06 ޑިސެމްބަރ 2022 - 12:44
ރަޝިޔާގެ ވެރިރަށް މޮސްކޯއާ މާ ދުރު ނޫން ދެ ސަރަހައްދެއްގައި އޮތް ރަޝިޔާގެ ވައިގެ ސިފައިންގެ ދެ މަރުކަޒަކަށް ޔޫކްރޭނުން އިއްޔެ މިސައިލް ހަމަލާތަކެއް ދީފި އެވެ.
އިއްޔެގެ ހަމަލާތައް އަމާޒުކުރި ދެ އަސްކަރީ މަރުކަޒުގެ ތެރެއިން، އެއް ތަނަކީ ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ އިމުން ފެށިގެން ގާތްގަނޑަކަށް 480 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޓޯވް ސަހަރުގައި ގާއިމުކޮށްފައި އޮންނަ އެންގެލްސް ވައިގެ މަރުކަޒެވެ. އަނެއް ތަނަކީ ދެ ގައުމު ގުޅޭ ސަރަހައްދީ އިމުން ފެށިގެން 485 ކިލޯމީޓަރު ދުރުގައި އޮންނަ ރިޔަޒާން ސަހަރުގައި ގާއިމުކޮށްފައިވާ ޑިޔާގިލޭވޯ ވައިގެ މަރުކަޒެވެ.
މި ދެ ތަނަކީ ވެސް ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑެތި ބޮންއަޅާ ބޯޓުތައް ބަހައްޓާފައި ހުންނަ ދެ މަރުކަޒެވެ. މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ވެސް، މި ދެ މަރުކަޒުގެ ބޭނުން ރަޝިޔާ އިން އަންނަނީ ކުރަމުންނެވެ.
Ryazan, russia.
— Ukrainian Air Force (@KpsZSU) December 5, 2022
What happened?🥳 pic.twitter.com/Ns803nTzkA
ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އަސްކަރީ ޑްރޯންތަކެއް އެ ދެ މަރުކަޒުގެ މަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް، ރަޝިޔާގެ ވައިގެ ދިފާއީ ލަޝްކަރުން ހަމަލާ ދީ ވަނީ ވައްޓާލައިފަ އެވެ. އަދި އެ ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވައިލުމުން ބިމަށް ފޭބި އެ ޑްރޯންގެ ބައިތަކުން ޖެހި، އެ ދެ މަރުކަޒުގައި ހުރި ބައެއް ބޯޓުތަކަށް ގެއްލުން ލިބުނު ކަމަށް ރަޝިޔާ އިން ބުނެ އެވެ.
ޔޫކްރޭންގެ ޑްރޯންތަކެއް ވައްޓައިލެވުނު ކަމަށް ރަޝިޔާ އިން ބުނުމުގެ ކުރިން، އެ ދެ ވައިގެ މަރުކަޒުގައި ބާރު ގަދަ އެއްޗެއް ގޮވާފައިވެ އެވެ. ނަމަވެސް އެއީ ކޮން ގޮވުމެއް ކަމެއް ރަޝިޔާ އިން ވެސް އަދި ޔޫކްރޭނުން ނުބުނެ އެވެ. އޭގެ ބަދަލުގައި ހަލާކުވެފައި އޮތް ދެ މަތިންދާބޯޓާއި އަސްކަރީ ޖިޕެއް ފެންނަ ދެ ފޮޓޯއާ އެކު ޔޫކްރޭންގެ ވައިގެ ސިފައިން ކުރި ޓުވީޓެއްގައި، ސުވާލުކޮށްފައިވަނީ "މިވީ ކިހިނެއް؟" ހެއްޔެވެ.
އެ ދެ ގޮވުމުގެ ގަޑިއެއްހާ އިރު ފަހުން، ރަޝިޔާ އިން ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވައިލި އެވެ. ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން ފޮނުވައިލި 12 މިސައިލްގެ ތެރެއިން ނުވަ މިސައިލް ވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ލަޝްކަރުން ހަމަލާދީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، މީގެ ކުރިން ޔޫކްރޭނުން ވަނީ ރަޝިޔާގެ އިމުގެ ތެރެއަށް އެކި ފަހަރު މަތިން ހަމަލާ ދީފަ އެވެ. ނަމަވެސް ރަޝިޔާގެ މިހާ އެތެރޭގެ އަމާޒުތަކަކަށް ޔޫކްރޭނުން ހަމަލާ ދިން މިއީ ފުރަތަމަ ފަހަރެވެ.
ސެޓެލައިޓްގެ ޒަރީއާއިން ވިލާތުގެ ގައުމުތަކުން ނަގާފައިވާ، އެ ދެ ވައިގެ މަރުކަޒުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ދެ މަރުކަޒުގައި މައިގަނޑު ގޮތެއްގައި ހުރީ، ރަޝިޔާގެ އެންމެ ބޮޑެތި އަސްކަރީ މަތިންދާބޯޓުތަކެވެ. އޭގެ ތެރޭގައި ބޮން އެޅުމަށާއި ކްރޫޒް މިސައިލުން ހަމަލާ ދިނުމަށް ބޭނުންކުރާ، ޓުޕަލޯވް މަރުކާގެ ޓީޔޫ-160ގެ ބޯޓުތަކާއި ޓީޔޫ-90ގެ މަތިންދާބޯޓުތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
06 December 2022
އެއީކީ މާބޮޑުކަމެއްނޫން. އީރާނުގައި ހުންނާނެ މަތިން އުނދުހޭ ކޮކާތައްވެސް ދަނެގަނެވޭ އަދި އެމެރިކާ އެބުނާ ރާޑަރަށް ނާރާ ބޯޓުތައްވެސް ދެނެގަނެ ހަލާކުކޮށްލެވޭ ވަރުގެ ރާޑަރާއި މިސައިލް. އޭގެ 100 ވަރަކަށް މިސައިލް ގެންނަނިކޮށް ތިކަން ނިންމާލެވިދާނެ.
ތުނޑުހަސަނު
06 December 2022
ހަނގުރާމަ އިތުރަށް ދިގުދެމި ހޫނުވާނެކަމުގެ ކޮޅުމަތި މިފެންނަނީ. މިއީ ހުޅަނގާއި އެމެރިކާގެ ހަތިޔާރު. ރަޝިޔާ ހަނގުރާމަ މިކުރަނީ ޔުކްރެއިނަކާނޫން. މިއީ ރަޝިޔާއާއި ނޭޓޯއާ ދެމެދު ހިނގާ ހަނގުރާމައެއް.
ބީރުބޮލު ވަޒީރު
06 December 2022
ހަސަނު ތިބުނީ ރަގަޅަށް، ރަސިޔާ ކިހިނެއް އެމެރިކާޔާ ހުޅަގާ ދެކޮޅަށް ހަގުރާމަކުރާނީ އެއުޅެނީ ޔޫކުރެއިން މައިތިރި ނުކުރެވިގެން.