރަޝިޔާގެ މަންދޫބު މިޚައީލް އުލްޔަނޯވް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ޔޫކްރޭން ހަނގުރާމަ ފެށުމާ ހަމައަށް، ވިލާތުގެ ގައުމުތަކުގައި ބޭނުންކުރާ ތެލުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ރަޝިޔާގައި އުފައްދާ ތެލެވެ. ނަމަވެސް ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމުތަކަކީ ޗައިނާ އާއި ރަޝިޔާ އެވެ. ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ވިލާތުގެ ގައުމުތަކުން ނިންމި ނިންމުމަށް ޗައިނާ އާއި އިންޑިއާ އިން ތާއީދެއް ނުކުރެ އެވެ.
މިދިޔަ ހުކުރު ދުވަހު ވިލާތުގެ އިއްތިހާދުން އެއްބަސްވި އެއްބަސްވުމުގެ ދަށުން، ވިލާތުގެ ގައުމުތަކަށް މުދާ އުފުލައިދޭ އިންޝުއަރެންސް ކުންފުނިތަކާއި ކާގޯގެ ޚިދުމަތްދޭ ކުންފުނިތަކުން، ރަޝިޔާގެ ސާފުނުކުރާ ތެޔޮ އުފުލައިދޭނީ، އެ ތެޔޮ ގަނެފައިވަނީ، ވިލާތުން ކަނޑައެޅި އަގަށް ނުވަތަ އެއަށް ވުރެ ދަށް އަގަކަށް ކަމުގައިވާ ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
05 December 2022
ރަޝިޔާގެ ރައީސް ޕުޓިން ވަރަށް ސާފުކޮށް ވިދާޅުވި. ޔޫރަޕާއި އެމެރިކާއިން ކަނޑައަޅާފައިވާ އަގަކަށް ރަޝިޔާގެ މުދަލެއް ނުވިއްކާނަމޭ. މީގެ އެންމެ ހެއްވާ ކަމަކީ އެމެރިކާގެ ކުންފުނިތަކުން ރަޝިޔާއިން ގަންނަ ތެޔޮ ރަޝިޔާއިން ވިއްކާ އަގަކަށް ގަތުމުގެ ހުއްދަ އެމެރިކާއިން ވަނީ ދީފަ. މިހާރު ޔޫރަޕުގެ އިންސާފު އޮންނަގޮތުން އެމީހުން ގަންނަ މުދަލުގެ އަގު ކިޔަނީވެސް އެމީހުން. ވިޔަފާރީގައި އޮންނަ އޮފަރ ކުރުމާއި އެކްސެޕްޓަންސް ވެސް މި އޮންނަނީ ޔޫރަޕުން ނިންމާގޮތަށް.
އަސްލު...
04 December 2022
އާދަޔާޚިލާފުކަމެއް އުފައްދާމީހުން އަގުކަޑައަޅަނީ އަބަދުވެސް، މިހާރު ގަންނަ މީހުން އަގުކަޑައަޅާފަ އެއަގަށް ގަންނަނީ، ހެއްހެއް އެމެރިކާގެ އޮންނަ ހަޔާ އިންސާފު އެއްކޮޅެއްވެސް ނުޖެހޭ،
ރައްޒާގު
05 December 2022
އުފައްދާމީހުން ވިއްކާއަގު ކަޑައަޅާ ފަދައިން، ގަންނަ މީހުންނަށް ގަންނާނެ އަގުވެސް ކަނޑައެޅޭނެ. އެއީ ގަންނަ މީހުން އިޚްތިޔާރެއް. ތަސިޔާތެޔޮ ނުގަނެ ޔޫރަޕަށް ހަމަޖެއްސެންޏާ ގަދަކަމުން ބޮޑުއަގުގަ ނުގަންނާނެ. ޕުޓިން މި ހަގުރާމައިން މިހާރުވެސް ފެއިލްވެއްޖެ.
ޕޫޓިން
04 December 2022
ހާދަ ހެއްވާ ބައެކޭދޯމީ... މިމީހުން އަގުވެސް ކަޑައަޅަންވީ.. ހީވަނީ މިމީހުންގެ އަމިއްލަ މުދާހެން.. ތިބެބަލަ އެންމެ ތެޔޮފީފާއެއްވެސް ނުދޭނަން..
ލަހުވާ އަލީ
05 December 2022
ޕޫތިން ވަރަށް ޑެސްޕެރޭޓް ވީމާ ދޯ ވިއްކާނި ވެސް
ކުލިސޫމް
05 December 2022
ޔޫރަޕުން ރަސިޔާތެޔޮ ނުގަނެ އެހެންގޮތެއް ހޯދާނެ. ރަސިޔާގެ އިގްތިސާދު ފުނޑޭނެ.